Support Us

މާލެ އާއި ހުޅުމާލެއިން މާދަމާ ހެނދުނު ކަރަންޓު ކެންޑިދާނެ: ސްޓެލްކޯ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓައިފައިވާ 132 ކޭ.ވީ.ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް މާދަމާ ހެނދުނު 06:00 އާއި 08:00 އާ ދެމެދު އެއް ގަޑިއިރުގެ ވަގުތަކަށް މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

މި ސަބްސްޓޭޝަންގައި "50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭޖް ސުވިޗްގިއަރާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިން ފީޑަރުތައް ހިމެނޭނެ" ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

"ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބަހައްޓާ މި ޓްރާންސްފޯމަރުތަކުގެ ސަބަބުން ހިދުމަތުގެ ޔަގީންކަން އިތުރުވެ، ދެވަނަ ފިޔަވައްސަށް ފޯރުކޮށްދެމުންދާ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ،" ސްޓެލްކޯ އިން ބުނެއެވެ.

"މިފަދަ ކަންކަމުގައި އަޅުގަނޑުމެންނަށް ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވަން އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން."