ކުރިން ޙައްޖުވެފައި ވާނަމަ ފަސް އަހަރު ފަހުން ނޫނީ އަލުން ހައްޖަށް ނުދެވޭ ގޮތަށް ހަދައި، ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލު ގެނައުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސް މި ގޮތަށް ނިންމެވީ ޙައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކުމަށްފަހު، ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
މިގޮތުން ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށް ދާ މީހުންނަށް، ފައިސާ ދައްކާ ތަރުތީބުން ފުރުޞަތު ދިނުމުގައި އަންނަނިވި ގޮތަށް ޢަމަލުކުރުމަށް ވަނީ ނިންމަވައިފައެވެ.
- ހ. އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން.
- ށ. ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން ޢުމުރުން 65 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ޚާއްޞަކުރުން
- ނ. ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ޢުމުރުން 75 އަހަރުން މަތީ މީހުންގެ ތެރެއިން ސިއްޙީ ޙާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ މީހުންނަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުން. ނަމަވެސް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، (ކޯޕަރޭޝަނުގެ ލިސްޓުގައި ޢާއިލާގެ މީހަކު ހިމެނޭނަމަ އެމީހެއް) ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައި ނެތް ފަރާތެއް ކަމަށާއި އަދި ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތެއް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތެއް އޭނާއަށް ލިބެން ނެތް ހާލަތުގައި ކަމަށް ކަނޑައެޅުން. (ނޯޓު: ސިއްހީ ޙާލަތު ކަށަވަރުކުރާނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ކަނޑައަޅާ ޑޮކްޓަރުން މެދުވެރިކޮށެވެ.)
- ރ. ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން ފަސް އަހަރު ވުމުން ކަމަށް ކަނޑައެޅުން.
- ބ. ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ޙައްޖުގެ ޚިދުމަތްތެރީންގެ ގޮތުގައި ގެންދާ ފަރާތްތައް (ހ)، (ނ) އަދި (ރ) އިން އިސްތިސްނާކުރުން
ޙައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައިގެން ޙައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރު ވީނަމަވެސް ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުނެއެވެ.



advertisment
One Response
އާނ ގިނަ ބަޔަކަށް ހައްޖުގެ ފުރުސަތު ލިބިގެން ދިޔުމަކީ ވަރަށް ރަގަޅު ކަމެކޭ ބުނެވޭނީ އިނގޭ!