ސްޓެލްކޯ ރިސާޗް ފައުންޑޭޝަން (އެސްއާރުއެފް) އިފްތިތާހުކޮށް، އަންމޭންޑް ސަބްމާސިބަލް ވެހިކަލް (ޔޫއެސްވީ) މަޝްރޫއު ސްޓެލްކޯ އިން މިއަދު އިއުލާންކޮށްފަ އެވެ.
ސްޓެލްކޯއިން ބުނީ، އެސްއާރުއެފް އިފްތިތާހުކުރީ ގައުމީ ކަރަންޓު ކުންފުނީގައި މަސައްކަތްކުރާ ތައުލީމީ ގާބިލް ޒުވާނުންގެ އިލްމުގެ ބޭނުން އެ ކުންފުންޏަށާއި ގައުމަށް އެންމެ ފައިދާ ހުރި ގޮތެއްގައި ހިފުމަށްޓަކައި އީޖާދީ އާ ވިސްނުންތަކާއި ތަސައްވުރުތަކަކާއެކު ކަމަށެވެ.
އެސްއާރުއެފް އިފްތިތާހު ކޮށްދެއްވުމަށްފަހު މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ގައުމަށް ކުރިއެރުން ގެންނަން ބޭނުންވެފައި ތިބި ތައުލީމީ އަދި އީޖާދީ ވިސްނުމުގެ ޒުވާނުންނާއި ދިރާސާކުރާ ފަރާތްތަކުން ސްޓެލްކޯގެ ދިރާސާގެ މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު އަރުވާ ކަމަށެވެ.
ޔޫއެސްވީ މަޝްރޫއަކީ ކަނޑުއަޑީގެ ދިރާސާތައް ކުރާ މަޝްރޫއެކެވެ. އެ ކަމަށް ބޭނުން ކުރާ ޑްރޯން ފަރުމާކޮށްފައިވަނީ ކަނޑު އަޑީގައި އިންސާނުން ދާން ދަތި ސަރަހައްދުތައް ހޯދައި، މޮނިޓަރކުރުމުގެ އިތުރުން ކަނޑާ ބެހޭ މައުލޫމާތު އެއްކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމަށް ކަމުގައި ފަހުމީ ވިދާޅުވިއެވެ. އަދި މުސްތަގުބަލުގައި ގައުމަށް ފައިދާކުރާ މިފަދަ އެތައް މަޝްރޫއުތަކެއް މި ފައުންޑޭޝަންގެ ތެރެއިން ގެނެސްދެވޭނެ ކަމުގެ ޔަގީންކަން ވެސް ފަހުމީ ދެއްވި އެވެ.



advertisment

