ތިފަދަ ފިނިފެންމަލެއް ގަހަކުން ފަރިވެ ދުވަހަކު ނުފޮޅެނީޔޭ
މިފަދަ ޝައުޤެއް ތި މާ ބިނދެލަން ހިތަށް މަޖުބޫރު ވެވެނީޔޭ
ކޮކާލެއް މާބުރެއް ބަޅިނދެއް ތިމަލުގައި ބީހިނުލަނީސްގޮސް
ކޮކާލެއް ހެން މަލުން ފޮނިބޮއި އުފާ ހޯދަން އެދެވެނީޔޭ
ޖެހޭ ނަލަ ރޯޅިޔާ ފިޔަތައް ހެލޭ ހެލިލުން ދެކޭ ހިނދުގައި
އޮހޭ ފޮނިކޮޅު ތިފަރި ކަރުގަނޑުގެ ލިބުމަށް ކެތް ނުވެވެނީޔޭ
ޚަރީފުގެ ހޫނަކުން މިލިގެން އިރުންދޭ އަތްވަކުން ހިކިގެން
ޖަރީކަން ތިޔަ މަލުން ކެނޑިގެން ނުދާތީ ކުލުނު ޖެހުނީޔޭ
ވަހުން ތިޔަ މީރު ހިތް ފުރުމަށް ހިތާ ރޫޙާ އެދޭ އެދުމަށް
ރަހުމުގައި ވަސްބަލައި ނުލައެއް ހިތަށް ކުޅަދާނަ ނުވަނީޔޭ
ފިދާވެ އަނާގެ މުޅި ޖާނާ ފުރާނަ ތިމަލުގެ އަގަކަށް ދީ
އަދާކުރުމަށް އަގުގެ ގޮތުގައި ވަގުފުކޮށް ހުށަމި އަޅަނީޔޭ
