މި ސަރުކާރުގެ މަގާމުތަކަށް މީހުން އައްޔަން ކުރަނީ ވައްކަން ކުރަން ނޫން ކަމަށާއި، ތެދުވެރިކަމާއި އަމާނަތްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުން ނުކުންނެވި ވަގުތު ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެއްވެސް ތަނެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް އެއްވެސް މީހަކު ހިންގަން އެމަނިކުފާނު ބޭނުންފުޅުނުވާ ކަމަށެވެ.
"އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަން ކުރާކަށް ނޫން، ކޮރަޕްޝަން ހިންގާކަށް ނޫން، ގަވާއިދާ ހިލާފު ކަމެއް ކުރާކަށް ވެސް ނޫން. އޭގެ ބަދަލުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ދިނުމަށް. އެހެންވީމަ އެކަމަށް ހުރަސް އެޅޭ ގޮތަކަށް ނޫނިއްޔާ އެނޫން ގޮތަކަށް ކަމެެއް ކުރާ ކަމަށް ގަބޫލްކުރެވޭނަމަ އަޅުގަނޑު އެމީހަކު އެތަނަކުން ދުރުކުރާނަން. ނޫނިއްޔާ އެކަން ހުއްޓުވާނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ކުރިއަށް އޮތް ތަނުގައި ވެސް އެމަނިކުފާނު އަމަލް ކުރައްވާނީ އެގޮތަށް ކަމަށާއި ސަރުކާރަކުން ކަންކަން ކުރަން ޖެހޭނީ އެގޮތަށް ކަމަށް ގަބޫލް ކުރައްވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެެވެ.
"މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަކަށް ޖާގައެއް ނޯންނާނެ. އެއްވެސް ވަރަކަށް ޖާގައެއް ނޯންނާނެ. މިނިސްޓްރީއެއްގައި ވެސް ކުންފުންޏެއްގައި ވިޔަސް މުއައްސަސާއެއްގައި ތެރޭގައި ވެސް އެކަހަލަ ކަމެއް ހިނގަންޏާ އަޅުގަނޑު ހަމަ އެދެން އެސީސީއާ ދެން ހުރި ތަންތަނުން ކަމާ ބެހޭ ފަރާތްތަކުން އެކަން ބަލަން. ބަލާފަ ފިޔަވަޅު އަޅަން " ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ކޮރަޕްޝަންގެ އަމަލެއް ނޫނީ ގަވާއިދާ ހިލާފަށް ހިންގާ ކަންކަން ހުއްޓުވަން އެމަނިކުފާނު ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި މިއަދާ ހަމައަށްވެސް އެކިއެކި ތަންތަނުގައި އެކިއެކި މީހުންގެ ކަންކަން ބައްލަވައި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދައާއި ނުގަވާއިދުން ހިންގާ ކަންކަމާ ދުރުވެފައި އޮތް ސަރުކާރެއްގެ ގޮތުގައި ހިންގަން. އެއީ އަޅުގަނޑު ވައުދުވެފައިވާ ގޮތަކީ ވެސް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެޗްޑީސީގެ ކޮރަޕްޝަނާ ބެހޭ ގޮތުން އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރުގެ ސިޓީފުޅެއްް އެމަނިކުފާނަށް ފޮނުވާފައިވާ ކަމަށް ދެކެވޭ ވާހަކައާ ބެހޭ ގޮތުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެފަދަ ސިޓީއެއް ލިބިވަޑައިނުގަންނަވާ ކަމަށާއި ލިބިވަޑައިގެންނެވި ނަމަ އެކަން ބައްލަވާނެ ކަމަށެވެ.
"ސިޓީ އެއް އަޅުގަނޑަށް ލިބި އެއަށް އަމަލްނުކޮށް އޮތް ކަމަށް ދައްކާ ވާހަަކައަކީ ހަގީގީ ވާހަކައެއް ނޫން. އަޅުގަނޑަަކަށް ލިބިފައެއް ނެތް އެ ސިޓީއެއް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެޗްޑީސީގެ ކޮރަޕްޝަންގެ ކަންތައްތައް އެނގިވަޑައިގެންނެވި ހިސާބުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅުއްވާފައިވާނެ ކަމަށާއި ފުލުހުން އެބޭފުޅުންގެ ގާނޫނީ ޒިންމާ އަދާކުރަމުން ގެންދާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު ގަސްދުކުރީ މިކަހަލަ ކަމެއް މިގޮތަކަށް ހިނގައިފައި އޮތީމަ ވީ އެންމެ ރަނގަޅަކަށް އެކަން ބެލޭނެ މަގު ފަހިކޮށްދޭން. އަޅުގަނޑު ވަރަށް އުފާކުރަން އެކަން ޕޮލިހުން ފައްޓަވައިގެން އެބޭފުޅުންގެ ޒިންމާ އެގޮތަކަށް އަދާކުރައްވާތީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މި ސަރުކާރުގައި ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށާއި އެއީ ކޮންމެ މީހެއް ކަމުގައި ވީނަމަވެސް ގާނޫނާއި ގަވާއިދާ ހިލާފަށް ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ފައިދާއަށް އެއްވެސް ކަމެއް ކުރުމަަށް އެމަނިކުފާނު ޖާގަނުދެއްވާނެ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.



advertisment
One Response
މި ބުނީ ހަމަ އެހެން ރައީސަށް ގޮވޭހޭ މަގުމަތިން ސުވާލެއް އެބަ އޮތޭ ކިޔާފަ؟ ރައީސް ބާއްވަވަނީ ޕްރެސް ކޮންފަރެންސް ނޫނީ ބްރީފިންގ ނު! ދޮގެއްތަ އަޅެ މި ބުނީ؟