Support Us

ކަރަންޓު ބިލުގެ ޖޫރިމަނާ މަޢާފުކުރަން ސްޓެލްކޯ އިން ދީފައިވާ މުއްދަތު ހަމަވަނީ!

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ކަރަންޓު ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރައިފައިވާ ފައިސާ މަޢާފުކޮށް، ޖޫރިމަނާއާ ނުލާ ފައިސާ ދެއްކުމުގެ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވާކަން ސްޓެލްކޯއިން ހަނދާންކޮށްދީފިއެވެ.

މި ކަމާ ގުޅިގެން ސްޓެލްކޯ އިން ވަނީ މުހިންމު އާންމުން ސަމާލުވާންވީ، ތިރީގައި މިވާ ނުކުތާތައް ހަނދާން އާކޮށްދީފައެވެ.

ޝަރުތު ހަމަވާ ކެޓަގަރީ:

އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ބިލުތަކުން. (ޑޮމެސްޓިކް ކަސްޓަމަރުންނަށް)

ޖޫރިމަނާ މަޢާފުކުރެވޭނެ ބިލުތައް:

31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދައިފައިވާ ކަރަންޓު ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި ބިލުތަކަށް.

ޖޫރިމަނާ މަޢާފުކުރެވޭ ގޮތް:

31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދާފައިވާ ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތަކުގެ ޕްރިންސިޕަލް އަދަދު (ޖޫރިމަނާއާއި ނުލާ ބާކީ އަދަދު) ދެއްކުމުން، 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ބިލަށް އަރާފައިވާ ޖޫރިމަނާ މަޢާފުކުރެވޭނެ.

މުއްދަތު ހަމަވާ ތާރީހު

މި މުއްދަތުގެ ބިލުތަކަށްވާ ފައިސާގެ އަދަދު 31 ޑިސެމްބަރ 2024 ގެ ނިޔަލަށް، ޖޫރިމަނާއާ ނުލައި ދެއްކޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. މިގޮތުން، ޖޫރިމަނާއާ ނުލާ ބާކީ އަދަދު ދެއްކޭނެ ގޮތަށް ބިލުތަކަށް ވާނީ ވަގުތީގޮތުން އެޖަސްމެންޓެއް ހިމެނިފައެވެ. އަދި، މި ބިލުތަކަށް 31 ޑިސެމްބަރ 2024 ގެ ނިޔަލަށް ޔޫސޭޖް އަދަދު (ޕްރިންސިޕަލް އަދަދު) ދައްކާ ހަލާސްނުކުރެވޭނަމަ، މި ބިލުތަކުން އެޖަސްޓުކުރެވިފައިވާ ޖޫރިމަނާ އަދަދު އަލުން 1 ޖަނަވަރީ 2025 އިން ފެށިގެން ބިލުތަކުގައި ހިމެނިގެންދާނެއެވެ.

"އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް، ސްޓެލްކޯގެ ހޮޓްލައިން 1545 ނުވަތަ billing@stelco.com.mv އަށް އީ-މެއިލް ކުރެއްވުން އެދެން،" ސްޓެލްކޯ އިން ބުނެއެވެ.