ހިތަދޫގެ ހުޅަނގު ގޮނޑުދޮށުގައި ރަނާއި ފިޔާތޮށި ކުލަތަކުން ކުލަ ޖައްސަމުން އުޑުމަތީން މޫދުތެރެއަށް އިރު ފީނައިގަތެވެ. ގޮނޑުދޮށުގެ ދޮންވެލިގަނޑު މަތީގައި ސައިފް އިށީނދެގެން އިންއިރު، އޭނާގެ ކުޑަކުޑަ އަންހެން ދަރިފުޅު ޕަރީޒާ، އަތުން ބޮލިކޮތަޅެއް ހިފައިގެން ރާޅު ޖަހާފަށުގައި ހެމުން ދުވަމުން ދިޔައެވެ. ތިން އަހަރުގެ އެކުޑަ އަންހެން ކުއްޖާގެ މަންމަ ނިއުމާގެ ފުން މުށިކުލައިގެ ދެލޮލާއި ބައްޕަގެ ސައިފުގެ މަޑުމައިތިރި ސިފަ އެކުއްޖާގެ ކިބައިން ފެންނަން ހުއްޓެވެ.
ޕަރީޒާގެ މަންމަ އޭނާ ވިހެއުމުގެ ތެރޭގައި ނިޔާވެ ދިޔައީ ސައިފުގެ މުޅި ދުނިޔެ ބަރުބާދު ކޮށްފައެވެ. އެރޭ ދަންވަރު ނިއުމާ ގޮވައިގެން ގަމަށް ދެވުނު އިރު ވަގުތު ފާއިތުވެއްޖެއެވެ. ގަމު ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދިން އިނގިރޭސި ޑޮކްޓަރުންނަށް ސަލާމަތް ކުރެވުނީ ދަރިފުޅު އެކަންޏެވެ.
އޭގެ ތިން އަހަރު ފަހުން މިއަދު އެ ކުޑަކުޑަ ކުއްޖާ ދުވެފައި އައިސް އޭނާގެ ބައްޕަގެ ކޮނޑުގައި ބޯއަޅާލިއެވެ. އޭނާއަކަށް މިއަދަކު އޭނާގެ މަންމަ ގެއްލިފައިވާކަން އެނގޭހެނެއް ވެސް ހިޔެއް ނުވެއެވެ. މިއަދު އޭނާގެ މަންމަގެ މަގާމުގައި އެވަނީ ހުސްނާ ޕަރީއެވެ.
ސައިފްގެ ނަޒަރު އުޑުމައްޗަށް އަމާޒުކޮށް، ހުސްނާޕަރީގެ އެނބުރި އައުމުގެ ހަނދާންތައް އާލާ ކުރަމުން ދިޔައެވެ. ހުސްނާ އޭނާގެ ޕަރީވަންތަ ހައްގު ދޫކޮށް ފަނާވަނިވި އިންސިއަކަށް ވީތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ. އެއީ އޭނާގެ މަންމަ ރާނީއާ ދެކޮޅަށް ބަޣާވާތްކޮށް، ސައިފް އާއި ޕަރީޒާއާ އެކު ހިއްސާކުރި ލޯތްބަށްޓަކައި އޭނާވީ ޤުރުބާނީއެކެވެ. އޭނާއަށް އިންސިއަކަށް ވެވުނީތީ އުފާވެރިކަން ލިބުނު ނަމަވެސް، އެކަމުގެ ސަބަބުން ގޮންޖެހުންތަކެއް ވެސް ކުރިމަތިވި އެވެ.
އޮޑައްސަލުގެ ދިގު ރުއްތަކުގެ ތެރޭން ހުސްނާ ހިނގަމުން ދިޔައިރު، ފަނޑުވަމުން ދިޔައިރުގެ އަލީގައި އޭނާގެ ސޫރަ ހިޔަނީގެ ތެރޭން ފާޅުވަމުން ދިޔައެވެ. އޭނާ ލައިގެން ހުރީ އެއް އިރެއްގައި ސައިފްގެ ނިޔާވި އަންހެނުން ނިއުމާއަށް ނިސްބަތްވާ ސާދާ ހެދުމެކެވެ. އޭނާގެ ބުރަކަށްޓައް ވުރެން ތިރިއަށް ފައިބައިފައިވާ އިސްތަށިގަނޑު ފަށުއިބޮޅުތަކެއް ފަދައިން ވިހުރެމުން ދިޔައެވެ. އޭނާ ކައިރިވަމުން އައިވަރަކަށް އޭނާގެ ލޮލުގައިވާ ލޯބީގެ ވިދުވަރު ދިއްލެމުން ދިޔައެވެ.
"ޕަރީޒާ، ކާ ގަޑި ޖެހިއްޖެ،" މަޑުމަޑުން ހުސްނާ ގޮވާލިއެވެ.
ޕަރީޒާ އޭނާގެ ބައްފަގެ ކޮނޑުމަތީން ތެދުވެ ދުވެފައި ގޮސް ހުސްނާގެ ދެފައިގައި ދެއަތުން އޮޅުލަމުން އޭނާއާ އެކުގައި ހިނގައިގަތެވެ. "ހުސްނާ މަންމާ! އަދަ ކާއް ހިށީ ކޮންތައް؟ މަސް ފިހެފެއި ތެތިބީ؟"
ހުސްނާ ހީނގަތުމުން އޭނާގެ އަޑުގައި މިއުޒިކްގެ ރާގެއް އެކުލެވިފައިވާ ހެން ހީވިއެވެ. "ހަމަ ޔަގީނުންވެސް މަސްފިހެފަ ހުންނާނެ، އަހަރެންގެ ކުޑަކުޑަ ޕަރީ."
ޝުކުރުވެރިކަމުން ހިތް ބަރާވެފައިވާ ސައިފް އެމީހުންނަށް ބަލަން ހުއްޓެވެ. އެހެނަސް އޭނާގެ ހިތުތެރޭގައި ބޮޑުވަމުން ދިޔައީ ނުތަނަވަސްކަމެވެ. ހުސްނާ އިންސިއަކަށް ބަދަލުވިފަހުން ހުސްނާގެ ސިއްހަތު ވަނީ ނާޒުކުވެފައެވެ. ޕަރީއެއްގެ ކިބައިގައި ހުންނަ ގަދަކަން އޭނާގެ ކިބައިގައި މިހާރަކު ނެތެވެ. ފާއިތުވަމުން ދިޔަ ކޮންމެ ދުވަހަކު އޭނާގެ ނާޒުކުކަން އިތުރުވަމުން ދިޔައެވެ.
ރާނީ ޒިޔާރަތް ކުރުން
އެރޭ ޕަރީޒާ ނިދާފައި އޮތް އިރު ސައިފް އާއި ހުސްނާ ބޭރުގައި ޖޯލިފަތީގައި އިށީނދެ ތިބީ ތަރިތަކުން ދިއްލިފައިވާ އުޑުމައްޗަށް ބަލާށެވެ. ސައިފް އޭނާގެ އަތުގައި ހިފަހައްޓާލައި އޭނާގެ އަތުގައި ހުރި ފަނޑު ލަކުނު، އޭނާގެ ކުރީގެ ޙަޔާތުގެ ހަމައެކަނި ބާކީ ހުރި ޖިސްމާނީ ނިޝާންތަކަށް ބަލައި ހޯދަމުންދިޔައެވެ.
"ހުސްނާ!" ފަސްޖެހިފައި އިނދެ އޭނާ ވާހަކަ ފެށިއެވެ. "ކަލޭ އިޚްތިޔާރު ކުރި ގޮތާމެދު ދުވަހަކުވެސް ހިތާމަކުރަންތަ؟"
ހުސްނާ ބޯ އަރިކޮށްލިއިރު ތުންފަތުގައި ކުޅެމުން ދިޔައީ ހިތްފުރިފައިވާ ކަމުގެ ހިނިތުންވުމެކެވެ. "ހިތާމަ؟ ނޫން ސައިފް. އަހަރެން މި ދިރިއުޅުން އިޚްތިޔާރުކުރީ ކަލެއާއި ޕަރީޒާއާ އެކު އުޅެން ބޭނުންވެގެން. އެކަމަކު…"
"އެކަމަކު؟" އޭނާ މިހެން ބުނިއިރު އޭނާގެ އަޑުގައި ވެސް ފަސްޖެހުމެއް ހުއްޓެވެ.
އޭނާގެ ވާހަކަ ދެން ކުރިއަށް ގެންދިޔައީ ކުޑަ ނުތަނަވަސްކަމެއް އެކުލެވޭ ރާގެއްގައެވެ. "ބައެއް ފަހަރު އަހަރެން ހިތަށް އަރަނީ އަހަރެން ކަލެއަށް މާބޮޑަށް އުނދަގޫ ޖެއްސީ ކަމަށް. އަހަރެންގެ އައުމުން ކިހާ ބޮޑު އޮޅުންބޮޅުން ތަކެއް ކަލެއަށް ކުރިމަތި ވެގެން ދިޔަތަ؟ އެކަމަކު މިހާރު…"
އޭނައަށް މިވާހަކަ ނިންމާލެވުމުގެ ކުރިން ގަސްތަކުގެ ތެރޭން ފަނޑުފަނޑު އާދަޔާ ޚިލާފު ވިދުވަރެއް ފެނިގެން ދިޔައެވެ.
ހުސްނާ ކުއްލިއަކަށް ތެދުވިއެވެ. އަދި ސައިފުވެސް އަވަސް ގޮތަކަށް ތެދުވެ ހުސްނާގެ ކުރިމައްޗަށް އެރިއެވެ. އެ ދިއްލުމުގެ ތެރޭން ފާޅުވެގެން އައީ މި ފަނާވަނިވި ދުނިޔެއިން ފެނިގެން ނުދާނެ ފަދަ ޝާހީ ސޫރައެކެވެ.
"މަންމާ!" ސައިފްގެ ފުރަގަހަށްވަދެ ސައިފުގެ އަތުގައި ހިފަމުން ބިރުގެންފައިވާ އަޑަކުން ބުންޏެވެ.
ރާނީގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައާއި ނުތަނަވަސްކަން އެކުލެވޭ، އެކަމަކު ލޯބިވެތި ޝުއޫރު ތަކެކެވެ. "ކަލޭ ފިލާ ތިހިރީ އަހަންނާ ދެކޮޅުވެރިވެ ބަޣާވާތް ކޮށްފައި އައިހެންނު، ހުސްނާ!" ޕަރީންގެ ރާނީ އަމުރުވެރި ޝާހީ ރާގެއްގައި ބުންޏެވެ. "ކަލޭ ޚިޔާރުކުރީ އެއްވެސް ޕަރީއަކަށް ހިނގަން ނުކެރުނު މަގެއް. އަދި މިހާރު ކަލެއަށް ކުރިމަތިލާން ޖެހިފައި ތިޔަ ވަނީ ޕަރީންގެ ބާރު ގެއްލުމުގެ ނަތީޖާއާ."
ސައިފް ކުރިއަށް ފިޔަވަޅެއް އެޅިއެވެ. "ޕަރީ ދައްތާ! އޭނަ އަނބުރާ ގެންދަންތޯ ތިޔައައީ؟"
ރާނީ އޭނާ ކައިރިވިޔަ ނުދިނުމަށް އަތް އުފުލާލިއެވެ. "އަހަންނަކަށް މިހާރަކު އޭނާ އަނބުރައެއް ނުގެންދެވޭނެ. އޭނާގެ މިގޮތް އިޚްތިޔާރުކޮށް އެކަން އެގޮތަށް ކަނޑައަޅައި ނިންމައިފި. އެކަމަކު އަހަރެން މިއައީ އެކަމުގެ ނަތީޖާ ނުކުންނާނެ ގޮތުގެ އިންޒާރު ދިނުމަށް."
ސައިފްގެ ފުރަގަހުން ބޯދީ ހުސްނާ ސުވާލުކުރިއެވެ. "މަންމާ، އެއީ ކޮން އިންޒާރެއް؟"
"އަހަރެމެންގެ ދުނިޔެއާ ކަލެއަކަށް މުޅިއަކުން ގުޅުމެއް ނުކެނޑޭނެ. ކަލޭ ބޭނުންނަމަ އަދި ވެސް އަނބުރާ އާދެވޭނެ. ތިޔަ ޖަޒުބާތުގެ އަސަރުތައް ކަލޭ ކިބައިގައި ހުރިހާ ހިނދަކު ކަލޭގެ ދިރިއުޅުން ނާޒުކު ވެފައިވާނެ. އެ ގުޅުންތައް މުޅިން ކެނޑިގެން ގޮސްފިނަމަ ކަލޭގެ މަރުވެދާނެ. މިތިބަ އެހެން ވެސް އިންސީން މަރުވާ ފަދައިން ކަލޭ ވެސް މަރުވެ ނެތިދާނެ،" ރާނީ މިހެން ބުނަމުން ސައިފަށް އިޝާރާތް ކޮށްލިއެވެ.
ސައިފް ކުޑަކޮށް ނުރުހުމުގެ ރާގެއްގައި ބުންޏެވެ. "އަހަރެމެންނަށް އެކަމަކާ ކުރެވޭނެ ކަމެއް އޮންނާނެތޯ؟"
ރާނީ ފުންނޭވާއެއް ދޫކޮށްލިއެވެ. "އަހަންނަކަށް މިހާރަކު އޭނާ ހިމާޔަތެއް ނުކުރެވޭނެ. އޭނާ އެވަނީ އޭނާގެ އަމިއްލަ މަގު އިޚްތިޔާރުކޮށްފަ. އެކަމަކު މިކަން ދަންނާތި، ސައިފް! ހަގީގަތުގައި ކަލޭ އޭނާ ދެކެ ލޯބިވާނަމަ އޭނާގެ ނާޒުކުކަމުގެ ބުރަ އުފުލަން ކަލޭ ތައްޔާރަށް ހުންނަން ޖެހޭނެ. އަދި ކަލޭ ހުސްނާގެ މި އާ ދިރިއުޅުން ފުރިހަމައަށް ބަލައިގަންނަން ވެސް ޖެހޭނެ."
ހުސްނާ އޭނާގެ އަޒުމް ނުގުޑާނެ ކަން ދައްކަމުން ބުންޏެވެ. "އަހަންނަށް ވެސް ތިޔަ ހުރިހާ ކަމެއް ވިސްނޭ، މަންމާ. އެކަމަކު އަހަރެން އެނބުރި ދެނެއް ނުދާނަން. މިއީ އަހަރެންގެ އާއިލާ މިހާރު. ސައިފު އަހަރެން ބަލަހައްޓާނެ."
ރާނީގެ ނަޒަރު ތިރިކޮށްލިއެވެ. "އެހެންވީ އިރު ދެން ދަރިފުޅަށް އުފާވާ ގޮތަކަށް އުޅެމުން ގެންދޭ. އަހަރެން ވަކިވެލާނަން."
އެއާއި އެކު ރާނީ ގެއްލިގެން ދިޔައީ ސައިފް އާއި ހުސްނާ ރޭގަނޑުގެ ފިނި ވައިރޯޅީގެ ތެރެއަށް ދޫކޮށްލާފައެވެ. އެކަމަނާގެ ބަސްތަކުން އެމީހުންގެ ބޮލުގައި އިތުރު ނުތަނަވަސްކަމެއް އެޅުވިގެން ދިޔައެވެ.
ލޯބީގެ އިމްތިޙާނު
ދުވަސްތައް ހަފްތާތަކަށް ބަދަލުވެ، ހިތަދޫގެ ދިރިއުޅުން އާދައިގެ ގޮތެއްގައި ކުރިޔަށް ދިޔައެވެ. ހުސްނާ އޭނާގެ އިންސާނީ ސިފައަށް މަޑުމަޑުން ހޭނެމުން ދިޔައެވެ. އަބަދުވެސް ކެތްތެރި ސައިފް، ދިމާވާ ކޮންމެ ގޮންޖެހުމަކަށް ކެތްތެރިކަމާއެކު މަގުދައްކަމުން ދިޔައެވެ.
އެއްދުވަހެއްގެ ހަވީރު ގަދަ ހުމެއް އައިސް ޕަރީޒާ ބަލިވެއްޖެއެވެ. ހުސްނާ އޭނަގެ ކައިރީގައި ހުރިހާ ވަގުތަކު އިނެވެ. މުޅި ރޭގަނޑު އޭނަ ބަލަހައްޓަމުން ގެންދިޔައެވެ. ހެނދުނު ވީއިރު ޕަރީޒާގެ ހުމުގެ އަސަރު ފިލައިގެން ދިޔަ ނަމަވެސް ހުސްނާގެ ހާލު ދެރަވެއްޖެއެވެ. އޭނާ ކެއްސަން ފަށައިފިއެވެ. ސައިފް ކަންބޮޑުވެ ރުޅިއެކުލެވޭ އަޑަކުން ބުންޏެވެ.
"ހުސްނާ މިހާރު އަރާމުކުރަން ޖެހޭނެއެއްނު،" ނިތްކުރިމަތީގައި އަތް ޖައްސާލަމުން އޭނާ ކަންބޮޑުވުމާއެކު ބުންޏެވެ.
"އަހަރެން ރަނގަޅު،" މަޑުމަޑުން ހުސްނާ މިހެން ބުނި ނަމަވެސް އޭނާއަށްވެސް ބަލި ކަމުގެ އިހްސާސު ކުރެވެމުން ދިޔައެވެ.
މިކަން މިހެން ދިމާވުމުން ރާނީގެ އިންޒާރު ހަގީގަތަކަށް ވާން އުޅޭކަމުގެ ބިރު ސައިފުގެ ހިތަށް ވެރިވެގެން ދިޔައެވެ. އޭނާ ދިވެހި ބޭސްވެރިޔެއްގެ ގާތަށް ގޮސް، ފަތްޕިލާވެއްޔާއި، ދިވެހިބޭހުގެ ފަރުވާ ހޯދަމުން ދިޔައެވެ. އެހެނަސް ހުސްނާގެ ހާލު އިތުރަށް ގޯސްވަމުން ދިޔައެވެ.
އައިޝާއަށް ޝައްކުވުން.
އެއްދުވަހަކު ހަވީރު ހުސްނާ އަރާމު ކުރަން އޮތްވާ އައިޝާ ސައިފްގެ ގާތަށް އައެވެ. "އަހަރެން މި ހުންނަނީ މިހުރިހާ ކަމެއް ބަލަން،" މަޑުމަޑުން އައިޝާ ބުނެލިއެވެ.
ސައިފް ހާސް ވިއެވެ. "މަންމަ ތިޔަ ކިޔަނީ ކީކޭތަ؟"
"އަހަރެން މިބުނަނީ ހުސްނާއަކީ އަހަރެމެން ކަހަލަ މީހެއް ނޫނޭ،" އައިޝާ، ސައިފުގެ ލޮލަށް ސީދާ ބަލަން އިނދެ ބުންޏެވެ. "ހުސްނާ ކިބައިގައި ކޮންމެވެސް ކަމެއް އެބަހުރި… އެހެން ގޮތެއް އެބަހުރި."
ސައިފް ފަސްޖެހެމުން، ދެން ނިންމީ ހުރިހާ ވާހަކައެއް މަންމަގާތު ތެދަށް ބުނާށެވެ. "ތިބުނީ ތެދެއް މަންމާ. ހުސްނާ އުފަންވީ އިންސިއެއްގެ ގޮތަކު ނޫން. އޭނާ އައިސް އެހެރީ އަހަންނާއި ޕަރީޒާއާއި އެކު އުޅެން އޭނަގެ މަންމަ ދޫކޮށްލާފައި. އަސްލު ހުސްނާ އަކީ ޕަރީއެއް."
އައިޝާގެ މޫނުމަތީގެ ކުލަވަރު ރުޅިވެރިކަމުން ހިނިތުން ވުމަކަށް ބަދަލުވެއްޖެއެވެ. "ކަލޭވެސް ކަލޭގެ ބައްޕަގެ ގާތުން ޕަރީންގެ ވާހަކަ ދަސްކޮށްފި ދޯ؟ “ ކަލޭމެން ތިޔަ ވާވަރަށް އެކަކު އަނެކަކު ދެކެ ލޯބިވާނަމަ ޕަރީއެއްވެސް އިންސިއަކަށް ވެގެން އަތުވެދާނެ، ދޯ؟"
"ޔަގީނުން ވެސް،" އަޑަށް ބާރުލާފައި ސައިފް ބުނެލިއެވެ. "އެކަމަކު މިހާރު، އޭނާގެ ކިބަޔަކު ޕަރީއެއްގެ ގަދަ ކަމެއް ނެތް. އަހަންނަކަށް ނޭނގެ އޭނަ ގަދަ ކުރާނެ ގޮތެއް."
އައިޝާ އޭނާގެ ދަރިފުޅުގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. "ކަލޭ އަހަންނަށް މިކަންތައް ފޮރުވަން މަރަދުއަށް ގޮސް އޭނާއާ ކާވެނި ކުރިވާހަކަ އިބްރާހިމްބެ އަހަރެން ގާތު ބުނި. އޭނާއަކީ ޕަރީއަކަސް، ޖިންނިއަކަސް މިހާރު އޭނާއަކީ އަހަރެމެން އާއިލާގެ މެންބަރެއް. ކޮންމެ ގޮތެއް ވިޔަސް އަހަރެމެންނަށް ވީވަރަކުން އޭނާ ހިމާޔަތްކޮށް އެހީތެރިވާން ޖެހޭނެ. އޭނާއަކީ ނިއުމާ ގެއްލުމުގެ ހިތާމަތައް އަހަރެމެން ކިބައިން، ޚާއްސަކޮށް ޕަރީޒާގެ ކިބައިން ފިލުވާދިން މީހާ. އަދި ކަލެއަށްވެސް އާ އުންމީދަކާއި ދިރުމެއް ލިބުނީ އޭނާ އައިފަހުން."
މުސީބާތާއި ހައްލު
ގަދަ ވިއްސާރައިގެ ރެއަކު ހުސްނާގެ ހާލު މާބޮޑަށް ގޯސްވެގެން ދިޔައެވެ. އޭނާ ފުންކޮށް ނޭވާ ލަމުން ދިޔައިރު ސައިފް އޭނާގެ މަގަތުގައި އޭނާއަށް ހޭހަންކުރަން ކައިރީގައި އިނެވެ. ޖެހިގެން ހުރި ކޮޓަރީގައި ނިދާފައި އޮތް ޕަރީޒާއަކަށް ހުސްނާ މިހާ ބަލި ކަމެއް ނޭނގެއެވެ.
"ސައިފް" ހުސްނާ ހިތްވަރު ކުރަމުން މިހެން ބުނިއިރު އޭނާގެ އަޑު ކިރިޔާ ނުކުންނަނީއެވެ.
"އަހަރެން މި ނިމިދަނީ ކަންނޭނގެ!" އަސަރާއެކު އޭނާ ގިސްލަމުން ބުންޏެވެ.
"އަހަރެން ކަލޭމެންނާއެކު އުޅެން ލިބުނު މިވަގުތުކޮޅު ކިތަންމެ ކުރަކަސް އަހަރެން އެކަމަކާ ހިތާމައެއް ނުކުރަން."
އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔަ ތަން ސައިފަށް ފެނުނެވެ. "އަހަރެންނަށް މާގިނަ ވަގުތެއް ނުލިބިދާނެތީ އަހަރެން ބިރުގަނޭ."
“ތިހެން ނުބުނޭ” ސައިފް ވޭނީ އަޑަކުން ބުންޏެވެ. "އަހަރެމެންނަށް ވީ ވަރަކުން ކަލެއަށް އެހީވާނަން. ކަލެއަށް ފަރުވާ ދެވޭނެ ގޮތެއް ހޯދާނަން."
ފަތިސްވަންދެން ސައިފު ހުސްނާއަށް އެހީތެރިވެ ހިތްވަރުދޭން ކައިރީގައި އިނދެފައި ބަންގި ގޮވަން ފެށުމުން މިސްކިތަށް ހިނގައްޖެއެވެ. އޭނާ މިސްކިތުން އައިސް ބަލާލިއިރަކުވެސް ހުސްނާއަކަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެން ކަމުން އޭނާ ޚަތިމު ނަގައިގެން އިރުއަރަންދެން ކިޔަވަން އިނެވެ.
އޭރު ޕަރީޒާ ހޭލައިގެން ދުވެފައި ހުސްނާގެ ގާތަށް އަތުވެއްޖެއެވެ.
"ހުސްނާ މަންމާ!" ޕަރީޒާ ހުސްނާއަށް ގޮވަން ފަށައިފިއެވެ. އެހާތަނުން ސައިފުވެސް ޚަތިމު ބާއްވާފައި އަތުވެއްޖެއެވެ.
"ހުސްނާ!" އޭނާ ވެސް ގޮވާލިއެވެ.
އޭރު ހުސްނާ މަޑުމަޑުން ތެދުވެ އެނދުގައި އިށީނދެ އިނެވެ. އަދި ޕަރީޒާ ނަގައި އުނގުގައި ބައިންދައިފިއެވެ.
"ހުސްނާ، އަދި ތެދުވާނެ ކަމެއް ނެތް. އަހަރެން ޕަރީޒާއަށް ސައިގެނެސްދީފާނަން. މަންމަ ހުންނާނެ ބިސްގަނޑު އަޅައި ސައިތައްޔާރު ކޮށްފަ."
"ސައިފު، ނޫން. މިހާރު އަހަރެންނަށް ތެދުވެވޭނެ." ހުސްނާގެ އަޑުގައި މިހާރު ވަރުޖެހިއްޖެ ކަން ސައިފަށް ވެސް އެނގުނެވެ. "އަހަރެން މިހާރު މުޅީން ގަދަވެއްޖެ،" އޭރު ހުސްނާގެ ކިބައިން ނިއުމާގެ ސޫރަ މާބޮޑަށްވެސް ފާޅުވަމުން ދާކަން ސައިފުއަށް ފާހަގަވިއެވެ.
ހުސްނާ ޕަރީޒާ ގޮވައިގެން ކާމޭޒުދޮށަށް ދިޔައެވެ. އޭރު އައިޝާ ތިން މީހުންނަށް ހެނދުނުގެ ސަޔަށް ބޭނުންވާ ތަކެތި ހިފައިގެން އަތުވެއްޖެއެވެ.
އެވަގުތު ޕަރީޒާ "މާމާއޭ ކިޔާފައި ގޮސް އައިޝާގެ ފަސްބައިގައި އޮޅުލައިގަތެވެ!"
ޕަރީޒާ ހުސްނާ ދެކެ ލޯބިވާވަރު ފެނުމުން އައިޝާއަށް ހިތްހަމަޖެހުމުގެ އިހުސާސްތަކެއް ކުރެވުނެވެ. އޭނާގެ އާއިލާއަށް ހުސްނާގެ ލޯބިން ލިބިފައި މިވަނީ ކޮންފަދަ އުފާވެރިކަމެއްހޭ އައިޝާގެ ހިތަށް އެރިއެވެ.
މިކަން މިހެން ހިނގީ ކިހިނެއް ކަމާމެދު އޭނާ ކުރާނެ ސުވާލެއް ނެތެވެ. އަދި އޭގެ ޖަވާބެއް ވެސް ނެތެވެ. މުއުޖިޒާތެއް ހިނގަނީ ކިހިނެއްކަން ބެލުމުގެ ވެސް އޮތީ ކޮން ބޭނުމެއް ހެއްޔެވެ. އޮތީ ޝުކުރު ކުރުމެވެ.
މުޅިން އާ ބާބެއް
އޭގެ މަސްތަކެއް ފަހުން ސައިފް އާއި ހުސްނާ އަނެއްކާވެސް ހުޅަނގުފަރާތު ގޮނޑުދޮށުގައި ދޮންވެލިގަނޑުގެ މަތީ ޕަރީޒާއެކު ކުޅެން ތިއްބެވެ. އެދުވަހުވެސް އިރު އުޑުމަތީގެ ތިރިއަށް ފީނައިގެން ދިޔައީ ރާޅުތަކުގެ މައްޗަށް ރަންކުލައިގެ އެތައް ކުލަތަކެއް އަރުވައި ޒީނަތްތެރި ކޮށްފައެވެ.
"އަހަރެންނަކަށް މި ދިރިއުޅުން ދުވަހަކުވެސް ތަޞައްވުރެއް ނުކުރެވޭނެ،" ސައިފްގެ ގަޔަށް ލެނގިލައިގެން އިނދެ ހުސްނާ ބުންޏެވެ. "މިއީ ހުވަފެނުގައިވެސް ނުފެންނާނެ ފަދަ ރީތި ހަޔާތެއް."
ސައިފް އޭނަގެ ނިތްކުރީގައި ބޮސްދިނެވެ. "އަހަރެންގެ ރީތި ހުސްނާ. ތީ އަހަރެންގެ މުޅި ދިރިހުރުން."
އެ ތިން މީހުން މިއަދުވެސް ރާޅުޖަހާފަށުން އީދިގަލި ކިޅިޔާ ދިމާއަށް ހިނގަމުން ދިއެވެ. އެމީހުންނަށް ދިމާވި ހުރިހާ މުސީބާތެއް ހުރަސްކޮށްފައި މިހާތަނަށް މިއާދެވުނީ އެކަކު އަނެކަކު ދެކެވީ ސާފުސާދާ ލޯބީގެ ސަބަބުންކަން އެމީހުންނަށް ވިސްނެއެވެ. އެމީހުންގެ ދަތުރަކީ ގޮންޖެހުންތަކުން ފުރިފައިވާ ދަތުރެއް ނަމަވެސް، މިއަދު މިވަނީ ފުން އުފާވެރި ކަމެއްގެ މަންޒިލަކަށް އާދެވިފައެވެ.
އެމީހުން ޕަރީޒާ ގޮވައިގެން އެކުގައި އޮޑައްސަލުގެ ދިގު ރުއްތަކުގެ ތެރޭން އައިއިރު އެމީހުންގެ ބޯމަތީން ވިދުވަރެއް ކެނޑިގެން ދިޔަތަން ފެނުނެވެ. އެއީ އޭނާގެ މަންމަކަން ހުސްނާއަށް އެނގުނެވެ. އެހެންނަމަވެސް އޭނާ މިހާރު ޕަރީންގެ ދުނިޔެއަކަށް އިތުރު ސަމާލުކަމެއް ނުދެއެވެ. އޭނާގެ މަންމައަކީވެސް އޭނާގެ އާއިލާއެވެ. ކިތަންމެ ދުރުގައި މިއަދު ވީނަމަވެސް އެއީ އޭނާ ނުހަނު ލޯބިވާ މަންމައެވެ!



advertisment