Support Us

ވާހަކަ: ހުސްނާ ޕަރީ

ކަޅިބިތް ފަރާތު އަތިރިމަތީ ރާޅުޖަހާފަށުގައި ސައިފް ހުއްޓިގެން ހުރީ އޭނާގެ ފައިތިލައިގެ މަތީން ރާޅުތައް ދެމިގެން ދިއުމަށް ދޫކޮށްލައިގެންނެވެ. އިރު ދެންމެއަކު އޮއްސިގެން ދިޔައީ އުޑުމަތީގައި އޮރެންޖާއި ފިޔާތޮށި ކުލައިގެ ރޮނގުތަކެއް ކުރަހާލާފައެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. މި ގޮނޑުދޮށުގައި ހާދަހާ ގިނަ ހަނދާންތަކެއް އެބަހުއްޓެވެ. ހެއްވާ ކަންކަމާއި، ހިއްސާވި ސިއްރުތަކާއި، ކައުނުގެ ދެލޯ ބަލަން ހުއްޓާ ކުރެވުނު ލޯބީގެ ހަދިޔާތަކެވެ.

ހުސްނާޕަރީ

އޭނާ އެންމެ ފަހުން ފެނުނުތާ އަހަރުތަކެއް ވެގެން ދިޔަ ނަމަވެސް ސައިފުގެ ހިތުގައި ސިކުނޑީގައި އަދިވެސް އޭނާގެ ނަން ގުގުމަމުން ދެއެވެ. ހުސްނާއާ ދިމާވީ އޭނާ އެންމެ ފުރާވަރުގެ އުމުރުގައެވެ. އޭނާގެ މޭމަތީގައި ހުރި ނިޝާނެއް ފެނިގެންނެވެ. އެއީ އޭނާ ކުޑައިރު ޖެހުނު ބައްޔަކަށް ފަރުވާ ކުރުމަށް ހުސްނާގެ މަންމަ ޕަރީންގެ ރާނީ އޭނާގެ ގައިގައި އަތް ބީއްސާލި ތަނުގައި ކުރެހުނު ފަނޑު ރިހިކުލައިގެ ނިޝާނެކެވެ. ހުސްނާ އޭނާއަށް އެކަން އޮޅުންފިލުވައިދީފައި ވަނީ، އޭނާގެ ކަންފަތްދޮށުގައި ވައިރޯޅިއަށް ވެސް ސިއްރުންނެވެ.

"މަންމަ ދިޔައީ އޭނާގެ ނިޝާނެއް ކަލެއަށް ދޫކޮށްލާފައި. އެހެންވެ އަހަރެން ކަލޭ ހޯދީ."

ފުރަތަމަ ސައިފް ހީކުރީ އެއީ ފެނުނު ހުވަފެނެއް ކަމަށެވެ. ޕަރީންނަކީ އެހެން ދުނިޔެއެއްގައި އުޅޭ ބައެއް ކަމެވެ. އެކަން ހަގީގީ ކަމަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު އޭނައަށް އެ ޕަރީ ފެންނަ ކޮންމެ ފަހަރަކު އެ ހަގީގަަތަށް އިންކާރު ކުރަން ދަތިވަމުން ދިޔައެވެ. އޭނާގެ ހެއްވާ ވާހަކައާއި، ވިދާލާ ވިދުވަރެއްހެން އައުމާއި ގެއްލުމާއި، އޭނާގެ ހަމަޖެހުމެއް ނެތް ރޫޙު ހަމައަކަށް އެޅުވުމަށް އޭނާއަށް ލިބިފައިވާ ކިޔައިދޭންވެސް ނޭނގޭ ޤާބިލުކަމަކީ، ގޮނޑުދޮށަށް މި ބިންދާ ރާޅުތައް ފަދައިން ހަގީގީ ކަންކަމެވެ.

ސައިފުގެ ބައްޕަ ހުސެން، ޖެހުނު ސިޔާސީ މައްސަލައެއްގައި ބަންދުކޮށްގެން މާލެ ގެންދިއުމުން އެ އާއިލާ ބިކަވިއެވެ. އެ ދުވަސްވަރު އޭނާ ގިނަ ވަގުތު ކަޅިބިތުގައި ހޭދަކުރިއެވެ. އެތަނަކީ އޭނައަށް ހިތްފަސޭހަކަން ލިއްބައިދޭ ތަނަކަށް އަބަދުވެސް ވެއެވެ.

ކޮންމެ ދުވަހަކުވެސް ހަވީރުގެ ވަގުތު އޭނާ ގެއިން ނުކުމެގެން އޭނާ ފައިބާނީ އޮޑައްސަލާ ދިމާއަށް ކަޅިބިތަށެވެ. އެއީ އޭނާގެ ގެއާ މާ ދުރު ނޫން ވެސް ހިސާބެކެވެ.

ހުސްނާއާ ބައްދަލުވެ ގުޅުން ބަދަހިވާން ފެށުމުން ސައިފަށް އޭނާގެ ބައްޕަ ގެއްލުމުގެ ހިތާމަ ކޮންމެވެސް ވަރަކަށް ލުއިވެގެން ދެއެވެ. ހުސްނާ އޭނައަށް ހިތްވަރު ދިނެވެ. ލޯބި އޭގެ އިންތިހާއަށް ދިނެވެ. އެއީ އޭނާއަށް ދުވަހަކުވެސް އިހްސާ ކުރެވޭނެ އެންމެ ފުން ލޯތްބެވެ. އެހެންނަމަވެސް މި އުފާވެރިކަން ދެމިގެން ދިޔައީ ކުޑަ ދުވަސްކޮޅަކަށެވެ. ހުސްނާ އައުން ކުއްލިއަކަށް ހުއްޓިގެން ދިޔައެވެ. ވީގޮތެއް ވެސް ނޭނގިއެވެ. އޭނާގެ ހިތްދަތިކަން ބަޔާން ކުރެވޭ ވަރަށް ވުރެންވެސް ފުންވެގެން ދިޔައެވެ.

ހަމަ ކުއްލިއަކަށް އޭނާގެ ދުނިޔޭގައި ހުރިއްޔާ ހުރިހާ އަލިކަމެއް ފަނޑުވެގެން ދިޔަ ކަހަލައެވެ. ސައިފް އެތައް ގަޑިއިރަކު، ބައެއް ފަހަރު މުޅި ރޭގަނޑު، އެ ގޮނޑުދޮށުގައި ހުރެއެވެ. ބައެއްފަހަރު ހިނގަމުން ހިނގަމުން ގޮސް ކޯއްޓޭއާ ހިސާބަށް ވެސް ދެއެވެ. އެކަމަކު ހުސްނާގެ ކުޑަވެސް ހިލަމެއްވުމުގެ އިތުރަށް ކުޑަވެސް އުންމީދެއް ނުލިބުނެވެ. އޭނާ އަށް ހުސްނާ މުޅީން ގެއްލިއްޖެއެވެ.

އާ ގުޅުމެއް

ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް ސައިފަށް އަލުން ހުސްނާ ފެނިދާނެ ކަމަށް ކުރެވުނު ހުރިހާ އުންމީދެއް ގެއްލިގެން ހިނގައްޖެއެވެ. އޭނާގެ ހިތުގައި ކުރެހިފައި ހުރި ހުސްނާގެ ސޫރަ ފަނޑުވެ ފިލައިގެން ދާން ފަށައިފިއެވެ.

އެއީ ސައިފާއި ނިއުމާ ގުޅެން ފެށި ހިސާބެވެ. ނިއުމާގެ ކިބައިގައި އެއްވެސް ވަރަކަށް ހުސްނާއާ އެއްގޮތް ކަމެއް ނެތެވެ. އެކަމަކު އެއީ ސާދާސީދާ، ހިތްހަމަޖެހޭ، އަދި އެކުގައި ދިރިއުޅުމަށް ކަމުދާފަދަ ހުރިހާ ސިފަތަކުން ފުރިފައިވާ ކުއްޖެކެވެ. ހިތަދޫ ސްކޫލެއްގައި ކުޑަ ކުދިންނަށް ކިޔަވައިދިނުމުގެ މަސައްކަތުގައި އުޅޭ، އެންމެނާވެސް ވެސް ފަސޭހައިން ގުޅޭ ހިތްހެޔޮ ހިތްގައިމު ކަމެއް ހުރި ކުއްޖެކެވެ.

އެއްދުވަހަކު ސައިފް ފިކުރުގެ ތެރެއަށް ގެއްލިފައި ގޮނޑުދޮށުގައި އިށީނދެގެން އިންދާ ނިއުމާ އޭނާއާ ކައިރިވެލިއެވެ.

"އެނގޭތަ؟"

އޭނާގެ ކައިރީގައި އިށީނދެގެން އިނދެ ނިއުމާ ވާހަކަ ފެށިއެވެ. ​​"މިތަނި މިހެއި ގިނަ ވޭލެއި ތެހެން އިންނަނެއި ކޮންމިޔަސް މީހަކާއް އިންތިޒާރަ ކެރާއް."

ސައިފުގެ ހިތަށް ނުތަނަވަސް ކަމެއް އިހުސާސް ކުރެވުނު ނަމަވެސް އޭނާ ހީނލިއެވެ. "ފަހަރެއްގައި ރާޅުތައް އައިސް އަހަރެންގެ ޚިޔާލުތައް ދުރަށް ގެންދާތީ ކަމަށް ވެސް ވެދާނެ ނު."

އޭނާއަށް ކައިރިން ބަލަމުން ނިއުމާ ބޯ އަރިކޮށްލިއެވެ. "ނުވަތަ ކޮންމެވެސް މީހަކު އަތުވެދާނެ ކަމުގެ އިންތިޒާރުގައި ކަމަށް ވެސް ވެދާނެ."

އޭނަގެ ބަސްތައް ޖެހުނީ އޭނަ ހީކުރިވަރަށްވުރެ ހަގީގަތާ ކައިރީގައެވެ. ސައިފު އޭނައާ ދިމާލަށް ނަޒަރު ހިންގާލީ ރައްދުދޭނެ ގޮތެއް ނޭނގިފައެވެ. އެކަމަކު ނިއުމާ އޭނާއާ އިތުރަކަށް ސުވާލެއް ނުކުރިއެވެ. އޭގެ ބަދަލުގައި އޭނާގެ ދުވަހާއި، އޭނާގެ ދަރިވަރުންނާއި، އޭނާވެސް މި ގޮނޑުދޮަށަށް ލޯބިކުރާ ވާހަކަ ދައްކަން ފެށިއެވެ. މަޑުމަޑުން ސައިފްއަށް އޭނާގެ ޙާޟިރުގައި އުފާވެރިކަން ލިބިގެން ދިޔަކަން އިހުސާސް ކުރެވުނެވެ.

ދުވަސްތަކާއި މަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އެދެމީހުންގެ އެކުވެރިކަން ފުންވަމުން ދިޔައެވެ. ނިއުމާގެ ހިނިގަނޑުތަކުން ހުސްނާ ދޫކޮށްލި ހުސްކަން ފުރިހަމަވާން ފެށުމުން، ފުރަތަމަ ފަހަރަށް ސައިފަށް އަނެއްކާވެސް ހަމަ ނޭވާއެއް ލެވުނުހެން ހީވިއެވެ.

އެ ހުށަހެޅުން

އެއްދުވަހެއްގެ ހަވީރު ދެމީހުން ގޮނޑުދޮށުގައި ހިނގަމުން ދަމުން ނިއުމާ ސައިފާ ދިމާއަށް އެނބުރުނެވެ.

"އަހަރެން މި ވިސްނަނީ…" ފަސްޖެހިފައި ހުރެ ނިއުމާ ބުންޏެވެ، "އަހަރެމެން ދެމީހުންނާ މެދު."

ސައިފްގެ މެޔަށް ފިތިގެން ދިޔަހެން ހީވިއެވެ. މިވަގުތު އެންމެ ފަހުން އަންނާނެކަން އޭނާއަށް އެނގުނު ނަމަވެސް ހުސްނާ ނެތުމުގެ ބަރުދަން އަދިވެސް ދިގުދެމިގެން ދެއެވެ.

ނިއުމާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. "ތިޔައީ އަޖައިބެއް ފަދަ ރަނގަޅު މީހެއް. އަދި އަހަރެން… އަހަރެން ކަލެއާ މެދު ވިސްނާތާ ވެސް ކިތަންމެ ދުވަހެއް. އެކަމަކު…"

"އެކަމަކު ކީކޭ؟" ސައިފް މަޑުމަޑުން އެވާހަކަ މެދުކަނޑާލިއެވެ.

"އަހަންނަށް އެނގޭ ކަލޭ ކޮންމެވެސް ކަމެއް ތަހައްމަލު ކުރަމުން ދާކަން. އެކަމަކު މިވަގުތު ހުރިހާ ކަމެއް އެނގޭކަށް ނުޖެހޭ. އަހަރެންނަށް ހަމައެކަނި އެނގެން ބޭނުންވަނީ އަހަންނާއެކު ސައިފު ކުރިއަށް ދާން ތައްޔާރަށް ހުރިތޯ."

އިޚްލާޞްތެރިކަމުން ދެލޯ ފުރިގެން ދިޔަ ސައިފް އޭނައާއި ދިމާލަށް ބަލާލިއެވެ. ފުރަތަމަ ފަހަރަށް އޭނާއަށް ހީވީ ފަހަރެއްގައި، ހަމައެކަނި ފަހަރެއްގައި، އޭނާއަށް ނިއުމާއާއެކު ދިރިއުޅުމެއް ބިނާކުރެވިދާނެ ކަމުގެ އުއްމީދީ ކުލަވަރެކެވެ.

"އަހަރެންނަށް ހީވަނީ ތިޔަހެން ވެދާނެހެން،" މަޑުމަޑުން އޭނާ ބުނެލިއެވެ.

ހުސްނާ ޕަރީ އެނބުރި އައުން

އެ ކައިވެންޏަކީ، ސައިފްގެ އާއިލީ ގޭގައި ބޭއްވި ވަރަށް މަތީ ދަރަޖައަކަށް ފާހަގަ ކުރެވުނު އަގުބޮޑު ކައިވެންޏެކެވެ. ހަމަ އެކަނި ހިތާމައަކީ އަދިވެސް އޭނާގެ ބައްޕަ އެނބުރި ނާންނަ ކަމެވެ. އެހެންނަމަވެސް ގާތްތިމާގެ މީހުންނާއި ރައްޓެހިން އެއްވެ، މިއުޒިކު ކުޅެ ބޮޑު ޖާފަތަކާއެކު އުފާފާޅުކުރަމުން ދިޔައެވެ. ނިއުމާގެ ހިނިތުންވުމުން މުޅިތަނަށް އަލިވި ނަމަވެސް ސައިފްއަށް ކޮންމެވެސް އެއްޗެއް ގެއްލިފައިވާ ކަމުގެ އިހުސާސްތައް ފިލައި ނުދިޔައެވެ.

އެރޭ ނިދަން ވަނުމުގެ ކުރީގައި އޭނާ ގޭގެ ބަގީޗާއަށް ނުކުމެލިއެވެ. އެއީ ހަނދުވަރު ދީފައިވާ ރެއެކެވެ. އެވަގުތު އޭނާގެ ކަންފަތާއި ހަމައަށް ކުރީގައި އަޑު އިވި ފަރިތަ ވެފައިވާ އަޑެއް ފޯރިއެވެ. މަޑުމަޑު ރާގުވެރި ހީނލުމަކާއެކުގައެވެ. އޭނާގެ ހިތް ހުއްޓުނު ކަހަލައެވެ.

"ހުސްނާ؟"

އޭނާ އަވަސް އަވަހަށް ފިޔަވަޅު އަޅަމުން ހިނިތުން ވެފައި ހުރެގެން އައެވެ.

އެތަނުގައި އޭނާ ހުރި ބަގީޗާގެ ގަސްތަކެއްގެ ތެރެއަށް އެޅިފައިވާ ހަނދުވަރުގެ ތެރޭގައި ހުސްނާގެ އަޖައިބެއް ފަދަ ރީތި ސިފަ ފާޅުވެގެން ދިޔައެވެ.

"ކަލޭ މެރީ ކުރަނީ ދޯ؟" އަޑު ތުރުތުރު އަޅަމުން ހުސްނާ ބުނެލިއެވެ.

ސައިފް އޭނާގެ ކައިރިއަށް ފިޔަވަޅެއް އަޅާލިއިރު އޭނާގެ ހިތުގައި ރިހުމެއްވާތަން އޭނާ ފެނުނެވެ.

"ހުސްނާނު އަހަންނަށް ގެއްލުނީ؟ އަހަރެން ކަލޭގެ އިންތިޒާރުގައި ކިހާދުވަހަކު ހުރިންތަ؟ ކަލޭ ހެދީ ކިހިނެއްކަމެއް އަހަންނަކަށް އެއްގޮތަކަށް ވެސް ނޭނގުނު."

"އަހަންނަށް ނާދެވުނީ!"

ދެލޮލުން ކަރުނަ ފައިބަމުން ދިޔަ ހުސްނާ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"މަންމަ އަހަންނަށް މަނާކުރީ. މަންމަ ބުނީ އަހަރެން އިންސީންގެ ދުނިޔެއާ މާ ބޮޑަށް ގުޅިފައި ހުރީއޭ. އެކަމަކު މިރޭ މިތަނަށް ނައިސް ނުހުރެވުނު. އެންމެ ފަހު ފަހަރު ނަމަވެސް އަހަރެން ކަލޭ ދެކެލަން ބޭނުންވީ."

ހުސްނާ ދެކެ އޭނާވާ ލޯތްބާއި ނިއުމާއަށް ކުރެވިފައިވާ ވައުދާ ދެމެދު ދެފަރާތަށް ދެމި އޭނާ ވީދިގެން ދިޔަހެން ހީވިއެވެ. ސައިފް ހުސްނާގެ ދެއަތްތިލައިގައި ހިފަހައްޓާލިއެވެ.

"ހުސްނާ، އަހަންނަކަށް ނޭނގެ މިހާރު ހަދަންވީ ގޮތެއް. އަހަރެން ނިއުމާއާ ކާވެނިކޮށް ނިމިއްޖެ. އަހަންނަކަށް މިހާރު އޭނަގެ ހިތް ހަލާކު ކޮށެއްނުލެވޭނެ."

ހުސްނާ އޭނާއަށް ބަލާލިއިރު އޭނާގެ މޫނުމަތީގެ ކުލަވަރުގައި ހިތާމައާއި ވިސްނުންތެރިކަން އެކުވެފައި ހުއްޓެވެ. "އަހަންނަށް ތިޔަކަން އެނގޭ. އެހެންވެ އަހަރެން މިތަނަށް މިއައީ އަލްވަދާޢު ކިޔަން."

ސައިފަށް އެއްޗެއް ބުނެވުމުގެ ކުރިން އެހެން ސޫރައެއް އެތަނުން ފާޅުވެގެން ދިޔައެވެ. އެއީ އެހެން ދުނިޔެއެއްގެ ވިދުވަރެއް އެކުލެވިފައިވާ ޝާހީ އަންހެނެއްގެ ސޫރައެކެވެ. އެއީ ޚުދު ޕަރީންގެ ރާނީ އެވެ!

"ޕަރީ ދައްތާ!"

"ސައިފް!"

ހުސްނާ އަމުރުވެރި އަޑަކުން އެކަމަކުވެސް އޯގާތެރިކަމާއެކު ބުންޏެވެ.

"އަހަރެންގެ އަންހެން ދަރިފުޅުގެ އިޙްސާސްތައް ކަލެއަށްޓަކާ ކިތަންމެ ފުންކޮށް ހުރި ނަމަވެސް ކަލޭމެން ދެމީހުންނަކަށް ގުޅެވޭކަށެއް ނެތް. ކަލޭ އުޅެން ޖެހޭނީ ކަލޭގެ އިންސި އަނބިމީހާ އެކު."

ހުސްނާ މަޑުމަޑުން ގިސްލަމުން ދިޔައިރު ރާނީ އޭނާގެ ބުރަކަށީގައި ފިރުމައި އޭނާ ރުއްސަން މަސައްކަތް ކުރިއެވެ.

"މިއަކީ ހުރިހާ ކަމެއްގެ ނިމުމެއް ނޫން ދަރިފުޅާ. ލޯބި، ދުނިޔެތައް ފަހަނައަޅައި ދޭ. އެކަމަކު އޭނާގެ ހިތުގައި ކަލޭގެ ލޯބި އުފުއްލާނެ ފަދައިން ކަލޭގެ ހިތުގައިވެސް އޭނާގެ ލޯބި އުފުލަންވާނެ."

ސައިފްއާ ދިމާއަށް އެނބުރިލަމުން ރާނީ އިތުރަށް ބުންޏެވެ. "ކަލޭގެ ބައްޕައަށް ވެސް އެއްފަހަރަކު މި އިމްތިހާނާ ކުރިމަތިލާން ޖެހުނު. އޭނާގެ ވަޢުދަށް އޭނާ ހުރުމަތްތެރިވި. އެކަމުގެ ސަބަބުން އޭނާއަށް ހަމަޖެހުން ލިބުނު. ކަލޭވެސް އެގޮތަށް ކަންތައް ކުރަން ޖެހޭނެ."

ލޮލުން ކަރުނަ ފައިބަމުން ސައިފް ބޯޖަހާލިއެވެ. "އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ ހުސްނާގެ މަތީން."

"އަދި އަހަރެން އަބަދުވެސް ކަލޭ ދެކެ ލޯބިވާނަން،" އަޑު ފަޅައިގެން ގޮސް ހުސްނާވެސް ޖަވާބު ދިނެވެ.

ނިމުމެއް ނުވާނެހެން ދެމިގެން ދިޔަ ވަގުތާއެކު ހުސްނާއާއި އޭނާގެ މަންމަ ޖައްވު ތެރެއަށް ފޭދިގެން ދިޔައެވެ. އެ ވަގުތު ސައިފަށް އޭނާގެ ހިތުގައިވާ ބަރުދަން ބުނަން ވެސް ނޭނގޭހާ ބަރު ވެއްޖެއެވެ.

ކުރިއަށް ދިއުން

ނިއުމާއާ އެކު ދިރިއުޅުން ފުރަތަމަ ކޮޅު ސައިފަކަށް ފަސޭހައެއް ނުވިއެވެ. ސައިފް ގިނަ ފަހަރަށް ފެންނަނީ ފިކުރެއްގެ ތެރެއަށް ގެއްލިފައި ހުއްޓައެވެ. ހުސްނާއާ މެދު އޭނާގެ ހިތުގައިވާ ހަނދާންތަކަކީ އޭނާގެ ހަޔާތުގެ އެންމެ ހިތި، އެހެނަސް އެންމެ ފޮނި ހަނދާންތަކެކެވެ. އެކަމަކު ނިއުމާގެ ކެތްތެރިކަމާއި ހިތްވަރާއި އެއްބާރުލުން އޭނާގެ މި ހާލަތު ބަދަލު ކުރުމަށް އެހީތެރިވެދިނެވެ.

އެއްދުވަހެއްގެ ހަވީރު ދެމީހުން އެކުގައި އިރުއޮއްސޭ މަންޒަރު ބަލަން ތިބެފައި ނިއުމާ އޭނާގެ ކޮނޑުގައި ބޯ އަޅާލިއެވެ.

"ދުވަހަކުވެސް އޭނާގެ ހަނދާންތަކާ ނުލައި އުޅެވިދާނެތަ؟" މަޑުމަޑުން ނިއުމާ އަހާލިއެވެ.

ސައިފް އަށް ޝޮކެއް ލިބުނެވެ. "އޭނާ؟"

ނިއުމާ ކުޑަކޮށް ހިނިތުންވެލިއެވެ. "ތި އިންތިޒާރު ކުރަމުންދާ މީހާ. ތަފްޞީލު ކޮންމެހެން އެނގޭކަށް ނުޖެހޭ. އަހަރެން ހަމައެކަނި އެނގެން ބޭނުންވަނީ ކަލޭ އުފާވޭތޯ، ނޫނީ ނުވޭތޯ. އަހަރެންނާއެކު އުޅެން ހިތްހަމަޖެހޭތޯ؟"

ޝުކުރުވެރިކަމުން ހިތް ފުރިގެން ދިއުމާއެކު ސައިފް އޭނާގެ އަތުގައި ހިފާލިއެވެ. "އަހަންނަށް މިއަދު ލިބޭ ހުރިހާ އުފަލަކީ ތިއީ. އެހެންވެ ހުރިހާ ދުވަހަކު ވެސް ކަލެއަށްޓަކައި ޝުކުރުވެރިވަން."

ނިއުމާ އޭނާގެ އަތުގައި ފިރުމާލުމާލުމުން، ފުރަތަމަ ފަހަރަށް ސައިފްއަށް މިނިވަން ކަމުގެ އިހުސާސެއް ކުރެވުނެވެ. އޭނާގެ މޭމަތީގެ ނިޝާނާއި، ކަޅިބިތުގެ ހަނދާންތަކާއި، ޕަރީންގެ ހެއްވާ ވާހަކަތައް އޭނާގެ މާޒީގެ ފުން ކަމުގެ ތެރޭގައި ފޮރުވާލިއެވެ. އެކަމަކު އޭނާގެ މުސްތަގުބަލު އޮތީ ނިއުމާއާ އެކުގައި ކަމުން، ދެމީހުންނަށް ވެސް ލޯބިވާ ދިރިއުޅުމެއް ބިނާކުރެވިދާނެ ކަމަށް ބަލައި އޭނާވެސް އެކަމަށް އަޒުމް ކަނޑައެޅިއެވެ.

އިރު އުޑުމަތީން ސޮއްސާލައިގެން ކަނޑުތެރެއަށް ފީނައިގެން ދިޔައިރު، ގޮނޑުދޮށަށް ރަނުގެ ހިޔަނިތަކެއްގައި ފަތުރާފައިވެއެވެ.

ސައިފްއަށް ވިސްނުނީ ބައެއް ލޯބީގެ ވާހަކަތަކަކީ ވަޅުލެވި ފޮރުވިގެންދާނެ ވާހަކަތަކެއް ނަމަވެސް އަނެއްބައި ވާހަކަތަކަކީ ކެތްތެރިކަމާއެކު ތަހަންމަލް ކުރަން ޖެހޭ ވާހަކަތަކެއް ކަމުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *