ރާއްޖޭގައި ލިބެން ހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުން އިތުރުކޮށް ތިމާވެއްޓާ ރައްޓެހި ގޮތުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ފެނަކައިން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެކެވެ. އެގޮތުން އަވިން ކަރަންޓު އުފައްދާ ސޯލާ ޕީވީ ސިސްޓަމްތައް ހަރުކުރުމަށް މުހިއްމު މަޝްރޫއުތަކެއް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި މުޅިން އަލަށް ފެށި ޕްރޮގްރާމްތަކާއި ކުރިން ފެށިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކުގެ ދަށުން އެ ކުންފުނިން ޚިދުމަތްދޭ ރަށްރަށުގައި ސޯލާ ހަރުކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވެއެވެ.
"ފެނަކައިން ހިންގި ސޯލާ މަޝްރޫޢުތަކުގެ ދަށުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭ އެކަނިވެސް 2،298 ކިލޯވޯޓުގެ ސޯލާ ހަރުކުރެވިފައިވާ ކަމަށް އެ ކުންފުނިން އާއްމިކޮށްފައިވާ ހިސާބުތަކުން ދައްކައެވެ. އަދި 7،005 ކިލޯވޯޓުގެ ބެޓެރީ ކެޕޭސިޓީ އިތުރު ކުރެވިފައިވެއެވެ." ފެނަކައިން ބުނެއެވެ.
ފާއިތުވި އަހަރު، އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ފެނަކައިން ފެށި އެންމެ ފާހަގަކޮށްލެވޭ ޕްރޮގްރާމަކީ، އެ ކުންފުނީގެ ހުރިހާ އޮފީސްތަކާއި އިންޖީނުގެތަކުގެ ފުރާޅުގައި ސޯލާ ހަރުކުރުމަށް ފެށި އިން-ހައުސް ސޯލާ ޕްރޮގްރާމެވެ.
"މި ޕްރޮގްރާމުގެ ސަބަބުން ކުންފުނި ހިންގުމަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެއެވެ." ފެނަކައިން ބުނެއެވެ. "މި ޕްރޮގްރާމްގެ ދަށުން މުޅި ޖުމުލަ 5.2 މެގަވޯޓުގެ ސޯލާ ހަރުކުރެވޭ އިރު މި މަޝްރޫޢުގެ ޖުމުލަ އަގަކީ 92 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫޢުގެ ދަށުން އަހަރަކު 2.6 މިލިއަން ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރާއިރު، އެއީ އަހަރަކު 19.9 މިލިއަން ރުފިޔާގެ ޑީސަލްއެވެ. މި މަޝްރޫގެ ދަށުން 18 އަދި 30 ކިލޯވޯޓުގެ ގްރިޑް ޓައިޑް ސޯލާ ހަރުކުރެވޭއިރު މި މަޝްރޫޢުގެ ދަށުން ފެނަކައިގެ އޮފީސްތަކުގެ ފުރާޅުގައި ސޯލާ ހަރުކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށައިފައެވެ."
އާއްމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް، ގޭބީސީތަކަށް ޚާއްސަކޮށްގެންވެސް ފެނަކައިން ވަނީ އެކި ފަހަރުމަތިން ތަފާތު ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރެއިން މިއަހަރު ފުރުސަތު ހުޅުވާލެވުނު މަގޭ ސޯލާ ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ.
މިއީ މޫސުމީ ބަދަލުތަކާއި ތިމާވެށި އަދި ހަކަތައާބެހޭ ވުޒާރާ ގުޅިގެން، އާއްމުންގެ ގެތަކުގެ ފުރާޅުގައި ސޯލާ ހަރުކުރުމަށް ހުޅުވާލެވުނު ފުރުސަތެކެވެ. މި ޕްރޮގްރާމްގެ ދަށުން ސާވޭތައް ހެދުމާއި ސޯލާ ހަރުކޮށްދެނީ ފެނަކައިގެ ފަރާތުންނެވެ. މި މަޝްރޫޢުގެ ތެރެއިން ޖުމްލަ ތިން މެގަވޯޓުގެ ސޯލާޕީވީ ގޭބިސީތަކަށް ފޯރުކޮށްދެވޭނެ ކަމަށް ފެނަކައިން އަންދާޒާ ކުރެއެވެ.
"ފެނަކައިން މަސައްކަތް ކުރަމުންދަނީ، 150 އަށްވުރެ ގިނަ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ޑީސަލަށް މިހާރު ކުރާ ޚަރަދު ކުޑަކުރުމަށެވެ. އަދި ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް އެންމެ ފުރިހަމަ ގޮތުގައި ބައިވެރިވެ، އެއްބާރުލުން ދިނުމަށް މި ކުންފުނި އޮތީ ތައްޔާރަށެވެ." ފެނަކައިން ބުނެއެވެ.



advertisment

