ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗުން އިތުރު އަށް ބިން ވިއްކުމަށް އެޗް.ޑީ.ސީން ހުޅުވާލައިފި އެވެ. ބީލަމުގެ އުސޫލުން ދޫކުރާ މި އަށް ބިމުގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ދޫކުރާ ދެ ބިމަކާއި ބީޗް ސައިޑުން ދޫކުރާ ހަ ބިމެކެވެ.
އެޗް.ޑީ.ސީން ބުނާ ގޮތުގައި ބީޗް ފްރަންޓުން ވިއްކުމަށް ހުޅުވާލާފައި ވަނީ 1،708 އަކަފޫޓުގެ ބިމަކާއި 1،737 އަކަފޫޓުގެ ބިމެކެވެ. އަދި ބީޗް ސައިޑުން ދޫކުރަނީ 1،513 އަކަފޫޓާއި 1،534 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.
މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެއެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުން ނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވާންވާނެ އެވެ.
އެޗް.ޑީ.ސީން ބުނާ ގޮތުގައި ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500ރ. އެވެ. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000ރ. އެވެ. ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅިދާނެއެވެ.
"މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު މި ކޯޕަރޭޝަންގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު، މި ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުއްވައިގެން ވެސް ސާފުކުރެއްވޭނެ އެވެ." އެޗް.ޑީ.ސީގެ އިއުލާންގައި ވެއެވެ.



advertisment

