ދިގު ރުއްތަކާއި ބޯ ގަސްތަކުގެ ތެރޭގައި ފޮރުވިގެން، ކޯއްޓޭ ވަލުތެރޭގައި ހުސެން ދިރިއުޅެމުން ދެއެވެ. މީހަކަށް ފެނިދާނެތީ ބިރުން އޭނާ ހުންނަނީ ވަށައިގެން ހޯދާލަ ހޯދާލައެވެ. އިރުއިރުކޮޅާ އޭނާގެ ހިތް ބާރަށް ތެޅިގަނެއެވެ. ލަތްތަކެއް ޖަހާފައި ހުރި އޭނާގެ ހަންގަނޑުގައި ބަލިމަޑުކަމެއް ހުރި ކަމަށް ފާހަގަކުރެވުމުން، އޭނާ އުޅެނީ ރަށުތެރޭގައި އުޅެން ބިރުންނެވެ. މީހުން އޭނާއަށް މިވެނި ކަހަލަ ބައްޔެއް ޖެހިފައިވާ ކަމަށް ބުނެ ވާހަކަ ދައްކަމުން ދާތީއެވެ. މިކަމުގެ ހަގީގަތް އެނގޭ ބަޔަކުވެސް ނެތެވެ. އެކަމަކު އެބައްޔަށް ޝައްކުވެގެން ބަޔަކު ގެންގޮސް އެކަހެރި ކުރިކަން އޭނައަށް އެނގެއެވެ. އެގޮތަށް އެކަހެރިކޮށް، ގެންދިޔަ އެކަކުވެސް ދުވަހަކުވެސް އެނބުރި ނުއެއް ގެނެއެވެ. އޭނާ ފިލައިގެން ވަލުތެރޭ އުޅެނީ އެކަމުގެ ބިރުވެރިކަން ބޮޑުކަމުންނެވެ.
އައްޑޫ ހިތަދޫ ކޯއްޓޭގެ ވަލުތެރެއަކީ އޭނާއަށް މިއަދު ސަލާމަތުން އުޅެވެން އޮތް ހަމައެކަނި ތަނެވެ. ވަލުތެރޭން އޭނާއަށް ކާށްޓާއި އެނޫންވެސް ކާ ތަކެތި ލިބެއެވެ. ވަލު މޭވާތަކާއި، އަދި ދޭތެރެ ދޭތެރެއިން ތަރުކާރީ ލިބެއެވެ. އޭނާ ސިއްރުސިއްރުން ގެޔަށް ގޮސް އެނޫންވެސް ބޭނުންވާ ތަކެތި ގެނެސް ހަދައެވެ. ކޯއްޓޭގެ ވަލުތެރޭގައި ހުރި ހިރުނދު ގަހެއްގައި އޭނާ ނިދާލައި އަރާމުކޮށްލާނެ ތަނެއް ހަދައިފައި ހުރެއެވެ. އޭނާގެ މައިންބަފައިން ކިތަންމެ ނިކަމެއްޗަކަސް އެމީހުންނަށް ލިބޭ ކުޑަ އެތިކޮޅަކުން ބައެއް ހުސެންއަށް ދިނުމަށް އަބަދުވެސް ބަހައްޓައިފައި ހުރެއެވެ. އޭނާ އައުމުން އެއެއްޗެއް ދީފައި އަވަހަށް ފޮނުވާލައެވެ. އެމީހުންގެ ހުރި ހަމަ އެކަނި ފިރިހެން ދަރި އެކަހެރިކޮށް ފޮނުވާލަފާނެތީ އެމީހުން ތިބެނީ ވަރަށް ބިރުންނެވެ.
އެއީ ފުރިހަމަ ހަނދެއް އަރައިގެން އައި ރެއެކެވެ. އެރޭގެ ހަނދު ވަކީން ބޮޑުހެން ހީވެއެވެ. އަދި އެހާ އަލިވެސް ގަދައެވެ. ވަލުތެރެއަށް ހަނދުވަރު ދީފައިވާ އިރު ހީވަނީ ދުވާލެއް ހެންނެވެ. އެހެންވެ އެ ރޭގަނޑުވެސް އޭނާ ހުރީ ވަރަށް ބިރުންނެވެ.
މެންދަމުން އަނބުރާލިތަނާ ހުސެންއަށް އެކިކަހަލަ އަޑުއަޑު އިވޭހެން ހީވާން ފަށައިފިއެވެ. އަދި އާދަޔާ ޚިލާފަށް ވާތައް އުދުހޭތަން ވެސް ފެނެއެވެ. އަދި ދޮން ދޫނިތައް ވެސް ވަށައިގެން އުދުހޭ ތަން ފެނުމުން އޭނާ ހައިރާންވިއެވެ. ގަސްތަކުގެ ތެރޭން އެކި ކަހަލަ ސޫފާސޫފީގެ އަޑު މިރޭ ވަކީން އަޑުގަދައެވެ. މި ހުރިހާ އަޑެއްގެ ތެރޭން ފަނޑު މިއުޒިކެއްގެ ރާގު އިވޭހެން ވެސް އޭނާއަށް ހީވެއެވެ.
ހުސެން ވަނީ ވަލުތެރޭގައި އެކަނި އުޅެން އާދަވެފައިވެސް މެއެވެ. އެކަމަކުވެސް މިރޭ މި އިވޭ އަޑުތަކާއި ހިނގަމުންދާ ކަންކަމާމެދު އޭނާގެ ހިތް ބިރުގަންނަން ފަށައިފިއެވެ. ވިޔަސް އެ މިއުޒިކުގެ އަޑުއިވޭ ދިމާއަށް އޭނާ ދާން ބޭނުންވިއެވެ. އޭނާ މަޑުމަޑުން ބޮނދަމުން ގަސްތަކުގެ ތެރޭން ގޮސް ރަނިންހަނާ ފެންގަނޑާ ހަމަޔަށް ހިނގައްޖެއެވެ. އެ ފެންގަނޑުގެ ވާހަކަ އޭނާ ކުރީންވެސް ވަނީ އަޑު އަހައިފައެވެ. އެކަމަކު އެތަނުން އޭނާއަށް ފެނުނު މަންޒަރު ދުށުމަކަށް އޭނާ ހުރީ ތައްޔާރުވެފައެއް ނޫނެވެ.
އޭނާގެ ހިތް މޭތެރޭގައި ބާރަށް ތެޅެމުން ދިޔައެވެ. އޭރު އެތަނުން ގަދައަށް މިއުޒިކްގެ އަޑު އިވެމުން ދިޔައެވެ. އެއީ އޭނާއަށް މީގެ ކުރީގައި އިވިފައިވާ ކަހަލަ އަޑެއް ނޫނެވެ. އޭނާ ރަނގަޅަށް ބަލާލި އިރު އެތަނުގައި ބަޔަކު ހަރަކާތްތެރިވަމުން ދިޔައެވެ. އެއީ އާދަޔާ ޚިލާފު ރީތި އަންހެން ކުދީން ތަކެކެވެ. އެކުދިން ހެމުން ނަށަމުން ފެންގަނޑުގެ ތެރޭގައި ތިބެ ފެންވަރައި މަޖާ ކުރަމުން ދިޔައެވެ.
މި މަންޒަރު ފެނުމުން އޭނާ ބިރުގަތް ވަރަށްވުރެން ބޮޑަށް ޝައުގުވެރިކަން އިތުރުވެގެން ދިޔައެވެ. އޭނާގެ ހިތް ހީވަނީ މޭތެރޭން ބޭރަށް ނުކުމެދާނެހެންނެވެ. އޭނާ ނޭވައެއް ލާކަށް ވެސް ހަނދާނެއް ނެތެވެ.
އޭނާ ގަސްގަހުގެ ތެރެ ހާވައިގެން ރަނގަޅަށް އެތަން ބަލަން ބޮނދާ އޮތެވެ. ކުއްލިއަކަށް ހީވީ އޭނާގެ ދެފައި ބިންމަތީގައި ހަރުލީހެންނެވެ. އޭނާ ތުރުތުރުއަޅައިގަތެވެ. އެވަގުތު ބިއްލޫރިން ހުރި އަންހެނަކު އޭނާގެ ކުރިމަތީގައި ހުއްޓާ ފެނުނެވެ. އެފަދަ ރީތި އަންހެނަކު އޭނާއަށް ދުވަހަކުވެސް ފެނިފައެއް ނެތެވެ. އޭނާއަށް ކަޅިޖަހާލަން ވެސް ނޭނގި ބަލަހައްޓައިގެން ހުރެވުނެވެ.
ހަނދުވަރުގެ އަލީގައި ދިއްލިފައިވާ ތަރިތަކެއް ފަދައިން ވިދާ ބަބުޅަމުން ދިޔަ ހަމަ އެފަދަ ބިއްލޫރި ޕަރީންތަކެއް އޭރު ރުއްތަކުގެ ތެރޭގައި ނަށައި ލަވަކިޔާ ހަދަން ތިއްބެވެ. އެމީހުން ހީނހީފައި މަޖާކުރެއެވެ. ހުސެން ގެންފައި ހުރި ބިރުގެ ސަބަބުން މި މަންޒަރުގެ ހުރި އަޖައިބުކަން ފެންނަ ހެންވެސް ހިޔެއް ނުވެއެވެ. މުޅިތަނަށް ވެރިވެފައިވަނީ ސިހުރުވެރި މާހައުލެކެވެ.
ހުސެއިންއަށް ނޭވައެއް ލެވުމުން އޭނާ ފަހަތަށް ފިޔަވަޅެއް އެޅީ ދުއްވައިގަންނަން ހިތަށް އަރާފައެވެ. އެކަމަކު އޭނާގެ ކުރިމަތީގައި އޭރު ޕަރީންގެ ރާނީ ކުރިމަތިން ގުޑާވެސް ނުލެވުނެވެ. ހީވަނީ އެއީ އަލިމަހުން އުފެދިފައި ހުރި އަންހެނެއް ހެންނެވެ. އޭނާގެ ލޮލުގައިވާ ވިދުވަރު އޭނާ ފޫ އަޅުވާލިހެން ހީވިއެވެ. އޭނާގެ ފައިތިލަ ބިމުގައި ތަތްވި ގޮތަށް އޭނާ ހުރީ ގަނޑުވެފައެވެ. ފެންނެތްތާކު މަހެއް ތެޅޭ ބީދައިން އޭނާ ތުރުތުރު ލަމުން ދެއެވެ.
"ކީއްވެ ބިރުން ތިޔަ އުޅެނީ؟" މަޑު މިއުޒިކެއްގެ ރާގުގައި ތޫލި އަޑަކުން ރާނީ ބުންޏެވެ. "ކަލޭ ފިލާ ތިޔަ ހުރީ ކީއްވެ؟"
ހުސެން ކަކުލު ހުޅުން ދޫވެ ބިންމައްޗަށް ވެއްޓެން ދިޔައެވެ. އޭނާގެ ހޭވެރިކަން ދާން އުޅޭހެން ވެސް ހީވިއެވެ. ރާނީ އެހާ ކައިރީގައި އޭނާގެ ތޫނު ނަޒަރުން ބަަލަން ހުރުމުން އޭނާއަށް ހުރެވުނީ ގަނޑުވެފައެވެ.
"ކެއްޔައް؟ ތޭ ކެއްޔައް؟" ހުސެންއަށް އިޚްތިޔާރެއް ނެތި ތީކާކުހޭ އަހާލެވުނެވެ.
ޕަރީ ނުހަނު އޯގާވެރިކަމާ ހިނިތުންވަމުން ބުންޏެވެ. "މަށަކީ މި ފެންގަނޑުގެ ރާނީ. މީ އަހަރެން ފެންވަރަން އަންނަ ފެންގަނޑު. ކަލޭ މިތަނަށް އައިސް ތިޔަ އުޅެނީ ކީއްކުރަން؟"
އޭނައަށް އަދިވެސް ކަޅިޖަހައިނުލާ ބެލެނީ އޭނާގެ އަޖައިބެއް ކަހަލަ މޫނަށެވެ. އެއީ ރީތި މޫނެކެވެ. ހިތްގައިމު ހިނިތުންވުމެކެވެ.
"މަ… މަށަކީ ހުސައިން. އަހަރެން މިއުޅެނީ މި ވަލުތެރޭ ފިލަގެން،" އޭނާގެ ހާލަތުގެ ލަދުވެތިކަން އިހުސާސް ކުރެވެމުން ދެލޯ ތިރިކޮށްލިއެވެ.
ރާނީ އޭނާއަށް ބަލާލިއިރު އޭނާގެ މޫނުމަތީގެ ކުލަވަރު ފެންނަނީ ވިސްނުންތެރިކަމާއި މަޑުމައިތިރި ކަމެވެ.
"ހުސެން ކީއްވެ ފިލައިގެން ތި އުޅެނީ؟"
ހުސެން ފަސްޖެހިފައި، ޖަވާބު ދިނެވެ. "އަހަރެންގެ ގައިގަ މިހިރަ ހަމުގެ ސަބަބުން… މީހުންނަށް ހީވަނީ އަހަރެންނަށް މިހިރީ ބައްޔެއް ޖެހިފައިހެން. އެމީހުން ހީކުރަނީ އަހަރެންގެ ގައިން އެމީހުންގަޔަށް ބައްޔެއް އަރާފާނެޔޭ. އެމީހުންނަށް އަހަރެން ފެނިއްޖެއްޔާ އަހަރެން ގެންދާނެ،" އޭނާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. "އަހަންނަކަށް މިއަދަކު ނެތް އެނބުރި އެމީހުންގެ ގާތަށް ދެވޭކަށް."
ރާނީ ބޯޖަހާލަމުން ކައިރިއަށް ފިޔަވަޅު އަޅައި އޭނާގެ ކޮނޑުގައި މަޑުމައިތިރި އަތެއް ޖައްސާލިއެވެ. އެކަމަނާގެ އަތްލުމުން އޭނައަށް ހިތްހަމަޖެހުމުގެ ހޫނުކަމެއް އިހްސާސް ކުރެވެމުން ދިޔައެވެ. އޭނާގެ ބިރު ފިލައި ރައްކާތެރިކަމުގެ އާދަޔާ ހިލާފު އިހުސާސެއް ކުރެވުނެވެ.
"ދައްކަ ބަލަ" ހުސެންގެ ގައިގައި ނަގާފައި ހުރި ބަލިމަޑުކަމުގައި، އޭނާގެ ހިމަ ހޯލި އިނގިލިތަކުން ރާނީ މަޑުމަޑުން އަތްލިއެވެ. އޭނާ ފަކުރުގެން ފަހަތަކަށް ނުޖެހުނެވެ. ނުހަނު އޯގާތެރިކަމާއެކު ހުސެންއަށް ބަލާލަމުން މަޑުމަޑުން ރާނީ ބުނެލިއެވެ.
"ކަލޭ ބިރު ނުގަނޭ ހުސައިން" ރާނީ ބުންޏެވެ. "އަހަންނާއެކު އާދޭ."
އޭނާއަށް ދެކޮޅެއް ނުހެދުނެވެ. ރާނީ އޭނާގެ އަތުގައި ހިފައިގެން ފެންގަނޑުދޮށަށް ދިއުމުން، ދެން ތިބި ޕަރީން ވެސް ހިނިތުންވުމަކާއެކު އޭނާގެ ގާތަށް އަތުވެއްޖެއެވެ. އަދި އެ މީހުންނާއެކު ފެންގަނޑަށް އެރުމަށް އިޝާރާތް ކުރިއެވެ.
ހުސެއިންގެ ހިތް ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. އޭނާއަށް ދުވަހަކުވެސް އެގޮތަށް މަރުހަބާ ކިޔައި، ބަޔަކު އޭނާ ބަލައިގެންފައެއް ނުވެއެވެ. އެމީހުންނަކީ އޭނާއަށް ދުވަހަކުވެސް ފެނިފައިނުވާ ފަދަ ގާތް ބައެއް ކަމުގައި ހީކުރެވުނެވެ.
ރާނީ ފެންގަނޑަށް އިޝާރާތްކޮށްފައި ބުންޏެވެ. "އާދޭ އަހަރެމެންނާއެކު މަޖާކުރަން."
އޭނާ ފެންގަނޑަށް ބަލާލިއިރު، ހަނދުގެ ރިހިކުލައިގެ އަލިން އެތަން ފެންނީ ރިހި ވިރުވައި އޮއްސާފައިވާ ތަނެއްގެ ގޮތުގައެވެ. އޭނާ ފަސްޖެހިފައި ހުއްޓާ ރާނީ އޭނާގެ އަތުގައި ހިފައިގެން އެ ފެންގަނޑަށް ފައިބައިފިއެވެ. އޭނާ ހީކުރި ގޮތަކަށް އެ ފެންގަނޑު ފިންޏެއް ނޫނެވެ. ދުވާލުގަޑީގައި މޫދަށް ވުރެން ވެސް ހޫނެވެ. ހުސެން، ރާނީގެ ފަހަތުން ފިޔަވަޅު އަޅަމުންދިޔައެވެ. އެއާ އެކު ޕަރީންތައް އައިސް ވަށާލައިފިއެވެ. އޭރު ހުދުކުލައިގެ ދޫނިތަކާއި ކަޅު ވާތައް އުދުހެމުން ދިޔައެވެ. މުޅިތަނުން ދުވަނީ ގޮމަކަސްތޫރި ބީމަހީމައިގެ މީރު ވަހެވެ.
ފުރަތަމަ ފަހަރަށް އޭނާއަށް ބުނަން ނޭނގޭ ކަހަލަ އުފާވެރިކަމެއް އިހްސާސް ކުރެވިގެން ދިޔުމާއެކު، ފެންގަނޑުގެ ފުނަށް ހުސެން ވެސް އެރިއްޖެއެވެ. އަދި ޕަރީން ތަކުގެ ތެރޭގައި ފަތަމުން ސަކަރާތްގަންނަމުން ދިޔައެވެ. އެމީހުންގެ ހީނހީނފައި އުފާވެރިކަމުގެ އަޑުތައް ލައްވަމުން ދިޔައެވެ. އެވަގުތު ބުނަންވެސް ނޭނގޭ ކަހަލަ ލުއިކަމެއް ހުސެންގެ ހިތަށް ވެރިވެގެން ދިޔައެވެ.
ބޯމަތީގައި ހުދުހެމުންދާ ދޫނިތައް އުދުހެމުން ލަވަކިޔަމުން ދެއެވެ. ހަނދުގެ އަލި އެޅިގެން އެސޮރުމެންގެ ފިޔަތައް ނިވިދިއްލެމުން ދެއެވެ. އެއީ ދުނިޔެމަތީން މީހަކަށް ފެނިދާނެހެން ހީނުވާ ފަދަ އަޖައިބު ކުރުވަނިވި މަންޒަރެކެވެ. އެ މަންޒަރު ލަފުޒުތަކަކުން ސިފަކޮށްދިނުމަކީ ވާނޭ ކަމެއް ނޫނެވެ.
ފަތިސް ކައިރިވާން ފެށުމުން ރާނީ އޭނާގެ އަތުގައި ހިފައިފައި ސަލާންކޮށްލިއެވެ. އެކަމަނާ މޫނުފުޅުމަތީން ލޯތްބާއި ކުލުނުގެ ކުލަތަކެއް ފެނިގެން ދިޔައެވެ.
"ހުސެން، މިރޭ މި ހިނގި ކަންކަމުގެ ވާހަކަ އެއްވެސް މީހަކަށް ކިޔައިދީގެން ނުވާނެ. އެވާހަކަ ދައްކައިފި ނަމަ، ކަލެއަށް އަހަރެމެން ދިން ހަދިޔާ ގެއްލިގެން ހިނގައިދާނެ. ކަލޭގެ ހަމުގައި ހުރި ބަލިމަޑުކަން އަލުން އިޔާދަވެދާނެ. ކަލޭ އަހަރެން ގާތު މިކަމަށް ވަޢުދުވެދާނަންތަ؟"
ހުސެއިން ޕަރީގެ ޔާގޫތު ފަދަ ނޫ ދެލޮލަށް ބަލާލިއެވެ. ރާނީ އެދޭ ގޮތަކާ ދެކޮޅެއް ނުހެދޭނެކަން އޭނާއަށް އެނގުނެވެ.
"އާނ. އަހަރެން ވަޢުދުވަން."
ޝުކުރުވެރިކަމާއެކު އޭނާ ހީނލިއެވެ. "އަހަރެން މިކަން މުޅި އުމުރަށް ވެސް ސިއްރުކުރާނަން."
ރާނީ ހިނިތުންވެލަމުން އެންމެ ފަހުގެ ވަދާއު ކިޔައިފައި އޭނާއާ އެކު އައިސް ތިބި ޕަރީންނާއެކު އިރުއެރުމުގެ ކުރިން އެތަނުން ދިޔުމަށް ތައްޔާރު ވެއްޖެއެވެ.
ޕަރީންތައް އުދުހިގެން ދިޔުމުން ހުސެން އޭނާގެ އަތާއި ހަށިގަނޑަށް ރަނގަޅަށް ބަލާލިއިރު އޭނާގެ ގައިން ކުރީގައި ފެންނަން ހުރި އެއްވެސް ބަލިމަޑުކަމެއްގެ ނިޝާނެއް ނެތެވެ. ދެން އޭނާ ފެންގަނޑުން އަރައިގެން އޭނާ އޮށޯވެ އޮންނަ ގަހަށް އަރައި ނިދައިފިއެވެ.
ހުސެންއަށް ހޭލެވުނީ މެންދުރާ ދާދި ކައިރިވެފައި ހުއްޓައެވެ. އޭރު އޭނާ ހުރީ ވަރަށް ބަނޑުހައިގެންފައެވެ. އޭނާ ވިސްނާލިއިރު ރޭގައި އޭނާއަށް އެ ފެނުނީ ހުވަފެނެއް ނޫންބާއޭ ހިތަށް އަރަމުން ދިޔައެވެ. އެކަމަކު މެންދުރު އަތްވަށް ނުކުމެ އޭނާ ރަނގަޅަށް ބަލައިލިއިރަކު އޭނާގެ ގައިން ބިއްސެއްހާ މިންވަރުވެސް މިހާރަކު ފެންނާކަށް ނެތެވެ.
ހުސެން ޖެހިލުންވެ ހުރުމާއެކު އިރު އޮއްސުމުގެ ކުރީގައި ބިރުކަނޑާލާފައި އޭނާގެ ގެޔަށް ދިޔައެވެ. އެދުވަހު އޭނާ ހުރީ ވަރަށް ބަނޑުހައިވެފައިވެސް މެއެވެ. އޭނާގެ މަންމައަށް އޭނާ ފެނުނުން ބިރުން އަވަހަށް ބުންޏެވެ.
"ކަލޯ ހުސޭނާ. ތަ ބިރަކަސް ނިގަނައި؟ ތަ ހޯދާއް ދޭވާނި ބޭބޭ ތިން ދުވެހި ތެބެ އައި."
ދެން ހުސެން އޭނާގެ މަންމައަށް އޭނާގެ ގައިގައި ބައްޔެއް ނެތްކަން ދެއްކިއެވެ.
"ބަލަފެލެ އަމާ. މަގައި ނެތް ނުނީ ތެބެނާ ކަހަލެއި ބަލިކަމަށް."
އޭނާގެ މަންމަ ވަރަށް އުފާވެފައި ހައިރާން ކަމާއެކު ބުންޏެވެ. "ވައްރާ. އެކަމަކި ތަ މީހުންނަށް ފެނޭ ހިސާބަށް ނިނުކުންނަ ހެތި."
ހުސެން އެދުވަހު ހުރީ ދުވަހަކުވެސް ނުވާހާ އުފާވެފައެވެ. އެކަމަކު އޭނާ ޕަރީ ރާނީގެ މަތީން ވަރަށް ހަނދާންވިއެވެ. އެހެންނަމަވެސް ޕަރީންތައް އަންނާނީ އަނެއްކާވެސް ހަނދު ބޮޑުވީމާކަން އޭނާއަށް އެނގުނެވެ.
ވަލުތެރޭ އުޅޭތާ އެތައް މަހެއް ފަހުން އަމިއްލަ އެނދުގައި އަރާމުކޮށް ޖައްސާލުމުން ދުވަހަކު ވެސް ނުނިދޭހާ ގަދައަށް އޭނާއަށް ނިދިއްޖެއެވެ. ނިދީގައިވެސް ޕަރީން ހުވަފެނުގައި ފެންނަމުން ދިޔައެވެ.
އޭގެފަހުން ހަފުތާއެއް ހޭދަވެގެން ދިޔައިރު ވެސް ދޭވާނީ ބޭބޭގެ ޚަބަރެއް ނުވެއެވެ.
އެހެންވެ މަދުމަދުން ގެޔާ ތަންކޮޅެއް ދުރަށްވެސް ދެވެން ފަށައިފިއެވެ.
އެއްދުވަހަކު ހަވީރު އޭނާ ކަޅިބިތުން ހިނގާފައި ގޮސް ޒިޔާރަތްފަންނެ މަގުން ކުޑަކޮށް އެއްގަމަށް އަރާލިއެވެ. އޭރު އެތާ ބަށިކުޅެން ކޮންމެވެސް އަންހެން ކުދިންތަކެއް ތިއްބެވެ. އެއިން ކުއްޖަކު ޖެހި ބޯޅައެއް އައިސް ހުސޭނުގެ އަތަށް ލައްވާލިއެވެ. އޭނާ ހުށިޔާރު ކަމާއެކު އެ ބޯޅަ ހިފިތަނާ އޭގެ ތެރޭގައި ހުރި ކުއްޖަކު ހުސެން ގާތަށް ބޯޅަ އަތުލަން އަތުވެއްޖެއެވެ. އެ ކުއްޖާއަށް ހުސެން އެނގެއެވެ. އެއީ ހުސެންވެސް ދެކޭ ހިތްވާ ކުއްޖެކެވެ.
"އަހާނ، ހައުދަހައި ދުވަހައްކޮށްފެއްޔޭ ހުސޭނާ ތެ ފެނެނެއި؟"
އައިޝާ އޭނާގެ އަތުން "ސުވާ" އަތުލަމުން އޭނައާ ވާހަކަ ދެއްކީމަ ހުސެން ވަރަށް އުފާވިއެވެ. އޭރު ދެންތިބި ކުދިން ފަހަތަށް ކެވެން ފަށައިފިއެވެ.
"މަ ވޭނޑެނެއި ޕަރީން ހަނާ ފެންގަނޑަ ދޮށުގަ" ހުސެންއަށް މިހެން ބުނެވުނީ އިޚްތިޔާރެއް ނެތިއެވެ. އެކަން ވިސްނިގެން އޭނާ އެކަން ސަމާސާއަކަށް ހަދާލިއެވެ.
"މިކޯ ޕަރީ ރާނީއާތަ ހުސެން ހިތާވެގެން ތެވޭނޑެނެއި؟" އައިޝާވެސް ސަމާސާކޮށްލިއެވެ.
އައިޝާއަކީ ހުސެން ކުރީއްސުރެންވެސް ހިތްކިޔާ ކުއްޖެވެ. މިއަދު އޭނާއާ އައިޝާ ވާހަކަ ދައްކާލި ވަރަށް ވެސް ކުރިޔަކުން ވާހަކަ އެއް ނުދައްކައެވެ. އޭނާ އަކީ ރަށުގެ ގަދަރުވެރިޔެއް ކަމަށްވާ މުފީދުބޭގެ ދަރިއެކެވެ. އެހާ ތަނަވަސް ގަދަރުވެރި ކުއްޖަކާ ހުސެން ކަހަލަ އާދައިގެ ނިކަމެތި އާއިލާގެ މީހަކާ އަރާ އަރަފޯދިގެންނެއް ވެސް ނުވޭމެއެވެ.
އެ ދެމީހުންނަށް މާ ގިނަ އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ދޭވާނިބޭބޭ އެތަނުން ފެނިއްޖެވެ.
"އަހާ ހުސޭނާ!" ދޭވާނިބޭ އަވަހަށް ހުސޭނުގެ ގާތަށް ސިންގާއެއް ފުއްލާއެއްގެ މައްޗަށް ޖެހިގަންނަހާ ހަލުވިކޮށް އައިސް ބުނެފިއެވެ.
"ތަ ނިފެނެގެން މަހިނގާތާ ކެހެއި ދުވަހަށް. ހިނގާ. އަވަހަށް ހިނގާ ރަށު އޮފީހަށް."
އެއީ ހުސެން އެންމެ ބިރުން ހުރި ކަންތަކެވެ. އޭނާއަކަށް މިއަދަކު އެހެން ގޮތެއް ނޯންނާނެއެވެ. އޭނާ ދޭވާނި ބޭބެއާ އެކު ހިނގައިގެންފިއެވެ. ހިނގައިގަންނަމުން އޭނާ އެނބުރި އައިޝާއަށް ބަލާލިއެވެ. އޭރު އައިޝާގެ މޫނުމަތީން މޮޅުވެރިކަމެއް ފެންނަން ހުރިތަން އޭނާ އަށް ފެނުނެވެ.
ހުސެން ރަށު އޮފީހަށް ގެންދިޔަތާ ހަފްތާއެއް ވީ އިރުވެސް އެކަކަށް ވެސް އޭނާގެ ޚަބަރެއް ނުވެއެވެ. ރަށުތެރޭގައި އޭނަޔާ ބެހޭ ގޮތުން އެކި ވާހަކަ ދެކެވެމުން ދިޔައެވެ. އޭނާގެ މަންމަ ސަންފާތްތަ އެކި މީހުންނަށް އާދޭސް ކުރަމުން ރޮމުން ދިޔައެވެ. އެހެންވެ ހުސެންގެ މަޝްހޫރުކަން އިތުރަށް ރަށުގައި އިތުރުވެގެން ދިޔައެވެ. މި ވާހަކައިގެ ތެރޭގައި ބަޔަކު ހުސެންއާ މުފީދުބޭގެ އައިޝާއާ ވެސް އަޅުވާ ކިޔަން ފަށައިފިއެވެ.
ރަށުގެ އެންމެ ބޮޑު އޮފީސް ކަމަށްވާ ފިޔާތޮށިގޭގައި އޭނާއާ ކުރިމަތިލާން ޖެހުނީ އޭނާ އެންމެ ބިރުގަންނަ މީހުންނާއެވެ. އަތޮޅުވެރީންނާ ކަތީބުންނާއި އަދި ކަމުވޮށިގެންވާ ހުރިހާ މީހުން ފިޔާތޮށިގޭ ފެންޑާގައި ތިއްބެވެ. އެ އެންމެން އެކި ގޮތްގޮަތަށް އޭނާގައިގެ އެތަން މިތަން ބަލައި ބުރަކަށީގައި އިލޮށި ޖައްސައި އެތައް ގޮތަކަށް ބެލި އިރުވެސް އޭނާ ގައިގައި އެއްވެސް ކަހަލަ ބައްޔެއް ހުރިކަމުގެ ނިޝާނެއް ވެސް ނެތެވެ.
މީގެ އެންމެ ނުރައްކާ ކަމަކީ އޭނާގެ ބުރިކަށީގައި ކިރިޔާ ޖެހޭ ނުޖެހޭ ވަރަށް ޖައްސާ އިލޮށިކޮޅު ޖެއްސި ތަނެއް ބުނެދޭން އޭނައަށް ނޭނގިދާނެތީ އެވެ. މިހެން ދިމާވެއްޖެ ނަމަ އިތުރު ސުވާލެއް ނެތި އޭނާ ކޯހެރެއަށް ނުވަތަ ކައްބޯހެރައަށް ގެންދެވޭނެއެވެ.
ކަންތައް މިފަހަރު ދިމާވީ އޭނާގެ ނަސީބު އަތުގައި ހިފާފައިވާ ގޮތަށެވެ. އެ ހުރިހާ ގޮތަކަށް ބަލާ ނިމުމުން އެންމެ ފަހުން ކަތީބު ދޭވާނި ބޭބެއަށް ގޮވާފައި ހުސެން ގެޔަށް ގެންދިޔުމަށް އެންގިއެވެ. އަދި އޭނާ ރަށުތެރެއަށް އެރިޔަދީގެން ނުވާނެކަމާއި އަނެއްކާވެސް ހަފްތާއެއް ކޮށްފައި އަލުން ގެންނަން އެންގިއެވެ. ހުސެން ގުދަނުން ނެރެގެން އެންމެ ފަހުން ގެޔަށް ގެންދެވިއްޖެވެ.
އޭގެ ހަފްތާއެއްގެ ފަހުން ހުސެން ގެންގޮސް އަދި އިތުރަށް ވެސް ބެލިއެވެ. ހޮސްޕިޓަލް ހުޅުވަން އައިސް ތިބި އިނގިރޭސިންގެ ބަޔަކުވެސް އެ ދުވަހު އެތާ ތިއްބެވެ. އެމީހުން އޭނާ ބެލުމަށްފަހު އެއްވެސް މައްސަލައެއް ނެތްކަމަށް ބުނެ އޭނާ ދޫކޮށްލައިފިއެވެ.
ހުސެން ދޫކޮށްލުމާއެކު ފުރަތަމަ ވެސް ދިޔައީ ޒިޔާރަތްފަންނު މަގު އޮންނަ ކުޅިވަރު ކުޅޭތަނަށެވެ. އެދުވަހު އެތާކު އެއްވެސް ކުޅިވަރެއް ނުކުޅެއެވެ. އެހެންވެ އޭނާ ދެން ދިޔައީ އޮޑައްސަލު ކުރިމަތިން އޮންނަ މަގަށެވެ. އެއީ ފަހީމުބޭބެމެންގެ ވެސް ހުންނަ ހިސާބެވެ. އެމަގުން އެތައް ފަހަރަކު ދިޔަ އިރުވެސް އައިޝާ ފެންނަ ގޮތެއް ނުވިއެވެ.
އޭނައަކަށް އެގެޔަށް ގޮސް ވަންނާކަށް ނުކެރުނެވެ.
ދެތިން ދުވަހު މަސައްކަތް ކޮށްގެން ވެސް ހުސެންއަށް އައިޝާއާ ބައްދަލު ނުވުމުން އޭނާ ގަސްތު ކުރީ ސިޓީއެއް ލިޔުމަށެވެ. އޭނާ ރީތި ލޯބީގެ ސިޓީ ލިޔާ ފޮތެއް ހޯދައިގެން މިހެން ސިޓީއެއް ލިޔުނެވެ.
ލޮބުވެތި އައިޝާ،
މިހެން ސިޓީއެއް ލިޔަން ކެރުނު ކަމަށްޓަކައި މާފު ކުރާނެ ކަމަށް ހީކުރަމެވެ. އަހަރެންގެ ހިތުގައި މިވާ އިހްސާސްތައް ކިތަންމެ ވަރަކަށް ހާމަ ކުރަން ބޭނުން ވިޔަސް އެކަމަކަށް އަހަރެންގެ އަތާއި ދޫ ހަރަކާތެއް ނުކުރެއެވެ. އެއީ ކަލާއާ އަހަރެންނާ ދެމެދު ހުރި ފެންވަރުގެ ތަފާތު ހިތަށް އަރާފައެވެ.
އަހަރެންނަށް އައިޝާ ފެނުނީ ދާދި އިހަކަށް ދުވަހު ބަށިކުޅޭތަނުން އެކަންޏެއް ނޫނެވެ. ސްކޫލަށްދާ މަގުމަތީގައާއި އަދި އެނޫންވެސް ތަންތަނުން އަހަންނަށް އައިޝާ ފެނެއެވެ. ދެރަ ކަމަކީ އަހަރެންގެ ނިކަމެތި ހިތް އައިޝާއަށް ދެވިފައިވާ ކަމެވެ. އެޔަކީ އަގެއް ވެސް ނެތް ހިތެއް ކަމުންނެވެ.
އެހެންނަމަވެސް އަހަރެންގެ ހިތުގެ ބަލިކަށިކަން އިތުރުކުރުވީ އައިޝާގެ ޖާދުވީ ލޮލާއި ހީނލާ އިރު ކޮލުގައި އުފެދިގެން ދާ އަޑިކޮޅެވެ. އަދި ހިނގާލާފައިދާއިރު ކޮކާލެއް އުދުހުފައިދާހެން ހީވާހެން ފެންނަ ހަރަކާތްތަކުންނެވެ.
މިވާހަކަ ބުނެލަން އަހަންނަށް ހިތްވަރުދިނީ އަހަރެންގެ ހިތުގައި ކަލާއަށްޓަކައި އުފެދިފައިވާ ލޯބި ސީދާވެފައި ވަރުގަދަ ކަމުންނެވެ.
އަހަރެންގެ ލޯބި ކަލާ ގަބޫލު ކުރާނަމަ ލަސް ނުކޮށް އަންގައިދޭށެވެ. އައިޝާގެ ޖަވާބަކަށް އަހަރެން މިވަނީ ކެތްމަދުވެފައެވެ.
އައިޝާ ނޫން މީހަކު ދެކެ ލޯބި ނުވ،
ހުސައިން
އޭގެ ފަހުން ހަފްތާއެއް ވީ އިރުވެސް ހުސެންއަކަށް އައިޝާގެ ޚަބަރެއް ނުވެއެވެ. ސިޓީ ގެންގޮސްދިން ހައްވައްތަ ގާތަށް ކިތަންމެ ފަހަރަކު ގޮސް އަހައިވެސް ހަދައިފިއެވެ. އެ ދައްތަ ބުންޏެވެ.
"ކަލޯ. ދައްތައަށް ކޮށްދިޔޭނެ ވަރަކީ މީ." ހައްވައްތަ ވެސް ހުރީ ނުހަނު ދެރަވެފައެވެ. "އެކޮއްޔާ ޖަވާބައް ދިންހެއި އަވަހަކާއް ދައްތާ ކަލޯ އެކެހެ ބެނާށުން."
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ހުސެން ދިޔައީ އުންމީދު ގެއްލެމުންނެވެ. އޭނާ ޕަރީ ރާނީގެ މަތީން ހަނދާން އާވާން ފަށައިފިއެވެ. އެހެންނަމަ ވެސް އެއީ ޕަރީއެއްކަން އޭނާއަށް ވިސްނެއެވެ. އެކުގައި އުޅެވޭނީ ވެސް އިންސާނެއް ނަމަތާއެވެ. އެހެންނަމަވެސް އަލުން އެއްފަހަރު ނަމަވެސް ޕަރީ ދުށުމަށް އޭނާގެ ހިތް އެދެން ފަށައިފިއެވެ.
އޭރުވަނީ ހަނދު ބޮޑުވާ ދުވަސް ކައިރިވެފައެވެ. އެހެންވެ އޭނާ ޕަރީ ފެންގަނޑު ދޮށަށް ދާން ގަސްތު ކުރިއެވެ.
ހައިރާންވާ ކަމަކީ ކުރީގައި އެތަނަށް ގޮސް ޕަރީންތަކާއެކު އެހާ ކައިރީގައި އުޅުނު އިރު ނުގަތް ބިރެއް މިރޭ މާ ބޮޑަށް ގަންނަން ފެށުމެވެ. އެދަންވަރު ވަލުތެރެއަށް ސަލާމަތް ބުއްދިއެއް ހުރި މީހަކަށް ދާކަށް ނުކެރޭނެއެވެ.
އެހެންނަމަވެސް ފަނަރަވިލޭރޭ މެންދަކުން އަލިވެ ބާރަ ޖެހި އިރު އޭނާ ހުރީ ޕަރީ ފެންގަނޑު ދޮށުގައި އެކަނިމާ އެކަންޏެވެ.
ހުސެން ބިރުން ތުރުތުރު އަޅައެވެ. އޭނާގެ ގައިގައިވާހާ އިސްތައްޓެއް ހީބިހިނަގައި ކޮޅަށް ޖެހިފައި ހުއްޓެވެ. އިވޭ ކޮންމެ އަޑަކާއެކު ސިއްސައިގެން ދެއެވެ.
އެންމެ ފަހުން އޭނާ ގެންފައިވާ ބިރު އޭގެ އިންތިހާއަށް ދިޔައެވެ.
"ހުސެން" ޕަރީ އޭނާގެ ކޮނޑުގައި ހިފައި އޭނަޔާ ދިމާއަށް އަނބުރާލިއެވެ. "ކަލޭ އެންމެ ފަހުން މިތަނަށް އައީ ދޯ؟" ރާނީ ހީނލަމުން ބުންޏެވެ.
ހުސެން ބަލާލިއިރު އެރޭ އެތާ ހުރީވެސް ރާނީ އެކަންޏެވެ. އެހެން ރޭރޭ ފަދައިން ދޫނިތަކެއް ގޮވައި މިއުޒިކުގެ އަޑެއް ވެސް ނީވެއެވެ.
"އާނ" ހުސެންގެ ހިތް ތެޅެމުން ޖަވާބު ދިނެވެ. "އަހަންނަށް އެރޭގެ މަތީން ހަނދާނެއް ނުނެތޭ. އަހަރެންނަށް ކޮށްދިން ކަންތަކަށް ޝުކުރު އަދާ ކުރަން ވެސް ބޭނުން. އަދި އެހެން ވާހަކައެއް ބުނަން ވެސް ބޭނުން."
ރާނީގެ ހިނިތުންވެލާފައި ބުންޏެވެ. "އައިޝާގެ ވާހަކަ ދޯ؟ އެ ކަންތައް އަހަންނަށް އެނގޭ. އެކަމަކު އަހަރެމެންނަކީ އިންސީންހެން ޖެލަސްވާ ބައެއް ނޫން. ކަލެއަށް އެންމެ ރަނގަޅު ގޮތަކަށް ކުރާ ކަންކަމާ އަހަރެމެން ނުގަބޫލެއް ނުވާނަން."
ޕަރީ އަދިވެސް ބުންޏެވެ.
"އައިޝާއަކީ އިންސިއެއް. ކަލެއަށް އޭނާއާ އެކު އުޅެން ފަސޭހަވާނެ. އަހަންނާ އެކު ދާނަމަ ކަލޭ ދާން ޖެހޭނީ ހަވަޔަށް. އެތަނަކުން އެނބުރި އާއިލާތެރެއަކަށް ނާދެވޭނެ. އެއްވެސް މީހަކަށް ފެނިދެނިއެއް ނޫޅެވޭނެ."
"އައިޝާއާ އަހަރެންގެ ގުޅުން އަދި ފުރިހަމަ ވެސް ނުވޭ. އޭނާ އަހަރެން ދެކެ ލޯބި ވާކަމެއް ވެސް ނޭނގޭ."
ރާނީ ހުސެން އެބުނި އެއްޗަކާމެދު ވިސްނުމަށްފަހު މަޑުމަޑުން ބުންޏެވެ.
"ލޯބި ވެވޭނީ އިންސާނުން އިންސާނުންނަށް. އަހަރެމެންގެ ލޯތްބަކު ޖަޒްބާތެއް ނުވާނެ."
ރާނީ ހުސެން އޭނާއާ ކައިރިކޮށްލިއެވެ. އަދި ވަކިވަމުން އޭނާއަށް ހިތްވަރު ދިނެވެ. "ހުސެން އަށް އެންމެ ރަނގަޅު ގޮތަކީ އައިޝާއާ ގުޅިގެން ކުރިޔަށް ދިޔުން. އަހަރެން ހޯދަން މިތަނަށް ދެން ނައުން. އެކަމަކު އަހަރެން ހުސެން ދެކެ ލޯބިވާކަން ވެސް ހަނދާނުގައި ބަހައްޓާތި."
ހުސެން ރާނީއަށް އަލްވަދާއުކީ ނިކަން ހިތްދަތި ކަމާއެކުގައެވެ. "ޝުކުރިއްޔާ ރާނީ. އަހަރެން ދިރިހުރިހާ ހިނދަކު ރާނީގެ މަތީން ހަނދާން ހުންނާނެ."
ފަތިސްދަމު އިރު އެރުމުގެ ކުރީގައި ހުސެން ގެޔަށް އަތުވެއްޖެއެވެ. އައިގޮތަށް އެއްޗެއް ނުވެސް ކައި އޮށޯވެ ނިދައިފިއެވެ.
ހުސެން އަށް ހޭލެވުނީ ދައްތަ އައިސް ގޮވީމައެވެ.
"ކަލޯ އަވަހަށް ތެދުވޭ!" ހައްވަ ދައްތަ ހުރީ ހެވި ދިލިފައެވެ. އަނގައިގައި ހުރި އެންމެ ދެދަތް ދިލުވާލައިގެންނެވެ.
ހުސެން ސިޓީ އަތުލުމަށްފަހު ހައްވަ ދައިތަ ވީ ތަނެއް ބަލާވެސް ނުލާ ގޭތެރެއަށް ވަދެއްޖެއެވެ.
ލޮބުވެތި ހުސައިން،
އަހަރެން ކަލޭގެ ސިޓީ އެތައް ފަހަރަކު ކީމެވެ. ސިޓީގައިވާ ކޮންމެ ލަފްޒަކާއެކު އަހަރެންގެ ހިތް ތެޅެމުން ދިޔައެވެ. ހުސެން އަހަރެން ދެކެ އެހާ ލޯބިވާ ވާހަކަ ބުނުމުން އަހަރެން ވަރަށް އުފާވިއެވެ. އެއީ އަހަރެންގެ ހިތުގައި ވެސް ކުރީއްސުރެން އޮތް އިހުސާސްތަކެވެ. އަހަރެމެން ބަށި ކުޅެން ތިއްބާ ހުސެން ފެނުނު ދުވަހަކީ ހުސެންއާ އަނގައިން ބުނެލަން ފުރުސަތެއް ފުރަތަމަ ލިބުނު ދުވަހެވެ. އަހަރެން ހުރީ ވަރަށް އުފާވެފައެވެ. އެކަމަކު ހުސެން ބަލާ ދޭވާނިބޭ އައިސް ގެންދިޔުމުން އަހަރެން ވަރަށް ދެރަވިއެވެ. އަހަރެން ހުސެންއަށް ވާނުވާ ބަލަމުން ދިޔައިން ވެސް މެއެވެ.
އަހަރެންގެ ޖަވާބު ލަސްވީތީ މާފުކުރާށެވެ. އަހަރެން ކިތަންމެ ވަރަކަށް ޖަވާބު ދޭން ބޭނުން ވިޔަސް މަންމަމެން ބައްޕަމެން ބުނާއެއްޗެއް ބަލާނުލާ ޖަވާބެއް ދޭކަށް ބޭނުމެއް ނުވިއެވެ. އެމީހުން ނުގަބޫލު ވެއްޖެނަމަ އަހަރެމެން ދެމީހުން އެކުގައި ގުޅިގެން ކުރިޔަކަށް ނުދެވޭނެކަން އަހަންނަށް އެނގޭތީއެވެ.
އަހަރެން ވަރަށް ޖެހިލުންވެ ހުރެ ބޭބެއަކު ލައްވާ އެމީހުންނާ ވާހަކަ ދެއްކުވީމެވެ. އެމީހުން އަހަރެން ހުސެންއާ ގުޅެން ނުރުހުމެއް ނެތްކަން އެނގުމާއެކު އަވަހަށް ހައްވާއްތަ ހޯދައިގެން މިސިޓީ ހަވާލު މިކުރީއެވެ.
މިހާރު ހުސެއިންއާ، އަހަރެން ގުޅުމާމެދަކު އެއްވެސް ހުރަހެއް ނެތެވެ. އަހަރެމެން ބޭނުން ދިމާއަކަށް ހަޔާތުގެ މި ދަތުރުގައި އުފަލާއި އިތުބާރާއި ލޯތްބާއެކު ކުރިޔަށްދާން ވީއެވެ.
އަބަދަށްޓަކައި ހުސެން ދެކެ ލޯބިވާ،
އައިޝާ.
(ނުނިމޭ)



advertisment