ޖެނީ ކުޑަ ދޯނިން ފޭބި ތަނުން އައްސޭރިފަށުގެ ދޮންވެލިގަނޑުގެ ތެރެއަށް އޭނާގެ ފައި ގަނބައިގެން ދިޔައެވެ. އެއީ އާދަޔާ ޚިލާފަށް ހުދު ދޮންވެލިގަނޑެކެވެ. މިއީ އޭނާއަށް ދުވަހަކުވެސް ފެނިފައި ނުވާ ކަހަލަ ޖަޒީރާއެކެވެ. މުޅި ދުނިޔެއާ އެކަހެރި ވެފައި އޮތް ރަށެކެވެ. ޒަމާނީ ދިރިއުޅުމުގެ އެއްވެސް އަލާމާތެއް މިތާކުން ނުފެނެއެވެ. އެކަނިވެރިކަމުގެ ސުވަރުގެއެކެވެ.
މިއީ ޖެނީ ޗުއްޓީ ހޭދަކޮށްލަން އަންނަން އެންމެ ބޭނުންވި ރަށެވެ.
ދޯނިވެރިޔާ މާ ގިނަ ވާހަކައެއް ނުދައްކައެވެ. ކޮންމެ އެއްޗެއް ބުނާ އިރަށް ބޯޖަހާލަނީއެވެ. އޭނާ ޖެނީ ގޮވައިގެން އައިސް ދޮންވެލިގަނޑަށް ދޯނި ބީއްސާލިއެވެ. މިރަށަކު ފާލަމެއްހާ ހިސާބު ވެސް ނޯވެއެވެ. އެއްގަމުގައި ހުރި އަންހެނަކާ ދިމާއަށް އިޝާރާތްކޮށްލުމަށްފަހު، އިތުރު ބެލުމެއް ނެތި އެމީހާ ދޯނި އަނބުރާލާފައި އައިކޮޅަށް ހިނގައްޖެއެވެ.
އެ އަންހެން މީހާ ހުރީ ކުލަ ވެއްޓިފައިވާ ހެދުމެއްގައެވެ. އޭނާގެ އަތުގައި އޮތް މުޅޯއްޓެއްގެ ތެރެއަށް ގޮނޑުދޮށުން ބޮލި ހޮވާފައި އަޅަމުން ދިޔައެވެ. ދިޔަވަރު ހިކެމުން ދިޔަ އިރު އޭނާގެ މުޅޯއްޓަށް އަޅާނެ ބޮލިތައް ބައިވަރު ލިބުނެވެ.
"ވެލްކަމް" އެ އަންހެންމީހާގެ އަޑު މަޑުމައިތިރިއެވެ. އޭނާ ސާފު އިނގިރޭސިބަހުން، "އަހަރެން މިހުރީ ކަލޭގެ އިންތިޒާރުގައި."
ޖެނީ އޮޅުންބޮޅުން ވެފައި އެސްފިޔަ ޖަހާލިއެވެ.
"އަހަރެންނަށް އުންމީދުކޮށްގެންތަ؟ އަހަރެން މިރަށަށް އައީ މީ ކޮން ރަށެއްކަން ވެސް ނޭނގި. ކުޑަ ދޯނީގައި އައި މީހާ ގާތު އަހަރެން ފަޅު ރަށަކަށް ގެންގޮސްދޭށޭ ބުނީމަ މިރަށަށް މިގެނައީ."
އެ އަންހެންމީހާ ހިނިތުންވެލީމާ ލޮލުގެ ކަނުގައި ރޫ ޖެހިގެން ދިޔައެވެ.
"ކަލެއަށް މިރަށަށް ތި އާދެވުނީ ކަލޭ އަންނަން ހިތުލައިގެން ހުރީމަ. އަހަރެންގެ ނަމަކީ ކަމަނާ، މިއީ އަހަރެން ބަލަހައްޓާ ފަޅުރަށެއް."
ޖެނީ ދިވެހިރާއްޖެއަށް އައީ އޭނާގެ މަންމަގެ ކުއްލި މަރުވުމުގެ ހިތްދަތިކަމަށް ޝިފާއެއް ހޯދުމަށް ނަމަވެސް މި ޖަޒީރާއަކު އޭނާ ހީކުރި އެއްވެސް ކަމަކާ އެއްގޮތް ކަމެއް ނެތެވެ. މިތަނުގައި އެއްގޮތަކަށް ވެސް ވަގުތު ނުހިނގާ ކަހަލައެވެ. އަދި، ބުނެދޭން ނޭނގޭ ޖާދުވީ ބާރެއް ވެސް ފެންނަ ކޮންމެ އެއްޗެއްގައި ހުރޭމެއެވެ.
"މިއީ ކޮން ރަށެއް؟" އޭނާގެ ކައިރިއަށް ފިޔަވަޅު އަޅަމުން ޖެނީ އަހާލިއެވެ. "ކީއްވެތަ މިރަށުން މިހާ ތަފާތު އިހުސާސެއް ކުރެވެނީ؟"
ކަމަނާ ކަނޑާ ދިމާއަށް އެނބުރި އޭނައާ ދުރަށް ބަލަން ހުއްޓެވެ.
"މިއީ ދުނިޔެމަތީން ހަނދާން ނައްތާލަން ބޭނުން މީހުން އަންނަ ރަށެއް. އަހަރެމެން އަޑުއަހަން ތިބިއްޔާ ކަނޑު އަހަރެމެންނާ ވާހަކަ ދައްކާނެ. އާދޭ. ފަހުން އެވާހަކަ އަހަރެން ކިޔައިދޭނަން."
ޖެނީ ކަމަނާގެ ފަހަތުން ގޮސް އޭނާގެ ކުޑަ ދަނޑިފަނުގެ އާދައިގެ ގެޔަށް ވަނެވެ. ވަށައިގެން ހުރީ ބޮލިތަކުން ޒީނަތްތެރި ކޮށްފައެވެ. އެތައް ސަތޭކަ އެކި ކަހަލަ، އެކި ގޮތްގޮތަށް ހުރި ބޮލިތައް އެތާނގައި ހުއްޓެވެ. އެހުރިހާ ބޮލިތަކެއް ވެސް ހުރީ ފަރުވާތެރިކަމާއެކު ތަރުތީބުކޮށް އަތުރާފައެވެ.
ދެމީހުން ހަވީރު ސައި ބުއިމުގެ ފަހުން، އަނެއްކާވެސް ޖެނީ ގޮވައިގެން ކަމަނަ ގޮނޑުދޮށަށް ފައިބައިފިއެވެ. އެމީހުން ހިނގަމުން ދިޔައިރު ޖެނީއަށް ފާހަގަ ކުރެވުނީ ގޮނޑުދޮށުގެ އެއްކައިރީގައި މޫދާ ދިމާއަށް އެނބުރި ހުރި މީހެކެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އުޑުމައްޗަށެވެ. އޭނާ އިސްކޮޅުން ދިގުވެފައި ކަޅު، ބުޅި އިސްތަށިގަނޑެއް ހުއްޓެވެ. އޭނާގެ ހަރަކާތްތައް މަޑުމައިތިރި އެވެ. ބަލާ ލޮލަށް ފަސޭހަކަން ލިއްބައިދެއެވެ.
"އެއީ ކާކު؟" ޖެނީ އޭނާއާ ދިމާއަށް އިޝާރާތް ކުރަމުން އަހާލިއެވެ.
ކަމަނާ އޭނާގެ ދިމާލަށް ނަޒަރު ހިންގާލިއެވެ.
"އެއީ އަލީ. މިރަށުގައި ޖެހޭހާ ކަމެއް ކޮށްދެނީ އޭނާ. އެއީ އަހަރެމެން މިރަށަށް އައިސް އެހީތެރިއަކަށް ގެނައި މީހެއް. އޭރު އެއީ ކުޑަކުއްޖެއް. މިހާރު އޭނާ އަކީ މިރަށުގައި ޖެހޭހާ ކަމެއް ކޮށްދޭ މިރަށާ އަދި މިފެންނަ ބޮޑު ކަނޑާ ގުޅިފައިވާ މީހެއް."
މިރަށް ވަނީ ކަނޑާ ގުޅިފައެވެ. ކަނޑު ނޫންތަނެއް މިރަށަކުން ނުފެނެއެވެ.
ޖެނީގެ ޝައުގުވެރިކަން އޭނައާ މެދު އުފެދުނު ނަމަވެސް އިތުރަށް އެއްޗެއް އަހާލުމުގެ ކުރިން ކަމަނާ އޭނާ ގޮވައިގެން ގޮސް އޭނާއަށް ޚާއްސަ ކޮޓަރި ދެއްކިއެވެ. އެ ކުޑަކުޑަ ކޮޓަރި ފުރެންދެން ހުރީ އެކިވަރުގެ ބޮލިތަކެވެ. ބައެއް ބޮލިތައް ހުރީ ޕޮލިޝްކޮށް އޮފު އަރުވާލާފައެވެ. އަނެއްބައި ބޮލި ހުރީ ދުވަސްވެ އޮފުކަން ގެއްލިފައެވެ. ކަމަނާ މަޑުމަޑުން އޭގެ ތެރޭން ބޮއްޔެއް ނަގައި ޖެނީއަށް ދިއްކޮށްލިއެވެ.
"އަޑުއަހާބަލަ" ކަމަނާ އެބޮލި އޭނާގެ ކަންފަތުގައި ޖައްސަން އިރުޝާދު ދިނެވެ.
ޖެނީ ފަސްޖެހުމަށްފަހު އެ ބޮލި ކަންފަތުގައި ޖައްސައި ބާރުކޮށްލިއެވެ. ފުރަތަމަ ކަނޑުގެ އާދަޔާ ޚިލާފު އަޑު ފިޔަވައި އެހެން އެއްޗެއް ނުއިވުނު ނަމަވެސް އިތުރަށް ގާތުން އަޑުއަހަމުން ދިޔައިރު އެތެރޭން ފަނޑު ހީނލުމެއް ގުގުމާލި ކަހަލަ އަޑެއް އިވުނެވެ. އެ އަޑު ފަނޑުކަމުން ކިރިޔާ އަޑު އިވެނީއެވެ. އެކަމަކު އެއީ މީހެއްގެ އަޑު ކަމަށް އިންކާރު ކުރެވޭކަށް ނެތެވެ.
ޖެނީގެ ހިތް ތެޅެން ފެށުމުން އޭނާ އެ ބޮލި ދުރަށް ޖައްސައިފިއެވެ.
"އެއީ ކޮން އަޑެއް؟"
ކަމަނާ ހިނިތުންވެލީ އޭނާގެ މޫނުމަތީގެ ކުލަވަރު ދިއްލިގެން ދާ ގޮތަކަށެވެ.
"މިބޮލިތަކުގައި އިވެނީ ކަނޑަށް ގެއްލިފައިވާ މީހުންގެ އަޑު. ކަނޑުން އެމީހުންގެ ހަނދާންތައް އާވާނެ ފަދަ އަޑުތައް އިވޭ. ވަގުތު ޖެހުމުން އެއަޑު މީހުންނަށް އިވި އޮޅުން ފިލާނެ."
ޖެނީ ބޯ ހޫރާލިއިރު އޭނާގެ ލޮލުން ހައިރާކަން ފާޅުވެގެން ދިޔައެވެ. "އެއީ ވާނެ ކަމެއް ނޫން. އެއީ ދެން ހަމަ ބޮއްޔެއް."
"ކަލޭ މިހާރު ބުނާނީ ތިހެން،" ބޮލި އަނބުރާ އޮތް ތަނުގައި ބާއްވަމުން ކަމަނާ ބުނެލިއެވެ. "އެކަމަކު މިބުނި ކަންތައް ކަލެއަށްވެސް ފެންނާނެ. މޫދު ދުވަހަކުވެސް ދޮގެއް ނަހަދާނެ."
ދެތިން ދުވަސްވީ އިރު، ޖެނީ މިރަށުން ދާހިތް ކެނޑިއްޖެއެވެ. އެތައް ގަޑިތަކެއް ވަންދެން މޫދުގައި އުޅެފައި ގޮސް، ކަމަނާއާއެކު ބޮލި އެއްކުރަމުން ދިޔައިރު، އޭނާގެ ޚިޔާލުތައް އަބަދުވެސް އެނބުރި އައީ އަޑު އިވެމުންދާ އާދަޔާ ހިލާފު ވާހަކަތަކަށެވެ. އޭނާ ހިނގަމުން ދިޔައީ ކޮންމެ އިރަކުވެސް ފެންނަން ހުންނަ އަލީއާ ދިމާއަށެވެ. އޭނާ މޫދުކައިރިން ނުފެންނާނެ އިރެއް ނާދެއެވެ. ފަޅުތެރޭގައި މަސް ހިފަން ނޫނީ އެހެންވެސް ކަމެއް ކުރަން، ނުވަތަ ކުރާނެ ކަމެއް ނެތިއްޔާ ކަނޑުމައްޗަށް ނުވަތަ އުދަރެހަށް ބަލަހައްޓައިގެން ވެސް އެތައް އިރަކު ހުރެދާނެއެވެ.
އެއީ ނޫކުލައާއި ފެހިކުލަ ގަދަ ވިލުމައްޗަށް އިރު އޮއްސެމުން ދިޔަ ވަގުތެވެ. އަލީ އެކަނިމާއެކަނި ގޮނޑުދޮށުގައި ދޮންވެލިގަނޑުގެ މަތީ އިށީނދެ އިންތަން ޖެނީއަށް ފެނުނެވެ. އޭނާ އިނީ ފުރަގަހުގައި މޫދާކައިރީ ހުރި ރުކެއްގައި ލެނގިލައިގެންނެވެ. ޖެނީ އޭނާގެ ކައިރިޔަށް ދިޔައީ ބުނާނެ ވަކި އެއްޗެއް ގަސްދުކޮށްގެންނެއް ވެސް ނޫނެވެ.
"ކަމަނަ މިބުނާ ވާހަކަތައް ކަލޭވެސް ގަބޫލުކުރަންތަ؟" އޭނާގެ އަތުގައި އޮތް ސަންގު ބޮއްޔަށް އިޝާރާތް ކުރަމުން ޖެނީ އަހާލިއެވެ. "މިއިން މިއިވޭ އަޑުތަކާ މެދު ކަލޭ ބުނަނީ ކީކޭ؟"
އަލީ ބަލައިލީ އޭނާގެ ކަޅު ދެލޯ ޖެނީއާ ދިމާއަށް އަމާޒުކޮށްލައިގެން ހުރެއެވެ. "އަހަރެން ގަބޫލު ކުރަން. އަހަރެން އަމިއްލައަށް ވެސް ވަނީ އެއަޑުތައް އަހާފައި."
ޖެނީ އޭނާގެ ކައިރީގައި އިށީނދެލަމުން ނިތްކުރިއަށް ރޫއަރުވާލިއެވެ. "އެކަމަކު ކިހިނެއް؟ އެއީ ކިހިނެއް ހަގީގަތަކަށް ވާނެ ކަމެއް؟"
އަލީ ކޮނޑު އަރުވާލީ އޭނާގެ ނަޒަރު އަނބުރާ މޫދާ ދިމާއަށް އަނބުރާލަމުންނެވެ.
"އަހަރެމެންނަށް ވިސްނަން ނޭނގޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. ކަމަނާއަށް މި ޖަޒީރާ އެއްވެސް މީހަކަށްވުރެން މާ ރަނގަޅަށް އެނގޭނެ. އެ ބޮލިތައް އޭނާ އެއްކުރާތާ ކިތަންމެ އަހަރެއް. އޭނާގެ ފިރިމީހާ ރޮބާރޓު ކަނޑަށް ގެއްލުނު ފަހުން އޭނާ އަބަދުވެސް އެބޮލިތަކުން އަޑުއަހާ. އޭނާގެ ފިރިމީހާއާ ދެމެދު ވާހަކަ ދެކެވޭކަމަށް އޭނާ ބުނަމުންދޭ."
އުނގުގައި ހުރި ބޮލިތަކަށް ބަލަހައްޓައިގެން އިނދެ ޖެނީ ފުންނޭވާއެއް ދޫކޮށްލިއެވެ.
"އަހަރެން މިތަނަށް އައީ މަންމަ މަރުވުމުގެ ހަނދާން ނައްތާލަން. އެކަމަށް ޝިފާ ހޯދުމަށް. އެކަމަކު އެކަމަކު މިހުރިހާ ވާހަކައެއް އަޑު އިވުމުން މިކުރެވޭ އިހްސާސްތަކާމެދު ބުނާނެ އެއްޗެއް ނޭނގޭ."
އަލީއާ ދިމާލަށް އެނބުރިލުމުން ފެނުނީ އޭނާގެ މޫނު މޮޅިވެރިވެފައިވާ ތަނެވެ.
"ބައެއް ފަހަރު، ޝިފާ ލިބުމަކީ ހަނދާން ނައްތާލުމެއް ނޫން. އެއީ އަޑުއެހުން. އެއީ އެހަނދާންތަކާއެކު އުޅެން ދަސްކުރުން."
އެ ދެ މީހުންގެ ދެލޯ ބައްދަލުވި ގޮތަށް ކުޑައިރުކޮޅަކު އެގޮތަށް ނުނެއްޓި ހުއްޓެވެ. ޖެނީއަށް އިހުސާސް ކުރެވުނީ އޮއްސެމުންދާ އިރުގެ ދޯދިތަކާ އެކުވެގެން އޭނާގެ ހިތަށް ހޫނުކަމެއް ވެރިވެގެން ދިޔަ ހެންނެވެ. އަލީގެ ކިބައިގައި ވެސް ކޮންމެވެސް ކަހަލަ އާދަޔާ ޚިލާފު ބާރެއް އެބަހުއްޓެވެ. އޭނާގެ މަޑުމައިތިރި ކަމުގެ ފުރަގަހުގައި، މި ޖަޒީރާގައި އެކުލެވޭ ކޮންމެވެސް ސިއްރުތަކެއް އޭނާއަށް އެނގޭހެން ހީވެއެވެ. މި އޮޅުންބޮޅުންތައް ދެނެގަންނަން ޖެނީ ކެތްމަދުވިއެވެ.
"އަހަރެން ތިއިން އެއްވެސް ވާހަކައެއް އަޑުއަހަން ތައްޔާރަށް ހުރިކަމަކަށް ބުނެވޭކަށް ނެތް،" ޖެނީ ހިނިތުންވަމުން ހިމަ އަޑަކުން ބުންޏެވެ.
އަލީ ކުޑަގޮތަކަށް ހިނިތުންވެލިއެވެ. "އަދި ވަގުތު ޖެހުމުން ތި ހުރިހާ ކަމެއް އެނގޭނެ."
ދުވަސްތައް ފާއިތުވަމުން ދިޔައިރު ޖެނީއަށް އެ އަޑުތައް އިތުރަށް ސާފުކޮށް އިވެން ފެށިއެވެ. އޭނާ އައީ، މެދުކެނޑުމެއްނެތި ބީއްސާ ރާޅުތަކުގެ އަޑުއަހަމުންނެވެ. ހޭޅިފަށުގައިވާ މަގޫގަސްތަކުގެ ފަތްތަކުން އިވޭ އަޑުތަކަށް ސަމާލުކަން ދެމުންނެވެ. އޭނާގެ ހުވަފެން ތަކުގައި އޭނާގެ މަންމަގެ އަޑު އިވޭހެން ހީވަމުން ދިޔައެވެ. ޖަޒީރާގެ ކޮންމެ ކަނެއްގައި އޭނާގެ މަންމަ އުޅޭ ކަމުގެ އިހްސާސްތައްކުރެވެމުން ދިޔައެވެ.
މިހުރިހާ ކަމެއް ކަމަނަ ބަލަން ހުންނަހެން ހީވެއެވެ.
އެއް ރެއަކު ޖެނީއަށް ނިދޭ ގޮތެއް ނުވިއެވެ. އޭރު ކަނޑުގައި ގޮށް ރާޅުތައް ގިނަވެ އާދަޔާ ޚިލާފަށް ކަނޑު ގަދަވެފައިވެއެވެ. ހުދުފޮނު އަރުވާފައި ރާޅު ބިންދަމުން ދިޔައެވެ. ހަނދުން ފެންގަނޑުގެ މައްޗަށް ރިހިކުލައިގެ ހަނދުވަރެއް ދިއްލި މޫދަށް އަލިއެޅިފައި ހުއްޓެވެ. ޖެނީގެ ކޮޓަރިއަށް ކަނޑު ނޫންތަނެއް ނުފެނެއެވެ.
އެތަނުން އޭނައަށް ފެނުނީ ރާޅުޖަހާފަށުގައި އަލީ ކަކޫތާ ފެނަށް މޫދަށް އެރި ހުއްޓި ހުރި ތަނެވެ. ކޮޓަރި ހުންނަނީ މޫދާ މާދުރުގައި ނޫންކަމުން އޭނާ ގޮވާލީމާ އަލީއަށް އަޑު އިވޭނެއެވެ.
"އަލީ" އޭނަ ބާރަށް ގޮވާލިއެވެ.
އޭނާ އެނބުރިލީ އިރު ހަނދުގެ އަލިން އޭނާގެ މޫނު ދިއްލިފައިވެއެވެ.
"ޖެނީ،" އޭނާވެސް ގޮވާލިއެވެ.
އޭނާ އަނބުރާލާފައި ޖެނީގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
އޭނާގެ ފައިތިލަ ގޮނޑުދޮށަށް ޖަހާ ރާޅު ތަކުން ފޮރުވެމުން ދިޔައެވެ. "ޖެނީ، ފުރާ ދުވަސް އަދި ނުޖެހޭތަ؟"
"ނޫން ދެން ފުރަން ވެފަ މިހިރީ. އެކަމަކު މިއުޅެނީ ފުރާ ހިތް ނުވެގެން،" ޖެނީ އަލީއާ މުޚާތަބު ކުރިއެވެ. "ކަލޭ މިރަށް ދޫކޮށްލާފައި އެހެން ތަނަކަށް ދާ ހިތެއް ނުވޭތަ؟"
އަލީ ބޯ ހޫރާލިއެވެ. "މިއީ އަހަރެންގެ ގެ. އަހަރެންގެ ރަށް. ކަނޑަކީ އަބަދުވެސް އަހަރެންނާ ގުޅިފައިވާ ތަނެއް."
ޖެނީ ތިރީ ތުންފަތުގައި ދަތްއަޅާލިއެވެ. އޭނާގެ ޚިޔާލުތައް ވިއްސިވިހާލި ވެގެން ދިޔައެވެ. "އަހަންނަށް ހީވަނީ މިޖަޒީރާ އަހަރެންގެ ކިބައިން ކޮންމެވެސް ކަމަކަށް އެދެމުންދާހެން. ލައިކް… ލައިކް އައި އެމް ސުޕޮސް ޓު ސްޓޭ."
އަލީގެ ދެލޯ ކުޑަކޮށް މަރާލިއެވެ. "ފަހަރެއްގައި ތިޔަހެން ވެދާނެ."
ޖަޒީރާގެ ހިތް ދަމައިގަތުމާއި، އަމިއްލަ ދިރިއުޅުމާ ދެމެދު އޭނާގެ ހިތް ދެކޮޅަށް ދަމަމުން ދިޔައެވެ. އެކަމުގައި ރިއްސުމެއް އެކުލެވެއެވެ.
"ކިތަންމެ ބޭނުން ވިޔަސް އަހަރެން ކިހިނެއް މިރަށުގައި އުޅޭނީ؟ ސުވިޒަލޭންޑުގައި އަހަރެންގެ ދިރިއުޅުމެއް އެބަ އޮތް. ކެރިއަރެއް ވެސް އެބައޮތް. އަމުދުން މަންމަ ބޭނުމެއް ނުވާނެ އަހަރެން އެހެން ގައުމެއްގައި ދިރިއުޅޭކަށް."
އަލީ އެކޮޓަރީގެ ކުޑަދޮރުގެ ތޭރިތަކުގައި ތެރޭން ޖެނީގެ އަތުގެ އިނގިލި ތަކުގައި ހިފަހައްޓާލިއެވެ. އެވަގުތު ޖެނީގެ އަތުންވެސް އަލީގެ އަތުގައި ހިފަހައްޓާލިއެވެ.
"ޖެނީގެ ހިތް ބޭނުން ވަނީ ކޮންގޮތެއް؟" އަލީ އަހާލިއެވެ.
އެ ސުވާލު ވަޔާ އެކުވެގެން އުދުހިގެން ދިޔައީއެވެ. ފުން ނޭވާއެއް ލާފައި ޖެނީ އިސްއުފުލާފަ އަލީގެ ލޮލަށް ބަލާލިއެވެ.
އެވަގުތު އޭނައަށް ވިސްނުނީ އޭނާ މިރަށަށް ހިތް ދަމައިގެން މިއުޅެނީ މި ޖަޒީރާގައި ޖާދޫއެއް ވާތީ ނޫން ކަމެވެ. އެ ޖާދޫ އަކީ އަލީއެވެ. އޭނާ މިޖަޒީރާގައި ވާތީއެވެ. މިރަށަށް އޭނާ ނޭވާލަމުން ދާތީއެވެ.
"ނޭނގެ" ޖެނީ ހީނލަމުން ބުނެލިއެވެ. "އަހަންނަކަށް ހަދާނެ ގޮތެއް ދެން ނޭނގެ."
އަލީގެ އަތުގެ ފުރަގަހުން ޖެނީގެ ކޯތާފަތުގައި ފިރުމާލިއެވެ. އެހޫނުކަން އޭނާ އަށް އިހްސާސްވިއެވެ. "ހަމަހިމޭން ކޮންމެވެސް ވަގުތަކުން ތީގެ ޖަވާބު ލިބިދާނެ."
"މިހާރު ކޮންމެހެން ގޮތެއް ނިންމާކަށް ނުޖެހޭނެ،" އަލީ ބުނެލިއެވެ.
ޖެނީ އަލީގެ އަތްތިލައިގައި އޭނާގެ ކޯތާފަތުން ލެނގިލައިގެން ހުރެ ދެލޯ މަރާލިއެވެ.
މަންމަ މަރުވިފަހުން ފުރަތަމަ ފަހަރަށް އޭނާއަށް ހަމަޖެހުމުގެ އިހުސާސެއް ކުރެވުނީ މިފަހަރު އެވެ. ފަހަރެއްގައި އަލީ ބުނީ ތެދެއް ކަމަށް ވެދާނެއެވެ. ފަހަރެއްގައި މިވަތު އަދި ހުރިހާ ޖަވާބެއް ނުދެވިދާނެއެއެވެ.
އޭގެ ފަހުން އައި ދެތިން ދުވަހު ޖެނީގެ ގުޅުން އެ ޖަޒީރާއާއެކު މާބޮޑަށް އިތުރުވެގެން ދިޔައެވެ. މޫދުގެ އައްސޭރީގައި ހަމަހިމޭން ވަގުތުތަކެއް އަލީއާއެކު ހިއްސާކޮށް، އެކުގައި ބޮލި އެއްކުރަމުން، ކަނޑުން އަންނަ ރާޅުތައް ގޮނޑުދޮށަށް ބީއްސާއިރު އިވޭ ސިހުރުވެރި އަޑުތައް އަހަމުން ދިޔައެވެ. މިހިނދު ދެމީހުންގެ ގުޅުން ބޮޑުވެ އެކަތިގަނޑަށް ވެ ނިމިއްޖެއެވެ.
އަދިވެސް އެސުވާލުގެ ޖަވާބު އޮތީ ޖެނީގެ ހިތުން ބޭރު ނުވެއެވެ.
އެ ހާދިސާގެ ފެށުން އައީ ރިތި ހަވީރެއްގައެވެ. އިރު އުޑުމަތީން ތިރިއަށް ސޮއްސާލައިގެން ދިޔައީ އުޑުމަތި ރަނާއި ފިޔާތޮށި ކުލައިގެ ބޮޑު ކުރެހުމަކަށް ހަދާލާފައެވެ. އޭރު ކަމަނާ ވެސް ދުރުގައި މި އަޖައިބު ކުރުވަނިވި ރީތި މަންޒަރު ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ތުންފަތުގައި ލުއިލުއިހ ހިނިތުންވުމެއް ވެއެވެ.
ކަމަނާ ގޮނޑުދޮށުގައި ހުރި ޖެނީއަށް ސަންގު ބޮއްޔެއް ދިއްކޮށްލިއެވެ. "މީގެ އަޑު އަހާބަލަ!" ކަމަނާ ބުންޏެވެ. "މިއީ ވަރަށް ޚާއްސަ ބޮއްޔެއް."
ޖެނީ އެއިން އިވޭ އަޑު އަހާލިއެވެ. އެއާއެކު އޭނާ ވަރަށް ދަންނަ އަޑެއް މަޑުމަޑުން ހޫމް އަޅުވަމުން ދިޔައެވެ. އޭނާގެ ކަންފަތް ފުރިގެން ދިޔަ ކަހަލައެވެ. އެކަމަކު މިފަހަރު އެއިވޭ އަޑު ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ.
އެއީ އޭނަގެ މަންމަގެ އަޑެވެ.
އެ އަޑުއަހަން ޖެނީ އިން އިރު އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެ ކަރުނައިން އޭނާގެ ހިތުގައި ހިނގާ ހިތާމައާއި އުފަލާއި ރިހުންތައް ވެސް އޮހިގެން އައެވެ. މަންމަގެ އަޑުގައި ވަނީ ހަމަޖެހުމާއި ހިމޭންކަމެވެ. ޖެނީ މިވަގުތަށް އިންތިޒާރު ކުރި ފަދަ އަޑެެވެ.
"ވަގުތު ޖެހިއްޖެ، ޖެނީ،" އެ އަޑު ހީނލިއެވެ. "ފުރުސަތުގެ ބޭނުން ހިފާ."
ޖެނީ ކަމަނާއަށް ބަލާލިއިރު، ދެން ދެތިން ފިޔަވަޅު ފަހަތުގައި ހުރި އަލީއަށްވެސް ބަލާލެވުނެވެ. އޭނާގެ ދެލޮލުން ފެންނަނީ ކަމަކާމެދު ވިސްނަމުން ދާތަނެވެ.
ޖެނީ އޭނައާ މުޚާތަބު ކުރިއެވެ. "ޖަވާބަކީ މިއީ. އަހަންނަކަށް މިކޮޅަކު ނުހުރެވޭނެ،" އަޑު ތުރުތުރު އަޅަމުން ޖެނީ ހީނލިއެވެ. "ކޮންމެ ގޮތަކުން ވެސް އަހަރެން އެނބުރި ދާން ޖެހޭނެ."
ކަމަނާ ބޯޖަހާލީ އެ ވާހަކައަށް ތާއީދު ކުރުމުގެ ގޮތުންނެވެ "ކަނޑުން ބުނާގޮތް ހެދީމަކާ ގޯހެއް ނުވާނެ."
އަލީ ކުރިއަށް ފިޔަވަޅެއް އަޅައި ޖެނީގެ އަތުގައި ހިފާލިއެވެ. "އަހަރެން މިތާ ހުންނާނަން ޖެނީ. ކޮންމެ ގޮތެއް ޚިޔާރު ކުރިޔަސް އަހަރެން މިތާ ހުންނާނަން."
ޖެނީގެ ހިތް ޖަޒުބާތުތަކުން ފުރިގެން ދިޔައެވެ. އޭނައަށް ކުރަންވީ ކަންތައް އެނގުނެވެ. ޖަޒީރާއަށް އެންމެ ފަހުގެ ނަޒަޒު ދޫކޮށްލާފައި އޭނާ ބަލާ އަންނަ ކުޑަ ދޯންޏާ ދިމާލަށް ހިނގައިގަތެވެ. އެކަމަކު އޭނާ މިރަށުން އެދަނީ ހުސްއަތާ ނޫންކަން އޭނާއަށް އެނގުނެވެ.
އެވަގުތު އޭނާގެ ހިތަށް ލިބިފައިވަނީ އުފަލެއް ކަމެއް ހިތާމައެއް ކަމެއް އޭނައަކަށް ނޭނގެއެވެ.
އޭގެ އަހަރެއްހާ ދުވަސް ފަހެވެ.
އަލީ ހަމަ އެތަނުގައި ބޮލިން އިވޭ އަޑު އަހަން ހުއްޓެވެ. އޭނާގެ ތުންފަތުގައި ހިނިތިންވުމެއް ދުވެލައިފިއެވެ. އޭނާ ރަށުގެ ނެރަށް ބަލާލި އިރު ކުޑަ ދޯންޏެއް އަންނަތަން ފެނުނެވެ. އޭގައި އިނީ ކާކުކަން ދެނެގަންނާކަށް އަލީއަކަށް އުނދަގުލެއް ނުވިއެވެ. ދޯނި ބީއްސާލާފައި ދެ އަތް ހުޅުވައިގެން އައި އަންހެންމީހާ އައީ ސީދާ އަލީއާ ދިމާށެވެ.
އަލީ އޭނާގެ އަތުގެ ތެރެއަށް ޖެނީ ގެނައުމަށްފަހު އޭނާގެ ތެމިފައިވާ ތުންފަތުގައިވާ ލޮނުރަހަ ބަލާލިއެވެ.
"ވެލްކަމް، މައި ޑިއަރ." އަލީ ފުން ނޭވައެއް ލަމުން ބުނެލިއެވެ.



advertisment