ސްޓެލްކޯ ހޮޓްލައިންގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި އެވެ.
ސްޓެލްކޯ އިން ބުނީ ހޮޓްލައިން "1545″ގެ ހިދުމަތް މިއަދުން ފެށިގެން މެދުނުކެނޑި ދޭ ގޮތަށް ހަމަޖެއްސީ "ސްޓެލްކޯ ކޮންޓެކްޓް ސެންޓަރގެ ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން" ކަމަށެވެ.
"ކުންފުނީގެ ހޮޓްލައިން މެދުވެރިކޮށް ކޮންޓެކްޓް ސެންޓަރަށް ގުޅައިގެން، ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާއި ގުޅުން ހުރި މަޢުލޫމާތު ލިބިގަނެ، ކަރަންޓު ބިލްތަކާ ގުޅުން ހުރި ޝަކުވާތައް ހުށަހެޅޭނެ. ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއަރގެ ޚިދުމަތާއެކު ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާ މުޢާމަލާތު ކުރެވޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖެހިފައި،" ސްޓެލްކޯ އިން ބުނެއެވެ.
ސްޓެލްކޯ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ މިއަދު ވިދާޅުވީ "ސްޓެލްކޯ ކޮންޓެކްޓް ސެންޓަރގެ ޚިދުމަތް މިއަދު 24 ގަޑިއިރަށް ބަދަލުވެގެންދިޔައިރު، މިއީ ސްޓެލްކޯގެ ޚިދުމަތް ފުޅާކޮށް، ސްޓެލްކޯއިން ދެމުންދާ ޚިދުމަތްތަކަކީ ޒަމާނާ އެއް ހަމައެއްގައި ފައިހަމަ ކުރާ ޚިދުމަތްތަކަކަށް ހެދުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް އަޅުގަނޑުމެންނަށް އިތުރުކުރެވުނު ބޮޅެއް" ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ޚިދުމަތް ވެގެންދާނީ ސްޓެލްކޯއަށް މިހާރުވެސް ރައްޔިތުން ކުރަމުންދާ ފުރިހަމަ އިތުބާރު އިތުރުވެ، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގައި އަޅުގަނޑުމެންނަށް ކުރިއަށް އެޅޭ ކާމިޔާބު ފިޔަވަޅަކަށް،" ފަހުމީ ވިދާޅުވިއެވެ.



advertisment

