Support Us

ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އަނުރަ ކުމަރަ ޑިސަނަޔަކަ ކެމްޕޭންކުރައްވަނީ

ލަންކާގެ ޑިސަނަޔަކަ ހުވާކުރެއްވުން މިއަދު

ސްރީ ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަނުރަ ކުމާރަ ޑިސަނަޔަކަ ރައީސްކަމުގެ ހުވާ ކުރެއްވުން މިއަދު އޮންނާނެ ކަމަށް ރަސްމީ އިދާރާތަކުން ބުނެފިއެވެ.

"އިލެކްޝަން ކޮމިޝަނުން އިއްޔެ ނަތީޖާ އިއުލާންކުރުން ލަސްވުމުން ޑިސަނަޔަކަ ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިއަދަށް ފަސްކޮށްލީ. ކުރިން އޮތީ އިއްޔެ ހުވާ ކުރައްވައި ގޮތަށް،" އޮފިޝަލަކު ވިދާޅުވިއެވެ.

ޑިސަނަޔަކަ އިތުރުން އާ ބޮޑު ވަޒީރު ހަރިނި އަމަރަސޫރިޔާ އާއި ވަގުތީ ކެބިނެޓު ވެސް ހުވައިކުރެއްވުން މިއަދު އޮންނާނެއެވެ.

އިއްޔެ ގުނާ ނިމުނު ވޯޓުގައި ޑިސަނަޔަކައަށް 5،740،179 ވޯޓު ލިބިވަޑައިގަތެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ސަޖިތު ޕްރެމަދާސައަށް ލިބިވަޑައިގަތީ 4،530،902 ވޯޓެވެ.

އިންތިހާބު ކާމިޔާބުކުރެއްވުމަށް ބޭނުންވާ 50 ޕަސެންޓް ވޯޓު އެއްވެސް ކެންޑިޑޭޓަކަށް ލިބިވަޑައިނުގަތުމުން އިލެކްޝަން ކޮމިޝަނުން ނިންމީ ވޯޓު ގުނުމުގެ ދެވަނަ ބުރަކަށް ގޮސް، ވޯޓު ލި ރައްޔިތުންގެ ފުރަތަމަ ތިން ތަރުތީބުގައި ތިއްބެވީ ކޮން ކެންޑިޑޭޓުންތޯ ބެލުމަށެވެ. މިއީ ލަންކާގެ ތާރީހުގައި މި ގޮތަށް ކަންތައް ކުރި ފުރަތަމަ ފަހަރެވެ. މި ގޮތަށް ތަރުތީބުކުރުމުން އުމުރުން 55 އަހަރުގެ ޑިސަނަޔަކައަށް ލިބިވަޑައިގަތީ ވޯޓުގެ 42.31 ޕަސެންޓެވެ. ސަޖިތަށް 32.76 ޕަސެންޓް ވޯޓެވެ.

އިންތިހާބުގައި މިހާރުގެ ރައީސް އަދި ކުރިން އެތައް ފަހަރަކު ބޮޑުވަޒީރުކަން ކުރެއްވި ރަނިލް ވިކްރަމަސިންހައަށް ލިބިވަޑައިގަތީ 2،299،767 ވޯޓެވެ. އެއީ ދެވަނަ ބުރުން ބެލިއިރު 17.27 ޕަސެންޓް ވޯޓެވެ.

ލަންކާގެ ސިޔާސީ ދާއިރާގައި ނުފޫޒު ގަދަ ރާޖަޕަކްސަ އާއިލާގެ ކެންޑިޑޭޓް ނަމަލްއަށް ލިބިވަޑައިގަތީ 342،781 ވޯޓެވެ. ޕަކިޔަސެލްވަމް އަރިޔަނެތިރަންއަށް ލިބިވަޑައިގަތީ 226،342 ވޯޓެވެ. ކުރިމަތިލެއްވި 38 ކެންޑިޑޭޓުން ތެރެއިން ބާކީ ތިއްބެވި ކެންޑިޑޭޓުންނަށް ލިބިވަޑައިގަތް ޖުމްލަ ވޯޓަކީ 556،772 ވޯޓެވެ.

ދިފާއީ ވަޒީރުގެ މަގާމު ވެސް ފުރުއްވައި ވިކްރަމަސިންހަ ވަނީ ރޭގެ 10 އިން މިއަދު ފަތިހު ހަޔަކަށް ކާފިއު އިއުލާންކުރައްވައިފައެވެ.

ޑިސަނަޔައަކީ ޕީޕްލްސް ލިބަރޭޝަން ފްރަންޓް (ޖޭ.ވީ.ޕީ) ޕާޓީ އާއި އެ ޕާޓީއާ ގުޅިފައިވާ އިދިކޮޅު ކޯލިޝަން ކަމަށްވާ ނެޝަނަލް ޕީޕްލްސް ޕަވަރ (އެން.ޕީ.ޕީ)ގެ ވެސް ވެރިޔާއެވެ.

އިންތިހާބު ކާމިޔާބުވެވަޑައިގެންފިކަން އިއުލާން ކުރައްވަމުން އޭނާ ވަނީ ހުރިހާ ރައްޔިތުން އެކަތިގަނޑަކަށްވުމަށް ގޮވައިލައްވައިފައެވެ.

"ސިންހަޅައިން، ތަމަޅައިން އަދި މުސްލިމުން އެކުވެރިވުމުން އެއްބައިވަންތަ ގޮތުގައި އެންމެން ދައްކައި ބާރާއި ކުރިމަގުގެ ތަސައްވުރަށް ފޯރަން އާ މަރުހަލާއެއް ކަޑައްތުކުރެވިގެން އަންނާނެ. އަހަރެމެން އެންމެން އެތައް ގަރުނެއްވަންދެން ދެކެމުން އައި ހުވަފެން އެންމެ ފަހުން މި ކާމިޔާބު ވަނީ،" ޑިސަނަޔަކަ އެކްސްގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ކާމިޔާބަކީ އެންމެ މީހެއްގެ މަސައްކަތުގެ ނަތީޖާއެއް ނޫން ކަމަށެވެ.

"މިއީ އެތައް ހާސް ރައްޔިތުން އެއްބާރުލައިގެން ކުރި މަސައްކަތުގެ ނަތީޖާ. މިހާ ދުރަށް އަހަރެމެންނަށް އާދެވުނީ ތިޔަ ރައްޔިތުން ބެހެއްޓި ސަމާލުކަމުގެ ސަބަބުން. މި ކަމަށް އަހަރެން ފުންކޮށް ޝުކުރުކުރަން. މިއީ އަހަރެމެން އެންމެންގެ ކާމިޔާބެއް،" ޑިސަނަޔަކަ ވިދާޅުވިއެވެ.

އޭނާއަކީ ޖަރުމަނުގެ ފައިލަސޫ ކާލް މާކްސްގެ އިގުތިސާދީ، އިޖުތިމާއީ އަދި ސިޔާސީ ފަލްސަފާ ކަމަށްވާ "މާކްސިސަމް"އަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އެ ގޮތުން މާކްސްގެ ފަލްސަފާގައިވާ ސޯޝަލިޒަމް ނުވަތަ ރައްޔިތުންގެ މެދުގައި ހުރިހާ ދާއިރާއަކުން ހަމަހަމަކަން ދެމެހެއްޓުމުގެ ގޮތުން ފަގީރުންނާ މުއްސަނދިންގެ ދެމެދުގައިވާ އިގުތިސާދީ ފަރަގު ނައްތައިލައި، ސަރުކާރުގެ ދަށަށް އުފެއްދުންތެރިކަން ގެނެސް، ހުރިހާ ރައްޔިތުންގެ މެދުގައި އެކަމުން ލިބޭ ފައިދާ ބަހައިލައި އުސޫލަށް އޭނާ ތާއީދުކުރައްވައެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި 20 އަހަރު މެންބަރުކަން ކުރެއްވި ޑިސަނަޔަކަ މި ކާމިޔާބު ކުރެއްވީ މީގެ ދެ އަހަރު ކުރިން ލަންކާގެ އިގުތިސާދު އަނދަވަޅަކަށް ވެއްޓުމުން ބޭއްވި ފުރަތަމަ އިންތިހާބެވެ.

ލަންކާގެ ބޭރުގެ ދަރަނި މިހާރު ހުރީ 55 ބިލިއަން ޑޮލަރު (844 ބިލިއަން ރުފިޔާ)ގައެވެ. މި ދަރަނި އަދި ދައްކަން ނުފަށެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)އިން ތާއީދުކުރި ވިކްރަމަސިންހަގެ އިސްލާހީ ފިޔަވަޅުތައް ވީ ގައުމުގެ 22 މިލިއަން މީހުންގެ އަތާއި އަނގަޔާ ދިމާ ނުވާ ދަތިތަކަކަށެވެ.

ރަސްމީ ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި 2021 އާއި 2022 އާ ދެމެދު ލަންކާގެ ފަގީރުކަމުގެ ނިސްބަތްވަނީ ދެ ގުނަ މައްޗަށް ގޮސް، 25 ޕަސެންޓަށް އަރައިފައެވެ. މިހެންވެ، ދުވާލަކު 3.65 ޑޮލަރު (56.28ރ.)އަށްވުރެ ކުޑަ އާމްދަނީއެއްގައި ދިރިއުޅޭ ރައްޔިތުންގެ އަދަދަށް އިތުރު 2.5 މިލިއަން މީހުންވަނީ އިތުރުވެފައެވެ.

ޑިސަނަޔަކަގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނެނީ ވިކްރަމަސިންހަ އައި.އެމް.އެފް ރުއްސަން އެޅުއްވި، ރައްޔިތުންގެ މެދުގައި މަގުބޫލުކަމެއް ނުލިބިލެއްވި، ފިޔަވަޅުތައް ދޫކޮށްލައްވައި، ސޯޝަލިޒަމްގެ ދަށުން ވެލްފެއާ ނިޒާމެއް ހިންގައިގެން ރައްޔިތުންގެ އަސާސީ އަދި އެހެނިހެން ބޭނުންތައް ފުއްދައިދެއްވުމެވެ. މިހެންވެ ޕާލަމަންޓްގައި ކުރިން އެންމެ ހަތަރު ޕަސެންޓްގެ ވޯޓެއް ލިބުނު ޖޭ.ވީ.ޕީ.އިން ހުށަހެޅި ރިޔާސީ ކެންޑިޑޭޓުކަމުގެ ފުރުސަތު މި ފަހަރު ވެގެން އައީ ޑިސަނަޔަކައަށް ލަންކާގެ ވެރިކަމަށް ވަޑައިގަންނަވަން ފަސޭހަ މަގަކަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *