ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ގާއިމްކޮށްފައިވާ ޕޮކެޓް ޕާކިން ޖާގަތައް ކުއްޔަށް ދޫކުރަން މިއަދު ހުޅުވާލައިފި އެވެ.
އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ އަށް ޒޯނަކުން ދޫކުރާ 1،374 ޕާކިން ޖާގައެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ އެ ޕާކިން ޖާގަތަކުގެ މަހު ކުއްޔަކީ 2،000ރ. އެވެ.
އެޗް.ޑީ.ސީން ބުނީ 18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށްވެސް މި ޕާކިން ޖާގަތަކަށް ކުރިމަތިލެވިދާނެ ކަމަށެވެ. ޕާކިން ޖާގައަށް އެޕްލައިކުރާ ފަރާތުގެ ނަންމަތީގައި، މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ B1 ނުވަތަ C1 ގެ ވެހިކަލެއް އޮންނަންވާނެއެވެ. އަދި ޕާކިން ހޯދަން އެޕްލައިކުރާ ފަރާތަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކަށްވެސް ވާންވާނެ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.
"އެގޮތުން، ޕާކިން ސްލޮޓުތައް ދޫކުރުމުގައި ފުރަތަމަ އިސްކަންދޭނީ، ހުޅުމާލެއަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށެވެ. އެއަށްފަހު، (ހުޅުމާލެ ފިޔަވައި) މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ޕާކިން ޖާގަ ދޫކުރެވޭނެއެވެ." އެޗް.ޑީ.ސީން ބުނެއެވެ.
ޕާކިން ޖާގަ ދޫކުރުމުގައި އިސްކަންދޭނެ ތަރުތީބު:
- ޕާކިން އެޕްލިކޭޝަން ހުށަހަޅާފައިވާ ޒޯންގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުން
- ޕާކިން އެޕްލިކޭޝަން ހުށަހަޅާފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދިރިއުޅޭ ހުޅުމާލޭ ރައްޔިތުން
- މާލޭ ސަރަހައްދުގައި (ހުޅުމާލެ ނުހިމަނާ) ދިރިއުޅޭ ރައްޔިތުން
- ޕާކިން ޖާގަތައް ދޫކުރާނީ އެ ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެން
ޕާކިން ޖާގައަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 01 އޮކްޓޯބަރެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 14:00 އަށް އެޗްޑީސީގެ ރިސެޕްޝަނުން އެޕްލިކޭޝަން ފޯމުތައް ބަލައިގަންނާނެއެވެ.
"ހުޅުމާލެއިން ދޫކުރާ މި ޕޮކެޓް ޕާކިން ޖާގަތަކުގެ ސަބަބުން ވެހިކަލް ޕާކުކުރުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ އެވެ. މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ، ހުޅުމާލެއަކީ ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ހެދުމާއެކު ހުޅުމާލޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށެވެ." އެޗް.ޑީ.ސީން ބުނެއެވެ.



advertisment

