Support Us

ޣަޒަލަކީ ކޮބައިހެއްޔެވެ؟

އަޅުގަނޑުގެ ކޮއްކޮ އަކު ފޯނުކޮށްފައި ބުންޏެވެ. ބޭބެ އެފް.ބީގައި ޣަޒަލް ލިޔާތީ، ރައްޓެހިކުދިން އެއީ ދީނީ ގޮތުން ކޮން ކަހަލަ ކަމެއްތޯ އެބަ ސުވާލުކުރެއެވެ.

***

ޣަޒަލަކީ ކޮބައި ހެއްޔެވެ؟ ޣަޒަލަކީ، ލޯބިވެރިޔާ ސިފަކޮށް އޭނާ އާ މެދު ހިތުގައި އުފެދިފައިވާ ޝުޢޫރުތައް ޅެންބަހުން ހާމަކުރުމެވެ.

ޣަޒަލުގެ ދެ ބާވަތެއް ހުރެއެވެ.

އެއީ،

1:ޢިއްފަތްތެރި ޣަޒަލެވެ.

2: ފާޅުކަން ބޮޑު ގޮތެއްގައި ނުހަނު ޞަރީޙަކޮށް ވަނާތައް ސިފަކުރާ ބޭއަދަބީ ޣަޒަލެވެ.

މީގެ ތެރެއިން ޢިއްފަތްތެރި ޣަޒަލް ނުވަތަ ތިމާގެ ހިތުގެ އިޙުސާސްތަކާއި ޖަޒުބާތުތަކާއި ލޯބީގެ ޝަކުވާތައް ޢިއްފަތްތެރިކަމާއެކު ޅެންބަހުން ހާމަކުރާ ޣަޒަލް، ދީނީ ގޮތުން ހުއްދަ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

ސިޔަރަތު ފޮތްތަކުގައި ކީރިތި މާތް ނަބިއްޔާ، ޅެންވެރިޔާ ކަޢުބު ބުނު ޒުހައިރުގެ بَانَتْ سُعَادُ މި ޅެންބައި އަޑުއެއްސެވިކަމަށް ނަންގަނެވިފައިވެއެވެ. އެ ޅެންބައި ފަށައިފައިވަނީ އޭރުގެ ޢަރަބިންގެ އާދައިގެ މަތިން ނުހަނު އަސަރު ގަދަ ލޯބީގެ މުޤައްދިމާއަކުންނެވެ. އޭގެ ބައެއް ބައިތު ދަންނަވައިލާނަމެވެ.

بانَت سُعادُ فَقَلبي اليَومَ مَتبولُ ** مُتَيَّمٌ إِثرَها لَم يُفدَ مَكبولُ

_ސުޢާދު ވަކިވުމަށް ފަހު އަހަރެންވަނީ، ހިތަށް ޙައިރާންކަން ވެރިވެ ގޮތްހުސްވެފައެވެ. ސަލާމަތް ވުމެއް ނެތް ގޮތެއްގައި ލޯބީގެ ގައިދުގައި ހައްޔަރުވެފައެވެ.

وَلا تَمَسَّكُ بِالعَهدِ الَّذي زَعَمَت ** إِلّا كَما تُمسِكُ الماءَ الغَرابيلُ

އެކަމަނާ ކުރާ ވަޢުދުގައި ހިފަހަށްޓަނީ، ފުރޭނީގައި ފެންހިފެހެއްޓިފައި ހުންނަ ގޮތަށެވެ. އެބަހީ: އަމުދުން ވައުދެއްކޮށްފިއްޔާ އޭގެ މަތީގައި ސާބިތުވެ ހުންނަ ކަނބަލެއް ނޫނެވެ.

ޣަޒަލީ މުޤައްދިމާ އަށް ފަހު، ދެން އަންނަނީ މާތް ރަސޫލާ އަށް ދަންނަވާފައިވާ އަސަރު ގަދަ ރީތި މަދަޙައިގެ ޅެންބައިތުތަކެވެ.

ވީމާ، ޣަޒަލު އަޑުއެހުމާ ކިޔުމަކީ، ހުއްދަކަމެއް ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

ސަޢީދު ބުނު މުސައްޔިބު މަގެއްގެ މަތިންވަޑައިގަންނަވަނިކޮށް މީހަކު ޣަޒަލެއް ކިޔާ އަޑުއިވިވަޑައިގަތުމުން ވިދާޅުވިއެވެ. މިއީ ހިތަށް ތާޒާކަން ގެނެސްދޭ ފަދަ ބަސްތަކެކެވެ.

އެކަލޭގެފާނު އެއްސެވި ޅެންބައިތަކީ،

تَضوَّعَ مِسكاً بَطنُ نُعمانَ إِن مَشَت ** بِهِ زينَبٌ في نِسوَةٍ عَطِراتٍ

ނުޢުމާނެވެ ކިޔާ ވާދީގެ ތެރެއިން ހިންދު، އެކަމަނާގެ އެކުވެރިންނާ އެކު ހިނގައިލައިފިއްޔާ މުޅި ވާދީ ތެރޭ މީރުވަސް ފެތުރިގެންދެއެވެ.

އިމާމު މާލިކުގެފާނުގެ އުސްތާޒު ޢުރްވާ ބުނު އުޛައިނާ ހެއްދެވި ޣަޒަލެއްގައި ވެއެވެ.

ولعمرها لو كان حبّــك فوقها **

يومـــاً وقد ضحيت إذاً لأظلّهـا

ގަންދީބުނަމެވެ. އެކަމަނާ އަތްވަށް ނުކުމެއްޖެނަމަ، ތިބާ އެކަމަނާ ދެކެ ވާ ލޯބި، ކުޑައަކަށް ވެގެން އޭނާ އަށް ހިޔާއަޅާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *