އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ ގެކޮޅު، 10 ޑައުނިން ސްޓްރީޓްގައި އުޅޭ ޒަމާންވީ ބުޅާ "ލެރީ"، އާ ބޮޑު ވަޒީރު ކެއާ ސްޓާމާގެ ބުޅާ "ޖޯޖޯ"އާއި، ސްޓާމާގެ އާއިލާއިން ހޯދި އިތުރު ޅަ ބުޅަލަކާ ރަހްމަތްތެރިކުރުވަން ފަށައިފިއެވެ.
އުމުރުން 17 އަހަރުގެ ލެރީ އެ ގޭގައި އުޅޭތާ 13 އަހަރުވެއްޖެއެވެ. ކުރީގެ ބޮޑު ވަޒީރު ޑޭވިޑް ކެމެރުން ގެންނެވި ލެރީއަށް މިހާރު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް ބެލެވެއެވެ. ސަބަބަކީ ކުރީގެ ބޮޑު ވަޒީރު ރިޝީ ސުނަކު އެ ގެ ދޫކޮށްލައްވައިފައި ދިޔުމުން އޭނާގެ ކުއްތާ "ނޯވާ"ގެ ކިބައިން ލެރީ "ސަލާމަތްވުމުން"ނެވެ.
ޑައުނިން ސްޓްރީޓަށް ބަދަލުވުމުގެ ކުރިން ސްޓާމާގެ އާއިލާއިން ވަނީ ގެންނާނީ ކޮންކަހަލަ ޕެޓެއްތޯއާމެދު މަޝްވަރާކޮށްފައެވެ. ސްޓާމާގެ ދަރިން ބޭނުންވީ އާއިލާއިން ގެންގުޅޭ "ޖޯޖޯ" ނަމަކަށް ކިޔާ ބުޅަލެއްގެ އިތުރުން ކުއްތާއެއް ގެނައުމަށެވެ. ނަމަވެސް އެންމެ ފަހުން ނިންމީ ކުއްތާއެއް ނުގެނެސް ޖޯޖޯއާއެކު އިތުރު ޅަ ބުޅަލެއް ގެނައުމަށެވެ. އެހެންކަމުން ބޮޑު ވަޒީރުގެ ގެކޮޅުގައި ލެރީ މިހާރު އަންނަނީ ސްޓާމާ އާއިލާގެ ދެ ބުޅަލާ ރަހްމަތްތެރިވަމުން ކަމަށް އިނގިރޭސި މީޑިއާއިން ރިޕޯޓްކުރިއެވެ.

ބުޅާ ސަލާމަތްކުރުމަށް މަސައްކަތްކުރާ ޖަމާއަތަކުން ގެންގުޅުނު ލެރީ 2011 ގައި ކެމެރުން ގެންނެވީ ބޮޑު ވަޒީރުގެ ގެކޮޅުން މީދާ ހުސްކުރާށެވެ. ފުރަތަމަ ދުވަސްވަރު އެ ކަން ވަރަށް ރަނގަޅަށްކުރި ކަމަށާއި ނަމަވެސް ފަހުންފަހުން އައިސް ލެރީ އެ ސޮރުގެ ޒިންމާ އެހާ ރަނގަޅަށް އަދާނުކުރާ ކަމަށް ކެމެރުން ވިދާޅުވިއެވެ.
އިނގިރޭސި ވިލާތުގެ ސަރުކާރުތައް އަވަސްއަވަހަށް ބަދަލުވި ނަމަވެސް ލެރީ އުޅެނީ ހަމަޖެހިލައިގެން ބޮޑު ވަޒީރުގެ ގެކޮޅުގައެވެ. އެ ގޮތުން ސްޓާމާއަކީ ލެރީއާއެކު އުޅުއްވާ ހަ ވަނަ ބޮޑު ވަޒީރެވެ.

ލެރީއަކީ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު ބުޅަލެކެވެ. މިހެންވެ އެ ސޮރަށް ސޯޝަލް މީޑިއާގެ ވެރިފައިޑް އެކައުންޓެއް ވެސް ސަރުކާރުން ގާއިމުކޮށްދީފައިވެއެވެ. ހޭންޑްލްއަކީ Number10cat@ އެވެ.

ބުޅަލެއްގެ އުމުރަކީ އާއްމު ގޮތެއްގައި 12 އަހަރާއި 18 އަހަރާ ދެމެދު ކަމަށްވާތީ ސަރުކާރުން މިހާރު ވަނީ ލެރީ މަރުވުމުން ޖަނާޒާ ބާއްވާނެ އިންތިޒާމުތަކުގެ ތަފުސީލުތައް ހަމަޖައްސައިފައެވެ. އެ ގޮތުން ރާނީ އެލިޒަބަތު ދޭއް އަވަހާރަވުމުން "ލަންޑަން ބްރިޖް"ގެ ނަމުން އިންތިޒާމްކުރި ޖަނާޒާހެން، ލެރީގެ ޖަނާޒާއަށް ވެސް ވަނީ ނަމެއް ހަމަޖައްސައިފައެވެ. އެއީ "ލެރީ ބްރިޖަސް"އެވެ.



advertisment