ޖާނުން ވަރަގަދައީ އާއްމު ގޮތެއްގައި ފިރިހެނުން ކަމަށް ވެދާނެއެވެ. ނަމަވެސް އަންހެނެއްގެ ދުލުގެ ބާރުން އެ ހުރިހައި، އަދި އެހެން ކަންތައްތައް ވެސް، ފަތަހަކޮށްލައެވެ.
މި ބަލައިލަނީ އަންހެނުންގެ ދުލުގައި ހުންނަ ބާރު ދައްކުވައިދޭ 11 ކަމަކަށެވެ.
- އަންހެނެއްގެ އެންމެ ވަރުގަދަ ބާރަކީ އޭނާ ބުނާ ބަސްތަކެވެ. ޖިސްމު ވަރުގަދައީ ފިރިހެންމީހާގެ ކަމަށް ވިޔަސް، އަންހެންމީހާ ދުލުން ބޭރުކޮށްލައި ބަސްތަކުގެ ސަބަބުން ފިރިހެންމީހާ ނުހަނު ފަސޭހަކަމާއެކު ފަތަހަކޮށްލައެވެ.
- ފިރިހެނަކަށް ހިތްވަރު ލިބޭ އަދި ރޫހު އުފައްދައިދޭ ކަމަކަށް އަންހެންމީހާގެ ބަސްތައްވާ ހިނދު، ހަމަ އެ އަންހެންމީހާ އެ ފިރިހެންމީހާއާ މުހާތަބު ކުރުމުގައި ބޭނުންކުރާ ބަސްތަކެއްގެ ސަބަބުން ފިރިހެންމީހާގެ ހިތްވަރު އެލި، ރޫހު ގެއްލި، އެ އަންހެންމީހާއަކީ ނުބައި ހުވަފެނަކަށް ވެސް ބަދަލުވެދާނެއެވެ. އެ ގޮތުން ފިރިހެނަކު އަންހެނެއް ދެކެ ވާ ލޯބި އިތުރުވާ ވަރަކަށް ފިރިހެންމީހާގެ މައްޗަށް އަންހެންމީހާއަށް ބާރު ފޯރުވެމުންދާ މިންވަރު ވެސް އިތުރުވެއެވެ.
- ހަރުކަށި އަދި ރަހުމް ކުޑަ ބަސްތަކެއްގެ ސަބަބުން އަންހެނަކަށް އޭނާގެ އަމިއްލަ ދަރިންގެ "ސެލްފް-އެސްޓީމް" ގެއްލުވައިލެވިދާނެއެވެ. (ސެލްފް-އެސްޓީމަކީ އެ މީހަކު އަމިއްލަ ނަފުސާމެދު ދެކޭ ގޮތެވެ.) އަނެއްކޮޅުން ހެޔޮ ބަސް ބުނެގެން ދަރިންގެ ހިތުގައި އުއްމީދާއި އިތުބާރާއި ލޯބި ވެސް އަށަގެންނެވޭނެއެވެ. މީހަކު ބޮޑުވާއިރު އޭނާގެ ކުޑައިރުގެ ހަނދާންތައް ބިނާވެފައިވާނީ އޭނާގެ މަންމަ އޭނާއާ ވާހަކަދެއްކި ގޮތެއްގެ މައްޗަށެވެ.
- އަންހެނެއްގެ ވާހަކަ ހުންނަ ގޮތުން އޭނާގެ ޝައުގުވެރިކަމެއް ހުރިހެން ވަރަށް ގިނަ ފިރިހެނުންނަށް ހީވެދާނެއެވެ. މި ކަހަލަ އަންހެނުންނަކީ "ފްލާޓް" ނުވަތަ ޖިންސީ ސަމާސާކުރާ ބައެއް ކަމަށް އެ މީހުންނާމެދު ހީކުރެވިދާނެއެވެ. އެ އަންހެނަކީ ހުސަހަށިބައި މީހެއް ނަމަ، އޭނާ އެ އޮޅުވާލަނީއެވެ. އޭނާއަކީ ކައިވެނިކޮށްގެން އުޅޭ މީހެއް ނަމަ، އޭނާއަށް އެ ކުރެވޭ ކަމަކުން އޭނާގެ ފިރިމީހާގެ ސިކުނޑިއަށް އުނދަގޫކުރާނެ ކަމަކީ އަނބިމީހާ އެހެން ފިރިހެނުންނާ ޖިންސީ ގާތްކަމެއް ބަހައްޓަން ބޭނުންވަނީ ކީއްވެތޯ އުފެދޭ ސުވާލެވެ.
- ނުބައި ރާގަކަށް ވާހަކަ ދައްކައި، މަޖާ ނޫން ޖޯކުތައް ކިޔުމާއި އަދި ހަމްދަރުދީ ނުވާ ބަސްތަކެއް ބޭރުކޮށްލާ އަންހެނުންނާ އެ މީހުންގެ ރަހްމަތްތެރިން ދުރުވާނެއެވެ. "ކެއާ"ކުރުން ނުވަތަ އެހެން މީހުންނާމެދު އަޅައިލުން ބަހައްޓާ އަންހެނުންގެ ބަސްތައް ހުންނަ ގޮތުން ރަހްމަތްތެރިންނާއެކު އޮންނަ ގުޅުން އަބަދަށް ދެމިގެންދާނެއެވެ.
- އަންހެނެއްގެ ދުލަކީ ޔޯލަޔޯލަ ވާހަކަ ވެސް ދެއްކޭ ގުނަވަނެކެވެ. މި ގޮތަށް "ގޮސިޕް"ކުރާ އެހެން އަންހެނުންނާ ގާތްކަން ބާއްވަން ފައްޓައިފި ނަމަ، އިސާހިތަކު ހަލާކުގެ ތެރެއަށް ހުށަހެޅި، ޒަވާޖީ ހަޔާތާއި ކެރިއަރާއި ހަޔާތަށް ލިބިފައިވާ އަމާންކަން ނެތިގެންދާނެއެވެ.
- އަންހެނެއްގެ އޮތީ "ވިހަ" ދުލެއް ކަމަށްވާ ނަމަ، ފިރިމީހާ ބަލާނީ ވީހާ ވެސް ލަހުން ގެއަށް އާދެވޭތޯއެވެ. އެއީ ފިރިމީހާ ބޭވަފާތެރިވެ، އެހެން އަންހެނަކާ ގުޅުމެއް ނުބޭއްވިޔަސްމެއެވެ. އެއާ ހިލާފަށް އަންހެންމީހާގެ ދުލުން ބޭރުކުރަނީ ލޯބީގެ ބަސްމަގު ކަމަށްވާ ނަމަ، ފިރިމީހާ އަވަހަށް ގެއަށް އަންނަން ވެސް ހިތްވަރު ލިބެއެވެ. ސަބަބަކީ ގޭތެރޭގެ މާހައުލުން ލޯތްބާއި އަރާމު ލިބޭތީއެވެ. އަނބިމީހާގެ ދުލަކީ "ރީތި" އެއްޗެއް ކަމަށް ވާ ނަމަ އޭނާއާ ފޯނުން ވާހަކަ ދެއްކުމަށް ވެސް ފިރިމީހާ ޝައުގުވެރިވާނެއެވެ.
- ނަފުސާނީ މާޔޫސްކަން ލިބިފައިވާ އަންހެނުންނަކީ ދުލަށް އައިހައި އެއްޗެއް ބޭރުކޮށްލައި ބައެކެވެ. ހަމަނުޖެހޭ ވާހަކަ ވެސް ދައްކައިފައިނެއެވެ. ޖަޒުބާތީ ގޮތުން "ސްޓޭބަލް" ނުވަތަ ހަމައިގައި ހުންނަ އަންހެނުން އެ މީހުންގެ ދޫ ބޭނުންކުރުމުގައި ޒިންމާދާރުވާނެއެވެ. ނުރަނގަޅު މޫޑެއް ހުއްޓަސް، ނުވަތަ ހޯމޯންސްގައި "މައްސަލައެއް" އުޅޭ ދުވަހެއް ކަމަށް ވިޔަސް، ނުވަތަ މުޅި ދުވަހަކީ އެންމެ އެދެވޭ ގޮތަށް ކުރިއަށްނުދާ ދުވަހެއް ކަމަށް ވިޔަސް، މި ފަދަ އަންހެނުން އެ މީހުންގެ ދޫ ރައްކާތެރިކުރާނެއެވެ.
- ނުބައި ގޮތަކަށް ފިރިހެނެއްގެ ހިތާ ކުޅެލުމަށް ވެސް އަންހެނުންގެ ދޫ ހަތިޔާރަކަށް ފުދެއެވެ. މިސާލަކަށް، ފިރިމީހާއާ ދިމާއަށް "ތިބާގެ ފިރިހެންވަންތަކަމެއް ނެތް"، "އަހަރެންނަށް ފަރުވާއެއް ދެވޭނެ ހާލެއް ވެސް ތިބާގެ ނެތް"، "ތިބާއަކީ އަގެއް ނެތް މީހެއް"، "އަހަރެންގެ ގައިގައި ޖަހާ! އަހަރެން އެ ކަމަށް ގޮންޖަހަން!" މިފަދަ އިބާރާތްތަކުން ވާހަކަދެއްކުމުންނެވެ. އަނެއްކޮޅުން އަންހެނެއްގެ ދުލަކީ ސުލްހަ ގާއިމުކުރާ އާލާތެއްވެސްމެއެވެ. ފެންމަތިވާ ދެބަސްވުންތައް ހަމައަކަށް އަޅުވައި، މައްސަލައެއް ބޮޑު ނުވަނީސް އެ ކަމެއް ހައްލުކޮށް، ފިރިހެންމީހާއަށް ޝުކުރުވެރިވުމުގެ ސިފަ ވެސް ދެއްކިދާނެއެވެ.
- އަންހެނެއްގެ ދުލުގެ ސަބަބުން އޭނާގެ ގެވެށި ހަޔާތް ހަލާކުކޮށްލައި ނުވަތަ އާރާސްތު ވެސް ކޮށްލެވިދާނެއެވެ. އޭނާ ބޭނުންކުރާ އިބާރާތްތަކުން ގޭތެރޭގެ މޫޑު ރަނގަޅު މަގަށް އަޅުވައިލެވޭތީއެވެ.
- ޚުދު އަމިއްލަ ތަރައްގީ އާއި ތަހުޒީބާއި ހުވަފެންތަކާއި ދުއާތައް "ކެންސަލް"ކޮށްލުމަށް ވެސް އަންހެންމީހާއަށް އޭނާގެ ދޫ ބޭނުންކޮށްލެވިދާނެއެވެ. އެއާ ހިލާފަށް ރަނގަޅު ދުއާތައްކޮށް، އޭނާގެ ހުވަފެންތަކާއި ފިރިމީހާ އާއި ދަރިން، އަދި އުޅޭ މުޖުތަމައު ހަރުދަނާކޮށްލަން ވެސް އަންހެނެއްގެ ދުލަކީ ވަރުގަދަ "ޓޫލް"އެއް ނުވަތަ އާލާތެކެވެ.
އެހެންކަމުން، ޖިސްމާނީ ގޮތުން ފިރިހެނުން އާއްމު ގޮތެއްގައި ބާރުގަދަ ވިޔަސް، އެއަށްވުރެ ވަރުގަދަ އެކައްޗަކީ އަންހެނެއްގެ ދުލެވެ. މިހެންވެ، ދޫ ރައްކާތެރިކުރުމަކީ އިންސާނާގެ ކަރާމާތާއި ތަރައްގީއަށް ކޮންމެހެން މުހިންމު އަދި ބޭނުންތެރި ކަމެކެވެ.
ނޯޓު: ތަރުޖަމާއެއް



advertisment
One Response
ޒަމާން ތަކަކަށް ފަހު ޚިއްލަތުގެ ލިޔުމެ ފެނުމުން އުފާވެއްޖެ.