Support Us

އެމް.ޑަބްލިޔު.އެސް.ސީން ކޮންޑުއިޓް ހޮޅި އުފައްދައި ބާޒާރަށް ނެރެފި

ކަރަންޓް ވަޔަރު ކުރުމަށް ބޭނުންވާ ކޮންޑުއިޓް ހޮޅި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ރާއްޖޭގައި އަލަށް އުފައްދައި، ބާޒާރަށް ނެރެފިއެވެ.

މިއަދު އެމް.ޑަބްލިޔު.އެސް.ސީގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންޑުއިޓް ޕައިޕް ބާޒާރަށް ނެރެދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދެވެ.

އެމް.ޑަބްލިޔު.އެސް.ސީން ގުޅީފަޅުގައި 2015 ވަނަ އަހަރު ޤާއިމްކޮށްފައިވާ ހޮޅި އުފައްދާ ކާރުޚާނާއިން ހަތަރު ސައިޒެއްގެ، ފެންވަރު ރަނގަޅު، ކޮންޑުއިޓް ހޮޅި އުފައްދައި ބާޒާރަށް ވަނީ ނެރެފައެވެ. މިގޮތުން ކަރަންޓް ވަޔަރިންގެ އެކި މަސައްކަތްތަކުގެ ބޭނުމަށް އުފައްދާ ތަފާތު ހަތަރު ސައިޒުގެ ތެރޭގައި 16، 20، 25، 32 އަދި 40 މިލިމީޓަރުގެ އެކި ކުލައިގެ ކޮންޑުއިޓް ހޮޅި ހިމެނެއެވެ.

އެމްޑަބްލިޔުއެސްސީގެ ހޮޅި އުފައްދާ ކާރުޙާނާއަކީ އައި.އެސް އޯ 9001 އަށް ސެޓިފައިކުރެވިފައިވާ ކާރުޙާނާއެކެވެ.

"ރާއްޖޭގައި ކޮންޑުއިޓް ހޮޅި އުފައްދައި ބަޒާރަށް ނެރެ ވިއްކަން ފެށުމުން، ރާއްޖޭގެ ގެދޮރު ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކޮންސްޓްރަކްޝަން ކުންފުނިތަކާއި، ހާރޑްވެއަރ ފިހާރަތަކަށް އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެން ދާނެއެވެ. މިގޮތުން، ރާއްޖެ އިން ބޭރުން ހޮޅި ގެނައުމުގައި ލަސްވާ ލަސްވުން ފަދަ ކަންކަމުން ދިމާވާ ދަތިތައް ކުޑަކުރުމަށް އެހީތެރިވެ، އަދި ރާއްޖޭގެ އިޤްތިޞާދަށް މިކަމުގެ ހެޔޮ އަސަރު ކުރުމަށް މަގު ފަހިވެގެންދާނެއެވެ." އެމް.ޑަބްލިޔު.އެސް.ސީގެ ބަޔާނެއްގައި ވެއެވެ.

"އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކޮށް ކުރިއަރުވައި، އޭގެ މަންފާ އާއި ލާބަ ކުންފުންޏަށާއި ދިވެހި މުޖްތަމަޢަށް ފޯރުކޮށްދިނުމެވެ."