އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް ޤާއިމްކުރުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސެއިން ފަހުމީ އެކްސްގައި މިއަދު ވިދާޅުވީ މި ސްޓޭޝަނެއް ޤާއިމްކުރުމަށް ނިންމައިފައި ވަނީ ސްޓެލްކޯގެ ހެޑް އޮފީހާ އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައި ކަމަށެވެ. އަދި އެ ކަމުގައި މާލޭ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ @MMuizzu ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުފުޅުތަކުގެ ތެރެއިން ކާރބަން ފުޓް ޕްރިންޓް ކުޑަކުރުމަށާއި، ޤައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއިއެކު، ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑްބޮޑުވެ، އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި، އަދި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށާއި، އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރުދިނުމުގެ ގޮތުން މި ކުންފުނީގެ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައި އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމަށް މިހާރު ވަނީ ނިންމާފައި. އަދި މި ކަމުގައި ސިޓީކައުންސިލާއި މަޝްވަރާކުރެވި، ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ވަނީ ލިބިފައި. މި ޗާޖިންގ ސްޓޭޝަންގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާއިރު، މާތްﷲގެ ވާގިފުޅާއެކު ވަރަށް އަވަސް މުސްތަޤުބަލެއްގައި ހަތަރުފުރޮޅުލީ އުޅަނދުގެ އިތުރުން ދެ ފޮރުޅުލީ އުޅަނދުތައްވެސް ޗާޖްކުރެވޭ ގޮތަށް ހަދާ މި ސްޓޭޝަންގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ،" އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންގެ މޮޑެލް ފޮޓޯތަކަކާއެކު އެކްސްގައި ފަހުމީ ވިދާޅުވިއެވެ.





advertisment

