Support Us

އައިސް ޕްލާންޓްތައް މިފްކޯއާ ޙަވާލުކުރެވެންދެން މަސްވެރިންނަށް އައިސް ލިބޭނެ: ފެނަކަ

އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާ ނިމެންދެން މަސްވެރިންނަށް މެދުނުކެނޑި އައިސް ފޯރުކޮށްދެއްވާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މުއާޒް މިހެން ވިދާޅުވީ އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މީގެ ދެ ހަފުތާ ކުރިން ފެނަކަ ކޯޕަރޭޝަންގެ ބޯޑުން ވަނީ މީގެ ކުރިން އެ ކުންފުނިން ކުރިޔަށް ގެންދިޔަ އައިސްޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫއުތަކާއި، އެ ކުންފުނީގެ ދަށުގައިވާ އައިސްޕްލާންޓުތައް ހިންގުން ހުއްޓާލުމަށް ނިންމާފައެވެ.

މެނޭޖިން ޑިރެކްޓަރ މުޢާޒު ވިދާޅުވެފައިވާ ގޮތުގައި ފެނަކައިން އައިސްޕްލާންޓްތައް ހިންގުން ހުއްޓާލަން ނިންމި މައިގަނޑު ސަބަބު ތަކުގެ ތެރޭގައި، އެ މަޝްރޫއުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތައް ވަމުންދިއުމާއި، ކުންފުނީގައި އައިސް ޕްލާންޓް ހިންގުމުގެ ފަންނީ ޤާބިލުކަން ނެތުމާއި އަދި އެ މަސައްކަތަކީ ކުންފުނީގެ މޭންޑޭޓާ ޚިލާފުވެސް މަސައްކަތަކަށްވުން ހިމެނެއެވެ.

"އައިސް ޕްލާންޓްތަކުން އޮޕަރޭޝަނަލީ އަހަރަކު ގާތްގަނޑަކަށް 12 ވަރަކަށް މިލިއަން ރުފިޔާ ގެއްލުން ވަމުން އައިސްފައިވެއެވެ. އަދި މިހާރުގެ މެނޭޖްމަންޓުން ނިންމާފައިވަނީ ކުންފުންޏަށް ގެއްލުންވާނެ އެއްވެސް ކަމެއް ކުރިއަށް އޮތް ތަނުގައި ނުކުރާށެވެ. އެގޮތުން އައިސް ޕްލާންޓްތައް އޮޕަރޭޓް ކުރުންވެސް ނިމުމަކަށް ގެނައީއެވެ." ފެނަކަގެ ބަޔާނެއްގައި ވެއެވެ.

"ފެނަކައިގެ ޚަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ކުންފުނިން އަޅަމުން އަންނައިރު ފެނަކައިގެ އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ދަރަނިތައް ޚަލާސްކޮށް ފައިދާ ނެރެވޭނެ ކުންފުންޏަކަށް ހެދުމެވެ."