Support Us

ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމު ޤާއިމުކުރުމުގެ ދިރާސާ ނޯވޭގެ ކުންފުންޏަކަށް

ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމު ޤާއިމުކުރުމުގެ ދިރާސާ ފެށުމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި ނޯވޭގެ ފްލޯޝަންއާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

އެމް.ޑަބްލިޔު.އެސް.ސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި ފަހުމުނާމާގައި ސޮއިކުރެއްވީ ފްލޯޝަންގެ މެނޭޖިން ޑިރެކްޓަރ، އަލެގްޒަންޑަރ ފުލެސަން އާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދެއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖެ، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) އަދި އެމް.ޑަބްލިޔު.އެސް.ސީގެ އިސްވެރިންނާއި މެނޭޖްމަންޓް ޓީމުން ބައިވެރިވެ ވަޑައިގަތެވެ.

އެމް.ޑަބްލިޔު.އެސް.ސީ އާއި ފްލޯޝަން ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ދިރާސާގައި ކަނޑު އަޑީގައި އާރް.އޯ ޑީސެލިނޭޝަން ސިސްޓަމް ޤާއިމްކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ހޯދުމާއި، އެކަމަށް ބޭނުންވާ ކަނޑު އަޑީގެ ދިރާސާތަކާއި، ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ދެނެގަތުމުގެ އިތުރުން، މިގޮތަށް ފެންއުފެއްދުމާ ގުޅޭ މާލީ ހިސާބުތައް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދިރާސާގައި އެމް.ޑަބްލިޔު.އެސް.ސީގެ މައިގަނޑު ދައުރަކަށް ވާނީ މިހާރު ލިބެން ހުރި މިކަމާ ގުޅޭ މަޢުލޫމާތާއި ފަންނީ ލިޔެކިޔުންތައް ފޯރުކޮށްދިނުމާއި، ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ރާއްޖޭގައި މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

"ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމަކަށްވާއިރު، މި ދިރާސާގެ އަލީގައި މިފަދަ ނިޒާމެއް ޤާއިމްކުރެވިއްޖެނަމަ، ރާއްޖޭގެ އިތުރުވަމުން އަންނަ އާބާދީއާއި ފެނުގެ ޑިމާންޑާ އެއްވަރަށް ފެން އުފެއްދޭވަރާއި ރައްކައުކުރެވޭނެ ނިޒާމުގެ ޤާބިލުކަން އިތުރުކުރެވޭނެ އައު އިޖާދީ ގޮތްތައް ހޯދުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން، ސާފު ރައްކައުތެރި ފެން އުފައްދާ ފޯރުކޮށްދޭ ނިޒާމް ޤާއިމްކުރުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ޙައްލު ލިބި، ރާއްޖޭގައި ފެން އުފެއްދުމަށް މިހާރު ބޭނުންކުރާ ހަކަތައާއި އެކަމަށް ހޭދަކުރެވޭ ޚަރަދު ކުޑަކުރެވިގެން ދާނެއެވެ." އެމް.ޑަބްލިޔު.އެސް.ސީގެ ބަޔާނެއްގައި ވެއެވެ.

"މި ދިރާސާގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާ ބެހޭ ސިޔާސަތުތަކުގެ އިތުރުން، އ.ދގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައްވެސް ހާސިލުކުރުމަށް މަގުފަހިވެގެންދާނެއެވެ. މިއާއެކު، ޤައުމީ ފެންވަރުގައި ރައްކައުތެރި ބޯފެން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ފޯރުކޮށްދެވި، އޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ މަންފާ އެންމެހާ ރައްޔިތުންނަށް ފަހިކޮށްދެވވޭނެވެ. އަދި ޤުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލްކުރުމަށްވެސް މިނިޒާމް މުހިންމު ދައުރެއް އަދާކުރާނެއެވެ."

އެމް.ޑަބްލިޔު.އެސް.ސީގެ "އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނެވި ގޮތެއްގައި ސާފު ބޯފެނާއި ރައްކައުތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުމެވެ."