އަފްޣާނިސްތާނުގެ ވެރިކަމަށް ތޯލިބާން ޖަމާއަތް އައުމުގެ ތިން ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކޮށްފިއެވެ. ނަމަވެސް މިހާތަނަށް ވެސް ދުނިޔޭގެ އެއްވެސް ގައުމަކުން ތޯލިބާން ސަރުކާރު ބަލައިގަތްފައެއް ނުވެއެވެ. ތޯލިބާނުން ވަނީ މިއަދަކީ ރަސްމީ ބަންދު ދުވަހެއް ކަމަށް ހަމަޖައްސައި، އަސްކަރީ ޕެރޭޑެއް ބާއްވައިފައެވެ.
އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އެރީ އޮކްޓޫބަރު 2001 ގައެވެ. އެއީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ގައި އެމެރިކާގެ ޓްވިން ޓަވަރަށް އަލް-ގައިދާއިން ދިން ހަމަލާއަށް ފަހުއެވެ.
އަފްޣާނިސްތާނުގައި އެމެރިކާގެ ފައުޖުތައް 20 އަހަރު ހޭދަކުރިއެވެ. އަދި އެއަށް ފަހު އެމެރިކާގެ ހުރިހާ ސިފައިން އަފްޣާނިސްތާނުން ބައިލައި ނިންމީ 2021 ގެ ޖުލައި މަހުއެވެ. އޭގެ މަދު ދުވަސްކޮޅެއް ފަހުން އެ އަހަރުގެ އޮގަސްޓް މަހުގެ 15 ގައި ތޯލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައެވެ.
މިއަދުގެ ހަފުލާ ތޯލިބާނުން ބޭއްވީ އެމެރިކާ ސިފައިން ކުރިން ހިންގި އަސްކަރީ މަރުކަޒެއްގައެވެ.
މި ރަސްމިއްޔާތުގައި ގައުމަށް ދިމާވެފައިވާ މައްސަލަތަކާއި ކުރެވޭ އުއްމީދުތަކާ ބެހޭ ގޮތުން އެއްވެސް އޮފިޝަލަކު އެއްވެސް ވާހަކައެއް ނުދައްކައެވެ. ތޯލިބާންގެ ކެބިނެޓުން ވާހަކަ ދެއްކީ ގައުމުގައި އިސްލާމް ދީނުގެ ގާނޫނުތައް ވަރުގަދަ ކުރުމާއި "އަމާންކަމާއި ސަލާމަތްތެރިކަން" ގާއިމުކުރުމަށް އަސްކަރީ ނިޒާމު ވަރުގަދަ ކުރުމާ ބެހޭ ގޮތުންނެވެ.
ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި އޮފިޝަލުން ގޮވައިލެއްވީ ގައުމުން ފިލައިގެން ދިޔަ ރައްޔިތުން އެނބުރި އައުމަށެވެ. ތޯލިބާންގެ ވެރިންނާ މުއާމަލާތްކުރުމަށް ހުޅަނގުގެ ގައުމުތަކަށް ގޮވައިލެއްވިއެވެ.
"އެތެރޭގެ ކޯޅުންތައް ނިމުމަކަށް ގެނެސްފިން. ދާހިލީ އެއްބައިވަންތަކަން ގާއިމުކޮށްފިން. ދާހިލީ ކަންތައްތަކާ ބެހުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދޭނަން. އެހެން ގައުމަކާ ދެކޮޅު ހަރަކާތެއް ހިންގަން އަފްޣާނިސްތާނުގެ ބިމެއް ނުދޭނަން،" ބޮޑު ވަޒީރުގެ ނައިބު މައުލްވީ އަބްދުލް ކަބީރު ވިދާޅުވިއެވެ.
މި ހަފުލާގައި ހަތަރު އޮފިޝަލުން ވާހަކަދެއްކެވިއެވެ. ނަމަވެސް އާދައިގެ ދިރިއުޅުމުގައި އަފްޣާނިސްތާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މި ބޭފުޅުން ވާހަކައެއް ނުދައްކަވައެވެ.
ހަނގުރާމަ އާއި ހަމަނުޖެހުންތަކުގެ އެތައް އަހަރަކަށް ފަހު އަފްޣާނިސްތާނުގެ އެތައް މިލިއަން މީހުން މިހާރު ވަނީ ބަނޑަށްޖެހުމުގެ މަގުމަތީގައެވެ. ވަޒީފާ ނެތް މީހުންގެ އަދަދުވެސް އެހާ ގިނައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި 10،000 ފިރިހެނުން ބައިވެރިވި ކަމަށާއި ނަމަވެސް އަންހެނުން ބައިވެރި ނުކުރާ ކަމަށް ތޯލިބާނުން ބުންޏެވެ. ބައިވެރިވެވަޑައިގަތް އިސް ފަރާތްތަކުގެ ތެރޭގައި ވަގުތީ ދިފާއީ ވަޒީރު މުއްލާ ޔައުގޫބު އާއި ވަގުތީ ދާހިލީ ވަޒީރު ސިރާޖުއްދީން ހައްގާނީ ހިމެނެއެވެ. ނަމަވެސް އެންމެ އިސް ލީޑަރު ކަމަށްވާ ހިބާތުﷲ އަޚުންދްޒާދާ ހިމެނިވަޑައެއްނުގަނެއެވެ. ތޯލިބާނުން ބުނީ ބޭރުގެ ޑިޕްލޮމެޓުން ވެސް ބައިވެރިވެވަޑައިގަތް ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް ހާމައެއް ނުކުރެއެވެ.
އެހީ ދޭ ޖަމާއަތްތަކުން ބުނަނީ އިންސާނީ އެހީ ދިނުމަށް އެކަށީގެންވާ އަދަދަކަށް ފައިސާ ނުލިބޭ ކަމަށެވެ. އިގުތިސާދީ އަދި މޫސުމީ މައްސަލަތަކުގެ ސަބަބުން ރައްޔިތުންގެ އާމްދަނީ ހޯދުމުގެ ފުރުސަތުތަކަށް ހުރަސްއެޅިފައިވާ ކަމަށެވެ.
އެ ފަރާތްތަކުން ބުނަނީ ޑިޕްލޮމެޓިކް ޒަރީއާއިން ނަމަވެސް ތޯލިބާންއާ މުއާމަލާތް ނުކުރާ ނަމަ އަފްޣާނިސްތާނުގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެ ގޮތުން އަންހެނުންނާއި ކުޑަކުދިންގެ ކުރިމަގު ވަކިން ހާއްސަކޮށް ބަނަކަމަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި އަސްކަރީ ޕެރޭޑެއް ހިމެނެއެވެ. އޭގައި ދައްކައިލީ އެމެރިކާއިން ދޫކޮށްލައިފައި ދިޔަ ހެލިކޮޕްޓަރުތަކާއި ޓޭންކްތަކާއި އަދި ހަތަރުފުރޮޅުލީ އެހެން އުޅަނދުތަކެވެ. މި ޕެރޭޑްގައި ތޯލިބާންގެ ދިދަ ހިފައިގެން ސައިކަލު އައިޓަމެއް ވަނީ ހުށަހަޅައިފައެވެ.



advertisment