އިސްވެދިޔަ ހަލަގާގައި ހުށަހަޅާލެވުނު، އަލްބަޤަރާ ސޫރަތުގެ ވަށަރޮނގުގައި، ސޫރަތުގެ އާޔަތްތައް ފަސްބަޔަށް ބަހާލެވުނެވެ. މިފަސް ބައިގެ ތެރެއިން ފުރަތަމަ ބައިގެ ތަފްސީރު، މިހަލަގާގައި ލިޔަން ފަށަން ގަސްދުކުރަމެވެ. މިބައިގައި ހިމެނެނީ އެއްވަނަ އާޔަތުން ފެށިގެން އަށާވީސް ވަނަ އާޔަތުގެ ނިޔަލަށްވާ އަށާވީސް އާޔަތެވެ. ކުރިންވެސް ނަންގަނެވި ދިޔަ ފަދައިން، މިބައިގައި މިސޫރަތުގެއާއި އަދި ކީރިތި ޤުރްއާނުގެ ވެސް މައިގަނޑު މައުޟޫއުއަކީ އިލާހީ ހިދާޔަތުގެ ވާހަކަކަން ކަނޑައަޅާލެވިފައި ވެއެވެ. އަދި އެއަށްފަހު، މިބައިގައި، މި ހިދާޔަތް ބަލައިގަންނަ ގޮތުގެ މައްޗަށް ރިއާޔަތްކޮށް، މީސްތަކުން ތިންބަޔަށް ބަހާލެވިފައިވެއެވެ. އެންމެ ފުރަތަމަ އެކަން ބަލައިގަންނަ މީހުން، އާދެ، މުއިނުނުންނެވެ. ދެން، އެކަމަށް އިންކާރުކުރާ މީހުން، އާދެ، ކާފިރުންނެވެ. ދެން، އެކަން ބަލައިގަތުމާއި އިންކާރުކުރުމާއި ދެގޮތުން ކުރެ އެމީހުންގެ ގޮތަކީ ކޮބައިން ސާފުކޮށް ނޭނގޭ މީހުންނެވެ. އާދެ، ދެފުށް ދެގޮތް މުނާފިގުންނެވެ.
މީގެ ތެރެއިން މުއުމިނުންނާ ބެހޭ ވާހަކަކޮޅު، އެއްވަނަ އާޔަތުން ފެށިގެން ފަސްވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވެއެވެ. މުއުމިނުންނާއި ބެހޭގޮތުން، އެންމެ ފުރަތަމަ، ބަޔާންކުރެވިފައި ވަނީ، އެމީހުންނަކީ 'ތަގުވާވެރިން' ކަމުގައެވެ. މާތްﷲއަށް އީމާންވެ، އެމީހުންގެ ހަށިގަނޑު ތެރޭގައި މި އީމާންކަމުގެ ހުޅުކޮޅު ރޯކޮށް، ދަމަހައްޓުވައި، އޭގެ އަލީގައި އެމީހުންގެ އަމަލުތައް ބަހައްޓަން މަސައްކަތް ކުރާ މީހުންނެވެ. ހެޔޮއަމަލު ކޮށް، އެމީހުންގެ އީމާންވާ އީމާންވުމާ ތައާރުޒުވެ، ފުށުއަރާ ނުބައި ކަންކަމުން ދުރުހެލިވެ ތިބޭ މީހުންނެވެ. މީގެ އިތުރުން، އެމީހުންގެ ސިފަތަކުގެތެރޭގައި ޣައިބަށް އީމާންވުމާއި ނަމާދު ގާއިމުކުރުމާއި، އެމީހުންނަށް މާތްﷲ ދެއްވި ތަކެތީން އެހެން މީހުންނަށް ހޭދަކުރުމާއި، ކީރިތި ޤުރުއާނަށާއި އަދި އެހެނިހެންވެސް އިލާހީ ފޮތްތަކަށް އީމާންވުމާއި އަދި އާޚިރަތް ދުވަހަކީ އަންނާނޭ ދުވަހެއްކަމާ މެދު ޔަގީންކޮށް ކަށަވަރުކުރުން، ހިމެނެއެވެ.
އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައިގެ މިފަސް އާޔަތުގެ މައްޗަށް ތަފްސީލުކޮށް ބަލައިލަމާތޯއެވެ. އެންމެ ފުރަތަމަ މިފަސް އާޔަތުގެ ދިވެހި ތަރުޖަމާއެކެވެ. ދެން އެއަށްފަހު، މިއާޔަތްތަކުގެ އިތުރު ތަފްސީލު ހުށަހަޅާލެވޭނެއެވެ.
ތަރުޖަމާ
بسم الله الرحمن الرحيم ރަޙުމަތް ވަންތަ، ރަޙުމަތް ލައްވާ (މާތް)ﷲގެ އިސްމުފުޅު ނަންގަނެ (ބަރަކާތް ލިބުން އެދި ފަށަމެވެ)
1 ألم އަލިފް، ލާމް، މީމް. (މިއަކުރުތަކުގެ މާނައާ މެދު، ތިރީގައި، 'އިތުރު ތަފްސީލު’، މިސުރުޚީގެ ދަށުގައި ލިޔެވިފައިވާނެއެވެ.)
2 ذلك الكتاب لا ريب فيه هدى މިފޮތަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި، ތަޤުވާވެރިންނަށްޓަކައި އޮތް
للمتقين (އެބަހީ، މާތްﷲ ހަނދުމަކުރުންމަތީ ދެމިތިބޭ މީހުންނަށްޓަކައި އޮތް) މަގުދެއްކުމެވެ. (އެބަހީ، ތެދުމަގު ބަޔާންކޮށް، ދައްކާފައިވާ ފޮތެވެ.)
3 الذين يؤمنون بالغيب ويقيمون ތަޤުވާވެރިންނަކީ ޣައިބަށް އީމާންވެ، ނަމާދު ޤާއިމުކޮށް، ތިމަން الصلوة ومما رزقناهم ينفقون ރަސްކަލާނގެ، އެމީހުންނަށް، ދެއްވި ރިޒުގުން (އެއްޗެހީން ނުވަތަ ކަންކަމުން، އެހެންމީހުންނަށް ޓަކައި ހެޔޮގޮތުގައި،) ހޭދަކުރާ މީހުންނެވެ.
4 والذين يؤمنون بما أنزل إليك އަދި އެމީހުންނަކީ ކަލޭގެފާނު (އެބަހީ، މުހައްމަދުގެފާނު) މައްޗަށް وما أنزل من قبلك ބާވާލެއްވުނު ފޮތަށާއި (އެބަހީ ކީރިތި ޤުރްއާނަށާއި) އަދި ކަލޭގެފާނުގެ ކުރީގެ (ރަސޫލު ބޭކަލުންގެ މައްޗަށް) ބާވާލެއްވުނު ފޮތްތަކަށް ވެސް (އެބަހީ އެބޭބޭކަލުންގެ މައްޗަށް ބާވާލެއްވުނު ޒަބޫރު، ތައުރާތު އަދި އިންޖީލު ފަދަ، ފޮތްތަކަށް ވެސް) އީމާންވާ މީހުންނެވެ.
وبالآخرة هم يوقنون އަދި އާޚިރަތް ދުވަސް، (އެއީ އަންނާނޭ ދުވަހެއްކަމާ މެދު)، އެމީހުން ޔަގީންކޮށް، ކަށަވަރު ކުރެއެވެ.
5 أولئك على هدى من ربهم އެމީހުންގެ ސާހިބުވަންތަ ރަސްކަލާނގެ (ދެއްކެވި) ތެދުމަގުގައިވާ وأولئك هم المفلحون މީހުންނަކީ އެމީހުންނެވެ. އަދި (އާޚިރަތް ދުވަހުން) ދިންނެވުން ލިބޭނޭ މީހުންނަކީ ވެސް ހަމަ އެމީހުންނެވެ
އިތުރު ތަފްސީލު
މިސޫރަތް ފެށިފައި ވަނީ އަލިފް، ލާމް، މީމް. މިތިން އަކުރުންނެވެ. ކީރިތި ޤުރްއާނުގެ ބައެއް ސޫރަތްތައް ފެށުމުގައި އައިސްފައިވާ މިފަދަ އަކުރުތަކަށް 'އަލްޙުރޫފު އަލްމުޤައްޠަޢާ’، ވަކިކުރެވިފައިވާ އަކުރުތައް’، މިނަމުންނާއި އަދި 'އަލްފަވާތިޙު’، 'ފެށުންތައް’، މިނަމުންވެސް ނަންދެވިފައި ވެއެވެ. މިއަކުރުތަކުގެ މައްޗަށް އަވަސް ކަޅިއެއް އެއްލަމާތޯއެވެ. އެންމެ ފުރަތަމަ، ކީރިތި ޤުރްއާނުގައި ވަކިކުރެވިފައިވާ އަކުރުތައް އައިސްފައިވާ ގޮތުގެ މައްޗަށާއި އަދި އެއަކުރުތައް ހިމެނޭ ސޫރަތްތަކުގެ މައްޗަށް، މަތިމަތީން، ބަލާލާނަމެވެ. ދެން، މިއަކުރުތަކުގެ މާނައާއި ބެހޭ ގޮތުން މުފައްސިރުން ދައްކަވާފައިވާ ވާހަކަތަކުގެ ކުރު ޚުލާސާއެއް ހުށަހަޅާލެވޭތޯ ވެސް ބަލާލާނަމެވެ.
އަރަބިބަހުގެ އަލިފުބާގައި އަށާވީސް އަކުރު ހިމެނެއެވެ. (މިއަދަދު ކަނޑައަޅާ ލެވެނީ 'ހަމްޒާ’، އަޅުގަނޑުމެން ދިވެހިން ކިޔާގޮތުންނަމަ 'ކުރުއަލިފު' ހިމަނައި އަދި 'އަލިފު' އަކީ އަކުރެއް ކަމުގައި ނުހިމަނައެވެ. އަރަބި ބަހުގައި އަލިފު ހިމެނެނީ ދެމޭ ފިއްޔެއްގެ ގޮތުގައެވެ. ދިވެހި ބަހުގެ (އާބާ) ފިއްޔާ ދާދި އެއްގޮތެވެ. ތަފާތަކީ ކިޔުމުގެ ތަފާތެވެ. އަރަބި ބަހުގައި އާއްމު ގޮތެއްގައި 'އާ' ކިޔާއިރު ތުންފަތް ހަރަކާތް ކުރަނީ ދިވެހި ބަހުން 'އޭބޭ ފިލި' ކިޔާއިރު ދެތުންފަތް ހަރަކާތް ކުރާ ގޮތަށެވެ.) އަރަބި ބަހުގެ އަލިފުބާގެ އަށާވީސް އަކުރުގެ ތެރެއިން، ދެބައިކުޅަ އެއްބައި އަކުރު، އާދެ، ސާދަ އަކުރު، 'ވަކިކުރެވިފައިވާ އަކުރުތަކުގެ ތެރޭގައި ހިމެނިފައިވެއެވެ. އެއީ أ، ح، ر، ص، ط، ع، ف، ق، ك، ل، م، ن، هـ، ي މިއަކުރުތަކެވެ.
ވަކިކުރެވިފައިވާ އަކުރުތައް ކީރިތި ޤުރްއާނުގައި އައިސްފައިވާ ސޫރަތްތަކާއި އަދި އައިސްފައިވާ ގޮތް ލިޔެލާނަމެވެ. މިއަކުރުތައް ކީރިތި ޤުރުއާނުގެ އޮނަތިރީސް ސޫރަތެއްގެ، އާދެ، ގާތްގަނޑަކަށް، ކީރިތި ޤުރްއާނުގެ ހަތަރުބައި ކުޅަ އެއްބައި ސޫރަތުގެ، ފެށުމުގައި އައިސްފައި ވެއެވެ. ބައެއް ސޫރަތްތަކުގައި، ބޭނުންކުރެވިފައިވަނީ މީގެ ތެރެއިން، އެންމެ އަކުރެކެވެ. އެއީ ޞާދު ސޫރަތުގައި ص އާއި ޤާފު ސޫރަތުގައި ق އާއި އަލްޤަލަމު ސޫރަތުގައި ن އެވެ. އަދި ދިހަ ސޫރަތެއްގައި އެއަކުރުތަކުގެ ތެރެއިން ދެއަކުރު އައިސްފައި ވެއެވެ. އެއީ ޠާހާ ސޫރަތުގައި طه އާއި އައްނަމްލު ސޫރަތުގައި طس އާއި ޔާސީނު ސޫރަތުގައި يس އާއި އަދި ހަތް ސޫރަތެއްގައި حم އެވެ. އެ ހަތްސޫރަތަކީ ޣާފިރު ސޫރަތާއި ފުއްޞިލަތު ސޫރަތާއި އައްޝޫރާ ސޫރަތާއި އައްޒުޚްރުފު ސޫރަތާއި އައްދުޚާނު ސޫރަތާއި އަލްޖާޘިޔާ ސޫރަތާއި އަލްއަޙްޤާފު ސޫރަތެވެ. އަދި ވަކިކުރެވިފައިވާ އަކުރުތަކުގެ ތެރެއިން ތިން އަކުރެއް، ތޭރަ ސޫރަތުގައި ބޭނުން ކުރެވިފައި ވެއެވެ. އެއި ألم މިތިން އަކުރު ހަ ސޫރަތެއްގައެވެ. އަލްބަޤަރާ ސޫރަތާއި އާލު ޢިމްރާނު ސޫރަތާއި އަލްޢަންކަބޫތު ސޫރަތާއި އައްރޫމު ސޫރަތާއި ލުޤްމާނު ސޫރަތާއި އައްސަޖިދާ ސޫރަތުގައެވެ. އަދި ألر ފަސް ސޫރަތެއްގައި އައިސްފައިވެއެވެ. އެއީ ޔޫނުސު ސޫރަތާއި ހޫދު ސޫރަތާއި ޔޫސުފު ސޫރަތާއި އިބްރާހީމު ސޫރަތާއި އަދި އަލްޙިޖްރު ސޫރަތުގައެވެ. އަދި މީގެ އިތުރުން طسم ދެ ސޫރަތެއްގައި އައިސްފައިވެއެވެ. އެއީ އައްޝުޢަރާއު ސޫރަތާއި އަދި އަލްގަޞަޞު ސޫރަތުގައެވެ. އަދި ހަތަރު އަކުރެއް ދެ ސޫރަތުގައި އައިސްފައި ވެއެވެ. އެއީ އަލްއަޢްރާފު ސޫރަތުގައި ألمص އާއި އައްރަޢްދު ސޫރަތުގައި ألمر އެވެ. އަދި ފަސްއަކުރެއް ދެ ސޫރަތެއްގައި އައިސްފައިވެއެވެ. އެއީ މަރްޔަމް ސޫރަތުގައި كهيعص އާއި އައްޝޫރާ ސޫރަތުގައި حم عسق އެވެ.
ދެން ވަކިކުރެވިފައިވާ އަކުރުތަކުގެ މާނައިގެ މައްޗަށް ބަލައިލަމާތޯއެވެ. މިއަކުރުތަކުގެ މާނައާއި މެދު މުފައްސިރުން ތަފާތު ވާހަކަތަކެއް ދައްކަވައިފައިވެއެވެ. މިވާހަކަތަކުގެ ތެރެއިން އާންމުގޮތެއްގައި، ތަފްސީރު ފޮތްތަކުގައި ތަކުރާރުވާ ދެތިން ރައުޔުއެއް ތިރީގައި ހުށަހަޅާލާނަމެވެ.
ބައެއް މުފައްސިރުންގެ ރައުޔުގައި ވަކިކުރެވިފައިވާ އަކުރުތަކަކީ ކީރިތި ޤުރްއާނަށް ދެވިފައިވާ ނަންތަކުގެ ތެރެއިން ނަމެކެވެ. މިމާނަ ކުރުމަށް ރިއާޔަތްކޮށް، އަލްބަޤަރާ ސޫރަތުގެ ألم ذلك الكتاب…، މިއާޔަތުގެ މާނައަކަށް ވާނީ '(މިއަކުރުތައް ފަދަ އަކުރުތަކުން އެކުލެވޭ ކީރިތި) ޤުރުއާނެވެ. މިފޮތަކީ…،[ތަޤުވާވެރިންނަށްޓަކައި އޮތް މަގުދެއްކުމެވެ].' މިއެވެ. ބައެއް މުފައްސިރުން، މިގޮތަށް މާނަކުރައްވައި، މިތަނުގައި ވަނީ މާތްﷲ ކުރައްވާ ހުވައެއްކަމުގައި ދެކެވަޑައިގަނެއެވެ. އެފަދަ މުފައްސިރުން މިއާޔަތް މާނަ ކުރައްވަނީ މިފަދައިންނެވެ. '(މިއަކުރުތައް ފަދަ އަކުރު ތަކުން އެކުލެވޭ ކީރިތި) ޤުރުއާން ގަންދެއްވައި (ވަހީ ކުރައްވަމުއެވެ). މިފޮތަކީ… [ތަޤުވާވެރިންނަށްޓަކައި އޮތް މަގުދެއްކުމެވެ].'
އަނެއްބައި މުފައްސިރުންގެ ރައުޔުގައި، ވަކިކުރެވިފައިވާ އަކުރުތަކަކީ، އެއަކުރުތައް އައިސްފައިވާ ސޫރަތް ސޫރަތުގެ ނަންނަމެވެ. މިސާލަކަށް، ص، ق، طه، يس މިއީ ސޫރަތް ސޫރަތުގެ ނަންނަމެވެ. ވަކިކުރެވިފައިވާ އަކުރުތައް މިފަދައިން މާނަ ކުރާއިރު، ބައެއް ސޫރަތްތަކުގައި އެއް އަކުރުތަކެއް ތަކުރާރުވެފައި އޮތުމުން، ތަފާތު ސޫރަތްތަކަށް އެއްނަމެއް ކިޔޭގޮތް ދިމާވެއެވެ. މަތީގައި، ކީރިތި ޤުރްއާނުގައި މިއަކުރުތައް އައިސްފައިވާ ގޮތުގެ ބަޔާނުގައި ފެންނަން އޮތް ފަދައިންނެވެ. މިސާލަކަށް ألم ހަ ސޫރަތެއްގައި އަދި حم ހަތް ސޫރަތެއްގައި އައިސްފައިވެއެވެ. މިހެންވުމުން، އެއްސޫރަތް އަނެއްސޫރަތާއި ވަކިނުކުރެވޭ ގޮތް ދިމާވެއެވެ. މިއަށް ރައްދު ދެއްވަމުން، މި ނަންގަތް ރައުޔުގެ ބޭކަލުން ވިދާޅުވަނީ، އެއްއަކުރުތަކެއް ބައެއް ސޫރަތްތަކުގައި ތަކުރާރުވެފައި ހުރުމަކީ، މައްސަލައެއް ނޫންކަމެވެ. އެ އަކުރުތަކާއި ސޫރަތުގެ އެހެން ބަޔަކާއި ނުވަތަ ނަމަކާއި ގުޅުވައިގެން، އެސޫރަތް އެހެން ސޫރަތްތަކާ ވަކިކުރެވިދާނެތީއެވެ. މިސާލަކަށް، ألم މިތިން އަކުރުން އަލްބަޤަރާ ސޫރަތާ އެކު ހަސޫރަތެއް ފެށިފައިވިޔަސް، މިއަކުރު ތަކަކީ އަލްބަޤަރާ ސޫރަތުގެ ނަމެއް ކަމުގައި ބަލާނަމަ، އަލްބަޤަރާ ސޫރަތަކީ ألم ذلك الكتاب ސޫރަތޭ ކިޔައި، މިއަކުރުތަކުން ފެށޭ އެހެން ސޫރަތްތަކާއި ބަޤަރާ ސޫރަތް ވަކިކުރެވިދާނެއެވެ. އަދި ހަމަ އެހެންމެ، حم. މިދެ އަކުރު، ހަތް ސޫރަތެއް ފެށުމުގައި ތަކުރާރު ވެފައިވިޔަސް، މިދެއަކުރުން ފެށޭ އައްސަޖިދާ ސޫރަތް އެއީ 'ޙާމީމް އައްސަޖިދާ' އޭ ކިޔައި، އެސޫރަތް، އެހެން ސޫރަތްތަކާއި ވަކިކުރެވިދާނެއެވެ.
އަދި ބައެއް މުފައްސިރުންގެ ރައުޔުގައި، ވަކިކުރެވިފައިވާ އަކުރުތަކުގެ ތެރެއިން ކޮންމެ އަކުރެއްވެސް ރަމްޒުކޮށްދެނީ ކަލިމައެކެވެ. ނުވަތަ މާތް ﷲގެ އިސްމުފުޅު ނޫނީ އެކަލާނގެ ސިފަފުޅުތަކުގެ ތެރެއިން ސިފަފުޅެކެވެ. އެކަލިމައިގައި ހިމެނޭ އެހެން އަކުރުތައް ވަނީ ޙަޛްފުކޮށް، އުނިކުރެވިފައެވެ. މިގޮތުން، ألم ގައި ހިމެނޭ އަލިފާއި ލާމައި އަދި މީމު ރަމްޒުކުރަނީ أنا الله أعلم (ތިމަންﷲއީ އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ) މިތިން ކަލިމައަށެވެ. ނޫނީ ألم ގައިވާ ތިން އަކުރު ރަމްޒުކޮށްދެނީ الله (މާތްﷲ)އާއި، اللطيف (ފޮރުވި ވަންހަނާކުރެވިފައިވާ އެންމެ ކުދި ކުދި ކަންތައްތަކަށް ދާންދެންވެސް ދެނެވޮޑިގެންވާ، އަދި ހީނުކުރާހާ ގޮތްގޮތަށް އެކަލާނގެ އަޅުތަކުންނަށް ދީލަތިވެވޮޑިގަންނަވާ ކަލާނގެ،) އާއި އަދި المجيد (ނުހަނު ދީލަތި، މާތް، ރަސްކަލާނގެ،) އަށެވެ.
އަދި ހަތަރު ވަނަ ރައުޔެއްގެވެރި މުފައްސިރުން ދެކިލައްވަނީ ވަކިކުރެވިފައިވާ އަކުރުތަކުން އިޝާރަތް ކުރެވެނީ ތަހައްދީ އަކަށެވެ. ގޮންޖެހުމަކަށެވެ. ކީރިތި ޤުރުއާނަކީ އިލާހީ ފޮތެއްކަމަށް އިންކާރުކޮށް، ކީރިތި ރަސޫލާގެ ރިސާލަތާ ދެކޮޅު ހެދި އަރަބީންނަށް ކުރެވުނު ތަހައްދީ އަކަށެވެ. މިއަކުރުތައް، މަތީގައި ބަޔާން ކުރެވިފައިވާ ފަދައިން، ސޫރަތްތަކުގެ ފެށުމުގައި، އައިސްފައިވަނީ އެއްއަކުރާއި ފަސް އަކުރާއި ދެމެދުގެ އަދަދަކަށެވެ. މިރައުޔުގެވެރި މުފައްސިރުން ފާހަގަ ކުރައްވާ ގޮތުގައި، މިއަދަދު އިޝާރާތް ކުރަނީ އަރަބި ލަފްޒު ލަފްޒު އުފެދުމުގައި، އާންމު ގޮތެއްގައި، ލަފްޒެއްގެ މަސްދަރަށް، އަސްލަށް، އަކުރު އިތުރު ކުރެވޭ އަދަދެވެ. އަދި، ކީރިތި ޤުރުއާން ވެސް އެކުލެވިގެން ވަނީ އަލިފުބާގެ މިފަދަ އަކުރުތަކުން އެކުލެވޭ ލަފްޒުތަކުންނާއި އެލަފްޒުތަކުން އެކުލެވޭ ޖުމްލަތަކުންނެވެ. ކީރިތި ޤުރްއާނަކީ، މައްކާގެ މުޝްރިކުން ދެކޭގޮތަށް، މުހައްމަދުގެފާނުގެ އުފެއްދުމެއް ކަމަށް ވަންޏާ، އެމީހުންނަށް ވެސް، މިކަން ކުރެވެން ޖެހޭނެއެވެ. ކީރިތި ޤުރްއާނާއި އަދަބީ ގޮތުން އެއްފަދަ ފޮތެއް އެމީހުންނަށް ވެސް، އެކުލަވާލެވި އުފެއްދެން ޖެހޭނެއެވެ. ސަބަބަކީ، އެމީހުން ދެކޭގޮތުގައި، އެމީހުންނަކީ، ސާފުކޮށް، އަދި އެހެންމީހުނަށް އަސަރު ކުރާފަދަ ބަލާޣާތްތެރި ކަމާއެކު، އެމީހުންގެ އިހުސާސުތަކާއި ޝުއޫރުތައް، ޚިޔާލުތަކާއި ފިކުރުތައް، އިބާރާތްކޮށް ހުށަހަޅާލާ ބައެކެވެ. އަދި، މިކަމުގައި އިންތިހާއަށް ފަޚުރުވެރިވާ ބައެއް ވެސް މެއެވެ. އާދެ، އެމީހުން ދުށްގޮތުގައި، އެހެން އުއްމަތްތަކުގެ މީހުންނަކީ 'ޢަޖަމުން’ނެވެ. އަމިއްލަ ހިތުގައި ހިނގާ ޝުއޫރުތަކާއި ފިކުރުތައް ސާފުކޮށް ބުނެދޭން ނޭނގޭ މީހުންނެވެ. އެހެންވެ، ބައެއް މުފައްސިރުން ދެކިލައްވަނީ، ވަކިކުރެވިފައިވާ އަކުރުތައް އައިސްފައިވަނީ، އަދަބިއްޔާތުގެ ރޮނގުގައި މިދަރަޖައަށް ފަޚުރުވެރިވާ، ކީރިތި ރަސޫލާއާ ދެކޮޅުވެރިވެގަތް އަރަބީންނަށް، ކީރިތި ޤުރުއާނާއި އެއްފަދަ އަދަބީ އުފެއްދުމެއް ގެނެސްގަތުމަށް، ތަހައްދީކުރުމުގެ ގޮތުންނެވެ.
އަދި ވަރަށް ގިނަ މުފައްސިރުން ދެކިލައްވާ ގޮތުގައި ކޮންމެ އިލާހީ ފޮތެއްގައިވެސް ފޮރުވި ވަންހަނާ ކުރެވިފައިވާ ސިއްރެއް ވެއެވެ. ކީރިތި ޤުރުއާނުގައި ފޮރުވިފައިވާ ސިއްރަކީ މިއަކުރުތަކުގެ މާނައެވެ. އެކަން ދެނެވޮޑިގެންވަނީ ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ މާތްﷲއެވެ. އެހެންވެ، މިރައުޔުގެ ވެރި މުފައްސިރުން މި އަކުރުތައް މާނަ ކުރެވުމުގައި ވިދާޅުވަނީ 'والله أعلم’، 'މީގެ މާނަ އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ މާތްﷲއެވެ’، މިފަދައިންނެވެ.
އާދެ، މަތީގައި ބަޔާން ކުރެވި ދިޔައީ 'ވަކިކުރެވިފައިވާ އަކުރުތަކުގެ' މާނައާއި ބެހޭ ގޮތުން ތަފްސީރު ފޮތްތަކުގައި އާންމުކޮށް ނަންގަނެވޭ މަޝްހޫރު ރައުޔުތަކުގެ ޚުލާސާ އެކެވެ. މިއަކުރުތަކާ ބެހޭ ވާހަކަކޮޅު ނިންމާލުމުގެ ގޮތުން ދެ ނުކުތާއެއް ފާހަގަކޮށްލާނަމެވެ. އެންމެ ފުރަތަމަ ފާހަގަކޮށްލަން ބޭނުންވަނީ ވަކިކުރެވިފައިވާ އަކުރުތަކުގެ މާނަ ބަޔާންކުރުމާ ބެހޭގޮތުން ދެކެވޭ ހުރިހާ ވާހަކައަކީވެސް މުފައްސިރުންގެ އަމިއްލަ، ޚާލިސް ފިކުރީ ވާހަކަތަކެއް ކަމެވެ. ބަހުގެ މާނައިގެ އަސްލެއްގެ މައްޗަށް، ނުވަތަ ހަދީސެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫންކަމެވެ. ދެވަނަ ކަމަކީ، މިއަކުރުތަކުގެ ހަގީގީ މާނައަކީ ކޮބައިކަން އެނގިފައި ނެތުމަކީ، ކީރިތި ޤުރްއާނުގެ މައިގަނޑު ވާހަކަ، އާދެ، ހިދާޔަތުގެ ވާހަކަ، ފަހުމްކޮށް ވިސްނައިގަތުމަށް ހުރަސްއަޅާ ކަމެއް ނޫނެވެ.




advertisment