ބަންގްލަދޭޝްގެ ދަރިވަރުންގެ މުޒާހަރާތައް އާއްމު ހަމަނުޖެހުންތަކަކަށް ބަދަލުވެގެންދިއުމުން އެ ކަމަށް ހައްލެއް ހޯދުމުގެ ގޮތުން އާދިއްތަ ދުވަހު ސަލާމަތީ މަޝްވަރާތަކެއް ބޭއްވެވުމަށް ބޮޑު ވަޒީރު ކަމުގައި ހުންނެވި ޝައިހު ހަސީނާ ތައްޔާރުވެވަޑައިގަތެވެ. އެއިރު ވެސް އޭނާގެ ވެރިކަމަށް އިރު އޮއްސެނީކަން ރޭކާނުލައި ފަދައެވެ.
އޭގެ މަދު ގަޑިއިރުތަކެއްގެ ފަހުން އޭނާގެ ވެރިކަން އޮޔާދިޔައެވެ. އެ ކަމަށް ނަގާނީ މަދު ވަގުތުކޮޅެއްކަން އެކަކަށް ވެސް އެއިރު ނޭނގެއެވެ.
ހަސީނާ އިސްތިއުފާދެއްވައި ގައުމުން ފިއްލަވަން އިރުޝާދު ދިނީ ސަލާމަތީ ބާރުތަކުން ނޫން ކަމަށާއި އެ ކަމަށް ނަސޭހަތްތެރިވީ އާއިލާއިން ކަމަށް ހަސީނާގެ ދަރިކަލުން ބީ.ބީ.ސީއަށް ވިދާޅުވިއެވެ.
ހަސީނާއަށް މި ގޮތަށް ނިންމެވުނީ ކިރިޔަކިރިޔާއެވެ. އޭނާގެ ގަނޑުވަރުން ނުކުމެވެޑައިގަތްތާ މަދު ގަޑިއިރެއްގެ ތެރޭގައި މުޒާހަރާތަކުގެ ބައިވެރިން ވަނީ ސަލާމަތީ ބާރުތައް ފޫއަޅުވައިލައިފައި ބޮޑު ވަޒީރުގެ ގަނޑުވަރަށް ވަދެގެންފައެވެ.
ސަލާމަތީ ބާރުތަކާއެކު އާދީއްތަ ދުވަހު ހެނދުނު ބޭއްވެވި "ނެޝަނަލް ސެކިއުރިޓީ ކޮމިޓީ"ގެ ބައްދަލުކުރެއްވުމުގައި ހަސީނާ ވަނީ އެންމެ އިސް ތިން އަސްކަރީ ވެރިންނާއި ސަލާމަތީ ބާރުތަކުގެ އެންމެ އިސް އޮފިޝަލުންނާއި ފުލުހުންނާ ބައްދަލުކުރައްވައިފައެވެ. ބައްދަލުވުމުގައި ހުރިހާ މީހުން ވެސް ތިއްބެވީ ސީރިއަސް މޫޑެއްގައެވެ.

އިސްތިއުފާދެއްވަން ސަރުކާރާ ދެކޮޅު މީހުން ގޮވައިލައިތާ އެއިރު އެތައް ހަފުތާތަކެއްވެއްޖެއެވެ. ގައުމުގެ އެކި ދިމާތަކުގައި ދިޔައީ ހަސީނާ އާއި ހަސީނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ބާއްވަމުންނެވެ. ޕާކިސްތާނު އަތުން ބަންގްލަދޭޝް 1971 ގައި މިނިވަންކަން ހޯދި ހަނގުރާމައަށް ފަހު ފެނުނު އެންމެ އަނިޔާވެރިކަން ބޮޑު ހަރަކާތްތައް ފެންނަން ފެށިއެވެ. މި ހަމަނުޖެހުންތަކުގައި އެތައް ބަޔަކު މަރުވިއެވެ. އާދީއްތަ ދުވަހު އެކަނިވެސް އެންމެ މަދުވެގެން 90 މީހުން މަރުވިއެވެ. އޭގެ ތެރޭގައި ގިނައީ ސަލާމަތީ ބާރުތަކުން މުޒާހަރާކުރާ މީހުންގެ ގަޔަށް ބަޑިޖެހުމުން މަރުވި މީހުންނެވެ. އަދި ހަމަނުޖެހުންތައް މައިތިރިކުރަން ނުކުތް އެތައް ފުލުހުންނަށް ހަމަލާ ދީ އެތައް ފުލުހުން ވަނީ މަރައިލައިފައެވެ.
ބީ.ބީ.ސީން ބުނީ އޮފިޝަލުންގެ ފަރާތުން އެނގުނީ ހަސީނާ ދެ "އޮޕްޝަން" ނުވަތަ ކަންތައްތައް ހައްލުކުރައްވަން ދެ ގޮތެއް އިހުތިޔާރުގައި ބޭއްވެވި ކަމަށެވެ. އެއް ގޮތަކީ ގައުމު ދޫކުރައްވައި އެހެން ގައުމަކަށް ވަޑައިގަތުމެވެ. އަނެއް ގޮތަކީ ގަދަބާރުން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ވެރިކަމުގައި ހުންނެވުމެވެ.
ނަމަވެސް އަސްކަރިއްޔާއިން މި ކަމާ ދެކޮޅު ހެދިއެވެ. ސަބަބަކީ އާދީއްތަ ދުވަހު އާއްމު ރައްޔިތުންނާއި މުޒާހަރާކުރާ ފަރާތްތަކުން ވަނީ އާދައިގެ ސިފައިންނާއި އަސްކަރިއްޔާގެ އޮފިސަރުންގެ ފެންވަރުގައި ތިބި ސިފައިންނާ ވެސް ގުޅިފައެވެ. މުޅި ގައުމުގައެވެ. މިހާ ހިސާބުން އަސްކަރިއްޔާގެ އިސްވެރިންނަށް ރޭކާލީ ހުރިހާ ކަމެއް ކޮންޓްރޯލުން ނެއްޓި ބޮއްސުންލައިގެން ހިނގައްޖެ ކަމެވެ.
ހަސީނާއާއެކު ބޭއްވެވި ބައްދަލުވުމުގައި އަސްކަރިއްޔާގެ އިސްވެރިން ހަސީނާއަށް ދެންނެވީ އާއްމު ރައްޔިތުންގެ ގަޔަށް ބަޑި ނުޖެހޭނެ ކަމަށެވެ. ނަމަވެސް ފުލުހުންނަށް ރައްކާތެރިކަން ދެވިދާނެ ކަމަށެވެ. އަދި ފަހުން އެނގުނު ގޮތުގައި ވަޒަން ފަދަ ހަތިޔާރު މަދުވަމުންދާ ކަމަށް ފުލުހުންގެ އިސްވެރިން ޝަކުވާކުރި ކަމަށް ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވި ކަމަށްވެއެވެ.
އެހެނަސް ސަލާމަތީ ބާރުތައް ދައްކާ ވާހަކަ އަޑުއައްސަވަން ހަސީނާ ބޭނުންވެވަޑައެއް ނުގަތެވެ. އަދި އޭނާގެ މޫނުފުޅު ކުރިމަތީ "ނޫނެކޭ" ދަންނަވައި، އޭނާއާ ދޮޅު ހަދަން ސަލާމަތީ ބާރުތަކުން ޖެހިލުންވި ކަމަށް ވެސް ބީ.ބީ.ސީ.ން ރިޕޯޓްކުރިއެވެ.

ސަލާމަތީ ބާރުތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު ހަސީނާ ވަނީ ރައްޔިތުންނަށް ހަރުކަށި މެސެޖެއް ދެއްވައިފައެވެ. އޭނާގެ ތަރުޖަމާނު މެދުވެރިކުރައްވައެވެ. މެސެޖްގައި ހަސީނާ ވިދާޅުވީ މުޒާހަރާކުރާ މީހުންނަކީ "ޓެރަރިސްޓު"ން ކަމަށެވެ. އަދި މިފަދަ "ހުޅުޖަހާ" މީހުންނާ ދެކޮޅު ހެދުމަށް ހަސީނާ ގޮވައިލެއްވިއެވެ.
ސަލާމަތީ ބާރުތަކަށް ދެން އިހުސާސްކުރެވުނީ އަހުލީ ހަނގުރާމައަކާ ދިމާއަށް ދަނީ ކަމަށެވެ.
މީހުން މަރުވަމުން ދިޔަ އަދަދު އާދީއްތަ ދުވަހު އިތުރުވަމުން ދިޔަވަރަކަށް އެ މަންޒަރުތައް ދިޔައީ ސޯޝަލް މީޑިއާގައި ވައިރަލްވަމުންނެވެ. އޭގެ ތެރޭގައި ވަޒަން އަރައިފައިވާ ޒުވާން ފިރިހެނުންގެ ފޮޓޯތަކާއި ވީޑިއޯތައްވެއެވެ. މި އަނިޔާވެރިކަން ހިންގީ ފުލުހުންނާއި ހަސީނާގެ ސިޔާސީ ޕާޓީ އަވާމީ ލީގަށް ތާއީދުކުރާ ޒުވާނުންގެ ގޮފިންނެވެ. މި ކަމުގެ ސަބަބުން އާއްމު ރައްޔިތުންގެ ރުޅިގަނޑު ކެކިއެރިއެވެ.
ފުލުހުންނާއި ހަސީނާއަށް ތާއީދުކުރާ މީހުންނާއި ހަސީނާއާ ދެކޮޅަށް ތެދުވި މީހުންގެ ކުރިމަތިލުންތައް ހޫނުވުމުން ވެރިރަށް ދާކާގައި ހިނގާލުމެއް ބާއްވަން ދަރިވަރުން ގޮވައިލިއެވެ. މި ކަން ވީ ސަރުކާރުން ހީނުކޮށް ތިއްބާ ލިބުނު "ސަޕްރައިޒަ"ކަށެވެ.
ސަލާމަތީ ބާރުތަކަށް ލިބުނު ޖާސޫސީ މައުލޫމާތުން އެނގުނީ އުމުރުން 26 އަހަރުގެ ނާހިދު އިސްލާމް އުފެއްދި ދަރިވަރުންގެ ހަރަކާތް ކަމަށްވާ "ސްޓޫޑެންޓްސް އެގެއިންސްޓް ޑިސްކްރިމިނޭޝަން"ގެ އެދުންތަކަށް އާއްމު ރައްޔިތުން ތަރުހީބު ދޭ ކަމެވެ. އެއީ ޕާކިސްތާނު އަތުން 1971 ގައި ބަންގްލަދޭޝް މިނިވަންވުމަށް ކުރި ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް ހަސީނާ ކަނޑައެޅުއްވި 30 ޕަސެންޓް ސަރުކާރު ވަޒީފާތައް ދޭން ނާހިދުގެ ހަރަކާތުން ގެންގުޅުނު ދެކޮޅުވެރިކަމެވެ. އަދި މިދިޔަ ހަފުތާގައި ނާހިދުމެން ފެށި ދެކޮޅުވެރިކަމަށް އާއްމު ރައްޔިތުން ވެސް ތާއީދުކޮށް، ހަސީނާ އާއި ހަސީނާގެ ސަރުކާރު ވައްޓައިލަން ހިފިކަމެވެ. މިހެންވެ ސަލާމަތީ ބާރުތަކަށް އެނގުނީ ވެރިރަށް ދާކާއަށް ހޯމަ ދުވަހު މީހުން ޖަމާވެ، މުޒާހަރާ އިތުރަށް ފުޅާކޮށްލާނެކަމެވެ.
އެ ގޮތުން މުޒާހަރާތައް ދާކާގައި ފުޅާކޮށްލުމުން އޭގެ ބައިވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މަސްރަހު ނިމިގެންދާނީ ލޭއޮހޮރުވުމަކުންކަން ސަލާމަތީ ބާރުތަކަށް ވިސްނުނެވެ. މިހެންވެ އަސްކަރީ ވެރިޔާ ވާކިރުއްޒަމާން ނިންމެވީ ހަސީނާއާ އަލުން ބައްދަލުކުރެއްވުމަށެވެ.
އާދީއްތަ ދުވަހުގެ ރޭ ބޭއްވި މި ބައްދަލުވުމުގައި އަސްކަރިއްޔާގެ އެންމެ އިސް ތިން އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ. އަދި ނުހަނު މަޑުމައިތިރިކަމާއި އިހުތިރާމާއެކު ހަސީނާއަށް ދެންނެވީ މަގުމަތީގެ މަސްރަހު ހޫނުވަމުންދާ ކަމަށާއި ހޯމަ ދުވަހު ހެނދުނު އެތައް ހާސް ބަޔަކު ދާކާއަށް ޖަމާވާނެ ކަމަށެވެ.
"ބޮޑު ވަޒީރުގެ ގަނޑުވަރު ރައްކާތެރިކޮށްދެވޭނެކަމުގެ ޔަގީންކަމެއް ނެތް ކަމަށް ހަސީނާއަށް ދެންނެވި،" ވާކިރުއްޒަމާން ހަސީނާގެ ގާތުގައި ދެންނެވި ކަމަށް ބީ.ބީ.ސީން ބުންޏެވެ.
އެ ވަރުން ވެސް އަސްކަރިއްޔާގެ ނަސޭހަތް ހަސީނާ ގަބޫލު ނުކުރެއްވި ކަމަށްވެއެވެ. އެހެނަސް ގައުމުގެ ބާރު ފުރޮޅެމުންދާން ފަށައިފި ކަމަށް އިހުސާސްކުރެވުނު ކަމަށް ދާކާގައި ހަރަކާތްތެރިވާ ނޫސްވެރިން ބުންޏެވެ. އެ ގޮތުން އާދީއްތަ ދުވަހުގެ ރޭ ގިނަ ތަންތަނުން ފުލުހުންނެއް ނުފެނެއެވެ. އަދި މަގުތައް ބަންދުކުރަން ބޭނުންކުރާ ސެކިއުރިޓީ ބެރިކޭޑްތަކުގެ ގިނަ ބެރިކޭޑްތައް ކައިރީގައި ސަލާމަތީ އޮފިސަރުންނެއް ނެތެވެ.
ހޯމަ ދުވަހު ހެނދުނު ގިނަ އަދަދެއްގެ މީހުން ދާކާއާ ދިމާއަށް މިސްރާބު ބެހެއްޓިއެވެ. ވާކިރުއްޒަމާން އަނެއްކާވެސް ވަޑައިގަތީ ހަސީނާގެ ގަނޑުވަރަށެވެ. އަދި އަނެއްކާވެސް މަސްރަހުގެ ސީރިއަސްކަން ހަސީނާއަށް ވިސްނައިދެވޭތޯ މަސައްކަތްކުރެއްވިއެވެ. ގައުމުގައި ހިންގާފައިވާ ކާފިއު މުގުރަމުންދާ ކަމަށާއި މަގުމަތީގައި އަނެއްކާވެސް އަނިޔާވެރިކަން ފަށައިފައިވާކަމެވެ.
ދާކާގެ ގިނަ ތަންތަނުން ފުލުހުން އަނބުރާ ގެންދިޔައެވެ. ވާކިރުއްޒަމާން ހަސީނާގެ ގާތުގައި ވިދާޅުވީ ބޮޑު ވަޒީރުގެ ގަނޑުވަރު ކަމަށްވާ "ގޯނޯ ބްހަބަން" މާ ގިނައިރަކު ދިފާއުއެއް ނުކުރެއްވޭނެ ކަމަށެވެ.
"އެންމެ ގިނަ އިރަކަށް ވެސް ގަނޑުވަރަށް ރައްކާތެރިކަން ދެވޭނީ އެއް ގަޑިއިރުހާއިރަށް،" ވާކިރުއްޒަމާން ހަސީނާގެ އަރިހުގައި ދެންނެވި ކަމަށް ބީ.ބީ.ސީން ރިޕޯޓްކުރިއެވެ.

މި ވަގުތުޖެހުމުން އަސްކަރީ ވެރިން ނިންމެވީ ހަސީނާއަށް އެއްޗެއް ވިސްނައިދެވޭތޯ އޭނާގެ އާއިލާގެ މެންބަރުންގެ އެހީ ހޯއްދެވުމަށެވެ. އެ ގޮތުން ހަސީނާގެ ދައްތަ ޝައިހް ރައިހާނާ ސިއްދީގަށް ގުޅުއްވައި، ސަރުކާރު ދޫކޮށްލައްވައިތޯ ވިސްނައިދިނުމަށް އަސްކަރީ ތިން ވެރިން އެދިވަޑައިގަތެވެ.
"އަސްކަރީ ވެރިން ރައިހާނާއާ ބައްދަލުކުރެއްވީ އެހެން ކޮޓަރިއެއްގައި. މަސްރަހު އޮތް ގޮތް ހަސީނާއަށް ވިސްނައިދެއްވުމަށް ރައިހާނާގެ ގާތުން އެދިވަޑައިގަތް. ދެން ރައިހާނާ ހަސީނާއާ ވާހަކަ ދެއްކި. ނަމަވެސް ހަސީނާ ދެން ވެސް ބޭނުންވެވަޑައިގަތީ ވެރިކަމުގައި ހުންނަވަން،" ގައުމުގެ ބަސް ބަންގްލާއިން ޝާއިކުރާ ދުވަހު ނޫސް "ޕްރޮތޮމް އަލޯ"އިން ރިޕޯޓްކުރިއެވެ.
ދެން ހަސީނާއާ ވާހަކަ ދެއްކީ އޭނާގެ ދަރިކަލުން ސަޖީބް ވާޒިދު ޖޯއި އާއި ދަރިކަނބަލުން ސައިމާއާއެވެ. ދެ ބޭފުޅުންވެސް ދިރިއުޅުއްވަނީ ގައުމުން ބޭރުގައި ކަމަށްވާތީ ހަސީނާއާ ވާހަކަދެއްކެވީ ފޯނުންނެވެ. ދެ ބޭފުޅުން ވެސް މަންމަ ހަސީނާއަށް އިލްތިމާސްކުރެއްވީ ސަރުކާރު ދޫކޮށްލެއްވުމަށެވެ.
އާއިލާގެ މެންބަރުން ހަސީނާއާ ވާހަކަދައްކަމުން ދިޔައިރު ވާކިރުއްޒަމާން ހާޒިރުވެ ހުންނެވިއެވެ. އޭނާއަކީ ކައިވެނީގެ ގޮތުން ހަސީނާގެ އާއިލާއާ ގުޅުން ހުރި މީހެކެވެ.
"ގައުމު ދޫކުރައްވައި ވަޑައިގަތުމަށް މަންމަ އެއްގޮތަކަށް ވެސް ބޭނުންފުޅެއް ނުވި. އަހަރެމެން ޖެހުނީ ޕްރެޝަރުކުރަން. ނަމަވެސް އިސްތިއުފާ ދެއްވުމުގެ ހިޔާލު ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ގެންގުޅުއްވި،" ސަޖީބް އިއްޔެ ބީ.ބީ.ސީ.އަށް ވިދާޅުވިއެވެ.
"އާއިލާއިން މަންމަގެ ގާތުގައި އާދޭސްކުރި. އެދެން ވެސް އެދުނު. ބުނަން ވެސް ބުނިން މިއީ ހަވަރޭ. އަނިޔާވެރިކަން ހިންގާށޭ އެ މީހުން ބޭރަށް ނުކުމެގެން އެ އުޅެނީ. އަދި މަންމަ މަރާލާނޭ. މިހެންވެ މަންމަ ރައްކާތެރި ތަނަކަށް ގެންދަންޖެހޭނޭ. މަންމަގެ ރައްކާތެރިކަން ދެމިއޮންނާނީ ގަނޑުވަރާ ހިސާބަށް ހަވަރު އަންނަންދެނޭ،" ސަޖީބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ "މަންމަ ގައުމު ދޫކުރެއްވީ އެއްވެސް ވަރަކަށް ތައްޔާރުނުވެ" ކަމަށެވެ.
"(އިންޑިއާގެ ވެރިރަށް ދިއްލީގައި ހަސީނާ ހުންނަވަނިކޮށް) އިއްޔެ މަންމައަށް ގުޅިން. ރޫހު ރަނގަޅު ނަމަވެސް ވަރަށް ދެރަވެފައި ހުންނެވީ. ބަންގްލަދޭޝް މީހުންނަށް ކުރައްވާ އިތުބާރު ގެއްލިވަޑައިގެންފައިވުމުން،" ސަޖީބް އިތުރަށް ވިދާޅުވިއެވެ.

ހޯމަ ދުވަހު ހެނދުނު ދިއްލީގެ އޮފިޝަލުންނާ ގުޅުއްވައި ހިމާޔަތް ދެއްވަން ހަސީނާ އެދިވަޑައިގަތެވެ. ހަސީނާއަށް ދިގު މުއްދަތެއްގައި ތާއީދުކުރުންމަތީ ދެމިއޮތް އިންޑިއާއިން ދިން ނަސޭހަތަކީ ގައުމު ދޫކުރައްވައި ވަޑައިގަތުމެވެ.
އޭގެ އެއް ދުވަސް ކުރިން އިންޑިއާގެ ހާރިޖީ އޮފިޝަލުންނާ ގުޅައި، އެމެރިކާއިން ބުނީ ހަސީނާގެ ވެރިކަމުގައި ސިއްކަޖެހުމުގެ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ. އިތުރަށް އިހުތިޔާރު ކުރައްވާނޭ މަގުތަކެއް ނެތް ކަމަށެވެ.
އިސްތިއުފާދެއްވުމުގެ ލިޔެކިޔުންތަކުގައި ސޮއި ކުރެއްވުމަށް، ހަސީނާ ނުރުހިފައި ނަމަވެސް، ނިންމެވުމުން އޭނާއަށް ދެން ކުރިމަތިވެވަޑައިގަތީ ރައްކާތެރިކަމާއެކު ގައުމުން ބޭރުވެވަޑައިގަންނަވާނީ ކިހިނަކުންތޯ މި ސުވާލެވެ.
ނަން ހާމަނުކުރެއްވުމަށް އެދިވަޑައިގަތް އަސްކަރީ ވެރިޔަކު ބީ.ބީ.ސީ.އަށް ވިދާޅުވީ ސަލާމަތީ ބާރުތައް ކަމަށްވާ ސްޕެޝަލް ސެކިއުރިޓީ ފޯސް އާއި ޕްރެޒިޑެންޝަލް ގާޑް ރެޖިމަންޓް އަދި އަސްކަރިއްޔާގެ މައި އިދާރާގައި ތިއްބެވި އަސްކަރީ އިސްވެރިންނަށް، ހަސީނާ އިސްތިއުފާދެއްވި ސިޓީގައި ސޮއިކުރެއްވިކަމާއި ގަނޑުވަރުން ބޭރަށް ގެންދާނެ އަސްކަރީ ހެލިކޮޕްޓަރަށް އެރުއްވިކަން އެނގިވަޑައިގަތް ކަމަށެވެ.
"ހުރިހާ ކަމެއް ވެސް ކުރިއަށް ދިޔައީ ވަރަށް ސިއްރުން،" ބީ.ބީ.ސީން ބުންޏެވެ.
ބަންގްލަދޭޝްގެ ގަޑިން ހެނދުނު 10:30 ގައި ބަންގްލަދޭޝްގައި އިންޓަނެޓްގެ ހިދުމަތް އަނެއްކާވެސް މެދުކަނޑައިލިއެވެ. ހަސީނާގެ ހަރަކާތްތައް ހުރި ގޮތް ސޯޝަލް މީޑިއާގައި ފެތުރިދާނެތީއެވެ. އިންޓަނެޓްގެ ހިދުމަތް އަލުން ދިނީ އޭނާ ގައުމުން ބޭރުވެވަޑައިގަތުމުންނެވެ.
އަސްކަރިއްޔާގެ އިސްވެރިން ވިދާޅުވީ އެއާޕޯޓަށް ހަސީނާ ރައްކާތެރިކަމާއެކު ގެންދަން ހުރިހާ ކަމެއް ހަމަޖެއްސި ކަމަށެވެ. އޭނާގެ ކާރުކޮޅަށް ހަމަލާ ދީފާނެކަމުގެ ބިރު އޮތުމުން އެއާޕޯޓަށް ދާ މަގު އޮތީ އެއްކޮށް ހުސްކޮށްފައެވެ. އަދި ފުރާ މީހުންގެ ޓާމިނަލް ވެސް ރައްކާތެރިކޮށްފައެވެ. ނަމަވެސް މަގުމަތިން ހަސީނާ ދަތުރުކުރެއްވުމަކީ ރައްކާތެރިކަމަކަށްނުވެދާނެތީ އެންމެ ފަހުން ނިންމީ ހެލިކޮޕްޓަރުގައި ހަސީނާ އެއާޕޯޓަށް ގެންދިއުމަށެވެ.
ފުރުމުގެ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހަސީނާ މަތިންދާބޯޓަށް އަރުއްވަން ބޭނުންވެވަޑައިނުގަތް ކަމަށް ސަޖީބް ވިދާޅުވިއެވެ.
"މަންމަ ބޭނުންވެވަޑައިގަތީ ހަމައެކަނި ބޮޑުދައިތަ ފުރަން. ހެލިކޮޕްޓަރަށް އަރުއްވަން ވެސް މަންމަ ބޭނުންވެވަޑައިނުގަތް. އަހަރެން ހުރީ ފޯނުން ގުޅައިގެން. މަންމަ އާއި ބޮޑުދައިތަ ވެސް ފުރަންޖެހޭނެ ކަމަށް ޕްރެޝަރުކުރިން،" ސަޖީބް ވިދާޅުވިއެވެ.
ގަނޑުވަރުން ހެލިކޮޕްޓަރަށް އެރުއްވުމާއެކު ހަސީނާ އާއި ރައިހާނާ ގެންދިޔައީ އެއާޕޯޓުގައި ފުރަން ތައްޔާރަށް އޮތް ބަންގްލަދޭޝްގެ ވައިގެ ސިފައިންގެ ސީ-130 ހާކިއުލީސް މަރުކާގެ މަތިންދާބޯޓަކަށެވެ.
ސަޖީބް ވިދާޅުވީ އޭނާއަށް ގަބޫލުކުރެއްވެނީ މަންމަ ގެންދިޔައީ އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ޓްރިޕުރާގެ ވެރިރަށް އަގަރްތަލާއަށް ކަމަށެވެ. އަދި އިންޑިއާގެ ވެރިރަށް ދިއްލީއަށް މަންމަ ގެންދިޔައީ އެ ތަނުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ހަސީނާގެ މި ޓްރާންސިޓަށް އިންޑިއާގެ ކިބައިން ކުރީއްސުރެ އެދިފައިވާ ކަމަށާއި މި ކަމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
އެހެން ރިޕޯޓްތަކުން ބުނީ ގަނޑުވަރުން ހެލިކޮޕްޓަރެއްގައި ދާކާގެ އެއާޕޯޓަށް ވަޑައިގެން މަތިންދާބޯޓެއްގައި ހަސީނާ ސީދާ ދަތުރުކުރެއްވީ ދިއްލީއަށް ކަމަށެވެ.
ކޮންމެ މަގަކުން ވަޑައިގަތް ނަމަވެސް ހަސީނާ އާއި ރައިހާނާ އާއި އަވާމީ ލީގު ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ސަލްމާން ފަޒްލުއްރަހްމާން ހެލިކޮޕްޓަރުގައި މަތިންދާބޯޓު ކައިރިއަށް ގެންގޮސް ދިއްލީއަށް ފުރުވައިލި ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުކުރާ ވީޑިއޯއަކުން ފެންނަނީ ހަތަރެއް ނުވަތަ ފަސް ސޫޓުކޭސް ބިންމަތީގައި ބަހައްޓައިފައި ހުރި މަންޒަރެވެ. ހަސީނާއާއެކު ފުރުވައިލުމަށެވެ. އޭނާ ގަނޑުވަރަށް ދޫކޮށްލެއްވި ގިނަ ތަކެތި ވަނީ ގަނޑުވަރަށް ވަދެގަތް މުޒާހަރާގެ ބައިވެރިން ގެންގޮސްފައެވެ. އެ ވަގުތު ދިމާވީ ހަސީނާ ފްލައިޓްގައި ވީ ވަގުތަށެވެ.
އޭގެ އެތައް ގަޑިއިރެއް ފަހުން މަތިންދާބޯޓު ދިއްލީއަށް ޖެއްސިއެވެ. ނަމަވެސް އެހާ ހިސާބުން ދެން ވަޑައިގަންނަވާ މަންޒިލް ސާފެއް ނޫނެވެ.
ދާކާގައި ދެން އިންޓަނެޓްގެ ހިދުމަތް އަލުން ދިނެވެ. ފެނުނީ ހަސީނާގެ 15 އަހަރުގެ ވެރިކަމުގެ ނިމުން ފާހަގަކުރުމަށް މުޅި ބަންގްލަދޭޝްގައި އުފާފާޅުކުރާ މަންޒަރުތަކެވެ.
އެއް އިރެއްގައި ޑިމޮކްރެސީއަށް ލޯބިކުރި އަންހެނަކު ފަހުން އަނިޔާވެރި ހުދުމުހުތާރު ވެރިއަކަށް ބަދަލުވެއްޖެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ހަސީނާ، ކުށްކުރުމުން ފިލައިގެން އުޅޭ މީހެއް ފަދައިން އިންޓަނެޓަށް ގެނައި އަނދިރިކަމުގެ ހިޔަނީގައި ފިލައިގެން ދިޔައީއެވެ.



advertisment