"ޝައިޚު" ނުވަތަ "ޝޭޚު" މި ނަން ޢަރަބި އިސްތިޢުމާލުގައި ބޭނުންކުރަނީ، ދީނީ ޢިލްމުވެރިންނަށާއި، ޤަބީލާ ތަކުގެ ވެރިންނަށެވެ. ޤަޠަރާއި އިމާރާތުގެ ވެރިކަންކުރާ ޚާންދާނުގެ ބޭފުޅުންނަށް، ޝޭޚު ކިޔަނީ، އެއީ، ކުރިން ޤަބަލީ ނިޒާމު އޮތް އިރު، އެ ޢާއިލާ ތަކަކީ، ޤަބީލާގެ ވެރިންކަމުގައި ވާތީއެވެ.
ނަމަވެސް އިންޑިއާ، ޕާކިސްތާނު، ބަންގުލާދޭޝް އާއި ސަބްކޮންޓިނެންޓުގެ ރަށްތަކުގައި، "ޝޭޚު" މި ނަން ބޭނުންކުރެވެނީ ކުޑަ ތަފާތަކާ އެކުގައެވެ. ކުރިންވެސް ދެންނެވި ފަދައިން ޢަރަބިންގެ ތެރޭގައި ފުރަތަމަ މި ލަފުޒު ބޭނުން ކުރެވުނީ، ޤަބީލާ ތަކުގެ ވެރިންނަށެވެ.
ސަބްކޮންޓިނެންޓުގައި މާތްވެގެންވާ އިސްލާމް ދީނުގެ ދަންމަރު ދިއްލުނު ހިނދު، އެ ހިސާބުގަނޑުގެ ބޮޑެތި ޢިއްޒަތްތެރި މާތް ޤަބީލާތައް އިސްލާމްވިއެވެ. އެމީހުން ބޭނުންވީ ކުރީގެ ޢާއިލީ ނަން ދޫކޮށްލާ ޢަރަބި އިސްލާމީ ޢާއިލީ ނަމެއް ޚިޔާރުކުރުމަށެވެ. މި ގޮތުން އެމީހުން ޚިޔާރު ކުރި ނަމަކީ، "ޝޭޚު" މި ނަމެވެ. މި ނަން ޚިޔާރު ކުރި ބައެއް ޢިއްޒަތްތެރި ޤަބީލާ ތަކަކީ، ބުރާހްމަން، ރާޖްޕޫތު، ކުތުރީ، މި ފަދަ ޢިއްޒަތްތެރި ޤަބީލާތަކެވެ. ހަމަ އެފަދައިން ސެންޓްރަލް އޭޝިޔާގެ ގައުމު ތަކުން ސަބްކޮންޓިނެންޓަށް ހިޖުރަކުރި މުސްލިމުން ވެސް އެބައިމީހުންގެ ޢާއިލީ ނަމަކަށް ޚިޔާރުކުރީ "ޝޭޚު" މި ނަމެވެ.
އިސްވެ ދެންނެވި ފަދައިން ކުތުރީ ގަބީލާ އާއި ރާޖްޕޫތު ޢާއިލާގެ މެމްބަރުން ވެސް އިސްލާމްވުމަށް ފަހު ޚިޔާރުކުރީ، "ޝޭޚު" މި ޢާއިލީ ލަގަބެވެ. މިބައިމީހުން ޢާންމު ގޮތެއްގައި ދިރިއުޅެނީ ސިޓީތަކުގައެވެ. ނުވަތަ ސަހަރުތަކުގައެވެ. މިބައިމީހުން ދިރިއުޅުމަށް ޓަކައި ކުރާ މަސައްކަތަކީ، ވިޔަފާރީގެ މަސައްކަތާއި، ސަރުކާރު ވަޒީފާއެވެ.
ބަންގްލާޝްގެ އިސްތިޢުފާ ދެއްވި ބޮޑު ވަޒީރު ޙަސީނާގެ ކުރިއަށް "ޝޭޚު" މި ނަން އަންނަނީ އިސްވެދެންނެވި ޙައިސިއްޔަތުންނެވެ.
ކިޔުންތެރިންގެ ހުއްދަ އާ އެކު އަމިއްލަ ވާހަކަ އެއް ވެސް ލިޔެލާނަމެވެ. އަޅުގަނޑުގެ ދަރިފުޅުގެ މަންމަ ކުރެން ތިޔައީ، ކޮން "ޒާތެ"އްގެ އެބަހީ، ގަބީލާއެއްގެ ކުއްޖެއްތޯ އެހީމާ ބުނީ "އަހަންނަކީ، "ޝޭޚު" ގަބީލާ ކުއްޖެކެވެ."
"ހަމް ޝޭޚް ޒާތު ކޭ ލޯގް ހޭން.."



advertisment