Support Us

ހޮލީވުޑްގެ ތަރިން ކަމަށްވާ އެންޖެލީނާ ޖޮލީ އާއި އޭނާގެ ބައްޕަ ޖޯން ވޮއިޓް

އެންޖެލީނާ ޖޮލީ ފަލަސްތީނަށް ތާއީދުކުރާތީ ބައްފަ ޖޯން ވޮއިޓް ނުރުހިއްޖެ

އޮސްކާ އެވޯޑު ހޯދައިފައިވާ އަދި އދ.ގެ ރެފިއުޖީންނާ ބެހޭ އެމްބެސެޑަރެއްގެ މަގާމު ވެސް ކުރިން ފުރަމުން އައި ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ ފަލަސްތީނަށް ތާއީދުކުރާތީ އޭނާގެ ބައްޕަ އަދި ހޮލީވުޑްގެ ބަތަލު ޖޯން ވޮއިޓް އެ ކަމަށް ފާޑުކިޔައިފިއެވެ.

"އަހަރެންނަށް ގަބޫލު ކުރެވެނީ އިސްރާއީލާ ދެކޮޅު މީހުން އެންޖެލީނާގެ ސިކުނޑިއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް،" ޖޯން ބުންޏެވެ.

އެންޖެލީނާއަކީ މިހާރު މަރުވެފައިވާ ޖޯންގެ ކުރީގެ އަނބިމީހާ މާޝެލީން ބާޓްރަންޑަށް ލިބިފައިވާ ދަރިއެކެވެ.

ޖޯން އާއި އެންޖެލީނާގެ ގުޅުން ކުރިން ގޯސްކަން އެއީ މުޅި ދުނިޔެ ދަންނަ ކަމެކެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެންޖެލީނާ ވަނީ ވަރަށް ހަރުކަށި އިބާރާތުން އިސްރާއީލު ކުށްވެރިކޮށްފައެވެ.

"އިސްރާއީލުން ދަނީ ކުޑަކުދިންނާއި އަންހެނުންނާއި އާއިލާތަކަށް އަމާޒުކޮށް ގަސްދުގައި ބޮން އަޅައި، ކާބޯތަކެއްޗާއި ބޭހާއި އަދި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅަމުން،" އެންޖެލީނާ ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ.

އެ ކަމާ ގުޅިގެން އެއިރު ޖޯން ބުނެފައިވަނީ "އަހަރެންގެ ދަރިފުޅަށް ހަގީގަތް ނޭނގޭތީ ދެރަވާ" ކަމަށާއި "މާތްކަލާނގެ ގެ ހަގީގަތްތައް އެންޖެލީނާއަށް ނޭނގޭ" ކަމަށެވެ.

"ވެރައިޓީ" މަޖައްލާއަށް ދިން އާ އިންޓަވިޔުއެއްގައި ޖޯން ބުނީ އެންޖެލީނާ ވަނީ "އިސްރާއީލާ ދެކޮޅު ޕްރޮޕެގެންޑާ މައުލޫމާތުގެ ޝިކާރައަކަށްވެފައި" ކަމަށެވެ.

"ޔަހޫދީންނާ ދެކޮޅު މީހުންގެ ނުފޫޒު އޭނާއަށްވަނީ ފޯރައިފައި. އދ.އާ އެންޖެލީނާގެ ގުޅުމެއްވޭ. ރެފިއުޖީން ދިފާއުކޮށް އޭނާ ވާހަކަ ދައްކާ. ނަމަވެސް ފަލަސްތީނު ރައްޔިތުންނަކީ ރެފިއުޖީންނެއް ނޫން،" ޖޯން ބުންޏެވެ.

އޭނާގެ މި ބުނުމަށް ކޮމެންޓް ކުރަން ބޭނުން ނުވާ ކަމަށް އެންޖެލީނާ ބުންޏެވެ.

"ބައްޕައަށް ހެޔޮގޮތް އެދެން. ނަމަވެސް އާއްމުންނަށް އެނގޭ ގޮތަށް ބައްޕައާމެދު އެއްޗެއް ބުނާކަށްނެތިން،" ގާތް ރަހްމަތްތެރިއެއްގެ ގާތުގައި އެންޖެލީނާ ބުނި ކަމަށްވެއެވެ.

އެންޖެލީނާއަށް ޖޯން ފާޑުކިއި ނަމަވެސް ޣައްޒާގެ ހަނގުރާމަ ހުއްޓައިލަން އެންޖެލީނާ އަދިވެސް ތާއީދުކުރެއެވެ.

"ހަމާސްއިން އިސްރާއީލަށް ދިނީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ވިޔަސް ޣައްޒާއަށް ބޮން އަޅައި މައުސޫމް ބަޔަކު މަރައިލި މަރައިލުމަށް ދެއްކޭނެ އުޒުރެއް ނޯންނާނެ. ޣައްޒާގެ އާއްމު ރައްޔިތުންނަށް ދާނެ ތަނެއް ނެތް. ކާބޯތަކެއްޗާއި ފެން އެ މީހުންނަށް ލިބޭނެ ގޮތެއް ނެތް. ޣައްޒާ ދޫކޮށްފައި ދާނެ ރައްކާތެރި ތަނެއް ނެތް. ބޯޑަރު ހުރަސްކޮށް ރައްކާތެރި ތަނަކަށް ދިއުން ކަހަލަ އަސާސީ ފަރުދީ ހައްގެއް ވެސް ލިބިގެން ނުވޭ،" މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިންސްޓަގްރާމްގައި އެންޖެލީނާ ލިޔުނެވެ.

އެންޖެލީނާ ބުނީ ރެފިއުޖީންގެ ކަންތައްތައް ބެލެހެއްޓުމުގައި އދ.ގައި އޭނާ ކުރި 20 އަހަރުގެ މަސައްކަތުގައި އޭނާވަނީ ވަކި ބައެއްގެ ބަދަލުގައި ހުރިހާ އެންމެންގެ ވެސް ހައްގުގައި މަސައްކަތްކޮށްފައި ކަމަށެވެ. އެ ގޮތުން ޣައްޒާގައި ދެ މިލިއަން މީހުން އުޅޭ ކަމަށާއި އޭގެ ތެރެއިން ދެބައިކުޅައެއްބަޔަކީ ކުޑަކުދިން ކަމަށެވެ.

"ޣައްޒާގެ ރައްޔިތުން ހިސޯރުކޮށްފައި އޮންނަތާ ވިއްސަކަށް އަހަރު ވެއްޖެ. ހަމަ އެހާ ގިނަ ދުވަހު ގެދޮރެއް ނެތި އަދި ގައުމެއް ނެތި ވެސް އުޅެންޖެހުނު. މިހާރު ޣައްޒާއަށް ވަންނަ އެހީ ފޯރުކޮށްދޭ ލޮރީތަކުގައިވަނީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ތެރެއިން މަދުމިންވަރެއް. އެއީ އޮކްޓޫބަރު މަހު ހަމާސް އާއި އިސްރާއީލުން ފެށި ހަނގުރާމައިގެ ކުރިން ޣައްޒާއަށް ފޯރުކޮށްދިން އެހީއާ އަޅައިބަލައިއިރު. އިސްރާއީލުން އަޅާ ބޮންތަކުގެ ސަބަބުން އެހީ ބޭނުންވާ އަދަދު މިހާރު ވަނީ ހާސްވާހާ މައްޗަށް ގޮސްފައި،" އެންޖެލީނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ "އެހީ އާއި ތެޔޮ އަދި ފެން ފޯރުކޮށްދިނުމަށް ހުރަސްއެޅުމުން އެ ކަމުގެ ސަބަބުން އަދަބު ލިބެނީ ޖުމްލަ އާބާދީއަކަށް" ކަމަށެވެ.

"ފަލަސްތީނާއި އިސްރާއީލުގެ އިތުރުން މުޅި ދުނިޔޭގެ އެންމެންގެ ހަޔާތަކީ ވެސް މުހިންމު އެއްޗެއް. ހުރިހާ އެންމެންގެ ފުރާނައަކީ ވެސް ހަމަހަމަވެގެންވާ އެއްޗެއް،" އެންޖެލީނާ އިތުރަށް ބުންޏެވެ.

ދަރިމައިވުމުގެ ނިޒާމަށް ޖެހުނު "އޮވެރިއަން" ކެންސަރުގައި 2007 ގައި މަންމަ މަރުވުމުގެ ކުރިން އެންޖެލީނާ އާއި އޭނާގެ ބައްޕަގެ ގުޅުން ގޯހެވެ. ގުޅުން ރަނގަޅުވީ މަންމަ މަރުވުމަށް ފަހުއެވެ. އެ ގޮތުން 2017 ގައި "ދަ ހޮލީވުޑް ރިޕޯޓަރ" ނޫހަށް އެންޖެލީނާ ބުނީ އޭނާ އާއި ބައްޕަގެ ގުޅުން މިހާރު ރަނގަޅު ކަމަށެވެ.

"އަހަރެމެން ދެ މީހުންގެ ގުޅުން މިހާރު ރަނގަޅުވެފައިވަނީ އަހަރެންގެ ދަރިން ނުވަތަ ބައްޕަގެ ކާފަދަރިންގެ ޒަރީއާއިން،" އެންޖެލީނާ ބުންޏެވެ.

ހަމަ 2017 ގައި "ވެނިޓީ ފެއަރ" މަޖައްލާއަށް އެންޖެލީނާ ބުނީ ހޮލީވުޑްގެ މަޝްހޫރު ބަތަލު ބްރެޑް ޕިޓްގެ ގާތުން 2016 ގައި ވަރިވުމަށް ކުރިއަށްދިޔަ "ހިތި އަދި ވޭނީ" ޝަރީއަތުގެ މަރުހަލައިގައި ބައްޕަގެ އެއްބާރުލުން ވަރަށް ރަނގަޅަށް ލިބުނު ކަމަށެވެ.

"އަހަރެންގެ ދަރިންނަށް ބޭނުންވެފައިވަނީ ކާފައެއްގެ ލޯބިކަން ބައްޕައަށް ފަހުމްވި،" އެންޖެލީނާ ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން ޣައްޒާގެ ބޯޑަރު ހުރަސްކޮށް އިސްރާއީލަށް ދިން ހަމަލާގައި ޔަހޫދީންގެ 1،400 އެއްހާ މީހުން މަރުވިއެވެ. ބަދަލުގައި އިސްރާއީލުން ފެށި ނުވަ މަސް ވީ ހަނގުރާމައިގައި ފަލަސްތީނުގެ 39،000 އެއްހާ މީހުން މިހާރު ވަނީ ޝަހީދުކޮށްލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *