ޕާކިސްތާނަށް ޖާސޫސްކޮށްދިންކަމުގެ ތުހުމަތުގައި 1994 ގައި އިންޑިއާގައި ދެ ދިވެހި އަންހެނުން ޖަލަށް ލީ އިންޑިއާގެ ފުލުހެއްގެ ޖިންސީ އެދުންތަކާ ދެކޮޅު ހެދުމުން ކަމަށް އިންޑިއާގެ ތަހުގީގީ އިދާރާ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީ.ބީ.އައި)އިން ބުނެފިއެވެ.
ތަހުގީގީ "ޗާޖްޝީޓެ"އްގައި އެ އިދާރާއިން ބުނީ އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އައި.އެސް.އާރް.އޯ)ގެ ސިއްރުތައް ޕާކިސްތާނަށް ފޯރުކޮށްދިން ކަމަށް މަރްޔަމް ރަޝީދާ އާއި މަރްހޫމާ ފައުޒިއްޔާ ހަސަނަށް ތުހުމަތު ކުރީ ކެރަލާ ސްޓޭޓްގެ އެއިރުގެ ފުލުހެއް ކަމަށްވާ އެސް. ވިޖެޔަން ޖިންސީ ހުށަހެޅުންތަކެއް ރަޝީދާއަށް ހުށަހަޅައި، އެ ކަން އޭނާ ބަލައިނުގަތުމުން އޭގެ ބަދަލުހިފުމެއްގެ ގޮތުގައި ކަމަށެވެ. އަދި އައި.އެސް.އާރް.އޯ.ގެ ސައިންސްވެރިޔާ ނަމްބީ ނަރަޔަނަން އާއި އިތުރު ފަސް ފުލުހުންނާ ދެކޮޅަށް ވެސް "ފޭކު" ކޭސްތަކެއް ވިޖެޔަން ފައިލް ކުރި ކަމަށެވެ.
ސީ.ބީ.އައި.އިން ބުނީ ވިޖެޔަން ވަނީ ރަޝީދާގެ ޕާސްޕޯޓާއި ޓިކެޓް ހިފަހައްޓައިފައި ކަމަށެވެ. އެއީ ރާއްޖެއަށް ފުރިޔަނުދިނުމަށެވެ. ސަބަބަކަށްވީ ވިޖެޔަންގެ ޖިންސީ އެދުންތަކަށް ރަޝީދާ ދެކޮޅުހެދުމެވެ.
ސީ.ބީ.އައި.އިން ބުނީ އައި.އެސް.އާރް.އޯ.ގެ ސައިންސްވެރިޔާ ޑީ. ޝަސިކުމަރަންއާ ރަޝީދާ އާދެމެދު ރައްޓެހިކަމެއް ވާކަން އެނގުމުން ރަޝީދާ އާއި އޭނާގެ ރަހްމަތްތެރިޔާ ފައުޒިއްޔާއަށް ޖާސޫސް ކުރަން ވިޖެޔަން ފެށިކަމަށެވެ.

ސީ.ބީ.އައި.އިން ބުނީ އިންޓެލިޖެންސް ބިއުރޯ (އައި.ބީ)އިން ވެސް މައްސަލަ ބަލައިފައި ބުނީ ރަޝީދާ އާއި ފައުޒިއްޔާގެ ވެސް ޝައްކު އުފެދޭ ނުރަނގަޅު ކަންތައްތަކެއް ނެތް ކަމަށެވެ.
"ރަޝީދާ ދެން ހައްޔަރު ކުރީ 'ފޮރިނަރސް އެކްޓް’ގެ ދަށުން ވިސާއެއް ނެތި އިންޑިއާގައި އުޅޭ ކަމުގެ ތުހުމަތުގައި،" ސީ.ބީ.އައި.އިން ބުންޏެވެ.
ފޮރިނަރސް އެކްޓް ގާނޫނުގެ ދަށުން ރަޝީދާ ހައްޔަރުކޮށްފައިވާ މުއްދަތު ހަމަވާން ކައިރިވުމުން ވިޖެޔަން ވަނީ ފޭކު ރިޕޯޓެއް ތައްޔާރުކޮށް، އޮފިޝަލް ސީކްރެޓްސް އެކްޓް ނުވަތަ ރަސްމީ ސިއްރުތަކާ ބެހޭ ގާނޫނުގެ ދަށުން ސްޕެޝަލް އިންވެސްޓިގޭޝަން ޓީމް ނުވަތަ ހާއްސަ ތަހުގީގު ކުރާ ޓީމާ ރަޝީދާ އާއި ފައުޒިއްޔާ ހަވާލުކޮށްފައެވެ. އެއީ ރަޝީދާ އާއި ފައުޒިއްޔާއަށް ކުރި ޖާސޫސް ކުރުމުގެ ތުހުމަތު ތަހުގީގު ކުރުމަށް ކަމަށް ސީ.ބީ.އައި.އިން ބުންޏެވެ. ނަތީޖާއެއްގެ ގޮތުން ނަރަޔަނަން އާއެކު އައި.އެސް.އާރް.އޯ.ގެ އިތުރު ހަތަރު ސައިންސްވެރިން ހައްޔަރުކުރި ކަމަށް ވެސް ސީ.ބީ.އައި.އިން ބުންޏެވެ.
"ޖާސޫސް ކުރި ކަމުގެ ތުހުމަތަކީ ފުރަތަމައިން ވެސް ގާނޫނުގެ ނާޖާއިޒު ފައިދާއެއް ނެގުމެއް. ސަބަބަކީ ރަޝީދާ ހިފެހެއްޓީ ގާނޫނާ ހިލާފަށް. އިންޑިއާގައި 'އޯވަސްޓޭ' ކުރިކަމަށް ތުހުމަތުކޮށްފައި. ހުރިހާ ވެސް ސަބަބަކީ ވިޖެޔަންގެ ޖިންސީ ހުށަހެޅުންތަކާ ރަޝީދާ ދެކޮޅު ހެދުން،" ސީ.ބީ.އައި.އިން ބުންޏެވެ.
އެ އިދާރާއިން ބުނީ ނަރަޔަނަން އާއި ދެން ތިބި ސައިންސްވެރިންނަށް ދޮގު ތުހުމަތު ކުރީ ރަޝީދާގެ މައްސަލަ އޮއްބައިލަންވެގެން ކަމަށެވެ.
ސީ.ބީ.އައި.އިން ވަނީ ކުރީގެ ފުލުހުން ކަމަށްވާ ވިޖެޔަން އާއި އާރް.ބީ. ސްރީކުމާރު އާއި ސިބީ މެޓްހިއުސް އާއި ކޭ.ކޭ. ޖޯޝުއާގެ އިތުރުން ޕީ.އެސް. ޖަޔަޕްރަކާޝްއާ ދެކޮޅަށް ޝަރީއަތް ހިންގުމަށް ގޮވައިލައިފައެވެ.
ސީ.ބީ.އައި.އިން ވަނީ ޖިނާއީ އިޖުރާއަތުގެ ދަށުން އެ މީހުންނަށް ދައުވާ ކުރަން ހުށަހަޅައިފައެވެ. އެ ގޮތުން ޖިނާއީ ރޭވުމާއި ނަހަމަ ގޮތުގައި ބަންދު ކުރުމާއި ގަސްދުގައި އަނިޔާ ދިނުމާއި ކަމަކަށް އެއްބަސްކުރުވަން ގަސްދުގައި އަނިޔާ ދިނުމާއި އޮޅުވާލުމުގެ ލިޔުންތައް ތައްޔާރު ކުރުމާއި ދޮގު ހެކި ދިނުމާއި އަންހެނެއްގެ ތޯހިރުކަން ފޭރިގަތުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ކުރީގެ މި ފުލުހުންނަށް ދައުވާ ކުރުމަށް އެދިފައެވެ.
ނަމަވެސް ކެރަލާ ސްޓޭޓްގެ އެހެން 13 ފުލުހުންނާއި އައި.ބީ.ގެ އޮފިސަރުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ އެ މީހުންނަށް ދައުވާ ކުރުމަށް ސީ.ބީ.އައި.އިން ހުށައެއްނާޅައެވެ.
ކެރަލާ ފުލުހުން 1994 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރަޝީދާއާ ދެކޮޅަށް ދެ ކޭސް ފައިލް ކުރީ އޭނާ ތިރުވަނަންތަޕުރަމް (އެއިރުގެ ޓްރިވެންޑްރަމް)ގައި ހައްޔަރު ކުރުމުންނެވެ. އެއީ އައި.އެސް.އާރް.އޯ.އިން ރޮކެޓް އިންޖީނުގެ ސިއްރު ކުރެހުންތަކެއް ހޯދައިގެން ޕާކިސްތާނަށް ވިއްކަން އުޅުމުގެ ތުހުމަތުގައެވެ.
ނަރަޔަނަން އެއިރު ހުރީ އައި.އެސް.އާރް.އޯ.ގެ ކްރަޔޮޖެނިކް ޕްރޮޖެކްޓްގެ ޑިރެކްޓަރުގެ މަގާމުގައެވެ. އޭނާ ހައްޔަރު ކުރީ އެ އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރު ޑީ. ސަސިކުމަރަން އާއި ފައުޒިއްޔާ އާއެކުއެވެ.
ސީ.ބީ.އައި.ގެ ތަހުގީގުން އެނގުނީ މިއިން އެކަކުގެ ވެސް ކުށެއް ނެތް ކަމެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން ނަރަޔަނަންއަށް ވަނީ 50 ލައްކަ ރުޕީސް ދީފައެވެ. އެއީ ނުހައްގުން އޭނާ ޖަލަށްލައި، ނުހައްގުން އޭނާއާ ދެކޮޅަށް ޝަރީއަތް ހިންގައި، އަދި ބޮޑު ލަދެއްގައި އޭނާ ބައްދައިލުމުން އެކަމުގެ ބަދަލެއްގެ ގޮތުގައެވެ.



advertisment