Support Us

ކޮލަމް މީތިނުކިޔާތި: ޑީ.އެޗް.އެލްގެ ހަގީގަތަކީ މިއީ- އިބްރަތްތެރި ފިލާވަޅުތަކެއް

އެއީ މީގެ 55 އަހަރު ކުރި ނުވަތަ 1969 ވަނަ އަހަރެވެ. އެމެރިކާގެ 13 ވަނައަށް އެންމެ ބައިބޯ ސިޓީ ކަމަށްވާ ސެން ފްރެންސިސްކޯގައެވެ.

ފޮނި ހުވަފެންތަކެއް ދެކެމުން އައި ތިން ޒުވާން ވިޔަފާރިވެރިން ގުޅިގެން ހީނުކުރާ ކަހަލަ ބޮޑު ވިޔަފާރިއަކާ ދިމާއަށް ދަތުރު ފެށިއެވެ. އެ މީހުންގެ އަތުގައި ހުރި މަދު ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އެ ތިން މީހުންނަކީ އެޑްރިއަން ޑެލްސީ އާއި ލެރީ ހިލްބްލޮމް އަދި ރޮބަޓް ލިންއެވެ. ކުންފުނީގެ ނަމަކަށް އެ މީހުން ކިއީ ޑީ.އެޗް.އެލް.އެވެ. އެއީ ތިން މީހުންގެ ފަހަތު ނަން ފެށޭ އަކުރު ބޭނުންކޮށްގެންނެވެ.

ކުންފުނި ފެށީ އެމެރިކާގައި ނަމަވެސް ހެޑްކުއާޓަރު ހުންނަނީ ޖަރުމަނީގެ ބޮން ސިޓީގައެވެ.

މި ތިން ރަހްމަތްތެރިން ވިޔަފާރި ފެށީ ވަރަށް ކުޑަ ގޮތަކަށެވެ. އެންމެ ފުރަތަމަ ކުރަން ފެށި ކަމަކީ ސެން ފްރެންސިސްކޯއިން އެމެރިކާގެ ޖަޒީރާ ސްޓޭޓެއް ކަމަށްވާ ހަވާއީގެ ހޮނޮލޫލޫއަށް ވައިގެ މަގުން ކަސްޓަމްސް ލިޔުން ފޮނުވަން ފެށީއެވެ. އެއީ ކަނޑުމަގުން އެ ކަމާ ގުޅޭ މުދާ ފޮނުވުމުގެ ކުރިންނެވެ. މި ކަމުގެ ސަބަބުން ކަނޑުމަގުން މުދާ ފޮނުވުމުގައި ކަސްޓަމްސްގެ މަރުހަލާގެ ދުވެލި އަވަސްވިއެވެ. މި ކަން ވީ މުޅިން އާ ވައްތަރެއްގެ ވިޔަފާރިއަކަށެވެ.

އިސާހިތަކު ވިޔަފާރި ފުޅާވިއެވެ. އެ ކުންފުނީގެ ވިއުގަ 1970 ގެ އަހަރުތަކުގައި މުޅި ދުނިޔެއަށް ފަތުރައިލިއެވެ. މިއަދު ޑީ.އެޗް.އެލް އަކީ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ލޮޖިސްޓިކްސް ކުންފުންޏެވެ. ދުނިޔޭގެ 220 އަށް ވުރެ ގިނަ ގައުމުގައި އެ ކުންފުނީގެ ގޮފިތައް ހުރެއެވެ. ނިސްބަތުން އަހަރަކު 1.7 ބިލިއަން ޕާސަލް ފޮނުވައިދެއެވެ. އަދި މި ކަމުގެ ސަބަބުން އަމިއްލަ ފަރުދުންނާއި ވިޔަފާރިވެރިންނަށް އެއް ގައުމުން އަނެއް ގައުމަށް މުދާ ފޯރުކޮށްދެއެވެ.

މިހާރު 55 އަހަރު ފަހުން ޑީއެޗް.އެލް.ގެ ހަރުމުދަލަކީ ހައިރާންކުރަނިވި ތަކެއްޗެވެ. އެ ގޮތުން އެ ކުންފުނީގައި 250 މަތިންދާބޯޓު ވެއެވެ. މީގެ އިތުރުން 32،000 އެއްގަމު އުޅަނދު ވެއެވެ. އަދި މުވައްޒަފުންގެ ގޮތުގައި 600،000 އަށްވުރެ ގިނަ މީހުން މަސައްކަތްކުރެއެވެ.

މިއަދު ޑީ.އެޗް.އެލް.ގެ ފައިދާ ގުނަނީ އެތައް ބިލިއަން ޑޮލަރުންނެވެ.

ޑީ.އެޗް.އެލް.ގެ ކާމިޔާބަކީ އޭގެން އެތައް ފިލާވަޅެއް ލިބޭ ކަމެކެވެ. އެ ގޮތުން ހަޔާތުގައި ތިބާ ވާން ޖެހޭނީ އަބަދުވެސް ރަނގަޅު މަގަށް "ޕޮޒިޓިވް"ކޮށް ވިސްނާ މީހަކަށެވެ. އެކުވެރިންނާއި ރަހްމަތްތެރިންގެ ގޮތުގައި ބައިތިއްބަން ޖެހޭނީ މަޝްރުއޫތަކާއި ވިޔަފާރި އާއި ކާމިޔާބާއި ހުވަފެނާއި އަމާޒުތަކަށް ވާސިލުވާން މަސައްކަތްކުރާ މީހުންނެވެ. ނުބައި ގޮތަށް "ނެގަޓިވް" ވިސްނުން ގެންގުޅޭ، ކަންތައްތަކާ ބިރުގަންނަ، އަދި ކަންނެތް މީހުންނާ ގުޅުން ނުބާއްވާށެވެ.

ތިބާއާއެކު ވިޔަފާރިއެއް ފަށަން ބޭނުން ނުވާ މީހުންނަކީ ރަހްމަތްތެރިންނެއް ނޫނެވެ. ތިބާގެ ވިޔަފާރި ކުރިއަށް ގެންދިއުމަށް އެހީ ނުދޭ ބޭބެއަކީ ތިބާގެ ބޭބެއެއް ނޫނެވެ.

ތިބާ ވިޔަފާރިއަކަށް ވަދެއްޖެ ނަމަ، ގަދަފަދަ ކަމާއެކު ކެތްތެރިވާށެވެ. ޑީ.އެޗް.އެލް ކުންފުނި ޑީ.އެޗް.އެލް ކުންފުންޏަކަށް ވާން ބައި ގަރުނު ނެގިއެވެ. މި ކަމުން ދޭހަވަނީ ކާމިޔާބު ލިބޭނީ ވަގުތާއި ހިތްވަރުންނާއި ސަމާލުކަން ދިނުމުން ކަމެވެ. ކޮންމެ ދުވަހަކު ކޮންމެ ކަމެއް ވެސް ކުރިއަށްވުރެ އިތުރަށް ކޮށްލާށެވެ.