Support Us

ކޮލަމް ކޯދު: މީހަކު ބުނި ވާހަކައެއް

ނަވާރަ ސަތޭކަ ސާޅީސް ތިން ވަނަ އަހަރު ނެގި، މަތީގައިވާ ތަސްވީރުން އެ ފެންނަނީ މަޝްހޫރު މުހައްރިޖު (ކޮމީޑިއަން) ޗާލީ ޗެޕްލިންއާއި އޭނަގެ ހަތަރު ވަނަ އަނބިމީހާ އޫނާ އޯނީލްއެވެ. ޗާލީ ޗެޕްލިން އޫނާ އޯނީލްއާ ކައިވެނި ކުރި އިރު، ޗާލީގެ އުމުރަކީ 53 އަހަރެވެ. އޯނާގެ އުމުރަކީ 18 އަހަރެވެ. އާދެ، ދެ މީހުންގެ އުމުރުގައި 36 އަހަރުގެ ތަފާތެއް ހުއްޓެވެ. މިއީ ދެންމެ ނަންގަތް ފަދައިން، ޗާލީގެ ހަތަރު ވަނަ ކައިވެންޏަށް ވިޔަސް، އޫނާގެ ފުރަތަމަ އަދި އެންމެ ފަހުގެ ވެސް ކައިވެންޏެވެ.

ކައިވެނީގެ އަތަށް އެދި، އޫނާ ގާތު ޗާލީ، އޭނާގެ ސަކަ މިޒާޖާ ގުޅޭ މަޖާ ގޮތެއްގައި، މިހެން ބުނިކަމަށް ވެއެވެ. "އަހަންނާ ކައިވެނި ކޮށްފާނަން ހެއްޔެވެ؟ އޭރުން، ދިރިއުޅެ، ހަޔާތް ވޭތުކޮށްލާނެ ރަނގަޅު ގޮތް ކަލާއަށް، އަހަރެން ބުނެދޭނަމެވެ. އޭގެ ބަދަލުގައި މަރުވާނެ ގޮތް ކަލާ އަހަންނަށް ބުނެދެނިކޮށް އެ ނިމުނީއެވެ!"

ދެން، ޖަވާބުގައި ޗާލީ ގާތު އޫނާ ބުންޏެވެ: "ޗާލީއެވެ! ތިހެން ނުބުނާށެވެ. ކަލާ، އަހަންނަށް، އަހަރެން ބޮޑުވެ، އަހަރެންގެ ބުއްދި ފުރިހަމަ ކުރުމުގެ ގޮތް ދަސްކޮށްދޭށެވެ. ދެން، އެންމެ ފަހާ ޖެހެން ދެން ވެސް، ޒުވާނެއްގެ ގޮތުގައި ހުންނާނީ ކިހިނެއްކަން އަހަރެން ކަލާއަށް ދަސްކޮށްދޭނަމެވެ!"

މަތީގައި މި ބަޔާން ކުރި ބުނުމުން އެނގޭ ދެތިން އެއްޗެއް އެބަ އޮތެވެ. ޗާލީއަށް ފަހަރެއްގައި ވެސް އޭނަގެ ހާލަތު ނޯޅޭ ކަމެވެ. އޭނަގެ އުމުރުން ދުވަސްވެފައިވާ ކަމާއި ހަޔާތުގެ ބާކީ ދެން އޮންނާނީ މާޒީވެ ދިޔަ ދުވަހަށް ވުރެ މަދު ދުވަސްކޮޅެއް ކަމެވެ. ހަމަ އެހެންމެ، އޫނާއަށް ވެސް އޭނަގެ ހާލަތު ވިސްނުނެވެ. އޭނައަކީ ވަރަށް ޒުވާން ކުއްޖެއް ކަމެވެ. ނަމަވެސް، މިއީ މައްސަލައެއް ނޫން ކަމަށް އޫނާ ފާހަގަކޮށް، ޗާލީ ކުރެން އެދުނީ އޭނާއަށް ހަމަ ބުއްދި ވިސްނުން ދަސްކޮށްދިނުމަށެވެ. އަދި، ޗާލީ މުސްކުޅިވެއްޖެ ކަމުގައި ނުބަލާ ކަމެވެ. މީގެ އިތުރުން، ޗާލީއަށް އޫނާގެ ހިތުގައި އޮތް ލޯބި ލާޒިމުކުރީ، އެއީ ޗާލީގެ ހިތް ޒުވާންކަންމަތީ ބެހެއްޓުމުގެ ބާރެއް ކަމެވެ.

ކޮންމެއަކަސް މި ކައިވެނި 34 އަހަރަށް ދިގު ދެމިގެން ދިޔައެވެ. އެއީ 1977ގައި، ޗާލީގެ އުމުރުން 88 އަހަރުގައި އޭނަ މަރުވަންދެންނެވެ. އެ ކައިވެންޏަށް އަށް ކުދިން ވެސް ލިބުނެވެ. ލޯތްބާއި، އެކަކު އަނެކަކަށް، އަޅާލުމާއި ކަމޭ ހިތުމާއި އިހުތިރާމުކުރުން، މިކަންކަމީ، ބައެއް ފަހަރު، އުމުރުގެ ތަފާތު ހުރި ކަމުގައި ވިޔަސް، ކައިވެންޏެއް ކާމިޔާބުވެ، އެ ކައިވެނި ދިގު ދެމިގެން ހިނގައިދާނޭ ކަމެއްކަން މަތީގައި ނަންގަނެވުނު، ޗާލީއާއި އޯނާގެ ކައިވެނީގެ ވާހަކައިން އެނގެއެވެ. މީގެ މާނައަކީ އުމުރު ތަފާތުކޮށް ކައިވެނި ކުރާށެކޭ ނޫނެވެ. ކައިވެންޏެއް ކާމިޔާބުވުން ގުޅެނީ ކޮންމެހެން އުމުރަކާ ނޫންކަމެވެ. ނަމަވެސް، ދެންމެ ނަންގަތް ހެން، ލޯތްބާއި އެކަކު އަނެކަކުގެ މައްޗަށް އަޅާލުމާއި ކަމޭ ހިތުމާއި އިހުތިރާމުގެ މައްޗަށް ކަމެވެ.