Support Us

އިނގިރޭސި ވިލާތުގެ ހަގީގީ "ވެރިޔަ"ކީ ބުޅަލެއް؟

ވޭތުވެދިޔަ 14 އަހަރު އިނގިރޭސި ވިލާތް ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ވެއްޓިފައިވީ ނަމަވެސް އެ އަކުން އެއްވެސް އަސަރެއް ނުކުރި އެކައްޗެއްވެއެވެ؛ އެއީ ބޮޑު ވަޒީރު ދިރިއުޅުއްވާ ގެ ކަމަށްވާ 10 ޑައުނިންގ ސްޓްރީޓްގައި އުޅޭ ބުޅަލެކެވެ.

ބުރާސްފަތި ދުވަހު ބާއްވާ އާންމު އިންތިހާބަށްފަހު "ލެރީ" ނަމަކަށް ކިޔާ މި ބުޅަލަށް އާ ބޮޑު ވަޒީރަކާއެކު އުޅެން ޖެހިދާނެއެވެ.

ލެރީ މިހާތަނަށް ވަނީ ކޮންޒަވެޓިވް ޕާޓީގެ ފަސް ބޮޑު ވަޒީރުންނާއެކު އުޅެފައެވެ. އަދި ހިޔާލު ހޯދުމުގެ ތަފާސްހިސާބުތަކުން މިހާރު ދައްކާ ގޮތުން އުމުރުން ދުވަސްވެފައިވާ ލެރީއަށް އަލަށް ލޭބަރ ޕާޓީގެ ބޮޑު ވަޒީރަކާއެކު އުޅެން ޖެހިދާނެއެވެ.

އިނގިރޭސި ވިލާތުގެ މިހާރުގެ ބޮޑު ވަޒީރު ރިޝީ ސުނަކު "ލެރީގެ ގެ" ދޫކޮށްލެއްވުމަކުން ލެރީއަށް މާބޮޑު ހިތާމައެއް ލިބޭނެހެނެއް ހިއެއް ނުވެއެވެ. އެއާ ހިލާފަށް ރިޝީ އޭނާގެ ކުއްތާ "ނޯވާ" އާއެކު އެ ގެ ދޫކޮށްލެއްވުމުން އެއީ ލެރީއަށް ހިތްހަމަޖެހުން ގެނެސްފާނެ ކަމަކަށް ވެސް ވެދާނެއެވެ.

ރިޝީގެ އަނބިކަނބަލުން އަކްޝަތާ މުރްތީ ވިދާޅުވީ ލެރީ އާއި ނޯވާ "ހޫނު ޒުވާބުތަކެއް" ކޮށްފައިވާ ކަމަށެވެ.

"ނަމަވެސް ކޮންމެ ޒުވާބަކުން ވެސް މޮޅުވަނީ ލެރީ،" އޭނާ ވިދާޅުވިއެވެ.

ލޭބަރ ޕާޓީގެ ވެރިޔާ ކެއަރ ސްޓޯމަރ ދާދި ފަހުން ބީ.ބީ.ސީ.އަށް ވިދާޅުވީ "ޖޯޖޯ" ނަމަކަށް ކިޔާ ބުޅަލެއް އޭނާގެ އާއިލާއިން ގެންގުޅޭ ކަމަށެވެ. އަދި "ބެއާ" ނަމަކަށް ކިޔާ ހެމްސްޓަރއެއް ވެސް ގެންގުޅޭ ކަމަށް އޭނާ މެޓްރޯ ނޫހަށް ވިދާޅުވިއެވެ. ނަމަވެސް އިންތިހާބު ކާމިޔާބުވެ ވަޑައިގަތްފި ނަމަ ޖޯޖޯ އާއި ބެއާ 10 ޑައުނިންގ ސްޓްރީޓަށް ގެންދަވާނެ ކަމެއް އަދި ޔަގީނެއް ނޫނެވެ.

ލެރީއަކީ އެ ސޮރުގެ "ޓެރިޓަރީ" ނުވަތަ ބިން ވަރަށް ވަރުގަދައަށް ދިފާއު ކުރާ ބުޅަލެކެވެ. ހާރިޖީ ވުޒާރާގައި އުޅުނު "ޕާމަސްޓަން" ނަމަކަށް ކިޔާ ބުޅަލުގެ މައްޗަށް ވެސް ލެރީ ވަނީ ކާމިޔާބު ހޯދައިފައެވެ. ޕާމަސްޓަން މިހާރު ވަނީ ސަހަރުން ބޭރުގެ ގެއަކަށް ފޮނުވައިލައިފައެވެ.

ހިޔަޅާއި ކޮތަރު ވެސް ލެރީގެ ކިބައިން ސަލާމަތްވެފައިވަނީ ކިރިޔަކިރިޔާއެވެ. އެ ގޮތުން އެއްފަހަރަކު މީޑިއާގެ ކުރިމަތީގައި ވެސް ކޮތަރެއް ލެރީގެ އަތްދަށުން ސަލާމަތްވީ ހަނިގޮތަކަށެވެ.

ޑައުނިންގ ސްޓްރީޓަށް ލެރީ ފުރަތަމަ އައީ 15 ފެބްރުއަރީ 2011 ގައެވެ. އެއީ ވެރިރަށް ލަންޑަންގައި ހުރި ބެޓަސީ ނަމަކަށް ކިޔާ ބުޅާ ބަލަހައްޓާ މަރުކަޒަކުން ލެރީ ގެނައުމުންނެވެ.

ލެރީ ގެންނެވީ އެއިރުގެ ބޮޑު ވަޒީރު ޑޭވިޑް ކެމެރުންއެވެ. އެއީ އެ ގެއިން މީދާ ހިފުމަށް ކަމަށް ޑޭވިޑް ވިދާޅުވެފައިވެއެވެ. އަދި ލެރީއަށް ވަނީ "މަގާމެއް" ދެއްވައިފައެވެ. އެއީ "ޗީފް މައުސަރ"އެވެ. ނުވަތަ މީދާ ހިފުމުގެ އިސް ސަރުދާރެވެ. ނަމަވެސް އެ މަސައްކަތުގައި ކުރީކޮޅު ކާމިޔާބުތަކެއް ލިބުނު ނަމަވެސް މީދާ ހިފުމުގައި ލެރީ ފަހުން އެހާ ކުޅަދާނައެއް ނޫނެވެ.

ޑޭވިޑް އާއި ލެރީގެ ގުޅުން އެހާ ރަނގަޅު ނޫން ކަމަށް ދެކެވުނު ވާހަކަތައް ޑޭވިޑް ވަނީ ދޮގު ކުރައްވައިފައެވެ. އެއާ ހިލާފަށް ނޫސްވެރިން ބުނީ ލެރީ ނޫސްވެރިންނާ ވަރަށް ރަހްމަތްތެރި ކަމަށެވެ.

"ލެރީ ވަރަށް ކަންބަލާހިތްވޭ. ކެމެރާ ހިފައިގެން ބަޔަކު ތިބި ނަމަ ލެރީ ބޭނުންވޭ އެ ނޫސްވެރިން ކުރަމުން ދަނީ ކޮން ކަމެއްތޯ ބަލަން،" ދާދި ފަހުން ބީ.ބީ.ސީ.އިން ލެރީއާ ބެހޭ ގޮތުން ހެދި ރިޕޯޓެއްގައި ނޫސްވެރިޔާ ހެލެން ކެޓް ބުންޏެވެ.

ހެލެން ބުނީ ލެރީގެ ކަންބަލާހިތްވުން ބައެއް ފަހަރަށް ސިޔާސީ ފަރާތްތަކަށް ކަމުނުދާ ކަމަށެވެ.

"މިސާލަކަށް، ސިޔާސީ ލީޑަރަކު އިންޓަވިޔު ދޭން ހުއްޓާ ލެރީ ކެމެރާއަށް އަރައިފި ނަމަ، ޕްރޮގްރާމް ބަލާ މީހުންގެ ހުރިހާ ޝައުގުވެރިކަމެއް އެނބުރެނީ ލެރީއާ ދިމާއަށް. އެހާ ހިސާބުން އެ ސިޔާސީ ލީޑަރު ދައްކަވަމުން ވަޑައިގަންނަވާ ވާހަކައަކަށް މީހުން ސަމާލުކަމެއް ނުދޭ،" ހެލެން ބުންޏެވެ.

އިނގިރޭސި ސަރުކާރުން ވަނީ ލެރީއަށް ހާއްސަ ސޯޝަލް މީޑިއާ އެކައުންޓެއް ވެސް ހަދައިދީފައެވެ. އެ ހޭންޑްލްއަކީ @Number10cat އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު އާއްމު އިންތިހާބު ބާއްވާކަން ރިޝީ އިއުލާން ކުރެއްވުމާއެކު ލެރީގެ އެކައުންޓް ހިންގައިދޭ މުވައްޒަފު ވަނީ، ލެރީގެ ނަމުގައި، ޝައުގުވެރި މެސެޖްތަކެއް ދޭން ފަށައިފައެވެ.

"އަހަރެންނަށް ވޯޓު ނުލެވުނަސް، އިންތިހާބު ކާމިޔާބު ކުރައްވާ ފަރާތަކާއެކު އަހަރެން ދިރިއުޅެން ޖެހޭ. އެއަކު މައްސަލައެއް ނެތް،" އޭގެ ތެރެއިން އެއް މެސެޖްގައި ލިޔެފައިވެއެވެ.

އެހެން މެސެޖެއްގައި ލިޔެފައިވަނީ "އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ކަމަށް ވިޔަސް ކަންތައްތައް ދާގޮތް ބަލަން އަހަރެން އޮންނާނަން," މިހެންނެވެ.

އިނގިރޭސި ވިލާތުގެ "ވެރިކަމަށް" ލެރީ އައިތާ 10 އަހަރު ފުރުން ފާހަގަ ކުރުމަށް، ލެރީ ބަލަހައްޓާ މުވައްޒަފު މެދުވެރިކޮށް އޭއެފްޕީން ލެރީއާ ކުރި "އިންޓަވިޔުއެއްގައި" ލެރީ "ބުނީ" އެހާ ގިނަ ދުވަހު ޑައުނިންގ ސްޓްރީޓްގައި އުޅުމުގެ ސިއްރަކީ އެ ގެއަކީ ލެރީގެ "ދާއިމީ ގެކަން ހަނދާނުގައި ބެހެއްޓުން" ކަމަށެވެ.

"އަހަރެން މިއީ މި ތަނުގައި ދާއިމީކޮށް އުޅޭ ފަރާތް. ސިޔާސީ ލީޑަރުން މި ގޭގައި މަޑުކުރައްވާނީ ކުޑަ ހިނދުކޮޅަކަށް. އެއީ ވެރިކަމުން ބޭރުކޮށްލަންދެން. މާ ލަސް ނުވިޔަސް އެ ބޭފުޅުންނަށް ދާދި އަވަހަށް ރޭކާލައި މި ގެއަކީ އަހަރެން ހިންގާ ގެއެއްކަން،" ލެރީގެ ފަރާތުން ލެރީ ގެންގުޅޭ މުވައްޒަފު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް