Support Us

ހިތަކުން ނުފިލާ

ކިހިނެއް ހިތުން ފިލާނީ އަހަރެން އަށެއް ހަތެއް
ދިހިދިހި، ވިޔަސް މަ ހުންނަން، ނުބަލާނަމެ ފުށަތެއް

ވިހި ފަންސަވީސް ތިރީސް ފަންސަތިރީސް ވިޔަސް ހެވޭ
މި ހިތަށް އެއީ ނުލާހިކު އަގުބޮޑު އަމާނަތެއް

ހަތަރެއް ތިނެއް ކޮޓަރިއާ ބޮޑުކޮޓަރި ބަދިގެއާ
މަތަރެސް ފުޅަފު ނުޖެހުނަސް، ކުރެހުނު! އިމާރަތެއް

ފަރިވަޅު ނުދީ ފެށީމާ ބާވައެ ބިނާ ނުވީ
ވަރިއަށް އަނެއް އަލުން ވީ ކައްކަންހެ؟ ބޮނޑިބަތެއް

ދެ ބުރަށް ފެށިއްޖެއޭ! އަދި އިންފުޅަފެ ފެންނަނީ
ނުބުނަން؛ ފިސާރި ތެދުމީ، ހުއްޓާށަ އެ ހުޅަތެއް

ކުރެވޭ މި އިންތިޒާރަށް އައުމެއް ނެތޭ ނިމުން
ކުރެވޭނެ ފަދަ، ބިނާއެއް، ނުފެނޭ އެހެން ކަތެއް

މެންދުރުގެފަސްވެ ޢަޞްރުން އިރު ތިރިވަމުންދިޔަސް
ފެންނާކަށެއް ނެތޭ ހަމަ އެނބުރޭން އެހެން އަތެއް

އާހޭ އަބަދު އިވޭނީ ފުޅަފުގެ ތެރޭން ހަތަރު
ހާހޭ ވަނީ މިތާ! މީ ބޮންޖެއް! މެ ކަލިވަތެއް

މެންދަން އެ ވީ ގޮތަށް އޮވެ ހިނގަމުންނެ ރޭ ދަނީ
ފެންނާކަށެއް ނެތޭ ހަމަ ފަތިހުގެ އަލާމަތެއް

ގަރުނެއްތަ؟ ސާސްކަފެއް! އޭ، އެއް ދަން ވިޔަސް މަށަށް
ކަރުހިކި ތެތެއް ނުވޭ އަދު ހިކިކުރޮޅި ތުންފަތެއް

ނިމުމެއް މި އިންތިޒާރަށް ފެންނަން ނެތަސް، ނެތޭ-
އިމު އެޅި ފުޅައްގަނޑަށް ދެން ހުންނާނެ މުއްދަތެއް

ކޭލޭ ރޮލޭ ބުނީމާ އަހަރެން ހިތާހިތާ
ވޭ ހީ މަށަށް މަގޭ އެބަ ލާހެން ދެ ތަލި ތަތެއް

އެހެނަސް އަލުން ފަށައިގެން ނަމަވެސް ކުރާން ބިނާ
ބެހެމުން ނުގޮސް އުޅޭންވީ ހޯދާށެ ހާލަތެއް

ގޭ ނީނދެ ނުކުމެ ބޭރަށް އާލާތްކުރަން ހިނގާ އިރު
ނޭނގޭ! އަލުން ފެށޭތޯ ނަދުރުނުގަތެއްގަތެއް

ކުޅެވޭ އިރަކު، ކިއައި ބަނދި، ލާން-ލާން-އަލީ-ބަލީ
ނުލެވޭނެ ހުރެގެނެއް ދުރު، ބަލަގަ! އަ-ކުމުންޏަ-ތެއް

ގޮވެލީގެ އަޑު އަހާނޭ މީހަކު ނުފެންނަނީ
އޮވެދާނެބާ އަނެއްކާ، ބަންދެއް ހިރާސަތެއް

ހަލިމަގުމަތީ ހަލުވިކޮށް އެބަ ދުއްވަމޭ، ވިޔަސް
ބަލިވެއްޖެ ދުއްވަދުއްވާ ނުވިއޭ މަގު ކަޑަތެއް

ދިގު މަގު ކުރެއް ނުވޭ އަދި ބައްދާށަކަނޑު އޮތީ
ގިގުނީގެ އަޑު ނުއިވުނަސް ދަތުރީ މި ލައްޒަތެއް

ހޫނާ ފިނީ މަތީމަގު މި ގޮތަށް މި އެނބުރެނީ
ނޫނޭ މިއަދު ނެތީއެއް ހި-ބަލާ-ކުނާޓަ-ތެއް

ދުވެދުވެ ބިނާވެވޭތޯ ޖެހުނަސް އުޅެން މިހެން
ނުވެގެން ވަގުތު ބިނާއަށް ނުކުރަން ޝިކާޔަތެއް

ހައްދާށަ ދޮރުމަތީގައި އެ ދުވަހު އެ އިންދި ރުއް
ހައްތާ ވަނީ ގަލޭ، އޭ އަދިވެސް ކުރުއްޕަތެއް

ތިޔައީ ކަމޭނުކުޅެދޭ ބުންޏަސް މަށަށް ހެވޭ
މިޔަ ތޫނަކަސް ނެތީމޭ ދައްކާށަ ހުއްޖަތެއް

ޝާހިދު ބަލާށެ މިހިރީ ވޭތޯބިނާ ބިނާ
މާދަން ވިޔަސް ލިބޭތޯ ވާ ފަދަ ހިޔާ ޗަތެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *