ތިރީގައި އެ ވަނީ 20 ވަނަ ގަރުނުގައި އުފެދުނު ވަރުގަދަ އިސްލާމީ އިލްމީ ޝަޚްސިއްޔަތުންގެ ތެރެއިން ޝަޚްސިއްޔަތެއް ކަމުގައިވާ ޑޮކްޓަރ މުހައްމަދު ހަމީދުﷲ ހައިދަރުއާބާދީގެ ސިޔަރަތުގެ ވަށަރޮނގެކެވެ.
ޑޮކްޓަރ މުހައްމަދު ހަމީދުﷲ އުފަންވެވަޑައިގަތީ އިންޑިޔާގެ ހައިދަރުއާބާދުގައި 1908 ވަނަ އަހަރުގައެވެ. އިލްމުވެރި އާއިލާއެއްގެ ތެރެއަށެވެ. އޭނަގެ ބައްޕައައި ކާފައަކީ ވެސް އެ ދުވަސްވަރު ފާހަގަކޮށްލެވުނު އިސްލާމީ އިލްމުވެރިންނެވެ. އޭނަގެ ބައްޕަ މުފްތީ އަބޫ މުހައްމަދު ޚާލީލުﷲ އަކީ ފިގުހު އިލްމުވެރިއެކެވެ. އޭނަގެ ކާފަ މުހައްމަދު ސިބްޣަތުﷲއަކީ ކީރިތި ގުރުއާނުގެ ތަފްސީރެއް ލިޔުއްވި އިލްމުވެރިއެކެވެ. އަދި އޭނަގެ މުނިކާފަ މުހައްމަދު ޣައުޘުއަކީ ވެސް އިލްމީ ތިރީސް ފޮތް ލިޔުއްވި އިސްލާމީ އިލްމުވެރިއެކެވެ. ޑޮކްޓަރު މުހައްމަދު ހަމީދުﷲ އަވަހާރަވީ، އުމުރުން 94 އަހަރުގައި 2002 ވަނަ އަހަރުގައި އެމެރިކާގެ ފުލޮރިޑާގައެވެ.
ޑޮކްޓަރ މުހައްމަދު ހަމީދުﷲ ފުރަތަމަ ތައުލީމު ހާސިލުކުރެއްވީ އިންޑިޔާގެ ހައިދަރުއާބާދުގައެވެ. ފުރަތަމަ ޑިގުރީއާއި މާސްޓާރސް ނެންގެވީ އުސްމާނިއްޔާ ޔުނިވަސިޓީއިންނެވެ. ދެން އެއަށް ފަހު، އޭނަ ދެ ޕީ. އެޗް .ޑީ. ނެންގެވިއެވެ. ފުރަތަމަ ޕީ.އެޗް.ޑީ. ނެންގެވީ ޖަަރުމަނު ވިލާތުގެ ބޮން ޔުނިވަސިޓީއިންނެވެ. ދެވަން ޕީ.އެޗް.ޑީ. ނެންގެވީ ފަރަންސޭސި ވިލާތުގެ މަޝްހޫރު ސޯރބޯން ޔުނިވަަސިޓީއިންނެވެ.
ޑޮކްޓަރ ހަމީދުﷲ ކިޔަވާވިދާޅު ވުމަށް ފަހު، ކިޔަވައި ދެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. ދުވަސްކޮޅަކު ބޮންޔުނިވަރސިޓީގައި ކިޔަވައި ދެއްވުމަށް ފަހު، 1936 ފެށިގެން 1946ގެ ނިޔަލަށް އުސްމާނިއްޔާ ޔުނިވަރސިޓީގައި ކިޔަވައިދެއްވިއެވެ. އެއަށް ފަހު، 1948 އިން ފެށިގެން، އޭނަ ތުރުކީ ވިލާތުގައި ކިޔަވައި ދެއްވުމަށް ހޭދަކުރެއްވި މަދު އަހަރުކޮޅެއް ފިޔަވައި އޭނަގެ އިލްމީ ހަޔާތް އޭނަ ވޭތުކޮށްލެެއްވީ ފަރަންސޭސި ވިލާތުގެ އިލްމީ ދިރާސާތުތައް ކުރުމުގެ ގައުމީ މަރުކަޒުގައެވެ. ދެން ރިޓަޔަރ ކުރެއްވުމަށް ފަހު، 1996 ގައި އެމެރިކާގެ ފުލޮރިޑާގެ ޖެކްސަންވިލްއަށް، އޭނަގެ އަޚެއްގެ ކާފަ ދަރިކަނބަލެއްގެ ކައިރިއަށް ދިރިއުޅުއްވުން ބަދަލުކުރެއްވިއެވެ. މި ފަނާވަނިވި ދުނިޔެ ދޫކުރެއްޖައުމަށްދާންދެން، އޭނަގެ ހަޔާތުގެ ބާކީ ދުވަސްތައް ހޭދަކޮށްލެއްވީ ޖެކްސަންވިލްގައެވެ.

ޑޮކްޓަރ ހަމީދުﷲ ފާހަގަކޮށްލެވިފައިވަނީ 'ޕޮލިގްލޮޓެެއްގެ' ގޮތުގައެވެ. އާދެ، އެތައް އެތައް ބަހެއް ދެނެވަޑައިގެން ހުންނެވި ބޭކަލެއްގެ ގޮތުގައެވެ. އޭނާ 22 ބަސް ދަސްކުރެއްވިއެވެ. އޭގެ ތެރޭގައި އަރަބި، އުރުދޫ، ފާރިސީ، އިނގިރޭސި، ފަރަންސޭސި، ޖަރުމަނު، އިޓަލިއަން، ގުރީކު، ރަޝިޔަން ބަސް ހިމެނެއެވެ. އޭނަގެ އުމުރުން 84ގައި ތައި ބަސްދަސްކުރައްވަން ފެއްޓެވިއެވެ.
އޭނަގެ އިލްމީ މަސައްކަތްތަކުގެ ތެރޭގައި އޭނަ ލިޔުއްވައި ޝާއިއުކުރެއްވި އިލްމީ ފޮތްތަކާއި ކަރުދާސްތައް ހިމެނެއެވެ. ފޮތްތަކުގެ އަދަދު ސަތޭކައަށް ވުރެ ގިނައެވެ. އަދި ހާހެއްހާ އިލްމީ ކަރުދާސް އޭނަ ޝާއިކުރެއްވިއެވެ. އޭނަގެ އިލްމީ އާ ހޯދުންތައް ގުޅެނީ ކީރިތި ރަސޫލާގެ ސިޔަރަތާއި ހަދީސް އިލްމާއެވެ. ކުރިން ނުފެނި ހުރި ބައެއް ލިޔުންތައް ހޯއްދަވައި ތަހުގީގު ކުރައްވައި ޝާއިއުކުރެއްވިއެވެ. މި ގޮތުން އެންމެ އިހުގެ ހަދީސް ލިޔުމެއް ކަމުގައިވި ސަހީފަތު އިބްނު ހައްމާމު ހިމެނެއެވެ. އަދި، އެންމެ އިހުގެ ބައެއް ވަސީގާތައް ވެސް ހޯއްދަވައި ތަހުގީގުކުރައްވައި ޝާއިއު ކުރެއްވިއެވެ. މީގެ ތެރޭގައި އޭނަ ތަހުގީގު ކުރެއްވި ކީރިތި ރަސޫލާގެ އެންމެ އިހުގެ ސިޔަރަތު ކަމުގައިވާ ސިޔަރަތު އިބްނު ހިޝާމު ހިމެނެއެވެ. ކީރިތި ރަސޫލާގެ ސިޔަރަތު އެކިއެކި ބަސްބަހުން ލިޔުއްވައި ޝާއިއުކުރެއްވިއެވެ.
މީގެ އިތުރުން އޭނަގެ އެންމެ ފާހަގަކޮށްލެވޭ އިލްމީ މަސައްކަތަކީ ފަރަންސޭސި ބަހަށް އޭނަ ތަރުޖަމާ ކުރެއްވި ކީރިތި ގުރުއާނުގެ މާނައިގެ ތަރުޖަމާއެވެ. މި ތަރުޖަމާއަކީ ފަރަންސޭސި ވިލާތާއި އަދި ފަރަންސޭސި ބަހުން ވާހަކަދައްކާ އެފްރިކާގެ ގައުމުތަކުގައި އެންމެ ގިނައިން ބޭނުންކުރެވޭ ކީރިތި ގުރުއާނުގެ ތަރުޖަމާތަކުގެ ތެރޭގައި ހިމެނޭ ތަރުޖަމާއެކެވެ.
ޑޮކްޓަރ ހަމީދުއްﷲގެ އިލްމީ ޚިދުމަތް ފާހަގަކޮށް އާލަމީ ދެ އިނާމެއް އޭނައަށް އެރުވުނެވެ. ފުރަތަމަ އިނާމަކީ 1985ގައި ޕާކިސްތާނުގައި ދެވޭ އެންމެ މަތީ މަދަނީ އިނާމު ކަމުގައިވާ ހިލާލޭ އިމްތިޔާޒް އެރުވުނެވެ. އެއާ އެކުގައި އެރުވުނު ފައިސާގެ އިނާމު އެއްކޮށް އިލްމީ ދިރާސާތު ކުރާ ޕާކިސްތާނުގެ މަރުކަޒަކަށް އޭނަ ހަދިޔާ ކުރެއްވިއެވެ. ދެވަނަ އިނާމަކީ ފައިސަލް އެވޯޑެވެ. ނަމަވެސް، އޭނަ އެ އެވޯޑު ގަބޫލެއް ނުކުރެއްވިއެވެ. އޭނަގެ ދީން ފަސާދަވެދާނެކަމަށާއި ތިމަން ކުރައްވާ މަސައްކަތް ކުރައްވަނީ މާތްގެ ވަޖުހުފުޅަށްޓަކައި ކަމާއި އަދި، އެކަމަށް ދުނިޔަވީ ފައިދާއެއް ނަގައިފި ނަމަ، އާޚިރަތުގައި ތިމަންނާއަށް ލިބެން އޮންނާނީ ކޮން ކަމެއްތޯ ވިދާޅުވިއެވެ.
އާދެ، ޑޮކްޓަރު މުހައްމަދު ހަމީދުاللهއަކީ އިހުގެ، ތަވާޟުއުވެރި، ވަރަށް ވެސް ހިތްތިރި، މުސްލިމު ނަމޫނާ އިލްމުވެރިންގެ މަތިން ހަނދާންކޮށްދޭ ވަރުގަދަ އިލްމީ ޝަޚުސިއްޔަތެކެވެ. އޭނަގެ އަތް މަތީ އެތައް ހާސް ބައެއް އިސްލާމް ދީން ގަބޫލުކުރި ދާއީއެއް ވެސް މެއެވެ. މިފަދަ ނަމޫނާ އިލްމީ ޚިދުމަތްތެރި އިލްމުވެރިންގެ ސިޔަރަތްތައް ބަލައި ކިޔައި އެފަދަ ސިޔަރަތްތަކުން އިލްހާމު ލިބިގަނެ، އެ ބޭބޭކަލުން ކުރެއްވި ފަދަ ޚިދުމަތްތަކުގެ ކުޑަ މިންވަރެއް ވެސް މުޖުތަމައަށް ކޮށްދެވޭތޯ މަސައްކަތްކުރުން މުހިއްމެވެ. މާﷲ ޑޮކްޓަރު މުހައްމަދު ހަމީދުﷲ އަށް ހެޔޮ ރަހުމަތްލައްވައި ފުރިހަމަ ހެޔޮ ޖަޒާދެއްވައި، ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށިއެވެ!



advertisment