ޑެންމާކްގެ ބޮޑު ވަޒީރު މެޓަ ފްރެޑެރިކްސަން ރޭ މަގުމަތިން ހިންގަވައިފައި ވަޑައިގަންނަވަނިކޮށް މީހަކު އެ ކަމަނާއަށް ހަމަލާއެއް ދީފިއެވެ.
"ހިނގައިފައި އައި މީހަކު އެކަމަނާ ވަރަށް ބާރަށް ކޮއްޕާލީ. ބިންމައްޗަށް ވެއްޓި ވަޑައިނުގަތީ ހަމަ ކިރިޔާ،" މަންޒަރު ދުށް މީހަކު ބުންޏެވެ.
މަންޒަރު ދުށް އެހެން ދެ އަންހެނުން ކަމަށްވާ މަރީ އެޑްރިއަން އާއި އަނާ ރޭވަން ޑެންމާކްގެ ނޫހެއް ކަމަށްވާ "ބީ.ޓީ" އަށް ބުނީ ހަމަލާ ދިން މީހާ އައީ މެޓާއާ ދިމާއަށް ކަމަށެވެ.
"އެ ކަމަނާގެ ކޮނޑުގައި ހިފާ ވަރަށް ބާރަށް ކޮއްޕާލި. އެ ކަމަނާ ދިޔައީ އަރިއަކަށް އެއްލިގެން،" މަރީ ބުންޏެވެ.
"ނަސީބަކުން ބިންމައްޗަށް ވެއްޓިވަޑައެއްނުގަންނަވާ. އެ ކަމަނާ ދެން އެތާ ހުރި ކެފޭއަކަށް ވަންނަވައި، އިށީނދެވަޑައިގަތީ،" އަނާ ކިޔައިދިނެވެ.
ވެރިރަށް ކޮޕެންހޭގަންގައި މި ހަމަލާ ދިން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
މެޓާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކަމަނާއަށް "ޝޮކެއް ޖެހި، ސިހުން ލިބިފައި" ވާ ކަމަށެވެ.
ޔޫރަޕްގެ އިއްތިހާދުގެ ވެރިޔާ އާސިއުލާ ވޮން ޑަ ލެޔެން ވިދާޅުވީ މި ހަމަލާއަކީ "ދަށު ދަރަޖައިގެ އަމަލެއް" ކަމަށެވެ.
"އަހަރެމެން ގަބޫލު ކުރާ ކަންތައްތަކާ ފުށުއަރާ ހަމަލާއެއް މިއީ. ޔޫރަޕްގެ ކުރިއެރުމަށް އަހަރެމެން މަސައްކަތް ކުރަމުން އަންނަ ހުރިހާ އުސޫލުތަކާ ވެސް ހިލާފު ކަމެއް މިއީ،" އެ ކަމަނާ ވިދާޅުވިއެވެ.
ހަމަލައިގެ އިތުރު ތަފުސީލެއް މެޓާގެ އޮފީހުން އަދި ހާމައެއް ނުކުރެއެވެ. ހަމަލާ ދިން މީހާ ހައްޔަރު ކުރި ވާހަކަ އާއި ތަހުގީގު ކުރަމުން އަންނަ ވާހަކައިގެ އިތުރުން އެހެން މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މެޓާއަށް މި ހަމަލާ ދިނީ ޔޫރަޕްގެ އިއްތިހާދުގެ އިންތިހާބުގައި ޑެންމާކުން ވޯޓު ލުމުގެ ދެ ދުވަސް ކުރިންނެވެ.
އުމުރުން 46 އަހަރުގެ މެޓާއަކީ ޑެންމާކްގެ ސޯޝަލް ޑިމޮކްރެޓްސް ޕާޓީގެ މެންބަރެކެވެ. އެ ކަމަނާ ބޮޑު ވަޒީރު ކަމަށް އިންތިހާބު ވެވަޑައިގަތީ 2019 ގައެވެ.
ޑެންމާކްގެ އެންމެ ހަގު ބޮޑު ވަޒީރަކަށް ވެވަޑައިގަތް މެޓާ މަގާމާ ހަވާލުވެ ވަޑައިގަތްތަނާ ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްގެ ދުޝްމިނަކަށްވެފައެވެ. ސަބަބަކީ އެމެރިކާއިން އެހެން ގައުމެއް ކަމަށްވާ ގްރީންލޭންޑް ގަންނަން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވުމުންނެވެ.
މެޓާއަށް މި ހަމަލާ އައީ ސްލޮވޭކިއާގެ ބޮޑު ވަޒީރު ރޮބަޓް ފިކޯ ބަޑި ޖަހައި ޒަހަމްކޮށްލިތާ މަސް ދުވަސް ވެސް ނުވަނީހެވެ.
މިދާކަށް ދުވަހު އިންޑިއާގެ އާއްމު އިންތިހާބުން ގާނޫނު ހަދާ މަޖިލިސްގެ ތިރިގެ ކަމަށްވާ ލޮކް ސަބާގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި ބޮލީވުޑްގެ ފިލްމީ ތަރި ކަންގަނާ ރެނޯތަށް ޗަންދިގަރުގެ އެއާޕޯޓުގެ ސަލާމަތީ އޮފިސަރަކު އެ ކަމަނާގެ ކަންކަށިމަތީގައިވަނީ ޖަހައިފައެވެ.



advertisment