އިންޑިއާގެ އާއްމު އިންތިހާބުގެ ވޯޓު ގުނުން މިއަދު ފަށައިފިއެވެ. ނަތީޖާ އިއުލާން ކުރާނެ ކަމަށް ބެލެވެނީ މިރެއެވެ.
މި އިންތިހާބުގައި ވޯޓުލައިފައި ވަނީ 543 ދާއިރާއެއްގައެވެ. ވޯޓު ގުނަން ފެށިތާ އެއް ގަޑިއިރު ތެރޭގައި، ތިން ވަނަ ދައުރެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ.)ގެ ކޯލިޝަން ދައްކަނީ ކުރީގައި އުޅޭ ކަމަށެވެ. އެ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ މަތި ގެ ނުވަތަ ލޮކް ސަބާގެ 543 ގޮނޑީގެ ތެރެއިން ސަރުކާރެއް އުފައްދަން ބޭނުންވާ 272 ގޮނޑީގެ ވޯޓުތަކުގެ ކުރީގައި އުޅެނީ މޯދީގެ ކޯލިޝަނެވެ.
މި ވަގުތު ނަތީޖާ ދައްކާ ގޮތުން އިދިކޮޅު ފަރާތް ކަމަށްވާ ރާހުލް ގާންދީގެ އިންޑިއަން ނެޝަނަލް ޑެވެލޮޕްމަންޓަލް އިންކްލޫސިވް އެލަޔަންސް (އައި.އެން.ޑީ.އައި.އޭ.) އަދި އުޅެނީ 178 ގޮނޑި ލިބޭނެ ކަމުގެ ފުރުސަތެއްގައެވެ.
ވޯޓު ގުނަން އެންމެ ފުރަތަމަ ފެށީ ކަރުދާހުގައި ވޯޓުލި މީހުންގެ ވޯޓެވެ. އެއަށް ފަހު އޮންނާނީ އިލެކްޓްރޯނިކްކޮށް ލީ ވޯޓުތައް ގުނުމެވެ. އިލެކްޓްރޯނިކް ވޯޓުލާން އިންޑިއާގައި ފެށީ 2000 ވަނަ އަހަރުއެވެ.
ކޮންމެ ދާއިރާއެއްގެ ވޯޓުތައް ގުނާ ނިމޭއިރަށް އެ ދާއިރާއްގެ ނަތީޖާ އިއުލާން ކުރާނެއެވެ.
އިންޑިއާގެ ވޯޓު ލުމުގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން ވަކި އަދަދެއްގެ މެޖޯރިޓީއެއް ނުލިބުނަސް، އެ ދާއިރާއަކުން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކީ އެ ދާއިރާއެއް ކާމިޔާބު ކުރި ކެންޑިޑޭޓެވެ.
ގާތްގަނޑަކަށް 969 މިލިއަން މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ މި އިންތިހާބުގެ ނަތީޖާތައް ލިބޭ މިންވަރަކުން މިއަދު މެންދުރު ފަހުގައި އިންޑިއާގެ ޓީވީތަކުން ވަގުތުން ދައްކާނެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ވޯޓުގެ ނަތީޖާ އުޅޭ ގޮތް މެންދުރެއްހާއިރު ސާފުވާން ފަށައެވެ. އެއާ ވިދިގެން ނާކާމިޔާބުވާ ކަމަށް ބެލެވޭ ކެންޑިޑޭޓުން ބަލި ގަބޫލު ކުރައްވައެވެ.
އެގްޒިޓް ޕޯލްތަކުން ނުވަތަ ވޯޓު ލި މީހުން ވޯޓު ލީ ކޮން ކެންޑިޑޭޓުންނަށްކަން ބެލުމަށް ނެގި ހިޔާލު ހޯދާ ތަފާސްހިސާބުތަކާ، މިރޭ އިއުލާން ކުރާ އާހިރު ނަތީޖާ ދިމާވެއްޖެ ނަމަ، މޯދީ ނާދިރު ތިން ދައުރަކަށް ހޮވިވަޑައިގަންނަވާނެއެވެ. އަދި މި ކަން ފާހަގަ ކުރުމުގެ ގޮތުން މި ރޭ ބީ.ޖޭ.ޕީ.ގެ މައި ޖަގަހައިގައި އުފާ ފާޅުކުރާ މުނާސަބަތެއް ބާއްވާނެ ކަމަށް ލަފާކުރެވެއެވެ.
އިންތިހާބު ކާމިޔާބު ކުރާ ފަރާތުން މި މަހުގެ މެދުތެރޭގައި އާ ސަރުކާރެއް ގާއިމު ކުރާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހުރިހާ ގޮނޑިއެއްގެ ނަތީޖާ ފާޅު ކުރުމުން، ލޮކް ސަބާގެ ދެބައިކުޅައެއްބައި ގޮނޑި ކާމިޔާބު ކުރި ޕާޓީ ނުވަތަ ކޯލިޝަން އާ ސަރުކާރެއް ގާއިމު ކުރަން އިންޑިއާގެ ރައީސާ ދްރޯޕަދީ މުރްމޫ ދައުވަތު ދެއްވާނެއެވެ. އެހާތަނުން 272 އަށް ވުރެ ގިނަ ގޮނޑި ލިބުނު ޕާޓީ ނުވަތަ ކޯލިޝަނުން އާ ބޮޑު ވަޒީރަކު ހޮވާނެއެވެ.



advertisment