ފެހިފަތް ތަކާ ރޯގޮފިތަކުން ތާޒާވި ގަހަކުން ފަރިވުމުން
ޖެހިގެންވަރަށް ގާތުން މަލެއް އިންދާ ދުށިން ހިނިތުން ވަމުން
ވައިރޯޅިޔާ ކުޅެމުން ސަމާސާ ކުރުމުގައި އުފަލުން ދެމާ
ބައިވެރިވެލީ ފިކުރެއްވެވޭ ހިތްދަތި ޚިޔާލެއް ނެތް ކަމުން
ގަސްތަކުތެރޭން ރަތްކުލަ މަގޭ ފެނި ލޯތަކަށް ފާއްދާލަމުން
ވަސްފެތުރެމުން އެބަހަރަ ދެޔޭ ޗާލޫވި ފިޔަތައް ހުޅުވެމުން
އިންދާ މިހެން ޤުދުރަތުގެ ފުރިހަމަ މަންޒަރަށް ކަޅި އުކައުކާ
ބިންދާލިޔޭ ގޮފިގަނޑުއެކީ އަނިޔާގެ ހިނިތުމަކުން ހެމުން
ބިނދެ ވަސް ބަލަލާފައި ނިކަން ލޯބިންނެ ބޭންދީ މޭމަތީ
އިނދެގެން އެތާ ހިނިތުންވެލިން ޢިއްޒަތެކެ ލިބުނީ ހީވުމުން
އެގޮތަށް އެތާ އިނދެގެން އެތައް ގެއަކަށް ވަނީމޭ ރަށުތެރޭން
ދެގޮތެއްނުވާ ތާރީފުތައް ދިޔައޭ އަހަންނަށް އިއްވަމުން
ގެންގޮސް ގެއަށް މާޓުކުރިއެއްގައި ބޭންދިޔޭ މޭޒެއްމަތީ
ދެންވިސްނެމުން ދިޔައޭ މަށަށް އަންނާނެ ގޮތަކާމެދު ނިމުން
އެދުވަސް ނިމިއްޖޭ ރޭގަނޑަށް ރޭވެސް ނިމިއްޖޭ ފަތިހަކަށް
ހެނދުނުން ބިމަށް އެއްލާލިޔޭ މޯޅިވެ މިލާފައި ވާކަމުން
އެއްކޮށްލި ކުނިތަކަކާއެކީ އަހަރެން ލުމުން ކުނި ވަށިގަނޑަށް
ކެތްކޮށް ނުލެވުނޭ ދެން ނުރޮއި ނިކަމެތިކަމާމެދު ވިސްނުމުން
އެގޮތަށް އެދުހު ހިނިތުން ނުވީމުހެ ވައިގެ ގިލިގިލި ކޮށްޓުމަށް
މިގޮތަށް ނިމޭނޭ ކަން ހިތަށް އެރިނަމަ ގަހެއްގާ ފަރިވުމުން
