Support Us

ކޮލަމް: ދިނަށަ

މިއަހަރުގެ ޙައްޖު މަހާއި ޙައްޖު ދުވަސް

ދުނިޔޭގެ އެކި ތަންތަނަށް އިރުހަނދު އަރައި އޮއްސުމުގައި ހުންނަ ތަފާތުގެ ގޮތުންނާއި ދުނިޔޭގެ ގައުމުތައް އޮންނަ ތަންތަނުގެ ގޮތުން، އިރުހަނދު އަރައި އޮއްސޭ ތަފާތުގެ ސަބަބުން، މިއަހަރުގެ ޙައްޖުމަސް ފެށޭ ދުވަސް ރާއްޖޭގެ ބައެއް ކަލަންޑަރުތަކާ ދިމައެއް ނުވާނެއެވެ.

މި ޖޫންމަހުގެ ހަ ވަނަ ދުވަހަކީ، މިހާރު ހިނގަމުންދާ ޒުލްޤައިދާ މަހުގެ 29 ވަނަ ދުވަސް ކަމަށްވާތީ، އެ ދުވަހު ރާއްޖެއަށް އިރާއި ހަނދު އޮއްސުމުގައި ހުރި ތަފާތަށް ނިޔަމިކަމުގެ ޙިސާބުން ބެލިއިރު މާލެއަށް އެދުވަހު އިރު އޮއްސޭނީ ހަވީރު 06:15 ކަމާއި ހަނދު އޮއްސޭނީ ހަވީރު 06:12 ކަން އެނގޭން އޮވެއެެވެ. އަދި އެ ތަފާތު ސިކުންތާއެކު ހުރި ތަފާތުވެސް ބެލުމުން  ޖޫން ހައެއްގައި މާލެއަށް އިރު އޮއްސުމުގެ ދެ މިނެޓް 51 ސިކުންތު ކުރިން އެ ދުވަހު ހަނދު އޮއްސޭކަން އެނގޭން އޮވެއެވެ.

ރާއްޖޭގައި ހަނދު ލައްވާ އުޞޫލުގައި ހިމެނޭ އިސްލާމީ އުޞޫލުގެ ނަޒަރުން، ޖެހިގެން އަންނަ ދުވަހަކީ، ހިނގަމުންދާ މަހުގެ ފަހު ދުވަސްކަމަށް ބަލާން ޖެހޭތީ، އެގޮތަށް ބުރަވެ ރާއްޖޭގައި މިއަހަރު ހެދިފައި ހުރި ކަލަންޑަރުތަކުގައި ޙައްޖުމަހުގެ ފުރަތަމަ ދުވަހަކީ، ޖޫން އަށެއް ވާ ހޮނިހިރު ދުވަސްކަމުގައި ކަނޑައެޅިފައި އޮންނަނީއެވެ. އެއީ، އޮންނާން ވާނެވެސް ގޮތެވެ. އެއީ، ރާއްޖޭގެ ކަލަންޑަރުތަކުގައި މައްސަލައެއް ހުރުމެއްވެސް ނޫނެވެ.

އަދި ކުރިޔަށް އޮތީ ޙައްޖުމަސް ނޫންނަމަ ރާއްޖޭގެ ކަލަންޑަރުތައް ތަފާތެއްވެސް ނުވީހެވެ.

މިފަހަރު އެެހެން އެ ދިމާވަނީ ޙައްޖު ދުވަހަކީ، ހިޖާޒުކަރައިގެ މައްކާގައި ކުރެވޭ އަޅުކަމަކަށް ބިނާކުރެވޭ ދުވަހަކަށްވާތީ، ޙައްޖުމަސް ފެށުމުގައި މައްކާއާ އެއްގޮތަށް ދުނިޔޭގެ އެހެން ގައުމުތަކުންވެސް ތަބާވެ ހައްޖުމަހާއި ހައްޖުދުވަސް އެއް ދުވަހެއް ކަމަށް ބަލާން ޖެހޭތީ، ހައްޖުމަސް ފެށުމުގައި އިރާއި ހަނދު އޮއްސޭ ފަރަގުގެ ތަފާތުން، ބައެއް ތަނތާނގެ ކަލަންޑަރުވެސް ތަފާތުވާން ދިމާވަނީއެވެ.

މި ޖޫންމަހުގެ ހަ ވަނަ ދުވަހު މާލޭގަޑިން ހަވީރު 6:00 ގައި އިރާއި ހަނދު ހުންނަ ޢަރުޟަށް ބަލާއިރު އެވަގުތު އިރުގެ ޢަރުޟަކީ 22 ދަރަޖަ އުތުރު ކަމަށްވެފައި، ހަނދުގެ ޢަރުޟަކީ 27 ދަރަޖަ އުތުރު ކަމަށްވާއާއި މާލެ އޮންނަނީ މައްކާއަށް ވުރެން 17 ދަރަޖަ ދެކުނުގައި ކަމަށްވާތީ ޖޫން ހަ ވަނަ ދުވަހު ރާއްޖެއަށް ހަނދު އޮއްސެނީ އިރަށްވުރެން ކުރިން ކަމުގައި ވިޔަސް މައްކާއަކީ، މާލެއަށް ވުރެން "ލޯންގ ޓައިމް"ގެ ތަފާތުން 02:15 ފަސް ރަށަކަށްވާތީ، އިރަށް ވުރެން ކުރިން، ކުޑަކުޑަ ތަފާތަކުން ރާއްޖެއަށް ހަނދު އޮއްސޭ ދުވަސްދުވަހު މައްކާއަށް ހަނދު ފެންމަތިވާ ފަހަރުފަހަރު ދިމާވަނީއެވެ.

އެހެން ދިމާވުމަކީ، ރާއްޖޭގެގައި ހަދާ ކަލަންޑަރުތައް، ހަނދާ ނުވަތަ ހަނދުމައްސަރާ ދިމާނުވަނީ ކަމުގައެއް ނުބެލޭނެއެވެ.

މި ޒުލްގައިދާ މަހުގެ 29 ވަނަ ދުވަހު (06 ޖޫން) މާލެއަށް ހަނދު އޮއްސޭނީ ހަވީރު 06:12 ގައެވެ. މައްކާއަށް ހަނދު އޮއްސޭނީ އެތާނގެ ގަޑިން ހަވީރު 07:12 ގައެވެ. އެދުވަހު މާލެއަށް އިރު އޮއްސޭނީ ހަވީރު 06:15 ގައެވެ. މައްކާއަށް އިރު އޮއްސޭނީ ހަވީރު 07:01 ގައެވެ.

ރާއްޖެއަށް އެދުވަހު އިރަށްވުރެން ކުރިން ހަނދު އޮއްސޭކަން ނިޔަމިކަމުގެ ޙިސާބުން ކަށަވަރުވެގެން އެ ޙިސާބާއި އެއްގޮތަށް ރާއްޖޭގެ ކަލަންޑަރުތައް ހެދިފައި ހުރެފައި، އިސްވެ ހާމަކުރި ސަބަބުތަކުން އެނގޭފަދައިން އެދުވަހު ރާއްޖެއަށް ހަނދު ފެންމަތިނުވެ މައްކާއަށް ހަނދު ފެންމަތިވެގެން، ހައްޖުމަހާއި ޙައްޖުދުވަސް މައްކާއާއި އެއްގޮތަށް ތަބާވާން ޖެހޭ ފަހަރެއް ދިމާވުމަކީ، ރާއްޖޭގެ ކަލަންޑަރުގައި ޙައްޖުމަސް ދިމާނުވުމެއް ނޫނެވެ.

މައްކާއާ އެއްގޮތަށް މިއަހަރުގެ ޙައްޖުމަހުގެ ފުރަތަމަ ދިމާވާނެ ދުވަހަކީ، ޖޫން ހަތެއް ވާ ހުކުރު ދުވަހެވެ. ޙައްޖު ދުވަހަކަށްވާނީ ޖޫން 15 ވާ ހޮނިހިރު ދުވަހެވެ.