އިސްރާއީލު ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި އެތައް ހާސް ޔަހޫދީންނާއި ފުލުހުންނާ ދެމެދު ތަޅާފޮޅުންތަކެއް ހިނގައިފިއެވެ.
ވެރިރަށް ޓެލް އަވީވްގައި ރޭ ހިނގި މި ކުރިމަތިލުންތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ކަނާތު ފިޔައިގެ ބޮޑު ވަޒީރު ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވައިފައެވެ.
މީގެ އިތުރުން މުޒާހަރާގައި ބައިވެރިވި ޔަހޫދީން ވަނީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސްއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ރަހީނު ކުރި ޔަހޫދީންގެ ތެރެއިން ހަމާސްގެ އަތްދަށުގައި ބާކީ ތިބި ޔަހޫދީން، ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް މިނިވަންކޮށްދޭން ގޮވައިލައިފައެވެ. އެ ގޮތުން ކުރިން ފޭލިވި މަޝްވަރަތާއް އަލުން ބާއްވައި، ހަމާސްއާ އެކު އާ އެއްބަސްވުމަކަށް އައުމަށް މުޒާހަރާގައި ބައިވެރިވި ޔަހޫދީން ގޮވައިލިއެވެ.
މުޒާހަރާ އެންމެ ބޮޑަށް ހޫނުވި އެއް ސަބަބުގެ ތެރޭގައި މުޒާހަރާގެ ބައިވެރިން ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވުން ހިމެނެވެ. މިއާއެކު އެ ފަރާތްތަކުން ގޮވައިލީ އަލުން އާއްމު އިންތިހާބެއް ބޭއްވުމަށެވެ.

މުޒާހަރާގެ ބައިވެރިން ތިބީ މި ހަފުތާގައި ފެންމަތިވި ވީޑިއޯއެއްގެ ފޮޓޯތައް ހިފައިގެންނެވެ؛ އެ ފޮޓޯތަކުގައި ފެންނަނީ ވީޑިއޯގައި ފެންނަ ހަމާސްއިން ރަހީނު ކުރި އިސްރާއީލުގެ އަންހެން ސިފައިންނެވެ.
މުޒާހަރާގެ ބައިވެރިން ހިފައިގެން ތިބި ފޮތިތަކުގައި ލިޔެފައިވާ އިބާރާތްތަކުގެ ތެރޭގައި "ސްޓޮޕް ދަ ވޯ" ނުވަތަ "ހަނގުރާ ހުއްޓާލާ" އަދި "ހެލްޕް" ނުވަތަ "އެހީ ވޭ" ލިޔެފައިވެއެވެ.
"އަހަރެމެން އެންމެންނަށް އެ ވީޑިއޯ ފެނުނު. (ނަތަންޔާހޫގެ) ސަރުކާރުން އެ ރަހީނުންނާ މެދު އަޅާނުލުމުން އަހަރެމެންނަކަށް ގޭގައި ނުތިބެވޭނެ،" ހަމާސްއިން ރަހީނު ކުރި ޔަހޫދީން ދޫކޮށްލުމަށް ބާރު އެޅުމަށްޓަކައި ހަދާފައިވާ އިސްރާއީލުގެ ޖަމިއްޔާއެއް ކަމަށްވާ "ވިމެން ޕްރޮޓެސްޓް ފޮ ދަ ރިޓާން އޮފް އޯލް ހޮސްޓެޖަސް"އިން ވާހަކަ ދެއްކި ހިލިޓް ސާގީ ބުންޏެވެ.
މުޒާހަރާގެ ތެރެއިން ހަތް ޔަހޫދީން ފުލުހުން ހައްޔަރުކުރިއެވެ. އަދި މުޒާހަރާގައި ބައިވެރިވި ޔަހޫދީންގެ ތެރެއިން އެކަކު ޒަހަމްވި ކަމަށް ވެސް ވެއެވެ.
ޓެލް އަވީވްގެ އިތުރުން ބަނދަރު ސަހަރެއް ކަމަށްވާ ހައިފާގައި ވެސް ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާކޮށްފައިވެއެވެ.
އިސްރާއީލުގެ ޔަހޫދީންގެ ތެރޭގައި ހިޔާލުތަފާތުވުން އުފެދިފައިވަނީ ހަމާސްއާ ދެކޮޅަށް އިސްރާއީލުގެ އަސްކަރިއްޔާއިން އަމަލު ކުރާ ގޮތާ މެދުގައެވެ. އޮކްޓޫބަރުގެ ހަމަލާގައި ޔަހޫދީންގެ 1،200 އެއްހާ މީހުން ހަމާސްއިން މަރައިލައި، 250 އެއްހާ ޔަހޫދީން ވަނީ ރަހީނުކޮށްފައެވެ. އިސްރާއީލު ސަރުކާރުން ބުނަނީ ރަހީނުކުރި މީހުންގެ ތެރެއިން 100 އެއްހާ ޔަހޫދީން ހަމާސްގެ އަތްދަށުގައި ޣައްޒާގައި އަދިވެސް އެބަތިބި ކަމަށެވެ. މީގެ އިތުރުން ހަމާސްއިން މަރައިލި 30 އެއްހާ ޔަހޫދީންގެ ހަށިގަނޑު ވެސް ހަމާސްގެ އަތްދަށުގައި ޣައްޒާގައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.
ހަމާސްގެ ހަމަލާއަށް ބަދަލު ދިނުމުގެ ގޮތުން ކަމަށް ބުނެ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ގާތްގަނޑަކަށް 36،000 އެއްހާ ރައްޔިތުން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން އިސްރާއީލު ސިފައިން ސުންނާފަތިކޮށްލި އިމާރާތްތަކުގެ ދަށުގައި އަދިވެސް ތާށިވެފައިވާ އެތައް ހާސް ފަލަސްތީނު ރައްޔިތުންވާ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ހާހުން ހާހުން ފަލަސްތީނު ރައްޔިތުން ވަނީ ޒަހަމްވެފައެވެ.
"ހަމާސްއިން ރަހީނުކޮށްފައިވާ ޔަހޫދީން އަނބުރާ ގެނައުމަށް އިސްރާއީލު ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރޭ. އަސްކަރީ ބާރުގެ ބޭނުންކޮށްގެން، ނުވަތަ ރަހީނު ކުރި މީހުން ދޫކޮށްލާނެ ގޮތުގެ އެއްބަސްވުމެއް ގާއިމެއް ވެސް ނުކުރޭ،" ހަމާސްއިން ރަހީނު ކޮށްފައިވާ ޔަހޫދީއެއް ކަމަށްވާ ކާމަލް ގެޓްގެ ބޮޑު ބޭބެ ސްނިރް ދަހަން ބުންޏެވެ.
ފާއިތުވި ދުވަސްތަކުގައި މަރުވެފައިވާ ތިން ޔަހޫދީންގެ ހަށިގަނޑު ޣައްޒާއިން ވަނީ ފެނިފައެވެ. އިސްރާއީލުން ބުނީ އެއީ ހަމާސްއިން ހަމަލާ ދިން ދުވަހު މަރާލާފައިވާ ތިން ރަހީނުންގެ ހަށިގަނޑު ކަމަށާއި އެ ހަށިގަނޑުތައް ހަމާސްއިން ޣައްޒާއަށް ގެންދިޔައީ ކަމަށެވެ. އޭގެ ދުވަސްކޮޅެއް ކުރިން ވެސް ހަމާސްއިން މަރައިލި ތިން ޔަހޫދީންގެ ހަށިގަނޑު ވަނީ ފެނިފައެވެ.
ހަމާސްއިން ރަހީނު ކުރި 250 އެއްހާ ޔަހޫދީންގެ ތެރެއިން ދެބައިކުޅައެއްބައެއްހާ ޔަހޫދީން މިދިޔަ ނޮވެމްބަރު މަހު ވަގުތީ ގޮތުން ހަނގުރާމަ ހުއްޓައިލައިފައި އޮއްވައި ވަނީ ދޫކޮށްލައިފައެވެ. އެއީ އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ ބައެއް ގައިދީން ދޫކޮށްލުމަށް ހެދި "ޑީލް" ނުވަތަ އެއްބަސްވުމުގެ ދަށުންނެވެ.
އިސްރާއީލުގެ އެތެރެއިންނާއި ބޭރުން ނަތަންޔާހޫއަށް އަންނަ ޕްރެޝަރު ދަނީ ބޮޑުވަމުންނެވެ. އެ ގޮތުން ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލައި، ޣައްޒާގައި ތިބި 2.3 މިލިއަން ފަލަސްތީނު މީހުންނަށް އެހީފޯރުކޮށްދިނުމަށް އަޅާފައިވާ ހުރަސްތައް ނައްތައިލުމަށް އެކި ފަރާތްތަކުން އަންނަނީ ގޮވައިލަމުންނެވެ. ޣައްޒާގައި މިހާރު ތިބި ފަލަސްތީނު މީހުންގެ 80 ޕަސެންޓަކީ ގެދޮރުން ބޭރުކޮށްލެވިފައިވާ ތިބި ރައްޔިތުންނެވެ.



advertisment