މިއަހަރަކީވެސް އުތުރަަށް އިރު ކުރަމުންދާ ދަތުރުގައި މާތްވެގެންވާ ކައުބާ މަތިން އިރު ހުރަސްކުރާ އަހަރެކެވެ. މި މޭމަހުގެ 27 ވަނަ ދުވަހު މައްކާ ގަޑިން 12 ގަޑި 17 މިނެޓް 42 ސިކުންތުގައި ނުވަތަ 12:18 ގައި އިރު ހުންނާނީ ކައުބާ މަތީގައެވެ.
އޭގެ ހެއްކެއްގެ ގޮތުން އެވަގުތު ކައުބާގެ ހިޔަނި ފާޅެއްނުވާނެއެވެ. އަދި އެ ސަރަޙައްދަަގައި އޮލަނބަށް ހުންނަ އެއްޗެއްގެވެސް ހިޔަންޏެއް ފާޅެއް ނުވާނެއެވެ. އެވަގުތަކީ، އިރު ފެންނާން ހުންނަ ކޮންމެ ތާކަށްވެސް ޤިބްލަވީ ދިމާ ސަމުގާއަކާ ނުލައި ދެނެގަނެވޭ ވަގުތެކެވެ. އެހެނީ، އެ ވަގުތު އިރު ފެންނާން ހުންނަ ދިމާޔަކީ ސީދާ ޤިބްލަވީ ދިމާ ކަމުގައި ވާތީއެވެ.
މާލޭގެ ގަޑިއާ އެވަގުތު ދިމާވާ ވަގުތަކީ އެދުވަހުގެ 14:18 އެވެ.
އެވަގުތު އިރުގެ ޑިކްލިނޭޝަނަކީ 21 ދަރަޖަ 24 ދަގީގު ކަމަށްވެފައި، ކައުބާގެ ޢަރުޟަކީ 21 ދަރަޖަ 25 ދަގީގުކަމަށްވާތީ އާއި އެވަގުތު މައްކާއަށް އިރުގެ ލޯކަލް އަވަރ އެންގަލް އަކީ 359 ދަރަޖަ 56.6 ކަމަށްވެފައި، މައްކާގެ ޠޫލަކީ 39 ދަރަޖަ 49 ދަގީގު ކަމުގައިވުމުން، ކައުބާ މަތީން ހުރަސްކުރާނެކަން ޙިސާބުން އެނގެއެވެ.
އެފަދައިން އުތުރުން ދެކުނަށް މިއަހަރު އިރު ދާ ދިއުމުގައިވެސް ޖުލައިމަހުގެ 15 ވަނަ ދުވަހު ކައުބާ މަތިން އިރު ދަތުރު ކުރާނެކަން ހިސާބުން އެނގެއެވެ.
އިރުގެ ވަށައިގެން ދުނިޔެ ހިނގާ ހިނގުން ނިޔަމިކަމުގެ ނަޒަރުން ބަލާ ހަމައިގައި، އިރު ހިނގާ ހިނގުމެއްކަމަށް ބަލާ މާނައިގައި ބަލާ ބެލުމުން، އިރަކީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ މެދަށް ދެފަހަރު އުތުރަށާއި ދެކުނަށް އެއްފަހަރު ދަތުރު ކުރާ ތަރިއެވެ.
އެގޮތުން އިރު ހިނގާ ހިނގުން ހިސާބުން ބަލާއިރު ދުނިޔޭގެ އެކި ތަންތަނަށް އިރު އޮލަނބުވާ ވަގުތާއި ތަން ކަށަވަރަށް އެނގޭތީ، ހިސާބެއްގެ މަތީގައި އިރުވެސް ލައްވާފައިވާކަން ބަޔާން ކުރައްވާފައިވާ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ތެދުކަން މިފަދަ ހިސާބުތަކުން ކަށަވަރުކޮށްދޭކަން އެއީ، ހިތަށް ލިބޭ ތަސައްލީއެކެވެ.
