Support Us

ދިވެހި ވަޒަންބަހުރުވަ 

ވަޒަންބަހުރުވައަކީ ހިތުގައި އުފެދޭ ޝުޢޫރެއް ނުވަތަ ހިތަށް ވައްދާ ޝުޢޫރެއް މާނައެއް ދޭހަވާގޮތަށް ވަޒަނަކަށް ފެތޭހެން ފާޅުކުރާ ބަސްތަކެކެވެ. އިނގިރޭސި ބަހުން މިއީ ޕޮއެޓްރީއެވެ. ވަޒަންބަހުރުވައިގެ ފަންނަށް ޅެންބަހުރުވަ ވެސް ކިޔައެވެ. ޅެންބަހުރުވައަކީ ކާފިޔާ ހަމަކޮށް ދައްކާ ވާހަކައެވެ. ދިވެހި ވަޒަންބަހުރުވައިގެ ތެރޭގައި ބަނދި، ކާ، ރައިވަރު، އަންބާ، ފަރިހި، ޅެން، ލަވަ ހުރެއެވެ. މި ވަޒަންބަހުރުވަތަކުގެ ތެރެއިން އެއް ވައްތަރެއްގެ ތެރޭގައި ވެސް ތަފާތު ވައްތަރުތައް ހުރެއެވެ.

ބަނދި

ބަންޖަކީ ވަޒަންވަހުރުވައިގެ ތެރޭގައި އެންމެ ދުވަސްވީ ވައްތަރެވެ. ނުވަތަ އެންމެ ކުރީގެ ވައްތަރެވެ. މިއީ އެއްގޮތަކަށް ހުއްޓޭ ބަސްތަކަކުން އެކުލެވިފައި އޮންނަ ފަތިވަރެކެވެ. އިހުޒަމާނުގައި ވަޒަން ހަމަވާގޮތަށް ހަދައިގެން ވަޒަންބަހުރުވައިން ރާގަކަށް ކިޔާއުޅުނު ބަސްފަތިވަރަށް ވެސް ކިޔަނީ ބަންޖެވެ.

ކާ

ކާއަކީ ވަޒަންބަހުރުވައިގެ ތެރެއިން ކާފިޔާ ހަމަކޮށް ހަދާފައި ހުންނަ އެއްޗެކެވެ. ކާ ގެ ތެރޭގައި ވެސް ދެ ވައްތަރެއް ފާހަގަ ކުރެވެއެވެ. އެއް ވައްތަރަކީ ހަބަސް ރައިވަރުގެ ކުރީގެ ހަތަރުބަސް އޮންނަ ގޮތަށް ހަދާފައި ހުންނަ ކަލެވެ. ދެވަނަ ވައްތަރަކީ ހަބަސް ރައިވަރުގެ ފުރަތަމަ ބަސް ނެތިފައި އަނެއް ތިންބަހުގެ ވަޒަނަށް ހަދާފައި ހުންނަ ކަލެވެ. ކަލުގެ އެންމެ ކުރު މިންވަރަކީ ހަތަރު ބަހެވެ. ހަތަރު ބަހުން ހަތަރު ބަހުން ކިތަންމެ ދިގެއްކޮށް ވެސް ކަލެއް އޮވެދާނެއެވެ.

ރައިވަރު

ރައިވަރަށް ތައިވަރު ވެސް ކިޔައެވެ. ރައިވަރު މިހާރު ހަދާ އުޅެނީ ތިންބަހުންނާއި ހަބަހުންނެވެ. މި ގޮތަށް ތިންބަހާއި ހަބަހަށް ރައިވަރުގެ ހަމަ ހިފެހެއްޓުމުގެ ކުރިން ފަސްބަހުން، ހަބަހުން، ހަތްބަހުން، އަށްބަހުން، ނުވަބަހުން، ދިހަބަހުން، އެގާރަ ބަހުން ވެސް ރައިވަރު ހަދާ އުޅުނެވެ. މިހާރުގެ ގޮތަށް ރައިވަރުތަކުގެ ބަސްތައް ހިފެހެއްޓެވި ބޭފުޅަކީ އެދުރު ޢުމަރު މާފަތް ކަލޭފާނެއެވެ.

ރައިވަރުގެ ތެރޭގައި ރައިވަރުބައި ވެސް ހިމެނެއެވެ. މިއީ ރައިވަރުގެ ހަމައާ ގާތްގޮތަކަށް ބަސްތަކަކުން އެކުލަވައިލައިފައި ހުންނަ ޅެން ބަހުރުވައެކެވެ. ބުރުނީ ރައިވަރުބަޔަކީ މީގެ މިސާލެކެވެ. ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައިގެ އަސްލަކީ އެއީއެވެ.

އަންބާ

އަންބާއަކީ ގިނަ ބަޔަކު ޝާމިލުވެގެން ބޮޑެތި ބުރަ މަސައްކަތްތައް ކުރާއިރު މަސައްކަތަށް ފޯރިގެންނާން ޒުވާބުކިޔަމުން ކިޔާ ކުރު ލަވައެކެވެ. ޒުވާބުކިޔުމަކީ އަންބާފަދަ ބައެއްކަހަލަ ލަވަކިޔާއިރު ނަގާކިޔާ މީހާ ކިޔާބައި ކީމައި އޭގެ ޖަވާބުގައި ދެން ކިޔާބައި ދެން ތިބޭ އެހެން މީހުން ކިޔުމެވެ. އަންބާލަވަޔަށް ހަމަކޮށް ޖަހާ ބެރަކީ އަންބާބެރެވެ.

ފަރިހި

ފަރިއްސަކީ ދިވެހީންގެ ތެރޭގައި ޅެން ހަދާން ފެށުމުގެ ކުރީން ހަދާއުޅުނު ވަޒަންބަހުރުވައިގެ ބާވަތެކެވެ. ފަރިހީގައި އާންމުކޮށް މަލާމާތާއި ސަމާސާ ހުއްޓަސް ލޯބީގެ ޝުޢޫރާއި ނަސޭހަތާއި އިރުޝާދުގެ ފަރިހި ވެސް ހުރެއެވެ. އެއް ދުވަސްވަރެއްގައި ޅެމަށް ފަރިހި ވެސް ކިޔާއުޅުނެވެ.

ޅެން

ޅެމަކީ ޝުޢޫރެއް މާނައެއް ދޭހަވާގޮތަށް ވަޒަނަކަށް ފެތޭހެން ބައިތުތަކެއްގެ މައްޗަށް އެކުލަވާލައިގެން ފާޅުކުރާ ބަސްތަކެކެވެ. ޅެމުގެ ތެރޭގައި ހުންނަ ޅެންބަޔަކީ އެއް މައިގަނޑުނަމެއްގެ މައްޗަށް އެކަކު ހަދާފައި ހުންނަ ޅެންތަކެވެ. ސިޔަރަތުގެ ރަންހާރާއި ޤުރުއާން ޅެންބައި މިއީ މިފަދަ މިސާލުތަކެވެ. ޅެންލަވައަކީ މުސްކުޅި ބޮޑުލަވަ ނުވަތަ މުސްކުޅި ބޮޑުލަވައިގެ ރާގެވެ.

ލަވަ

ލަވައަކީ ޅެމުގެ ބާވަތެކެވެ. މިއުޒިކުގެ ހަމައަށް ފެތޭގޮތަށް ހުންނަ ޅެމަކީ ލަވައެވެ. އަންބާއަށް އަންބާލަވަ އޭ ކިޔައެވެ. އަންބާލަވައަކީ އަންބާގެ ރާގެވެ. ލަވައިގެ ތެރޭގައި ހުންނަ ދިގުލަވައަށް ކިޔަނީ ބޮޑުލަވައެވެ. ލަވައާއި މިއުޒިކާއި ރާގާއި އަޑާ އޮންނަނީ ވަރަށް ބޮޑަށް ގުޅިފައެވެ. ހަނުލާއިރު އިވޭ އަޑަށް ވެސް ހަނުކިޔާލަވަ އޭ ކިޔައެވެ.

  • ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *