Support Us

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ މައިލްސްޓޯން ފުރިހަމަވެއްޖެ

ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމާއި ގޮނޑުދޮށް ރައްކާތެރިކުރުމުގެ މަޝްރޫއުގެ ގިނަ މަސައްކަތްތަކެއް ނިމި، ތަރައްގީކުރުމުގެ ފިޔަވަހިތަކުގެ ތެރެއިން ފުރަތަމަ މައިލްސްޓޯން ފުރިހަމަވެއްޖެ ކަމަށް އެޗް.ޑީ.ސީން ބުނެފިއެވެ. 

އެޗް.ޑީ.ސީން މިއަދު ބުނީ ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ސިނާއީ މަސައްކަތްތަކަށާއި ވިޔަފާރީގެ ބޭނުންތަކަށް ބިން ވިއްކުމަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

"މިގޮތުން ތިލަފުށިން ބިން ގަނެފައިވާ ފަރާތްތަކާ އެކު ހެދިފައިވާ އެއްބަސްވުމުގައި ކަނޑައެޅިފައި ވަނީ ބިން ހިއްކުމުގެ މަޝްރޫއު ފިޔަވަހިތަކަށް ބަހާލައި، ފުރިހަމަވާ ނިސްބަތަކުން، އެ ބިންތަކުގެ ފައިސާ ދައްކާ ހަމަކުރާ ގޮތަށެވެ. އެހެންކަމުން މަސައްކަތް ކުރިއަށް ދާ ނިސްބަތާއި ކަނޑައެޅިފައިވާ މައިލްސްޓޯން ފުރިހަމަވާ މިންވަރު ބިން ގަނެފައިވާ ފަރާތްތަކަށް މި ކޯޕަރޭޝަނުން އަންގަމުން ދާނެއެވެ." އެޗް.ޑީ.ސީން ބުނެއެވެ.

"މި ކޯޕަރޭޝަނުން މަސައްކަތް ކުރަނީ، ކަނޑައެޅިފައިވާ ޕްލޭނާ އެއްގޮތަށް، ތިލަފުށީގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ މަސައްކަތް ނިންމައި، ތަނުގެ ބޭނުން ކުރެވޭނެ ފުރުސަތު ވީހާވެސް އަވަހަކަށް ހުޅުވާލުމަށެވެ."