ކަން ނުދަނެ ހުރެންގެން ރަދީފުން ދަސްވަނީ ހަމަ މާނަހޭ؟
ފަންނުތައް ގުޅިފައި ބަހާހުރި ގޮތް ނުދަނެ އެނގިދާނެހޭ
މަސްވަތާ ހޭވަތް މިހާރަށް ދޯނި ފަހަރުން އުވި އެދިޔަ
ދަސްވެފައި ނެތްނަމަ އަދީބެއް ކަމަކުވެސް އެ، އެނގޭނެހޭ؟
ކަވަރުނާ އަތުރައި މިހާރަށް ބަންނަ ދޯނީ ނުޖެހިޔަސް
ވަކަރު ދޯނިން އުނިވެ ކުރަފަތްބުރި އެދިޔަ ފެންނާނެހޭ؟
ސިއްދަ ފަދަ އެކި އޯގަތައް ވާގޮތް ރަދީފުން ނެތި އެނގެން
ވިއްދިޔަސް ރިތްދަނޑި ނުލައްގައި ދޯނި ފަރަކަށް ދާނެހޭ؟
ދިވެހި ގައުމުގެ ބިމު ފަޅާ ރުއް ގަސްގަހާ ވިނަ ވެޔޮވެލާ
ދިވެހިބޭހެއް ނެހެދިޔަސް އަދު ވަކިކުރަން އެނގިދާނެހޭ؟
"ދަރަ" އަކީ ލިޔެފައި ފުރޭތައެކޭ އޮތަސްވެސް ބަސްފޮތުން
ދަރަހިލުން އެގޮތަށް ސިޔާސީ ކޮށްލުމުން އޮޅުވޭނެހޭ؟
ނޭނގުމުން ނޭނގޭ ކަމެއްގައި ހަނނުހުރުން މާ ހެޔޮވެޔޭ
ނޭނގި އެނގިގެން އުޅުމަކުން ނޭނގޭކަމެއް ވަކިވާނެހޭ؟
