ހުޅުމާލޭ ދެ ވަނަ ފިޔަވީގައި ހިޔާ ފްލެޓްތައް ކައިރީ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދައިފައިވާ ހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި މި މަހުގެ 30ގެ ނިޔަލަށް ނަގަން އެޗް.ޑީ.ސީން އަންގައިފިއެވެ. އެޗް.ޑީ.ސީން ބުނީ ވަގުތީގޮތުން ހަދައިފައިވާ އެ ހަޓްތައް ނަގަނީ އެ ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ.
"އަދި ދެވިފައިވާ މުއްދަތުގައި މި ތަކެތި ނަގައިފައި ނުވާނަމަ، އެ ތަކެތި ނަގައި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ކުރިއަށް ގެންދާނެއެވެ. މިގޮތުން ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން ތަކެއްޗަށް ލިބޭ ގެއްލުމަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެކަމުގައި ދަންނަވަމެވެ." އެޗް.ޑީ.ސީން ނެރުނު ބަޔާނެއްގައި ވެއެވެ.
އެޗް.ޑީ.ސީން ބުނި ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ވަގުތީ ހަޓްތައް ހަދައިފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުމަށެވެ.

"ނަމަވެސް މި ތަނަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީއާއި، ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވެއެވެ. މީގެ އިތުރުން އެ ސަރަހައްދު މިހާރު ބޭނުންކުރެވެމުންދާ ގޮތުން ތަން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ވެސް ގިނަ ދަތިތަކެއް ދިމާވެފައި ވެއެވެ. އެހެންކަމުން މި ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމްކުރުމަށް މި ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ." އެޗް.ޑީ.ސީގެ ބަޔާނުގައިވެއެވެ.
"މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިތުމަތްތައް ވީހައިވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށެވެ. އަދި މިފަދަ ކަންކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން މި ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކުރަމެވެ."



advertisment

