އިސްރާއީލަށް އެމެރިކާއިން ދޭ ހަތިޔާރު ބޭނުން ކުރަނީ އެމެރިކާ އާއި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށްތޯ ބަލަން އެމެރިކާގެ ހާރިޖިއްޔާއިން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ރިޕޯޓަށް، ފަލަސްތީނަށް އިންސާނީ ހައްގުތަކާއި އިންސާނީ އެހީ ދޭ ޖަމާއަތްތަކުން ފާޑުކިޔައިފިއެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން (ފޮޓޯގައި).އިއްޔެ ހުށަހެޅުއްވި ރިޕޯޓަށް ފާޑުކިޔަމުން އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނީ ބައިނަލްއަގުވާމީ އިންސާނީ އެހީ ދިނުމާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ކަނޑައަޅާފައިވާ ގާނޫނުތަކާއި އެމެރިކާގެ ގާނޫނުތަކާއި ސިޔާސަތުތަކާ ހިލާފަށް ވެސް އިސްރާއީލުން ވަނީ އަމަލުކޮށްފައި ކަމަށެވެ.
"މި ރިޕޯޓްގައި ބުނާ ކަހަލަ އެމެރިކާގެ ދުއާ ވަނީ ފަލަސްތީނު ރައްޔިތުންނާ އެކުގައޭ. ނަމަވެސް އެއީ އުޒުރަކަށް ހަދާފައި، އިސްރާއީލުގެ މައްސަލައެއް އުޅޭ ކަމަށް ބުނެފައި، އަނެއްކޮޅުން ފަލަސްތީނުގެ ރައްޔިތުން މަރަމުންދާ މައްސަލަ ހައްލު ކުރަން އިތުރު ފިޔަވަޅެއް އެޅޭކަށެއް ނެތޭ،" އެމްނެސްޓީގެ އޮފިޝަލަކު ވިދާޅުވިއެވެ.
އެމްނެސްޓީގެ އޮފިޝަލެއް ކަމަށްވާ އަމޭންޑާ ކްލެސިން ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސިޔާސަތު މިހާރު ވަރަށް ބޮޑަށް ސާފުވެއްޖެ ކަމަށެވެ.
"އެމެރިކާއާ ދެކޮޅުވެރި ގައުމެއް ނަމަ ވަގުތުން ފިޔަވަޅު އަޅާނެ. ނަމަވެސް އިސްރާއީލަކީ ގާނޫނުން މަތީގައިވާ ގައުމެއްގެ ގޮތުގައި އެމެރިކާ ދެކެނީ. އެއީ ވަރިހަމަ ބައިނަލްއަގުވާމީ ގާނޫނުތައް މުގުރައި، އެމެރިކާގެ ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ ޒަރީއާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދީ، އިސްރާއީލުން ފަލަސްތީނުގެ އާއްމު ރައްޔިތުން މަރާލަމުން ގެންދިޔަ ނަމަވެސް،" އަމޭންޑާ ވިދާޅުވިއެވެ.
މަރސީ ކޯގެ އޮފިޝަލެއް ކަމަށްވާ ކޭޓް ފިލިޕްސް-ބަރަސޯ ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ފަރާތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި މި ރިޕޯޓުގެ ސަބަބުން "ކަންތައްތަކާ މެދު އޮޅުން އަރާފައިވާ" ކަމަށެވެ.
"ޣައްޒާއަށް އެހީ ދިނުމަށް އިސްރާއީލުން ހުރަސް ނާޅާ ކަމަށް މި ރިޕޯޓްގައި ބުނެފައިވުމަކީ ހިތާމަހުރި ކަމެއް،" އޭނާ ވިދާޅުވިއެވެ.
ކޭޓް ވިދާޅުވީ ވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ 2.2 މިލިއަން ފަލަސްތީނު ރައްޔިތުންނަށް އެހީ ދިނުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތަކާ ބެހޭ ގޮތުން އިންސާނީ އެހީ ދޭ ޖަމާއަތްތަކުން ކެނޑިނޭޅި ވާހަކަ ދައްކާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ނުހަނު ކައިރީގައިވާ ތަންތަނުން އެހީ ލިބޭނެ ގޮތް އޮތަސް އެ ކަމަށް އިސްރާއީލުން ހުރަސްއެޅުމުން ފަލަސްތީނުގެ 1.1 މިލިއަން ރައްޔިތުން ބަނޑަށްޖެހުމަށް ހުށަހެޅިފައިވުމަކީ އިސްރާއީލާ ދެކޮޅަށް ހުރި ހެކިތައް ކަމަށެވެ. އަދި ވައިގެ މަގުންނާއި ކަނޑު މަގުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އެމެރިކާއިން އަމިއްލައަށް ފެށި މަސައްކަތުން ވެސް ހާމަ ވަނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސްއަޅާފައިވާކަން ކަމަށެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ކަމަށްވާ ސެނެޓުގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރު ކްރިސް ވޭން ހޮލެން ވިދާޅުވީ އެމެރިކާގެ ހާރިޖިއްޔާއިން މި ހުށަހެޅި ރިޕޯޓާ މެދު ދެރަވާ ކަމަށެވެ.
"އަހަންވީ ހުރިހާ ހަރުދަނާ ސުވާލެއް ވަނީ ނުކޮށް. އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ޒިންމާދާރު ކުރުމަށް މި ރިޕޯޓުން މަގުފަހިކޮށެއް ނުދޭ،" ކްރިސް ވިދާޅުވިއެވެ.
ޑިމޮކްރެޓިކް ޕާޓީގެ އެހެން ސެނެޓު މެންބަރެއް ކަމަށްވާ ޖެފް މާކްލީ ވިދާޅުވީ މި ރިޕޯޓް ވައްތަރީ "ކަމަކުން ރެކެން ވެގެން" ހަދާފައިވާ ރިޕޯޓެއް ކަމަށެވެ.
"އެއްކޮޅުން އެބަ ބުނޭ ޣައްޒާއަށް އެހީ ދިނުމަށް ހުރަސްއަޅާފައިވާ ކަމަށް ބެލެވޭ ކަމަށޭ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ތައާރަޒުވާ ގޮތަށް އިސްރާއީލުން އެމެރިކާގެ ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ ކަމަށޭ. ނަމަވެސް ދެން މި ބުނަނީ މި މައްސަލަތަކަށް ސީދާ ސާފު ޖަވާބެއް ދެވޭކަށް ނެތޭ،" ޖެފް ވިދާޅުވިއެވެ.
މިދިޔަ ޖަނަވަރީ މަހު ރަފަހްއަށް ޒިޔާރަތް ކުރެއްވި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަދު މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖެފް ވިދާޅުވީ އެމެރިކާގެ ހާރިޖިއްޔާގެ މި ރިޕޯޓުގައި ސިޔާސީ ކުލަ އާއި އަސްކަރީ ކުލަ ޖެހިފައިވާ ކަމަށެވެ.
"މިއީ މާޔޫސް ވާވަރުގެ ކަމެއް. ސަބަބަކީ އިސްރާއީލުގެ ސިޔާސަތުތައް ބަދަލު ކުރުވަން އަހަރެމެންނަށް ލިބުނު ފުރުސަތެއް މި ގެއްލުނީ،" ޖެފް ވިދާޅުވިއެވެ.



advertisment