ޖަޕާނުގައި އުފައްދާ މަޝްހޫރު ޕާސްކޯ ބްރޭންޑްގެ ހުދު ޕާން ނުވަތަ ވައިޓް ބްރެޑްގެ ޕެކެޓްތަކެއްގެ ތެރެއިން މީދަލުގެ ބައިތަކެއް ފެނުމާ ގުޅިގެން 100،000 އެއްހާ ޕާން ބާޒާރުން ނަގަން ނިންމައިފިއެވެ.
"އަހަރެމެން މިހާރު މި ދަނީ ކުޑަ ޖަނަވާރެއްގެ ބައިތަކެއް ދެ ޕާން ޕެކެޓެއްގެ ތެރެއަށް ވަނީ ކިހިނެތްތޯ ތަހުގީގު ކުރަމުން،" ޕާސްކޯ ޝިކިޝިމާ ކޯޕްރޭޝަނުން ބުދަ ދުވަހު ބުންޏެވެ.
"ކުޑަ ޖަނަވާރަ"ކީ މީދަލެއްކަން މިހާރު ދެނެގަނެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
"ޕާސްކޯ ބްރޭންޑްގެ ޕާން ކެއުމަކުން ބައްޔެއް ޖެހުނު ކަމަކަށް އަދި އެއްވެސް ކަސްޓަމަރަކު ރިޕޯޓެއް ނުކުރޭ،" އެ ކުންފުނިން ބުންޏެވެ.
މީދަލެއްގެ ބައިތައް ފެނުނީ ކުންފުނިން ވެރިރަށް ޓޯކިޔޯގައި ހިންގާ ފެކްޓްރީއަކުންނެވެ.
ވައިޓް ބްރެޑްއަކީ ޖަޕާނު ރައްޔިތުން ޖަޕާނުގެ ސަގާފީ ކެއުންތައް ކެއުމުގެ ބަދަލުގައި ހުޅަނގުގެ ކެއުމެއް ކާލާހިތްވާ ފަހަރުފަހަރު ބޭނުން ކުރާ އެއްޗެކެވެ.
ޕާސްކޯ ކުންފުންޏަކީ 1920 ވަނަ އަހަރު ގާއިމު ކުރި ކުންފުންޏެކެވެ. މިހާރު އެ ކުންފުނީގެ 12 ފެކްޓްރީ ހުރެއެވެ. މުވައްޒަފުންގެ އަދަދަކީ 3،700 އެވެ.
ޕާސްކޯގެ ޕާނަކީ ޖަޕާނުން ބޭރު ގައުމުތަކަށް އެކްސްޕޯޓް ނުކުރާ ޕާނެއް ކަމަށް، ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އިގުތިސާދު ކަމުގައިވާ ޖަޕާނުގެ މި ކުންފުނިން ބުންޏެވެ.
މި މައްސަލަ ހާމަވުމާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި މީހުން އެކި ކޮމެންޓްތައް ވަނީ ކޮށްފައެވެ. އެ ގޮތުން އެކަކު ބުނީ ޕާސްކޯ ޕާނަކީ އިންސާނުންނެކޭ އެއްފަދައިން ޖަނަވާރުންނަށް ވެސް މީރު ކެއުމެއް ކަމަށެވެ.



advertisment