މިއީ ފިލްމު އާންދީ (ތޫފާން)ގެ ސަލާމް ކީޖިޔޭ (ސަލާންކޮށް މަރުހަބާ ކިޔާށެވެ!) މި ލަވައިގެ ދިވެހި ތަރުޖަމާއެކެވެ. ލަވައިގެ މައްޗަށް ނަޒަރު ހިންގާލުމުގެ ކުރިން، ފިލްމުގެ މައްޗަށް އަވަސް ކަޅިއެއް އެއްލަން ގަސްދުކުރަމެވެ.
ފިލްމު އާންދީގެ ވާހަކަ ބިނާވެފައިވަނީ ފިލްމުގެ ބަތަލު ޖޭކޭ އާއި ބަތަލާ އާރްތީ ދޭވީގެ ލޯބީގެ ގުޅުމާއި އާރްތީގެ ސިޔާސީ ހަޔާތުގެ ސަބަބުން އެގުޅުމަށް އަންނަ ބަދަލުގެ މައްޗަށެވެ. އާރްތީ ދޭވީއަކީ ސިޔާސީވެރިއެއްގެ ދަރިއެކެވެ. ޖޭކޭ އަކީ ހޮޓަލެއްގެ މެނޭޖަރެކެވެ. އެއް ދުވަހަކު އާރްތީ މަސްތުވެގެން ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައިވަނިކޮށް ޖޭކޭ އަށް ފެނިގެން، އާރްތީ ސަލާމަތްކުރެއެވެ. އަދި، އެއަށްފަހު، ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދި ދެމީހުން ކައިވެނިކުރެއެވެ. ނަމަވެސް، އާރްތީގެ ހަޔާތުގެ އަމާޒަކަށްވީ، ޒަވާޖީ ހަޔާތެއް ބިނާކުރުމަށްވުރެ ބޮޑަށް، ސިޔާސީ ދާއިރާގައި މަސައްކަތްކޮށް މި ގޮތުން ކުރިއަށް ދިޔުމެވެ. އެހެންވެ، ޖޭކޭއާއި އާރްތީގެ ޒަވާޖީ ގުޅުމަށް ހީނަރުކަން އައެވެ. އަދި، އެންމެ ފަހުން އެދެމީހުންގެ ގުޅުން ކެނޑި، އެކަކު އަނެކަކާ ވަކިވެ، ދުރަށް ދިއުމަށް ނިންމިއެވެ.
ދެން ދުވަސްތަކަކަށް ފަހު، އެ ދެމީހުން އަނެއްކާވެސް ބައްދަލުވެއެވެ. އޭރު އާރްތީ ވަނީ ސިޔާސީ ދަނޑުގައި ފައިތިލަ ހަރުކޮށްލާފައިވާ ކާމިޔާބު ސިޔާސީ ވެރިއަކަށްވެފައެވެ. އެހެންކަމަށް ވިޔަސް، އެ ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ގުޅުމުގެ އިހުސާސުތައް، އަދިވެސް، ނެތި ނުގޮސް އޮތްކަން ދެމީހުންނަށް ވެސް އެ ބައްދަލުވުމުގައި ފާހަގަ ކުރެވުނެވެ. މިކަން އެންމެ ރަނގަޅަށް ފެނިގެންދަނީ ފިލްމުގެ އެހެން ލަވަޔަކުންނެވެ. 'ތޭރޭ ބިނާ ޒިންދަގީ ސޭ ކޮއީ' (ކަލާއާއި ނުލައި ހަޔާތް ވޭތުކޮށްލުން)، މިލަވައިންނެވެ. (މި ލަވަ އެހެން ފަހަރަކުން ހުށަހާޅާލެވޭތޯ ބަލާނަމެވެ.) ކޮންމެއަކަސް، އެ ދެމީހުން އެކަކު އަނެކަކު ދެކެ އަދިވެސް ލޯބިވާކަން އިހުސާސުކުރެވުނު ކަމުގައި ވިޔަސް، އެ ލޯބި އާލާކޮށް އަލުން ދިރުވާކަށް އާރްތީ ބޭނުމެއްނުވިއެވެ. އާރްތީ ޚިޔާރު ކުރީ އޭނާގެ ސިޔާސީ ހަޔާތައިގެން ކުރިއަށްދާށެވެ. އާދެ، ސިޔާސީގޮތުން ކުރިއަށް ދިޔުމަށްޓަކައި ލޯބީގެ ހަޔާތް ގުރުބާންކޮށްލާށެވެ.
ފިލްމުގައި މައިގަނޑު ގޮތެއްގައި ބަލާލެވެނީ 'ސިޔާސީ މަންފައަތުގެ' (ޕޮލިޓިކަލް އޮޕޯޗުނިސިމްގެ) މައުލޫއުގެ މައްޗަށެވެ. އާދެ، ސިޔާސީވެރިންގެ، ސިޔާސީ މަސައްކަތަކީ އެމީހުންގެ އަމިއްލަ ޒާތީ ފައިދާއަށް އިސްކަންދީގެން ކުރިއަށް ގެންދާ މަސައްކަތެއްކަމުގެ މައުލޫއުގެ މައްޗަށެވެ. އަދި، އެ ގޮތުގެ މަތިން ކަންތައްތައް ކުރަމުން ދާއިރު، ދީނީ ނުވަތަ އަޚުލާގީ އެއްވެސް މިންގަނޑަކަށް އެވެރިންނަކަށް ނުބެލެއެވެ. ސިޔާސީވެރިންނަށް އާންމު މީސްތަކުންގެ މަތިން ހަނދާންވަނީ ފަސް އަހަރުން އެއް ފަހަރުއެވެ. އިންތިޚާބުގެ ދުވަސްވަރު އައުމުން ވޯޓު ހޯދަން އުޅެން ޖެހޭ ދުވަސްވަރުއެވެ.
މި ފިލްމު، 1975ގައި ނިކުތުމުން، އެންމެ ފުރަތަމަ މަނާކުރެވުނެވެ. ފިލްމުގައި، އިންޑިޔާގެ އޭރުގެ ބޮޑުވަޒީރު، އިންދާރާ ގާނދީގެ ހަޔާތަށް ފާޑުކިޔައިފައިވާ ކަމަށް ބެލެވިގެންނެވެ. ނަމަވެސް، ފަހުން، ފިލްމު ދެއްކުމުގެ ހުއްދަ ދެވި، އާންމުންގެ ތެރެއަށް ނެރެވި، ފިލްމަށް ބޮޑު ތަރުހީބެއް ލިބުނެވެ. ޚާއްސަކޮށް ފިލްމުގެ 'ތޭރާ ބިނާ ޒިންދަގީ…' ފަދަ ބައެއް ލަވަތައް ހިމެނިގެން ދިޔައީ 1970ގެ ތެރޭގައި އެންމެ މަގުބޫލުވި ލަވަތައް ކަމުގައެވެ. މީގެ އިތުރުން ފިލްމުފެއަރގެ އެތައް ވަނަތަކަކަށް ފިލްމު އާނދީ ހުށަހެޅުނެވެ. އަދި، ފިލްމުގެ ބަތަލު ސަންޖީވު ކުމާރާއި ފިލްމުގެ ޑިރެކްޓަރު އަދި ފިލްމުގެ ލަވަތައް ލިޔުނު ޝާއިރު، ގުލްޒާރަށް، ފިލްމު ފެއާރގެ ބައެއް ވަނަތައް ލިބުނެވެ.
'ސަލާމް ކީޖިޔޭ' މި ލަވައިގައި ފިލްމުގެ މި ނަންގަތް މައިގަނޑު މައުލޫއު، އާދެ، ސިޔާސީ މަންފައަތުގެ މައްޗަށް ބަލާލެވިފައިވެއެވެ. ލަވަ ފެށެނީ އާރްތީ ދޭވީ ކިޔަވާ ކުއްޖަކާ އެއްގޮތް ކުރަމުންނެވެ. އިސްކޫލުގެ ޓާމު ނިމުމުންވެސް، އެ ކުއްޖާ ދަބަހަށް އެއްޗެހި އަޅައި ބަންދުކޮށް ގެއަށް ދާކަށް ނޫޅޭކަން ފާހަގަ ކުރަމުންނެވެ. މި ތަނުން އިޝާރަތް ކުރެވެނީ އާރްތީގެ ސިޔާސީ ދައުރު ނިމުމުން ވެސް މަޖުލިހުގެ ގޮނޑި ދޫކޮށްލާފައި ދާން އަދިވެސް ނޫޅޭކަމެވެ. އެ ގޮނޑިއާ އެތައް މާއްދީ ފައިދާތައް ގުޅިފައިވުމުން އެ ގޮނޑި އަދިވެސް ހޯދަން މަސައްކަތް ކުރެވެނީއެވެ.
ދެން ލަވައިގެ ރާވީ، އާންމުންނާ މުޚާތަބުކޮށް، މަލާމާތުގެ ރާގެއްގައި، އާރްތީއާ ސަލާންކޮށް އެކަމަނާއަށް މަރުހަބާ ކިޔަން ބުނެއެވެ. ގައުމުގެ ސިޔާސީ ހަޔާތުގައި އާންމުންގެ ދައުރަކީ ފަސް އަހަރުން ފަސް އަހަރުން ސިޔާސީވެރިންނަށް މަރުހަބާކިޔުން ކަހަލައެވެ. އަދި، މިކަމުގެ ސަބަބު ވެސް ރާވީ ބަޔާންކޮށްދިނެވެ. ސިޔާސީ ވެރިންނަކީ، އެމީހުން ހިތުން، ގައުމުގެ، ރަށުގެ މިލްކުވެރިންނެވެ. ރަށުގެ ފާރަވެރިންނެވެ. ރަށުގެ ކަންތައްތައް ބަލަހައްޓައި ރަށް ރައްކާކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ކަމަށް ދައުވާކުރާ މީހުންނެވެ. ފަސް އަހަރުން ފަސް އަހަރުން އެ ވެރިން އާންމުންގެ ކުރިމައްޗަށް އައިސް އެމީހުން ކަންތައްތައް ކުރި ގޮތުގެ ހިސާބުކިތާބު ދައްކަން އުޅޭގޮތް ދައްކާ ކަހަލައެވެ. އަދި މި ކުޅިގަނޑު ބަލަން އާންމުންގެ އެތައް ބަޔަކު އައިސް އުޅެއެވެ. އަދި، އާންމުންނަށް އޮތީ ސިޔާސީވެރިންނަށް ސަޖިދަޖަހައި ބޯލަނބައި ކިޔަމަންގަތުމެވެ. އެވެރިންނަށް ދޭންވާނީ ހަމަ އެކަނި ވޯޓެއްވެސް ނޫނެވެ. އެ ވެރިންނަށްޓަކައި އާންމުންގެ ފުރާނަވެސް ގުރުބާންކޮށްލަންވާނެއެވެ. މަލާމާތުގެ ރާގެއްގައި ލަވައިގެ ރާވީ ބުނެއެވެ. 'ބަސް އޭކް ވޯޓް ނަހީ ހައި، ޔޭ ޖާން ހާޒިރް ހައި، ހާނ!'
އެ ވެރިންނަށްޓަކައި ޖާނުން ފިދާނުވާންވީ ކީއްވެ ހެއްޔެވެ؟ އަނެއްކާވެސް، މަލާމާތުގެ ރާގެއްގައި ލަވައިގައި މިކަމުގެ ސަބަބުވެސް ބަޔާންކޮށްދެއެވެ. އާންމުންގެ އަތުން ވޯޓު ގަތުމަށްޓަކައި ބަނޑުފުރާނަމުއްތިކޮށްލާނޭ ވަރުގެ ކާޑުކޮޅެއް، އާންމުންނަށް، އެވެރިން ދިއްކޮށްލައެވެ. އަދި އުނުއޮރިޔާން ނިވާކޮށްލާނޭ ފޮތިކޮޅެއްވެސް ދެއެވެ. އަދި، ވޯޓު ހޯދަން ވީމާ، އާންމުންގެ ގާތަށް އައިސް، އެމީހުންގެ ހާލު އަހައި އޮޅުންފިލުވައެވެ. އަދި އެތަކެއް ވައުދުތަކެއްވެސް ވެއެވެ. ނަމަވެސް، މިއިން އެއްވެސް ވައުދެއް ފުއްދޭނީ ކިހިނެއް ކަމެއް ކިޔައެއް ނުދެއެވެ. އާންމުންގެ ތަޖުރިބާއަކީ މިއީ ހުސް ހޮޅި ވާހަކަތަކެއްކަމެވެ. އެހެންވެ، ސިޔާސީވެރިންގެ ވައުދުތަކުގެ މައްޗަށް ވިސްނާލާއިރު، އެވެރިން ސިފަވަނީ ޖާދޫގަރުންގެ ގޮތުގައިވެ ފުށްޓަތްކެތް ޖަހާލައި މަޝްރޫއުތައް ނިންމާލާ ބައެއްގެ ގޮތުގައެވެ. 'ޔޭ ޖާދޫގަރް ހައި، ޔޭ ޗުޓްކީ މޭ ކާމް ކަރްތޭ ހައި' (މިއީ ޖާދޫގަރެކެވެ. ފުށްޓަތްކަކުން ކަންތައްތައް ކޮށް ނިންމާލައެވެ!) ނޫނީ ހުސް ވާހަކާތަކުން އާންމުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލުހޯދައިދޭ ބައެއްގެ ގޮތުގައެވެ. 'ޔޭ ބޫހގް-ޕޔާސޯ، ބާތޯނ ސޭ ރާމް ކަރްތޭ ހައި' (ބަނޑުހައި ހޫނުކަމާއި ކަރުހިއްކައިގަތުން ހުސްވާހަކައިން ފިލުވާލައެވެ). އާދެ، ސިޔާސީ ވެރިން ވައުދުތައް ވާއިރު، އެ ވައުދުތައް ފުއްދާނީ ކިހިނެތްކަން ބަޔާންކޮށްދިނުމުގެ ބޭނުމެއް އޮތްކަމަކަށް ނުދެކޭތީއެވެ!
ދެން، ލަވައިގައި، ރާވީ ކިޔައިދެނީ ސިޔާސީވެރިންނަށް އާންމުން ރައްދު ދޭންވާނޭ ގޮތެވެ. އިންތިޚާބުގެ ދުވަހުގައި ރަނގަޅަށް ވިސްނާފައި، ގައުމީ މަސްލަހަތު އިސްކޮށް ވޯޓުދިނުމެވެ. ތިމަންމެންނަކީ ފަގީރު ނިކަމެތިން ކަމުގައި ވިޔަސް، ވޯޓަކީ ގަނެވިއްކޭ އެއްޗަކަށް ނުހެދުމެވެ. އަދި، ސިޔާސީވެރިން ފަދައިން، ތިމަންމެންގެ އަބުރާއި އިއްޒަތް ވިއްކާލައި، ކުށްފާފަތައް ކުރާ މުޖުރިމުންގެ ބަޔަކަށް ނުވުމެވެ.
އާދެ، ފިލްމުގައްޔާއި ލަވައިގައި ބަލާލެވެނީ ވެރިކަމުގެ ނިޒާމު ސޫރީގޮތެއްގައި (ބޭރުފުށުން) ވަކިގޮތަކަށް ހަމަޖެހިފައި އޮތުމުން، ގައުމަށްވެސް އަދި އާންމުންގެ ހަޔާތަށްވެސް، ހެޔޮ، އިސްލާހީ ބަދަލުތައް ނުގެނެވޭނޭކަމެވެ. ޑިމޮކުރަސީއެއް ސޫރީ ސިފައެއްގައި އޮތަސް، އެ ނިޒާމުން ލިބިގަންނަން އެދެވޭ ހަގީގީ މަގުސަދުތަކެއް ހާސިލު ނުކުރެވޭނޭކަމެވެ. ޑިމޮކުރަސީއަކީ ހަމަ އެކަނި ފަސް އަހަރުން ފަސް އަހަރުން އޮންނަ ވޯޓުލުމަކަށްވެފައި، ސިޔާސީވެރިންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ފެންނަނީ ހަމަ އެކަނި ވޯޓުލާ ދުވަސްވަރުކަމަށް ވެއްޖެނަމަ، ޑިމޮކުރަސީ އެކޭ އިސްތިބުދާދެކޭ (ޑިކްޓޭޓަރޝިޕެކޭ) މާ ބޮޑު ތަފާތެއް ނެތެވެ. ވޯޓުލުން ވެގެންދާނީ ސިޔާސީވެރިން އެމީހުންގެ ގޮނޑިތައް ހޯދުމަށް ބޭނުން ކުރާ ވަސީލަތަކަށެވެ. ގައުމަށް ހެޔޮ ،ބަދަލުތަކެއް ގެނެސް، އިގުތިސާދީ ގޮތުން އާންމުންގެ ދިރިއުޅުން އިސްލާހުކުރުމުގެ ބޭނުމުގައި ހިންގޭ ކަމެއްގެ ގޮތުގައެއް ނޫނެވެ.
ޑިމޮކުރަސީއެއް ކާމިޔާބު ކުރުމަށްޓަކައި ސިޔާސީވެރިންނާއި އާންމު ރައްޔިތުންގެ ދައުރެއްވެސް ވެއެވެ. ސިޔާސީވެރިން އެވެރިންގެ ގައުމީ މަޝްރޫއުއަކީ ކޮބައިކަން، ސާފުގޮތެއްގައި ބަޔާންކޮށްދީ، އެވެރިންގެ މައިގަނޑު ސިޔާސަތުތައް– ތައުލީމީ، އިގުތިސާދީ، ސިއްހީ، އަދި، ދާޚިލީ، ޚާރިޖީ ސިޔާސަތުތައް– ބުނެދިނުމެވެ. އާންމުންވާންޖެހޭނީ މިފަދަ ސިޔާސަތުތަކުގެ ވާހަކަތައް ކަނުލައި އަޑުއަހައި، އެ ވާހަކަތަކުގެ ހަގީގަތް ދެނެގަނެވޭނޭ ފަދަ ވިސްނުންތެރިކަމެއް ލިބިފައިވާ ބަޔަކު ކަމުގައިވުމެވެ. އަދި، ސިޔާސީވެރިންގެ މޫނަށް ނުބަލައި، އެމީހުންގެ އަގު، އެމީހުން ހާމަކުރާ ސިޔާސަތްތަކުގެ މައްޗަށް ބިނާކޮށް، ކަނޑައަޅައި މަސްއޫލުވެރިކަމާއެކު ވޯޓުދިނުމެވެ. އަދި ސިޔާސީވެރިންނާއި އާންމުންގެ ގުޅުމަކީ ފަސް އަހަރުން އެއް އަހަރު، ވަކި ދުވަސްވަރަކަށް ގާއިމުވާ ގުޅުމަކަށް ނުވުމެވެ. ސިޔާސީވެރިން، ގައުމީ އަދި އަޚުލާގީ އަގުތަކަށް ރައްކާތެރިވެ ތިބެ، އާންމު މަސްލަހަތު އިސްކޮށް، އާންމުންގެ ފައިދާއަށްޓަކައި މަސައްކަތްކުރުން މަތީ ދެމިތިބެން ޖެހެއެވެ. ހީވާގޮތުގައި، އެމީހުންގެ މަސްއޫލިއްޔަތު އަދާކުރެވުނު ކަމަށްވާނީ މިގޮތުގައި ތިބެވިގެންނެވެ. އާންމު ރައްޔިތުން، ސިޔާސީވެރިންގެ މަސައްކަތްތައް ފާރަވެރިކަމާއެކު ބަލަން ތިބެ، ޒާތީގޮތުންނާއި ޕާޓީ ތައައްސުބުން (ބަޔަސްވުމުން) އެއްކިބާވެ، އެ ވެރިންގެ މަސައްކަތްތަކަށް ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުންމަތީ ތިބެންޖެހެއެވެ. ހީވާގޮތުގައި، އާންމުނަށް، މި ވާޖިބު އަދާކުރެވޭނީ އެމީހުންނަކީ ތައުލީމުޔާފްތާ ބަޔަކަށްވެ، އަމިއްލަ ވިސްނުމާއި ފިކުރުކުރުން ތަރައްގީވެ، ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ އާންމު ރައްޔިތަކަށް ވެވިގެންނެވެ.
އާދެ، ދެން ލަވައިގެ ތަރުޖަމާ ހުށަހަޅާލަމެވެ.
އާރްތީ މަން މާންތީ، ކަހެނާ ކިޔޫނ ނެހީ މާންތި
އާރުތީ (ކިޔަވާ ކުއްޖެއްހެން) ރުޅިހަދައި ބޮޑާހާކައިފިއެވެ!
އޭނަ ބަސްނާހައި ގަދަހަދަނީ ކީއްވެ ހެއްޔެވެ؟
ޕަތުޝަލޭ ޗުހއްޓި ހޯ ގައީ، ބަސްތާ ކިޔޫނ ނެހީ ބާނދްހތީ
(އިސްކޫލު ބަންދުވެއްޖެކަމުގެ) ރަނގަބީލުވެސް ޖަހައިފިއެވެ.
އޭނާގެ އިސްކޫލު ދަބަސް އަދިވެސް ބަންދުނުކޮށް މިއުޅެނީ ކީއްވެ ހެއްޔެވެ؟
އާ އާ އާ އާ، ސަލާމް ކީޖިޔޭ އާއީ ހައި، އާ އާ އާ އާ
(އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ!
ސަލާމް ކީޖިޔޭ އާއީ ހައި، ހާން! އާރާތީ ދޭޥީ
(އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! އޭނާ ވަޑައިގެންފިއެވެ! (މާތް) އާރްތީ ދޭވީ ކަމަނާފާނެވެ!
އާ އާ އާ އާ، ޔޭ ޓޭހކޭދާރް ހައި، ބާހރަތީ ދޭވީ
ރައްކާތެރިކަމާއެކު ބަލަހައްޓަވާ މި ކަމަނާފާނެވެ! ރައްކާތެރިކަމާއިއެކު، މި ރާއްޖެ ބަލަހައްޓަވާ ދޭވީ ކަމަނާފާނެވެ!
ސަލާމް ކީޖިޔޭ، އާލީ ޖަނާބު އާޔޭ ހައި
(އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! މާތް ކަމަނާފާނު ވަޑައިގެންފިއެވެ!
ޔޭ ޕާންޗް ސާލޯނ ކާ ދޭނޭ، ހިސާބު އާޔޭ ހައި
ފަސް އަހަރުން ފަސް އަހަރުން ދައްކަވަންޖެހޭ ހިސާބު ދެއްކެވުމަށް ވަޑައިގެންފިއެވެ!
ސަލާމް ކީޖިޔޭ، އާލީ ޖަނާބު އާޔޭ ހައި
(އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! މާތް ކަމަނާފާނު ވަޑައިގެންފިއެވެ!
އާ އާ އާ އާ، ސަލާމް ކީޖިޔޭ، އޯ ސަލާމް ކީޖިޔޭ
(އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! (އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ!
ޖޯ އިން ޚުދާއޯ ކޯ ސަޖްދާ ކަރޭ ނާ ކާފިރު ހައި
ކަލެއް (ފަދައިން މި އުޅޭ ކަމަނާފާނަށް) ސަޖިދަކޮށް (ކިޔަމަންވާ) މީހުންނަކީ ކާފަރުންނަކަށް ހަމަ ނުވާނެއެވެ!
ބަސް އޭކް ވޯޓް ނަހީ ހައި، ޔޭ ޖާން ހާޒިރް ހައި، ހާނ
މި (ސިޔާސީ) ،ވެރިންނަށް ދޭންވާނީ ހަމަ އެކަނި ވޯޓެއްވެސް ނޫނެވެ. މީގެ އިތުރުން (ތިމާމެންގެ) ފުރާނަވެސް އެ ވެރިންގެ ކުރިމައްޗަށް ގެނެސް (އެވެރިންނަށްޓަކައި ގުރުބާންކޮށްލަންޖެހޭނެއެވެ)
ބޮހޮތު ލަގާޔޭ-އުޓާރޭ ހައި ނާމް ކޭ ލޭބަލް
އެ ވެރިންގެ ނަންތައް ޖަހައި ގިނަގިނައިން ޕޯސްޓަރު ހަދައި ނަގައި އެތަންމިތާނގައި ތަތްކުރަންވީއެވެ
ޗަލާއި ކުރްސިޔާނ ހަމްނޭ ޖަމާޔޭ ހައި ޓޭބަލް
އަދި (ޖަލްސާ ބޭއްވުމަށްޓަކައި) ގޮނޑިތަކާއި މޭޒުތައް ގެނެސް އަތުރަންވީއެވެ
އާ އާ އާ އާ ހިސާބު ދީޖިޔޭ
ހިސާބު ދެއްކެވުމަށްޓަކައެވެ
ހިސާބު ދީޖިޔޭ ހަމް ބޭހިސާބު އާޔޭ ހައި
ހިސާބުދެއްކެވުމަށްޓަކައެވެ! (އެ ހިސާބުގެ ވާހަކަ އަޑުއަހަން) އަހަރުމެން މިތިބީ އަދަދުވެސް ނުކުރެވޭހާ މީހުންނައިގެން މިތަނަށް އައިހެވެ
ތުމް މިލްކަރް
ކަލޭ އަޅެ ނިކަން (އެކަމަނާފާނާއި) ބައްދަލުކޮށްލަބަލާށެވެ!
ސަލާމް ކީޖިޔޭ އާލީ ޖަނާބު އާއީ ހައި
(އަދި އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ!
ޔޭ ޕާންޗް ސާލޯނ ކާ ދޭނޭ، ހިސާބު އާޔޭ ހައި
ފަސް އަހަރުން ފަސް އަހަރުން ދައްކަންޖެހޭ އެ ހިސާބު ދެއްކެވުމަށް ވަޑައިގެންފިއެވެ!
ސަލާމް ކީޖިޔޭ، އާލީ ޖަނާބު އާޔޭ ހައި
ސަލާންކޮށް މަރުހަބާ ކިޔާށެވެ!
ހަމާރޭ ވޯޓް ޚަރީދޭގޭ، ހަމް ކޯ އާން ދޭ ކަރް
އަހަރުމެންގެ ވޯޓު ގަތުމަށްޓަކައި އަހަރުމެން ބަނޑުފުރާނަމުއްތިކޮށްލާނޭފަދަ ކާއެތިކޮޅެއް ދޭނެއެވެ!
ޔޭ ނާގޭ ޖިސްމް ޗުހޕާ ދޭތޭ ހައި، ކަފަން ދޭކާރް، އާ އާ އާ އާ…
އަހަރުމެންގެ އުނުއޮރިޔާން ނިވާކޮށްލުމަށްޓަކައި ކަފުން ފޮތިކޮޅެއްވެސް ދޭނެއެވެ!
ޔޭ ޖާދޫގަރް ހައި، ޔޭ ޗުޓްކީ މޭ ކާމް ކަރްތޭ ހައި
މިއީ ޖާދޫގަރެކެވެ! ފުއްޓަތްކެއް ޖަހާލާފައި، އޭނާ ވައުދުތައް ފުއްދާލާނެއެވެ!
ޔޭ ބޫހގް-ޕޔާސޯ، ބާތޯނ ސޭ ރާމް ކަރްތޭ ހައި
އަދި ބަނޑުހައިހޫނުކަންވެސް، ހުސް ވާހަކައިން ފިލުވާލަދީ ނެތިކޮށްލާނެއެވެ.
އާ އާ އާ އާ … ހަމާރޭ ހާލް ޕޭ
އަހަރުމެންގެ ހާލުގެ މައްޗަށެވެ.
ހަމާރޭ ހާލް ޕޭ ލިހކްނޭ ކިތާބް އާއި ހައި
އަހަރުމެންގެ ހާލު (ބަލައި، އޭގެ) މައްޗަށް ފޮތެއް ލިޔުއްވުމަށްޓަކައި އެ ކަމަނާފާނު އެހުންނެވީ ވަޑައިގެންނެވެ!
އަރޭ ބާހއީ އިސްލިޔޭ
އޭ އަޚާއެވެ! އެހެންވެއޭ އަހަރެން މިބުނަނީ
ސަލާމް ކީޖިޔޭ، އާލީ ޖަނާބް އާޔޭ ހައި
(އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! މާތް ކަމަނާފާނު ވަޑައިގެންފިއެވެ!
ޔޭ ޕާންޗް ސާލޯނ ކާ ދޭނޭ، ހިސާބު އާޔޭ ހައި
ފަސް އަހަރުން ފަސް އަހަރުން ދައްކަންޖެހޭ އެ ހިސާބު ދެއްކެވުމަށްޓަކައި ވަޑައިގެންފިއެވެ!
ސަލާމް ކީޖިޔޭ، އާލީ ޖަނާބު އާޔޭ ހައި
(އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! މާތް ކަމަނާފާނު ވަޑައިގެންފިއެވެ!
ހަމާރޭ ޒިންދަގީ އަޕްނީ ހައި، އާޕްކީ ތޯ ނެހީ
އަހަރުމެންގެ ހަޔާތަކީ އަހަރުމެންގެ އެއްޗެކެވެ! ކަމަނާފާނުގެ މިލްކެއް ނޫނެވެ!
ޔޭ ޒިންދަގީ ކީ ޣަރީބީ ކީ ހައި، ޕާޕްކީ ތޯ ނަހީ، އާ އާ އާ އާ …
އަހަރުމެންގެ މި ހަޔާތަކީ ފަގީރުންގެ ނިކަމެތި ހަޔާތަކަށް ވެދާނެއެވެ! ނަމަވެސް އެއީ ކުށްފާފަކޮށް ޖަރީމާތަކަށް އަރައިގަންނަ މީހުންގެ ހަޔާތެއް ނޫނެވެ!
ޔޭ ވޯޓް ދޭގޭ މަގަރް، އަބް އޭ އުން ނެހީ ދޭގޭ، އާ އާ އާ އާ …
ޝައްކެތް ނެތެވެ! އަހަރުމެން ވޯޓު ދޭނަމަވެ. ނަމަވެސް އަހަރުމެން ވޯޓު ދޭނީ
(ހަމަ ރަނގަޅަށް ވިސްނާފައި) ތިޔަ ހީކުރާ ގޮތަކަށް ނޫނެވެ.
ޗުނާވް އާނޭ ދޯ، ހަމް އާޕް ސޭ ނިޕަޓް ލޭގޭ، ހާނ
އިންތިޚާބު(ގެ ދުވަސް) އައުމުން، ކަލޭމެން ސިޔާސީވެރިންނާއި އަހަރުމެން މުއާމަލާތްކުރާނޭގޮތް އެނގި ފާޅުވާނެއެވެ!
ކޭ ޕަހެލޭ ދޭކްހ ލޭ
އެންމެ ފުރަތަމައިން އަހަރުމެން ބަލަން ބޭނުމެވެ.
ޔޭ ޕަހެލެ ދޭކްހ ލޭ ކިޔާ އިންގިލާބް ލާޔޭ ހައި
އެންމެ ފުރަތަމައިން އަހަރުމެން ބަލަން ބޭނުމެވެ. ކަލޭމެން ގެންނަން ތިޔައުޅެނީ ކޮންކަހަލަ އިންގިލާބީ ބަދަލެއް ތޯއެވެ!
ޔޭ އިންގިލާބް ލާޔޭ ހައި، އާ އާ އާ އާ …
ކަލޭމެން ތިޔައުޅެނީ ހަމަ ހެޔޮ އިންގިލާބީ ބަދަލެއް ގެންނަންދޯއެވެ!
ސަލާމް ކީޖިޔޭ، އާލީ ޖަނާބް އާޔޭ ހައި
(އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! މާތް ކަމަނާފާނު ވަޑައިގެންފިއެވެ!
ޔޭ ޕާންޗް ސާލޯނ ކާ ދޭނޭ، ހިސާބު އާޔޭ ހައި
ފަސް އަހަރުން ފަސް އަހަރުން ދައްކަންޖެހޭ އެ ހިސާބު ދެއްކެވުމަށް ވަޑައިގެންފިއެވެ!
ސަލާމް ކީޖިޔޭ، އާލީ ޖަނާބު އާޔޭ ހައި
(އަވަހަށް) ސަލާންކޮށް މަރުހަބާ ކިޔާށެވެ! މާތް ކަމަނާފާނު ވަޑައިގެންފިއެވެ!