ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ޣައިރު ދުސްތޫރު ކަމަށް ސުޕްރީމްކޯޓުން ކަނޑައެޅީ ކީއްވެތޯއެވެ؟ އާދައިގެ މީހަކަށް ވިސްނޭ ވަރަށް، ތިލަ އިބާރާތުން ކުރުކޮށް ބުނެލަދެވޭތޯ ބަލާނަމެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިންގާ ގަވާއިދު ހެދުމުގެ ބާރަކީ ގާނޫނު ހަދާ މަޖިލީހަށް ވީތީ، އޭގެ ޒާތުގައި ލިބިފައި އޮތް ބާރެއް ނޫނެވެ. ގާނޫނުއަސާސީން މަޖިލީހަށް ދީފައި އޮތް ދުސްތޫރީ ބާރެކެވެ.
މަޖިލީހުގެ ހިންގާ ގަވާއިދު ހަދަންޖެހެނީ ގަވާއިދު ހެދުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައެވެ. އަދި ގަވާއިދަށް ގެންނަ އިސްލާހުތައް ވެސް ހުންނަންޖެހޭނީ އެ ޙުދޫދުގެ ތެރޭގައެވެ.
ގަވާއިދު ހެދުމުގެ ބާރު ލިބެނީ ގާނޫނު އަސާސީގެ މާއްދާ އަށާހި އިންނެވެ. އެ މާއްދާގެ ދަށުން ހަދާ ގަވާއިދުގައި ފުރިހަމަ ވާންޖެހޭ ޢުންޞުރުތައް ހަމަ އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އޭގެތެރޭގައި، މަޖިލީހުން ހަދާ ގަވާއިދަކީ ގާނޫނު އަސާސީއާ ޚިލާފު ގަވާއިދަކަށް ނުވުން، ރައްޔިތުން ފުރިހަމައަށް ތަމްސީލުވާނެ ގަވާއިދަކަށް ވުން، ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް ލިބޭ ގަވާއިދަކަށް ވުން، ދީމިޤްރާޠީ އުސޫލުތައް އެކުލެވޭ ގަވާއިދަކަށް ވުން، އަދި މިނޫންވެސް އިތުރު ޢުންޞުރުތައް ބަޔާންކޮށްފައިވެއެވެ.
ތަފާތު އިބާރާތުން އެއްކަމެއް ތަކުރާރު ކޮށްފައިވެއެވެ. ތަކުރާރުގެ މަގުސަތަކީ އެކަމުގެ މައްޗަށް ގާނޫނުއަސާސީ ބާރުއެޅުމެވެ. 'ރައްޔިތުން ފުރިހަމައަށް ތަމްސީލު ވުން' 'ރައްޔިތުން ފުރިހަމައަށް ބައިވެރިވުން'. އެބަހީ، މަޖިލީހުން ހަދާ ގަވާއިދު ވާންޖެހޭނީ ރައްޔިތުންނަށް ފުރިހަމައަށް ތަމްސީލުވޭ، އަދި ބައިވެރިވެވޭ ގަވާއިދަކަށެވެ.
މިހާރު އޮތް ރައްޔިތުންގެ މަޖިލީސް އެކުލެވިގެން ވަނީ 87 ދާއިރާގެ މައްޗަށް ކަމަށްވާތީ، އެމަޖިލީހުގެ ހެދިފައި ހުރި ގަވާއިދުތައް އެހުރީ 87 ދާއިރާގެ ރައްޔިތުންނަށް، އެބައިމީހުން ތަމްސީލުކުރާ މެންބަރުންގެ ޒަރިއްޔާއިން ބައިވެރިވެވޭގޮތަށެވެ.
ހަތް ދާއިރާގެ ރައްޔިތުން ތަމްސީލުކުރާ މެންބަރުން މަޖިލީހުގައި މިވަގުތު ނެތްކަމުގައި ވިއަސް، މަޖިލީހުގެ ޖުމްލަ އަދަދަކީ 80 ދާއިރާ ކަމަށް ބަލާނަމަ، މަޖިލީސް އެކުލެވިގެންވާ 87 ދާއިރާގެ ރައްޔިތުންގެ ތެރެއިން ހަތް ދާއިރާގެ މަދުވެގެން 35 ހާސް ރައްޔިތުންގެ ބައިވެރިވުން މަޖިލީހުގައި އޮތްކަމަށް ގާނޫނު އަސާސީ ކުރާ ތަޞައްވުރު ނަފީ ވާނެއެވެ.