މި "ސޯޝަލްމީޑިއާ" ނެތްނަމަ މިކަންކަން ހާމަ ނުމެވީހޭ
ހިސޯރުވެފައި ހިތާ ފިކުރާ ތިބޭ މިންވަރު ނުއެނގުނީހޭ
ދޮގުން ހުޅު ރޯކުރަން ޖެހިލުން ނުވާކަން ހާމަވާ ފަދައިން
ރޮނގުންސީދާ އެޅޭ ފިޔަވަޅު މިހައި މަދުކަން ނުއެނގުނީހޭ
ފަސާދަވެގައުމު ދިޔަޔަސްވެސް އެކަންވަރިހަމަ ކަމަށްދެކެފައި
ފަސާދަ ކުރަން ހަދާ އުކުޅާ ބުނާބަސް ފާޅު ނުމެވީހޭ
އެފަދަ ކަމަކުން އަނެއްމީހާގެ ޙައްޤާ އަބުރު ގެއްލުމަކީ
އެފަދައެއް ނެތް ކުށެއްކަން ބޮޑު ނުވިސްނޭކަން ނުއެނގުނީހޭ
އަހަރެމެން ތިބި މިމާތް ދީނުގެ އުޞޫލުތަކާ ހުކުން ތަކުގައި
އަހަރެމެން ފަހަނަޅައި ގޮސް މިތިބަ ދުރުމިން ނުއެނގުނީހޭ
ނިދާހިނދު ތަންމަތީގައިއޮވެ ނިދިންހޭލައި ނުފައިބާވެސް
ހަދާ ދޮގަކުން ނުކޮށް ޕޯސްޓެއް ނުވާކަން ހާމަ ނުމެވީހޭ
ކަލާނގެ ނުރުއްސަވާ ކަންކަން ހިތާނަފުސަށްޓަކައި ކުރަމުން
ހަލާކުވެ ނަރަކަޔަށް ދާހައި ޚުލުޤު ގޯސްކަން ނުއެނގުނީހޭ