ޙުކުމް ކަންކަމުގެ މައްޗަށްކޮށް އުޅެން ބަސް ދަސްކުރަންވާނޭ
ރުކުންތައް އޭގެ އަޞްލުން ދަސް ކުރަން ބަސް ދަސްކުރަންވާނޭ
އިލާހީ ޝަރިޔަތާ، ޝޫރާ އުޞޫލާ އޭގެ ޤާނޫނާ
ފިލާނޭ ގޮތް ނިކަން ރަނގަޅަށް އެނގެން ބަސް ދަސްކުރަންވާނޭ
ކިތާބު اللهِ މާތްވި ފޮތީ "ގޮމެއް" ކަމުގައި ވެޔޭ ބަހުގައި
ޚިޠާބު ވެވޭ އަމުރުފުޅުތައް އެހުރި ބަސް ދަސްކުރަންވާނޭ
ބަހުގެ އިސްމާ ފިޢުލު ޙަރުފާ ނަޙޫ ޞަރުފުން ވިމާތް ޤުރުއާން
ބަހުން ވާގޮތް ގޮމެއް ކަމުގައި އެނގެން ބަސް ދަސްކުރަންވާނޭ
ކިޔާ ފޮތްތައް އިވޭ ޚަބަރާ ކުރާނަމަ ތަރުޖަމާ ބަހަކަށް
ލިޔާނެ ގޮތެއް އެ މަފްހޫމުން އެނގެން ބަސް ދަސްކުރަންވާނޭ
ކަމާ އަދި ކަންކުރާ ޖުމުލައިން މަޤާމެއްގައި ޖެހޭ އޮންނަން
ނަމާއި ކަމާ މަޤާމު އޮޅުން ފިލަން ބަސް ދަސްކުރަންވާނޭ
ވަކިން اَللهُ އަށް ޚާއްޞަވެ އެކަނި ޚާލިޞްވެވޭ "ނަން، ކަން"
ވަކިން ޚާލިޞް ކުރަން އެނގުމަށް ޓަކައި ބަސް ދަސްކުރަންވާނޭ
