އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދެ ދުވަހެވެ.
މި މަހުގެ 28 ވާ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފައި ވަނީ، ސެޕްޓެމްބަރު 27 ވާ ބުދަ ދުވަހަކީ ރަބީއުލް އައްވަލްމަހުގެ 12 ނުވަތަ ކީރިތި ރަސޫލާގެ އީދު މީލާދު ދުވަސް ކަމަށް ވުމުން، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެފައި، ޖެހިގެން އަންނަ ބުރާސްފަތި ވެސް ބަންދުކުރުމުން، ސަރުކާރު މުވައްޒަފުންނަށް ދިގު ހަފުތާނިމުމެއް ދެއްވުމުގެ ގޮތުން 8 ޑިސެންބަރު 2022 ގައި ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި އެ ދުވަސް ބަންދުކޮށްފައިވާތީއެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު އޮންނާތީ، ޖެހިގެން އަންނަ އާދިއްތަ ދުވަސް ވެސް ސަރުކާރު ބަންދުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓަށްފަހު، އާދިއްތައިގެ އިތުރުން ހޯމަ ވެސް ވަނީ ސަރުކާރު ބަންދުކޮށްފައެވެ. އެއީ ރިޔާސީ އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ޙަރަކާތްތެރިވި ސަރުކާރުގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތްތައް ނުނިމޭތީ، އެ ދެ ދުވަހަކީވެސް، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން ރައީސް އޮފީހުގައި އެދިފައިވާތީ ކަމުގައި ރައީސް އޮފީހުން އޭރު ބުންޏެވެ.
އެހެންކަމުން، ހޮނިހިރުގެ ވޯޓަށްފަހު މި ފަހަރު ވެސް އާދިއްތައާއި ހޯމަ ވެސް ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް އޮފީހުން އަދި އިއުލާން ކުރައްވާނެ ކަމަށް ވަނީ ބެލެވިފައެވެ. އޭރުން، އަންނަ ބުދަ ދުވަހުން ފެށިގެން ހަ ދުވަސް، ބަންދު ދުވަސްތަކުގެ ގޮތުގައި ލިބޭނެ އެވެ.



advertisment